Advertisement

ފުޅިއަޅައިގެން ފީނާން ދަސްކުރުމަކީ މުހިންމު ހުނަރެއްކަމަށް ހއ. އަތޮޅު ކައުންސިލުން ގަބޫލުކުރެއެވެ.

09 Mar 2024 | 11:23
ހއ. އަތޮޅު ކައުންސިލުން މި މަހު ދޭކުން ހަތަކަށް ބޭއްވި ފުޅިއަޅައިގެން ފީނާން ދަސްކޮށްދިން ކޯހުގެ ޢަމަލީ ތަމްރީނުގެ ތެރެއިން. . . . . . .

"ފަރަގު"ގެ ޚާއްޞަ މުރާސިލު

ފުޅިއަޅައިގެން ފީނުން ނުވަތަ ސެލްފް ކޮންޓެއިންޑް އަންޑަރވޯޓަރ ބްރީދިންގ އެޕަރޭޓަސް ބޭނުންކޮށްގެން ޑައިވްކުރުން (ސްކޫބާ ޑައިވިންގ)އަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު ދަންނެކެވެ. އެހެނީ ދިވެހިރާއްޖޭގެ އިގުތިސާދުގެ މައިގަނޑު ދެ މަސައްކަތަކީ މަސްވެރިކަމާއި ފަތުރުވެރިކަމެވެ. މި ދެ ސިނާޢަތަށް ވެސް މި ދަންނުގެ މުހިންމުކަން ވަރަށް ބޮޑެވެ. އެން ހިފުމާއި ފާނައާއި އިއްސާއި ހޫފިލަނޑާގެ މަސްވެރިކަމުގައި މި ޒަމާނަކަށް އައިސް މި ކަން ކުރާން ދަންނަ މީހުން ބޭނުވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ފަތުރުވެރީންނަށް ދިވެހިރާއްޖޭގެ މޫދުގެ ރީތިކަން ދައްކައިދިނުމުގައި ވެސް މި ދާއިރާގެ ދަންނީ ގާބިލު މީހުންނަށް ނިހާޔަތަށް ބޭނުންވެއެވެ.

މިއީ މި ކަން ކުރާން އެނގިގެން ކުރާން ބޮޑު ކަމަކަށް ނުވިޔަސް، ނޭނގި ކޮށްފި ނަމަ، ވަރަށް ގެއްލުން ބޮޑު އަދި ފުރާނައަށް ވެސް ނުރައްކާ ވެދާނެ ކަމެކެވެ. އެހެންކަމުން މި ކަމުގެ ތަމްރީނާއި ތަޖުރިބާ ހޯދައިގެން މި ކަމާ ގުޅޭ ލައިސަންސް ލިބިގެން ނޫނީ މި ކަން ކޮށްގެންނުވާނެއެވެ. ނަމަވެސް ރާއްޖޭގެ އަތޮޅުތަކުގައި ދިރިއުޅޭ މަސްވެރީންނާއި ޒުވާނުންނަށް މި ފަދަ ކަމެއްގެ ތަމްރީނު ހޯދުމުގެ ފުރުސަތަކީ އެހައި ފަސޭހައިން ލިބޭ ފުރުސަތެއް ނޫނެވެ.

ހއ. އަތޮޅު ކައުންސިލުން ހިންގި ފީނާން ދަސްކޮށްދިން ކޯހުގެ ޢަމަލީ ތަމްރީނުގެތެރެއިން. . . . . . . . <br>

މި ބާވަތުގެ ކަންކަމަށް ޒުވާނުންނަށް ފުރުސަތު ހޯދައިދީ ރައްޔިތުންގެ ތަރައްގީއަށް ބޭނުންވާ ހަމަ ކޮންމެ ކަމަކަށް ވިސްނާ ކައުންސިލްތައް މިހާރު ރާއްޖޭގައި އިންތިޚާބުކުރެވިފައިވާކަމީ އުފާކުރުން ހައްގު ކަމެކެވެ. މި ކަމަށް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން މި ވަނީ އިސްނަންގަވައިގެން މަސައްކަތްތަކެއް ކުރައްވައިފައެވެ.

އެ އަތޮޅުގައި މަސްވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އަމާޒުކޮށްގެން މި ދިޔަ ހަފުތާގައި ވަނީ 31 ޒުވާނަކަށް މި ފަދަ ކޯހެއް ހިންގައި 28 ޒުވާނަކު ތަމްރީނުކޮށް ސެޓުފިކެޓު ހޯދައިދީފައެވެ.

31 ޒުވާނަކު ބައިވެރިކޮށްގެން މި ކޯސް ހިންގައިފައިވަނީ ސްކޫބާ ގިއަރ  މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހއ. އަތޮޅު ފުލުހުންގެ ޚިދުމަތާ ގުޅިގެންނެވެ. މިއީ ފީނުމުގެ މުދައްރިބުންނާ ބެހޭ ދަންނީ ޖަމުޢިއްޔާ (ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިންގ އިންސްޓްރަކްޓަރސް (ޕަޑީ) ގަބޫލުކުރާ ބައިނަލްއަގުވާމީ މިންގަނޑަށް ހިންގުނު ކޯހެކެވެ. އެހެންކަމުން މި ކޯހުގެ ނަމަކަށް ކިޔައިފައި ވަނީ "ޕަޑީ އޯޕަން ވޯޓާރ ޑައިވް ކޯސް" މިހެންނެވެ.

ފުޅިއަލައިގެން ފީނާން ދަސްކޮށްދިން މި ކޯހުގައި ކިޔަވައިދެއްވީ ސްކޫބާ ގިއަރ  މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދެ މުދައްރިބުންކަމުގައިވާ އަލްފާޟިލް އިސްމާޢީލް މާހިރާއި އަލްފާޟިލް މަންޞޫރު ޢަލީއެވެ. މި ކޯހުގެ ޢިލްމީ މަޢުލޫމާތު ދިނުމުގެ ކުލާސްތައް ބޭއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ޢަމަލީ ތަމްރީނުތައް ބޭއްވީ އެ އަތޮޅު ވަށަފަރު މޫދުގައެވެ.

ހއ. އަތޮޅު ކައުންސިލުން މި މަހު ދޭކުން ހަތަކަށް ބޭއްވި ފުޅިއަޅައިގެން ފީނާން ދަސްކޮށްދިން ކޯހުގެ ނިމުން ފާހަގަކުރުމުގެ ޖަލްސާ ބޭއްވީ އެ ކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ.<br>

ޕަޑީ އޯޕަން ވޯޓަރ ޑައިވް ކޯސް ފުރިހަމަ ކުރި ބައިވެރީންނަށަށް ސެޓްފިކެޓާއި ޕަޑީ (ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިންގ އިންސްޓްރަކްޓަރސް) ލައިސަންސް މި މަހު އަށްވަނަ ދުވަހު ޙަވާލުކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ މެންބަރު އަދި މާރަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޖައިލަމް ހާރޫނާއި، އަތޮޅު ކައުންސިލްގެ މެންބަރު އަދި ވަށަފަރު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު މުޢީނާއި މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ޑޮކްޓަރ ޢަމްޒަތު އަޙްމަދެވެ. އަދި މި ކޯސް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ސެޓްފިކެޓާއި ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ވެސްު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ޑޮކްޓަރ ޢަމްޒަތު އަޙުމަދެވެ.  

ހއ. އަތޮޅު ކައުންސިލަކީ ނަމޫނާ ކައުންސިލެކެވެ. އަތޮޅާއި ރަށުގެ ރައްޔިތުންނަށް ފައިދާކުރަނިވި ތަފާތު ޕްރޮގްރާމްތައް އަބަދުވެސް އެ ކައުންސިލުން ހިންގަވައެވެ. އެ ކައުނސިލްގައި މަސައްކަތް ކުރައްވާ ހުރިހައި މުވައްޒިފުންނަކީ ވެސް ވަރަށް ގާބިލު ކަށަވެތި ބަޔެކެވެ. އަތޮޅު ކައުންސިލުގެ އިދާރާ ހުންނަ ދިއްދޫއަކީ ވެސް ތަފާތު ރަށެކެވެ. މި ރަށާ ބެހޭ ގޮތުން ޚާއްޞަ ލިޔުމެއް "ފަރަގު"ގައި މީގެ ކުރީން ޝާއިޢުކޮށްފައިވާތީ އެ ރަށާ ބެހޭ ގޮތުން މި ފުރުޞަތުގައި އިތުރު ތަފުޞީލެއް ގެންނާކަށް ގަސްތެއް ނުކުރަމެވެ.އެ ރަށަ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅު ނަމަ، https://faragu.mv/137 މި ލިންކުން އެ މަޢުލޫމާތު ވިދާޅުވެވޭނެއެވެ.

"ފަރަގު" އެދެނީ ހއ. އަތޮޅު ކައުންސިލުން މި ކުރައްވާ ނަމޫނާ މަސައްކަތްތަކުން ތަޖުރިބާ ލިބިގަނެ، އެހެން ކައުންސިލްތަކުން ވެސް މި ފަދަ ގިނަ ޕްރޮގްރާމުތައް ރަށާއި އަތޮޅާއި ގައުމުގެ ތަރައްގީއަށް ޓަކައި ހިންގުމެވެ. ދައުލަތުގެ މުއައްސަސާތަކުން ނުވަތަ ސަރުކާރުން އަޅުގަނޑުމެން ހިތްހަމަ ނުޖެހޭ ކަމެއް ވިޔަސް ނުވަތަ ނުރަނގަޅު ކަމެއް ކުރިޔަސް އެ ކަން އިސްލާހުކުރާން ރަނގަޅު މަގުން މަސައްކަތްކުރުމަކީ ނެތް ކަމެއް ނޫނެވެ. އެހެންނަމަވެސް އެ ފަރާތްތަކުން ކުރާ ރަނގަޅު ކަންކަން ބަލައިގަނެ އެ ފަދަ ކަންކަމަށް ހިތްވަރުދޭން ވެސް ޖެހޭނެއެވެ. "ފަރަގު"ން މި ކުރަނީ އެ މަސައްކަތެވެ. ކަންކަމާ މެދު ތަވާޒުނު ވާން ވާނެއެވެ.

Advertisement

ކޮމެންޓް
ރިޟުވާނު
ފީނުމަކީ ޒަމާނުއްސުރެ ދިވެހިން ކުރާ ކަމަކަށް ވުމާއެކު އެކަމުގެ ހުނަރާ ރައްކާތެރިކަން އިތުރަށް ދަސްކޮށްދޭންޖެހޭ.
09 Mar 2024