ހައްގު (4)
އަސްމާ އަބޫބަކުރު
"އަހަރެންގެ ހިތުގައި އަލީމްގެ ނަން ފަވައިލެވުނުތާ ދުވަސްކޮޅެއް ވެއްޖެ. އެހެންނަމަވެސް އަލީމު އެހެން ކުއްޖަކާ ރައްޓެހިވެގެން އެޅޭކަމަށް ހީކޮށް އެއްޗެއް ނުބުނެ ހުރީ. އަލަމާރީގައި ހުރި ފޮޓޯއަށް ހިތުން ވަރަށް އެއްޗެހި ވެސް ގޮވައިފިން. އެއީ އަހަރެން ކަމަކަށް ހިތަކަށް ވެސް ނާރާ" ޔޫލީގެ މުޅި މޫނުމަތި ހުރީ ރަތްވެފައެވެ. އޭރު ލޮލުން ކަރުނައިގެ އަސަރު ފެންނާން ހުއްޓެވެ.
ޔޫލީގެ ތުންފަތުގައި އަބަދުވެސް ނުފިލާ ހިނިތުންވުމެއް ހުންނަން ފެށީ އެ ދުވަހަށްފަހުގައެވެ. ހިތުގައި އައު ވައްތަރެއްގެ ހީލި ކެރުވުމެއް ހުންނަހެން ވެސް ޔޫލީއަށް ހީވެއެވެ. ޔޫލީއަށް އިރުއިރުކޮޅާ ފޯނަށް ބަލައިލެވެއެވެ. އަލީމްގެ މެސެޖެއް ލިބިފައި އޮންނާނެކަން އެނގޭތީއެވެ. ކޮންމެ ދުވަހަކު ޔޫލީއަށް ފަތިހު ހޭލެވޭނީ އަލީމްގެ "ގުޑް މޯނިންގ" މެސެޖާއެކުގައެވެ. ދެ ފަރާތުން ސްނެޕްކުރުމާއި ޓެކްސްޓު މެސެޖު ފޮނުވުމުގައި ދުވަސްތައް ވޭތުވަމުން ދިޔައެވެ. އެހީތެރިކަމުގެ އަތަކަށް ބޭނުންވެފައި ޔޫލީ ހުއްޓައި، އަލީމު ދިއްކޮށްލި އަތުގައި ޔޫލީ ހިފީ އަބަދުގެ އަބަދަށެވެ.
ދެތިން ތަނަކުން އިންޓަވިއުއަށް ގުޅުމުން ޔޫލީ އެ ފުރުޞަތުގެ ބޭނުން ހިފިއެވެ. ކޮންމެ ތަނަކަށް ވެސް ދަނީ ވަރަށް އުއްމީދާއެކު އިންޓަވިއު އޮންނަ ދުވަހު ތައްޔާރު ވެގެންނެވެ. ކޮންމެ ވަޒީފާއަކަށް އެންމެ ޤާބިލު ފަރަތަކީ ޔޫލީއަށް ވާނެކަމުގެ ޔަޤީންކަމާއެކުއެވެ.
"ޔޫލީ އާދޭ ސައިބޯން. އިންޓަވިއުއަށް ދާން ޖެހޭ ގަޑިޖެހޭން ކައިރިވެއްޖެ." ދައްތަގެ އަޑާއެކު ޔޫލީ ތައްޔާރުވެގެން ސައިބޯން ނިކުމެއްޖެއެވެ. ޔޫލީގޭގެ އަނެއް ކޮޓަރީގައި އުޅެނީ ވަރަށް ރަނގަޅު ބަޔެކެވެ. ޔޫލީގެ ކަންކަން އެ މީހުންގެ ދަރިއެއްހެން ބަލަހައްޓަމުން ގެންދެއެވެ. އެ މީހުންނަށް އެއްކޮޓަރިއާއި ސިޓިންގ ރޫމް އަދި ބަދިގެ ވެސް ޔޫލީ ވަނީ ދީފައެވެ. ޔޫލީ ބަދިގެއަށް ވަންނާނީ ކާންވީމައެވެ. އެހެން ނޫނީ ގިނަވަގުތު އުޅެނީ ކޮޓަރީގައެވެ. އެ ދައްތަގެ ހުރި ހަމައެކަނި ދަރިފުޅު ނައުހާއާ ޔޫލީ ވެސް މިހާރު ރައްޓެހި ވެއްޖެއެވެ. ނައުހާއަކީ ދިހަ ވަރަކަށް އަހަރުގެ ކުއްޖެކެވެ. ސުކޫލުންދޭ ފިލާވަޅުތައް ހަދާން ނޭނގިއްޖެ ނަމަ، ޔޫލީގެ އެހީ ނައުހާ ހޯދައެވެ.
"ދައްތާ އަހަރެން މިދަނީ އެންމެ ފަހު ތަނަށް އިންޓަވިއުއަށް. މި ވަޒީފާ އަހަންނަށް ލިބޭތޯ ދުޢާ ކޮށްދެއްޗޭ."
"ދައްތަގެ ދުޢާ އަބަދުވެސް ވާނީ ޔޫލީއާއެކު. ތިޔައީ ހަމަ ދައްތަގެ ދަރިއެއް ފަދަ ކުއްޖެއް. ހިތްވަރު ދެރަ ނުކުރޭ ދަރިފުޅަށް ރަނގަޅު ވަޒީފާއެއް މާތްﷲ އިރާދަކުރެއްވިއްޔާ ލިބޭނެ." ދައްތަގެ ހެޔޮ ދުޢާއާ އެކު ޔޫލީ އިންޓަވިއުއަށް ހިނގައްޖެއެވެ.
ހަވީރުގެ ވަގުތެވެ. ނަދީމު ގެއަށް އައީ ކުރާން ބޭނުންވި ހުރިހާ ކަމެއް ކުރާން ނިންމައިގެންނެވެ. ނަދީމުގެ އަންހެނުން ޒަހީރާ އޭރު ގެއަކު ނެތެވެ. ނަދީމުގެ ދޮށީ ދަރިފުޅު ނީނާ އޭރު ނަދީމަށް ސައި ހަދައިދީފައި ހުއްޓެވެ. ނަދީމު ގެއަށް ވަދެ ފެންވަރައިގެން ނިކުމެ ސައިބޮއިގެން ވަނީ ކޮޓަރިއަށެވެ. އެ ވަގުތު ޒަހީރާ ވެސް އައިސް ކޮޓަރިއަށް ވަނެވެ. ޒަހީރާގެ ޗާލާކީކަން ދެއްކުމުގައި އެތައް ގުނައެއް އިތުރުކޮށްފިއެވެ.
"ކަންތައް ކިހާ ހިސާބަކަށް ހިނގައްޖެ. މިއަދު ވެސް ކަލޭގެ މަންމަ މިތާ ކައިރީ ފިހާރައަކަށް ވަޅޯމަސް ގަންނާން ފޮނުވީމަ ގެއަށް އައީ ހުސްއަތާ. މަހެއް ވެސް ނުލިބުނު. ލާރިއަށް ހެދި ގޮތެއް ވެސް ނޭނގުނު" ޒަހީރާގެ ހިތުގައި މައިދައިތައާއި ބަފައިބެއަށް އެއްވެސް ރަޙުމެއް ނުހުރެއެވެ. ނަދީމް ގެއަށް ވަންނަ އިރަށް އެ ދެމީހުންނަށް ކަންކަން ނުކުރެވޭ ވާހަކަ ދައްކާން ފަށައެވެ.
އޭގެ ދެ ދުވަސް ފަހެވެ.
"މިއަދު ވެސް ބައްޕަ ކަންތައް ކުރިގޮތް އެނގޭތަ؟ ނާހިލް ސްކޫލަށް ގެންދާން ބުނީމާ ގޮސް އޭނަ ސުކޫލަށް ލައިފައި އައީ އޭނާގެ އިންޓަވަލް އެހެން ކުއްޖަކާ ޙަވާލުކޮށްފައި. އަހަރެން ތަންތަނަށް އެމީހުން ފޮނުވަނީ ގޭގައި ތިބެ އެ ޢުމުރުގެ މީހުން ފޫހިވާނެތީ. މަށަށް ނުދެވިގެނެއް ނޫން." ޒަހީރާގެ ވާހަކަތަކުން ނަދީމުގެ ލޭ ކެކި ގަންނަ ކަހަލައެވެ.
ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެވެ. ހުކުރު ކޮށްގެން އަންނައިރަށް ކާމޭޒު ތައްޔާރު ކޮށްފައި ނީނާއާއި މާމަ ދިޔައީ މެންދުރު ނަމާދު ކުރުމަށެވެ. އެވަގުތު ޒަހީރާ ދަނޑިވަޅުގެ ބޭނުންހިފިއެވެ. މޭޒުމަތީގައި ހުރި ރިހަ ބޯތަށްޓަށާއި ބަދިގޭގައި ހުރި ރިހަ ތެލީގެ ތެރެއަށް ލޮނު އެޅިއެވެ.
ރަށުގެ އާދަކާދައިގެ ގޮތުން އެންމެ ފުރަތަމަ ކާނީ ގޭގެ ފިރިހެންވެރީންނެވެ. ޚާއްޞަކޮށް ހުކުރު ދުވަހު ފިރިހެނުން ކެއުމުން ނޫނީ އަންހެނުން ކާކަށް ނުފަށާނެއެވެ. މާމަ ކައްކާ ކުކުޅު ރިހަ މީރުވެގެން އަބަދުވެސް ނާހިލަށާއި ނިހާން އުޅޭނެއެވެ. އެކަމަކު މިއަދު މެންދުރުގެ ކެއުން ޚަރާބުވީ މާމަގެ ފަރުވާ ކުޑަކަމުންކަން ޒަހީރާ އެންމެން ގާތު ބުންޏެވެ.
"މިހާރަކަށް އައިސް ކަންކުރާގޮތް ދެކި ބަލަ. ނަދީމުގެ މަންމައަށް ނުވޭ އެއްވެސް ކަމެއް ކުރެވޭ ކަމަކަށް. ދެން އަހަރެންވީ އެ ހުރިހާ މަސައްކަތް ކުރާން. ކައްކާ އެއްޗެހި ކެއްކުމުގައި ފަރުވާ ކުޑަކުރުމާއި ޖެއްސުންކުރުން ގިނަވާން ފަށައިފި." އެންމެން ކާމޭޒު ކައިރީ ތިއްބައި ޒަހީރާ ދިޔައީ މައިދައިތަގެ ގޯސް ވާހަކަ ދައްކަމުންނެވެ. ކައި ނިމިގިގެން ނަދީމުގެ ބައްޕަ އަޙްމަދު ގޮސް އެމީހުންގެ ކޮޓަރިއަށް ވަންއިރު ނަދީމުގެ މަންމަ ނަމާދުކޮށް ނިމިގެން މުސައްލަ ބާއްވަނީއެވެ.
"ޙައްވާ، މިއަދު ރިހަ ކެއްކީ ކާކު؟"
"އަހަރެން ރިހަ ކެއްކީ. ކިހިނެއްވީ.؟ ސުވާލުގެ ނަޒަރަކުން އަޙްމަދާ ދިމާއަށް ޙައްވަ ބަލައިލިއެވެ.
"ލޮނު ގަދަކަމުން ޙައްވަ ކައްކާ ރިހައިގެ އަސަރެއް މިއަދަކު ނެތް." ނަދީމުގެ މަންމަ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ބޮލުން ވައްޓަައިލި ލިބާހާ އެކީ އަހަރެން އަހަންމަދާ އިން ފަހުން މި ދެ އަތުން ކައްކާ އެއްޗެހި ތިޔަ ކަނީ. އެކަމަކު މިހާރަކަށް އައިސް ބައެއް ފަހަރު ކުޅިގަދަވާނެ. އަނެއްބައި ފަހަރު ލޮނުގަދަވާނެ. މަށަކަށް ނޭނގެ މިހާރު މި ގޭގައި ކައްކާކަށް" އެ ވަގުތު ނީނާ އައިސް މާމަގެ ގާތަށް ހުއްޓުނެވެ.
"މާމަ ކެއްކި ރިހައިގެ ލޮނުގަދަ ވާހަކަ އެންމެން ގޭތެރޭގައި ކިޔާ އަޑުއިވެނީ. އެ ރިހައިގެ ރަހަ އެންމެ ފުރަތަމަ ބެލީ އަހަރެން. އޭރު ލޮނު ގަދައެއް ނޫން. ނުލާހިކު މީރު." ނީނާގެ ވާހަކަ އަޑުއިވުމުން އަޙުމަދާއި ޙައްވައަށް ވެސް ކޮންމެވެސް ނުބައެއް އުޅޭކަން އެނގިއްޖެއެވެ.
ވޭތުވެ ދިޔަ ދެތިން މަސް ޒަހީރާ ހޭދަކުރީ މައިދައިތައާއި ބަފައިބެ ގެއިން ނެރެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެކި ފަހަރު މަތީން ތަފާތު ތުހުމަތުކުރުމާއި ދަރީންގެ ކުރިމަތީގައި މާމައާއި ކާފައަށް ނުރުހުމުގެ ބަސްތައް ބުނުމުގައެވެ. އަދި ނަދީމުގެ ހިތުގައި މައިންބަފައިންނަށް ނަފުރަތުގެ އަލިފާން ރޯކުރުމުގައި ޒަހީރާ ކާމިޔާބާ ހަމައަށް ދިޔައެވެ.
"ގެއަށް ވަންނައިރަށް އެމީހުންގެ ވާހަކަ އެބަ ފަށާ. ކިތައް ދުވަހު ބުނާނީ އެމީހުންގެ ވާހަކަ ނުދައްކާށޭ. އެއީ މަށަށް ރަނގަޅު ބައެއް ނޫނޭ." ނަދީމުގެ ދެލޯ ބޮޑުކޮށްލާފައި ޒަހީރާއާ ދިމާއަށް ބުންޏެވެ. ޒަހީރާގެ ހިތަށް ފިނިކަން ލިބެނީ ނަދީމު އެމީހުންދެކެ ރުޅި އައި ވަރަކުންނެވެ.
ހަމަ އެވަގުތު ނަދީމުގެ ހަގު ދަރިފުޅު ނިހާން ދުވަމުން ހެމުން އައިސް ކޮޓަރިއަސް ވަނެވެ.
"ކިހިނެއްވީ ދަރިފުޅާ. މާ ވަރަކަށް ތިޔަ ހެނީ." ނަދީމުގެ ސަމާލުކަން ހުއްޓުނީ ފަސް އަހަރުގެ ނިހާނަށެވެ.
"ކާފަ އާއި އެކީ ކުޅެލާފަ މިއައީ. ކާފަ ވަރަށް މަޖާ." ޒަހީރާގެ ލޯ ނިހާނާ ދިމާއަށް ބޮޑުކޮށްލީ ހުއްޓާލާށޭ ބުނުމުގެ އިޝާރާތެއްގެ ގޮތުންނެވެ. ނިހާނު ކަންބޮޑުވެފައި ހުރެގެން މަޑުމަޑުން އެ ކޮޓަރީން ބޭރަށް ނިކުތެވެ. ޒަހީރާ ބޭނުންވަނީ ނަދީމުގެ ބައްޕައާއި މަންމަ ވީހާ ވެސް އަވަހަށް އެ ގެއިން ނެރެލާށެވެ. ނިހާން ދެއްކި ވާހަކައިން ނަދީމަށް އަސަރެއް ކޮށްފާނެތީ ޒަހީރާ އަވަހަށް ވާހަކަ ބަދަލުކޮށްލިއެވެ.
"އަހަރެން މިހިރީ ތިޔަ ގޭ ކައިރީގައި" ޔޫލީ ފޯނަށް އައި މެސެޖު ބަލައިލި އިރު އަލީމްގެ މެސެޖެކެވެ.
ޔޫލީގެ ހިތް ބޭނުންވާ ގޮތަށް މެސެޖު ލިޔާން ނުކެރިގެން ދެ ފަހަރަކު މެސެޖު ލިޔެ ފޮހެލިއެވެ. އެންމެ ފަހުން ޔޫލީ ވެސް ޖަވާބު ފޮނުވައިފިއެވެ.
"ކީއްކުރަން މިގޭ ކައިރިއަށް؟"
"ޔޫލީ ދެކިލާހިތުން" އަލީމްގެ މެސެޖު ކުރުވެފައި ސާދާއެވެ. ޔޫލީ އަވަހަށް ތައްޔާރު ވެގެން ބޭރަށް ނިކުމެއްޖެއެވެ. އޭރު އަލީމް އިނީ އެ ގޭގެ ކައިރީގައި ހުރި ސައިކަލެއް މަތީގައި އިށީނދެލައިގެންނެވެ.
"ކޮންތާކަށް ދާނީ؟" ޔޫލީ ބޭނުން ވަނީ ހަމަހިމޭން ތަނެއްގައި ތިބެ ހަމަޖެހިގެން ވާހަކަ ދައްކައިލާށެވެ.
"ޔޫލީ ބުނި ކޮންމެ ތާކަށް ދާން އަހަރެން ތައްޔާރު." އަލީމާއެކު ޔޫލީ ގޮސް ސުކޫޕަކަށް ވަނެވެ.
"ފިނި އެއްޗެއް ބޮއިގެން ހަމަޖެހިލައިގެން ވާހަކަ ދައްކާނީ." މި ފަހަރު އަލީމް ބޭނުންވާ ގޮތަށް ޔޫލީ އެއްބަސްވިއެވެ.
"ޔޫލީއަށް ވަޒީފާއެއް ހަމަޖެހިއްޖެތަ؟."
"ދެތިން ތަނަކަށް އިންޓަވިއުއަށް ދެވިއްޖެ. އަދި އެއްވެސް ތަނަކުން ޚަބަރެއް ނުވޭ. ވަޒީފާއެއް ލިބުމުގެ ކުރީން ބޭނުންވަނީ މާމަ އާއި ކާފަ ދެކިލާން ރަށަށް ދާން." ޔޫލީ ބޭނުންވާ ގޮތް އަލީމަށް ހާމަކޮށްދިނެވެ. ޔޫލީއާއި އަލީމް އެކިއެކި ވާހަކަ ދެއްކުމުގައި އެތައް އިރަކު ތިއްބެވެ.
ޔޫލީ ރަށަށް ދިއުމަށް ތައްޔާރުވަމުން ދިޔައެވެ. އަދި އެ ގޭގައި އުޅޭ ދައްތަ ގާތު އެ ވާހަކަ ދެއްކިއެވެ. އަންނަ ހަފުތާ ތެރޭ ދެތިން ދުވަހަށް ރަށަށް ޖައްސައިލަނީކަމަށް ދައްތަގާތު ބުނެފިއެވެ.
"ޔޫލީ ގޮސް ދައްތަމެން ގޭގައި ހުންނާން ބޭނުންވާ ނަމަ ހުރެވޭނެ ގޮތް ހަމަޖައްސައިދޭނަން." ޔޫލީގެ ވާހަކައިން ޔޫލީގެ ބައްޕަގެ ގެއަށް ދާހިތް ނުވާކަން އެނގެއެވެ. އެހެން ނަމަވެސް ދައްތަ ގާތު ނަދީމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ޔޫލީ ނުބުނެއެވެ.
ރަށަށް ދާން ތައްޔާރުވެފައި އޮއްވައި ޔޫލީއަށް ވަޒީފާ ހަމަޖެހުނެވެ. ރަނގަޅު ވަޒީފާއެއް ހަމަޖެހުމުން ޔޫލީއަށް މުހިންމުވީ ވަޒީފާއެވެ. މި ވަގުތަށް ގޭގެ ކުއްޔާއި އެހެނިހެން ކަންކަން ހަމަޖެއްސޭނީ ޔޫލީ ވަޒީފާއަކަށް ގޮސްގެންނެވެ. ދުވަސްކޮޅެއް ފަހުން މާމައާއި ކާފަ ދެކިލާން ދާން ޔޫލީ ނިންމިއެވެ.
އާ ދުވަހަކަށް އިރުއެރީ ޔޫލީގެ ހިތަށް އުފާވެރިކަން ގެނުވަމުންނެވެ. ވަޒީފާއަށް ދާ ފުރަތަމަ ދުވަސްކަމުން ދެ ގަޑިއިރު ކުރީން ތެދުވެގެން ތައްޔާރުވާން ފަށައިފިއެވެ. އަލަށް ދެވޭ އޮފީހާ މެދު ވިސްނަމުން އަލަމާރި ކައިރިއަށް ގޮސް ޔޫލީގެ ހެދުންތައް ބަލާން ފަށައިފިއެވެ. އޮފީހަކަށް ދިއުމަށް ލާނެ ރަނގަޅު ހެދުމެއް ފެނޭތޯ އެތައް ވަގުތެއް ހޭދަކުރިއެވެ. "ތިހިރަ ފެހިކުލައިގެ ހެދުން ލީމަ ވަރަށް ރީތިވާނެ." މަންމަގެ އަޑު އިވުނު ކަހަލައެވެ. ހިތުގައި އޮތް އުފާވެރިކަން އެ ވަގުތު ގެއްލުނެވެ. މަންމަގެ މަތީން ހަނދާންވެގެން ހިތުގައި ޖެހުނެވެ. އޮފީހަށް ދާވަގުތު މޫޑު އޮފްވެފައި ހުރެގެން ނުވާނެކަން ޔޫލީއަށް ވިސްނެއެވެ. އަވަސްއަވަހަށް ތައްޔާރުވެގެން ބަދިގެއާ ދިމާއަށް ދިޔައެވެ.
"މިއަދު ޔޫލީ ދައްތަ ހީވަނީ ރީތި ފެހި ކުލައިގެ ގުރައެއް ހެން." ނައުހާ ހިނިތުންވެ ހުރެ ބުނެލިއެވެ.
" ޔޫލީ ދައްތަ އާ ގުރައަކާ އެއްވަރު ކުރަނީތަ." ނައުހާ ދިމާއަށް ބަލައިލާައިފައި ނައުހާގެ މަންމަ ބުންޏެވެ.
ނައުހާ އާއި ޔޫލީ އެކީގައި ސައިބޮއިގެން ޔޫލީ އޮފީހަށް ދިއުމަށް ހިނގައިގަތެވެ. އެވަގުތު ދޮރުމަތީގައި އަލީމް ހުއްޓައި ޔޫލީއަށް ފެނުނެވެ.
"ފުރަތަމަ ދުވަހު އޮފީހަށް ގެންދާންވެގެން މިއައީ." އަލީމްގެ ފަހަތަށް ޔޫލީ އެރިއެވެ. ޔޫލީއަށް ވަޒީފާ ހަމަޖެހުނު ވާހަކަ ބުނި ނަމަވެސް އޮފީހަށް ގެންދާން އަންނާކަށް ޔޫލީއެއް ނުބުނެއެވެ.
"އޮފީސް ކައިރީވީމާ ހިތަށް އެރި ހިނގައިލައިފައި ދެވޭނޭ. އެކަމަކު އަލީމްގެ ރަނގަޅުކަމުން ތިޔަ އައީތާ. އަސްލު ނުބުނީ އަލީމަށް އުނދަގޫ ވެދާނެތީ." ޔޫލީގެ ކަންކަމުގައި އެއްވެސް މީހަކަށް އުނދަގޫވާ ގޮތަށް ކަންކުރާކަށް ޔޫލީ ބޭނުމެއް ނުވެއެވެ.
"މިއަދު ހާދަ ރީއްޗޭ." އޮފީހާ ހަމައަށް ދެވުމުން ޔޫލީ ސައިކަލުން ފޭބުމުން އަލީމްބުނި ޖުމްލައިން ޔޫލީ މޫނުމަތި ރަތްވެގެން ދިޔައެވެ. ލަދުގަހެއް ހެން ލަދުން ރަކިވެފައި ހުރެގެން ފަހަތްބަލައިލިއެވެ.
"ތިޔަ ބަލާލާ ގޮތުން ވެސް މި ހިތަށް ހާދަ ގޮތްގޮތެއް ވެޔޭ."
(ނުނިމޭ)