Advertisement

ބަކަރި ހުއިހައްޕާ މީހާއާއި އޭނާގެ ބަކަރިތައް

09 Mar 2024 | 19:18
ވިޔަޅުތަކާއި ހިޔަޅުތައް ބަކަރިއާ ހަމަލަދެނީ

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

އިރު އޮއްސުމުން، ބަކަރި ހުއިހައްޕާ މީހާ އޭނާގެ ބަކަރިތައް އެއްކޮށްގެން، ލަވައިފައި ކޮށިތަކަށް ވެއްދިއެވެ. ވިޔަޅުތައް (ވުލްފުތައް) ބަނޑުހައިވެ، ބަކަރިއެއް ލިބޭތޯ އައި އިރު، ބަކަރިކޮށިތައް ވަނީ ބަންދުކޮށް ދޮރުތަކުގައި ތަޅުއަޅުވައިފައެވެ.

ދެން، ވިޔަޅުތައް، ހިޔަޅު ކައިރިއަށް ގޮސް މަޝްވަރާއަކަށް އެދުނެވެ. ވިޔަޅުތައް ގާތު ހިޔަޅު ބުނީ ބަކަރި ހުއިހައްޕާ މީހާގެ ގޭގެ ކުރިމާތީ މުޒާހަރާކުރުމަށެވެ. އަދި، ބަކަރިތަކުގެ މިނިވަންކަމަށް ގޮވައި އަޑުގަދަކުރުމަށެވެ.

ހިޔަޅުގެ މަޝްވަރާގެ މަތީން ވިޔަޅުތައް ކަންތައް ކުރިއެވެ. ބަކަރި ހުއިހައްޕާ މީހާގެ ގޭ ކުރިމައްޗަށް އެއްވެ، ބަކަރިތަކަށް ފުރިހަމަ މިނިވަންކަމާއި އެހެނިހެން ވެސް ހައްގުތައް ދިނުމަށް ގޮވައި އަޑުގަދަކުރިއެވެ.

ބަކަރިތަކަށް މި އަޑު އިވި، ވިޔަޅުތަކުގެ ބަހަށް ހެއްލުނެވެ. އަދި، ބަކަރިތައް، އޭގެ ދަޅުތަކުން، ކޮށިތަކުގެ ފުޅައްތަކުގައި ތަޅައި ފުޅައްތައް ވައްޓައިލިއެވެ. އަދި، ބަކަރިތައް މިނިވަންވެ، ސަރާސަރު ހާމައަށް އޮތް ދަނޑުތަކަށް ނިކުމެ، ދުއްވައިގަތެވެ. ދެން، ބަކަރިތަކުގެ ފަހަތުން ވިޔަޅުތައް ވެސް ދުވަމުން ދިޔައެވެ. ބަކަރިތައް އަތުޖެހޭތޯ ބަކަރި ހުއިހައްޕާ މީހާ ވެސް ބަކަރިތައް ފަހަތުން ދުވަމުން ދިޔައެވެ. ނަމަވެސް، ބަކަރިތައް އަތުޖެހޭ ގޮތް ނުވުމުން، އޭނާ އެނބުރި ގެއަށް ދިޔައެވެ.

މާގިނަ އިރުތަކެއް ނުވަނީސް، ބަކަރިތައް އޮތީ ހާމައަށް އޮތް ދަނޑު ތެރޭގައި އެއަށް އަޅައިލާނޭ އެކަކު ވެސް ނެތިއެވެ. މަކަރުވެރި ވިޔަޅުތަކުގެ ތޫނު ވަކިތަކުގެ ބެލުމުގެ ދަށުގައެވެ. ދެން، މާގިނަ އިރެއް ނުވަނީސް، ވިޔަޅުތައް އައިސް ބަކަރިތަކަށް ހަމަލާދިނެވެ. އަދި، ފަހަރަކު އެއްޗެއް ކައި ބަކަރިތައް ހުސްކޮށްލިއެވެ.

އަނެއް ދުވަހު، ބަކަރި ހުއިހައްޕާ މީހާ ބަކަރިތައް ހޯދާން ނުކުތެވެ. ބަކަރިތައް އޮތް ހިސާބަށް އޭނާއަށް އާދެވުމުން ބަކަރިތައް ފެނުނެވެ. ބަކަރިތަކަށް އޮތީ މިނިވަންކަން ލިބިފައެވެ. ނަމަވެސް، ބަކަރިތަކުގެ ފެންނާން އޮތީ ހަމައެކަނި އިރައިލެވިފައިވާ އޭގެ ގުނަވަންތަކާއި ކަށިތަކެވެ.

މި ވާހަކައި ކިޔައިލައި އޭގެ މައްޗަށް ފުންކޮށް ވިސްނުމުގެ ނަޒަރު ވެސް ހިންގައިލައި، ޑިމޮކުރަސީ އަހަރުމެންނަށް ހޯދައިދިން މިނިވަންކަމުގެ ނަތީޖާއަކީ ކޮބައިކަމާ މެދު ސުއާލުކޮށްލުން އެންމެ ރަނގަޅެވެ. އެއް ކޮޅުން، މި ޑިމޮކުރަސީ ގެނައުމުގައި އިސްކޮށް އުޅުނު 'ވިޔަޅުތައް'، ބޮޑެތި ފައިދާތަކެއް ނެގިއެވެ. އަދިވެސް ގެންދަނީ ނަގަމުންނެވެ. އަނެއް ކޮޅުން، އެ ވިޔަޅުތަކުގެ އަޑު އަހައި، އެ ވިޔަޅުތައް ބުނި ޑިމޮކުރަސީގެ ފަހަތުން، ވިސްނުމެއް ނެތި، ލޯ މަރައިގެން، ކަނު ސިފައެއްގައި ދުއްވައިގަތުމުން، މުޖުތަމައަށް ދިމާވީ ބަކަރިތަކަށް ވެސް ދިމާވި ގޮތެވެ. މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދި ކުދިކުދިވުމެވެ.

މުޖުތަމައުގައި ވައްކަމާއި ފަސާދައާއި އަދިވެސް މުޖުތަމައު އޭގެ މައްޗަށް ބިނާވެފައި އޮތް، ތެދުވެރިކަމާއި، އަޚުވަންތަކަމާއި އެކަކު އަނެއްކަކަށް އަޅައިލުން ފަދަ ހަރުދަނާ އަގުތަކާއި އުސޫލުތައް އުވި ނެތި ދިޔައީއެވެ. ބަކަރިތައް ކަށިތަކަކަށްވެ ދިޔަ ފަދައިން، މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދި ކުދި ކުދިވީއެވެ. [ޢިބްރަތް ހާސިލުވާނީ ވިސްނައި ފިކުރުކުރާ ބަޔަކަށެވެ.]

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް