Advertisement

ޖާދޫގެ ގޮނޑި: ފަހަތަށް އެނބުރި ބަލައިލުމެއް

09 Mar 2024 | 05:42
ޖާދޫގެ ގޮނޑި؟

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ޖާދޫގެ ގޮނޑި, މިއީ އިހު ޒަމާނުގެ ފުލޯކު ވާހަކަތައް ފަދަ، އޭގައި އެއް ވެސް ހަގީގަތެއް ނެތް، ވާހަކައެކެވެ. މި ވާހަކައަކީ މުނިފޫހިފިލުވުމުގެ ގޮތުން ކިޔައި އަދި ކިޔައިދޭ ވާހަކައެކެވެ. މި ފަދަ ވާހަކަތައް އެކި ބަސްބަހުގެ އަދަބިއްޔާތުގެ ތެރޭގައި ހިމެނިފައިވެއެވެ. 'އެއިސޮޕްގެ ފޭބްލްސް'އާއި 'ކަލީލާ ވަ ދިމްނާ'އާއި އަދި އަޅުގަނޑުމެން ކިޔައި އުޅޭ 'އަލިފުލައިލާ ވާހަކަ' ފަދަ ވާހަކަތަކެވެ. ބުނެވޭ ގޮތުގައި އެއިސޮޕްއަކީ މީލާދުގެ ކުރިން ހަތްވަނަ ގަރުނުގައި ޔޫނާނުގައި އުޅުނު ވާހަކަ ކިޔައިދޭ އަޅުވެތި މީހެކެވެ. އޭނާގެ ވާހަކަތައް ދޫދޫ މަތީން ނަކަލުވަމުން އައިސް އޭނާ މަރުވިތާ ދެތިން ގަރުނު ފަހުން ތަދުވީނުކުރެވި، ލިޔެވުނުކަމަށް ބުނެވެއެވެ. ކޮންމެ އަކަސް، އެއިސޮޕާއި އޭނާގެ ބައެއް ވާހަކަތަކަކީ އަޅުގަނޑުމެންގެ މަޖީދީ ދުވަސްވަރު ކިޔުމުގެ ފުރުސަތު ލިބުނު ވާހަކަތަކެކެވެ.

އެއިސޮޕްގެ ވާހަކަތަކުގައި އިންސާނުންނާއި އެކިއެކި ޖަނަވާރުންނާއި އަދި ޖާމިދު ތަކެތި ވާހަކައިގެ ޝަޚުސިއްޔަތްތަކުގެ (ކެރެކްޓާރސް) ތެރޭގައި ހިމެނިފައިވެއެވެ. އަދި މި ޝަޚުސިއްޔަތްތައް މެދުވެރިކޮށް ސަލާމަތް ބުއްދި، (ކޮމަން ސެންސް) ގަބޫލުކުރާ ކޮންމެ ވެސް ތެދު ހަގީގަތެއް ހާމަކޮށްދެއެވެ. މިސާލަކަށް ހިޔަޅާއި މޭބިސްކަދުރުގެ ވާހަކައެވެ. މޭބިސްކަދުރު ވެލުގައި އެލިފައި އޮތް މޭބިސްކަދުރު ކޯންޏައް ހިޔަޅުގެ 'އަތް' ނުފޯރުމުން، ހިޔަޅު ބުނީ އެ މޭބިސްކަދުރު ކޯނި ހުތްވާނެކަމުގައެވެ. އާދޭހެވެ! އެއްޗެއް ހާސިލުނުވުމުން، އެއީ ހަގީގަތެއް ނޫންކަމުގައި ވިޔަސް، އެ އެއްޗަކީ ކަމުނުދާ އެއްޗެއްގެ ގޮތުގައި ނިންމައިލެވެއެވެ.

ކަލީލާ ދިމްނާގެ އަސްލު ގުޅެނީ ހިންދުކަރައާއެވެ. އެ ކަރައިގެ ޕަންޗާތަންތުރާ (ފަސް ރިސާލަތު)އޭ ކިޔުނު ފޮތާއެވެ. މި ފޮތް ލިޔެވިފައިވަނީ ސެންސުކުރީތު ބަހުންނެވެ. މި ފޮތުގައި އެކުލެވިގެން ވަނީ ތަފާތު ޖަނަވާރުތަކުގެ ދޫ މަތީން ހުށަހަޅައިލެވޭ ހިކުމަތްތެރި އިރުޝާދުތަކެކެވެ. މި ފޮތް ލިޔެވުނުކަމަށް ބުނެވެނީ މީލާދުގެ 200އެއްހާ އަހަރު ކުރީންނެވެ. ނަމަވެސް، އޭގެ ކުރީން ވެސް، ދޫދޫ މަތީން ވާރުތަވަމުން އައި ވާހަކަތަކެއްގެ ގޮތުގައި، މި ފޮތުގައި އެކުލެވޭ ވާހަކަތައް ކިޔެމުން އައިކަމަށް ބުނެވެއެވެ. މީލާދީ ސަނަތުން ފަސްވަނަ ގަރުނުގެ ތެރޭގައި މި ފޮތް ޕަހެލަވީ ބަހަށް ތަރުޖަމާކުރެވުނެވެ. ޕަހެލަވީ ބަހަކީ އެވޭލާ ޒަމާނުގެ ފާރިސީ ބަހާއި މި ޒަމާނުގެ ފާރިސީ ބަހުގެ ދެމެދުގައި ހިމެނުނު މެދު-ފާރިސީ ބަހޭ ކިޔޭ ބަހެވެ. އާދޭހެވެ! މި ޒަމާނުގެ ފާރިސީ ބަހުގެ 'ބައްޕަ'ކަމުގައި ހިމެނޭ ބަހެވެ. ޕެހެލެވީ ބަހަށް މި ފޮތް ތަރުޖަމާކުރެވުނު އިރު، 'ބިޑުޕާއީގެ ފަލްސަފީ ވާހަކަތަކޭ' ކިޔައި މި ފޮތް މި ފަދައިން ސިފަކުރެވުނެވެ. މި ފަދަ ވާހަކަތަކަށް 'ހިކުމަތުގެ އަދަބިއްޔާތޭ' ވެސް ކިޔެއެވެ. މި ފޮތް އަރަބި ބަހަށް ތަރުޖަމާކުރެވި، މި ފޮތަށް، ޕެހެލެވީ ތަރުޖަމާގައި ދެވިފައިވާ ނަމުން ނަންދީ، 'ކަލީލާ ވަ ދިމްނާއޭ' ކިޔުނެވެ. ފަހުން، ފޮތުގެ ޕެހެލެވީ އަސްލު ގެއްލުމުން، އަރަބި ތަރުޖަމާވީ ފޮތުގެ 'އަސްލަކަށެވެ'. އިބްރީ ބަހަށާއި އަދި ޔޫރަޕުގެ ވެސް ވަރަށް ގިނަ ބަސްބަހަށް ބިޑްޕާއީގެ ހިކްމަތީ ވާކަތައް ތަރުޖަމާވީ މި އަރަބި އަސްލުންނެވެ.

އަރަބި ބަހަށް ކަލީލާ ވަ ދިމްނާ ތަރުޖަމާކުރެއްވީ އިބްނު މުގައްފައުއޭ ކިޔުނު ލިޔުންތެރިއެކެވެ. މި ފޮތް ވެގެން ދިޔައީ އަރަބި ބަހުގެ އަދަބީ ނަސްރުގެ (ޕްރޯސްގެ) ނަމޫނާ ފޮތަކަށެވެ. ރީތިކޮށް ފަސޭހަ އިބާރަތްތަކަކުން އިބާރަތްކުރެވި އެކުލަވައިލެވިފައިވާ ފޮތަކަށެވެ. މި ފޮތުގެ އަސްލުގައި ހިމެނޭ ވާހަކަތަކުގެ ތެރެއަށް، އިބްނު މުގައްފައު، އޭނާގެ ބައެއް އަމިއްލަ ވާހަކަތައް އިތުރުކުރެއްވިއެވެ. މި ފޮތުން ނެގިފައިވާ ބައެއް ވާހަކަތައް 'ކުޑަކުދީންގެ ބަގީޗާ' މި ފޮތުގައި ހިމެނިފައިވެއެވެ.

'އަލްފު ލައިލަތިން ވަ ލައިލާ'، (އެއްހާސް އެއް ރޭ ނުވަތަ ދިވެހިންގެ ތެރޭގައި މަޝްހޫރު އަލިފުލައިލާ ވާހަކަ) ލިޔެވުނީ އިސްލާމީ ރަންޒަމާން ކަމުގައި ހިމެނޭ ދުވަސްވަރުގައެވެ. މީލާދީ ސަނަތުން އަށްވަނަ ގަރުނުން ފެށިގެންނެވެ. އެއަށް ފަހު، އަލިފުލައިލާގެ ވާހަކަތަކުގެ ލިޔުން ދެތިން ގަރުނަކަށް ދިގު ދެމިގެން ދިޔައެވެ. ބައެއް ލަފާކުރުންތަކުގައި މީލާދީން ތޭރަވަނަ ގަރުނާ ހަމައަށް ދާންދެން މި ފޮތަށް ވާހަކަތައް އިތުރުކުރެވި ލިޔެވެމުން ދިޔައެވެ. މި ފޮތުގެ އަސްލު ގުޅެނީ އަރަބިބަހާއި ފާރިސީބަހާއި ހިންދީ ފޯކްލޯ (ނާދުކަތާ)ގެ ވާހަކަތަކާއެވެ. މީގެ އިތުރަށް، އިބްރީ އަދި ޔޫނާނީ ފޯކްލޯއިން ނެގިފައިވާ ވާހަކަތައް ވެސް އަލިފްލައިލާގެ ވާހަކަތަކުގައި ހިމެނޭކަމަށް ބުނެވެއެވެ. މި ފޮތުގައި އެކުލެވިގެން ވަނީ މުނިފޫހިފިލުވައި ދިނުމުގެ ގޮތުން ކިޔައިދެވޭ ވާހަކަތަކެކެވެ. ރަސްކަލެއްގެ އަނބިކަނބަލުން ގަތުލުކުރުމުން ސަލާމަތްކުރުމަށް ޓަކައި، ރަސްގެފާނު މުނިފޫހިފުޅުފިލުވައިދީ، ކޮންމެ ރެއަކު ވާހަކައެއް ކިޔައިދީ، އެ ވާހަކައިގެ އަނެއް ބައި، ޖެހިގެން އަންނަ ރޭ އަޑުއެއެއްސެވުމަށް ޝައުގުވެރިކުރުވައި، އަނބިކަނބަލުންނަށް މުހުލަތެއް ދެއްވުމަށް އުޒުރެއް މެދުވެރިކުރުވުމުގެ ބޭނުމުގައި، އަނބިކަނބަލުންގެ އުޚުތު ރަސްގެފާނަށް ކިޔައިދޭ ވާހަކަތަކެކެވެ. އަލިފުލައިލާ ވާހަކަ ވަނީ އެތައް ބަހަކަށް ތަރުޖަމާކުރެވިފައިވެ. އޭގެ ތެރޭގައި ދިވެހި ބަސްވެސް ހިމެނެއެވެ. އަލިފުލައިލާގެ ވާހަކަތަކުގެ ތެރޭގައި ހިމެނޭ ބައެއް ވާހަކަތަކަކީ އަޅުގަނޑުމެން އެންމެންހެން ދަންނަ ވާހަކަތަކެކެވެ. އަލާއުއްދީނުގެ ފާނޫޒުގެ ވާހަކަ، އަލީބާބާއާއި ސާޅީސް ވަގުންގެ ވާހަކަ ފަދަ ވާހަކަތަކެވެ.

މިއަދުގެ ވާހަކައަކީ ވެސް މި ކަހަލަ ވާހަކައެކެވެ. އެއީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށްގެން ލިޔެވޭ ވާހަކައެއް ނޫނެވެ. ނަމަވެސް، ކުރީން ބަޔާންކުރި ބައެއް ފޮތްފޮތުގައި ހިމެނޭ ވާހަކަތައް ފަދައިން، މި ވާހަކަ ވެސް ހާމަކޮށްދޭން ބޭނުންވަނީ، އިންސާނީ ތަބީއަތާ ގުޅޭ ސިފައެކެވެ. އެހެން ކަމުން، ބައެއް ފަހަރަށް، އެއީ މިވެނި މީހަކަށް ނުވަތަ އެވެނި މީހަކަށް އަމާޒުކޮށްގެން ލިޔެވޭ ވާހަކައެކޭ ބުނެވެނީއެވެ. ހަގީގަތަކީ އެއީ ނޫންކަމަށް ވިޔަސް ވެހެވެ. އަދި މި ހިސާބުން ނިންމައިލެވެނީކީ ނޫނެވެ. އެ ލިޔުނު މީހަކީ މިވެނި މީހަކަށް ތާއިދުކުރާ ނުވަތަ މިވެނި މީހަކާ އިދިކޮޅު މީހެއް ކަމުގައި ނިންމައިލެވެއެވެ. ރުހޭ ލޮލަށް އައިބެއް ނުފެނެއެވެ. ހަމަ އެހެންމެ، ނުރުހޭ ލޮލަށް ހެވެއް ވެސް ނުފެނެއެވެ. ކަން ކުރި މީހަކަށް ނުބަލައި، ރަނގަޅު ރަނގަޅަށްވެ، ނުރަނގަޅު ނުރަނގަޅަށްވާ ގޮތް ފެންނަ ގޮތެއް ނުވެއެވެ. ތިމާގެ ނޭފަތުކުރިއަށް ވުރެ ދުރު ދެކޭން ބޭނުން ނުވުމުގެ ސަބަބެވެ. އަމިއްލަ މަސްލަހަތު ނޫން އެހެން ކަމަކަށް ރިއާޔަތްނުކުރުމުގެ ނަތީޖާއެވެ.

ކޮންމެއަކަސް، އަދުގެ ވާކައާއިގެން ކުރިއަށްދަމާތޯއެވެ! މި ވާހަކަ ލިޔެވިފައވަނީ މީގެ ތިރީހަކަށް ސާޅީހަކަށް ކުރީން، އަރަބި، ދުވަހު ނޫހެއްގައެވެ. ލިޔުނު ލިޔުންތެރިޔާގެ ނަން އަޅުގަނޑު މިހާރު ހަނދާނެއް ނެތެވެ. މި ވާހަކައިގެ ކޮޕީއެއް ވެސް ގެންގުޅުނީމެވެ. ނަމަވެސް، ބައެއް ލިޔުންތަކާއި ފޮތްފޮތް ގެއްލޭ ފަދައިން މިހާރު އެ ލިޔުންވަނީ ގެއްލިފައެވެ. ނަމަވެސް އެ ވާހަކަ އަދި ހަނދާނުން ފޮހެވިގެންނެއް ނުދެއެވެ. އެ ވާހަކައަށް ދެވިފައި އޮތީ 'އަލްކުރްސިއްޔު އައްސިޙްރިއްޔު މި ނަމެވެ. އާދެ، 'ޖާދުވީ ގޮނޑި' ނުވަތަ 'ޖާދޫގެ' މި ނަމެވެ. ވާހަކައިގައި ބުނެފައިވާ ގޮތުން، މި ގޮނޑިއަކީ ވަރަށް ވެސް އަޖައިބުކުރުވަނިވި ޖާދުވީ ގޮނޑިއެކެވެ. މި ގޮނޑީގައި އާދަޔާ ޚިލާފު ސިހުރުވެރިކަމެއް ހުރެއެވެ. އެ ގޮނޑީގައި އިށީންނަ މީހަކުގެ ހާލަތު ހުރިހާ ގޮތަކުން ރަނގަޅުވެ، ބަދަލުވެދެއެވެ. އެ މީހަކީ އޭނާ އަތުގައި އެއްވެސް އެއްޗެއް ނެތް، ފަގީރު ނިކަމެތި މީހެއްކަމުގައިވީ ނަމަ، މި ޖާދުވީ ގޮނޑީގައި އިށީނުމުން، އޭނާ ފައިސާވެރި މުދާވެރި ބޮޑު މުއްސަންޖަކަށްވެ، އިއްޒަތްތެރިއަކަށް ވެއެވެ. އެ މީހަކީ ތަނެއްދޮރެއް ނުދަންނަ ޖާހިލެއްކަމަށްވީ ނަމަ، ޖާދުވީ ގޮނޑީގައި އިށީނުމުން، އޭނާއަކީ ދުނިޔޭގައި ނެތް ވަރުގެ ބޮޑު އިލްމުވެރިޔަކަށް ވެއެވެ. އެ މީހަކީ، އޭނާގެ ދުލުގައި ގޮއްޖެހިފައިވާ، އެއްޗެއް ރަނގަޅަށް ބުނަން ނޭނގޭ މީހަކަށްވީ ނަމަ، ޖާދުވީ ގޮނޑީގައި އިށީނުމުން، ދޫ ހިނގާ އަދި ބަލާޣާތްތެރިކަމާ އެކު، އެއްވެސް އުނދަގުލަކާ ނުލައި، ފަސޭހައިނ އިބާރަތްތައް ފަށުވިކޮށް އަމުނައިލާ، ރަށުގައި އެ ވަރެއް ނެތް ވަރުގެ، ވާހަކަދެއްކުންތެރިޔަކަށް ވެއެވެ. އޭނާއަކީ ސިކުނޑީގައި އެއްވެސް ތެތްކަމެއް ނެތް، އެހެން މީހުން ކިޔާނުކިޔާ އެއްޗެއް އުނދަގުލުން ނޫނީ ފަހުމުނުވާ ގަބު މީހެއް ކަމުގައިވީ ނަމަ، ޖާދުވީ ގޮނޑީގައި އިށީނުމުން އޭނާގެ ހާލަތު ދިމާ އިދިކޮޅަށް ބަދަލުވެގެން ދެއެވެ. ކޮންމެ ކަހަލަ ވާހަކައެއް ވިޔަސް، ދާދި ފަސޭހައިން އެ ފަދަ ވާހަކަތައް ވިސްނި އެ ފަދަ ވާހަކަތަކާ މެދު ގޮތް ކިޔުމުގެ ކުޅަދާނަކަން ލިބެއެވެ. ފަލްސަފީ ވާހަކަތައް ދައްކައި، އެންމެ ފަހުގެ އިލްމީ ހޯދުންތަކާ ބެހޭ ގޮތުން ގޮތް ކިޔޭ މީހަކަށް ވެއެވެ. ދީނީ މައްސަލަތަކާ ބެހޭ ގޮތުން ދީނީ ބޮޑެތި އިމާމުވެރި ބޭކަލުންނެކޭ ހަމަ އެއްފަދަވެ ދެއެވެ. އިގުތިސާދި މާހިރަކަށްވެ، ކުރިއަށް އޮތް ދެތިން ގަރުނުގެ ތެރޭގައި ދުނިޔޭގެ އިގުތިސާދު އޮންނާނެ ގޮތުގެ ވާހަކަތައް ކިޔައިލަދޭން އެނގެއެވެ. ސިއްހީ މައްސަލަތަކުގައި އެތައް އަހަރުތަކައް ވަންދެން ސިއްހީ މައްސަލަތައް ދިރާސާކުރައްވައި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ އިލްވެރި ޑަކުޓަރުންގެ ވާހަކަތަކަށް ވުރެ ވެސް ޖާދުވީގެ ގޮނޑީގައި އިށީންނަވާ ބޭފުޅާގެ ވާހަކަތައް މޮޅުފުޅުވެއެވެ. ބަލިބަލި ޖެހޭނީ ކޮން ބަޔަކަށްކަމާއި އެ ބަލިބަލީގައި މަރުވާނީ، ނުވަތަ ޝިފާ ލިބި ފަސޭހަވާނީ ކޮން ބަޔެއްކަން ވެސް، ޖާދުވީ ގޮނޑީގައި އިށީނުމުގެ ފުރުސަތު ލިބޭ މީހާއަށް އެނގެއެވެ. އެ މީހަކީ ސިފަ ހުތުރު މީހަކަށްވީ ނަމަ، ޖާދުވީ ގޮނޑީގައި އިށީނުމުން، އަންހެނެއް ނަމަ އޭނާ ބަދަލުވެގެންދަނީ ދުނިޔޭގެ ރީތީގެ ރާނީއަކަށެވެ. ފިރިހެނެއް ނަމަ، އެންމެހައި އަންހެނުން ހިތްކިޔާ ކަހަލަ ދުނިޔޭގައި ނެތް ވަރުގެ މަލަކީ ރީތި މީހަކަށެވެ.

ޖާދޫގެ މި ގޮނޑީގެ އެންމެ އަޖައިބުކުރުވަނިވި ކަމަކީ މި ގޮނޑި ލިބޭން ހުންނަ ރާއްޖެތަކުގެ އާންމު މީހުންނަށް ވެސް މި ކަން އޮންނާން ޖެހޭނީ މިހެންކަން ގަބޫލުކުރެވޭކަމެވެ. ޖާދުވީ ގޮނޑީގައި އިށީނުމުން ފަގީރު މީހާ މުއްސަނދިވާނޭކަމާއި ޖާހިލު މީހާ އާލިމަކަށްވާނޭކަމާއި، މައް ގަބު މީހާ، މޮޅު ވިސްނުންތޫނު މީހަކަށްވާނޭކަމާއި ނިކަމެތި މީހާ ޝަރަފުވެރިވެ އިއްޒަތްތެރިވާނޭކަމާއި ހުތުރު މީހާ ރީތި މީހަކަށްވާނޭކަމެވެ. އެހެންވެ، އާންމުންގެ ހަމަ ކޮންމެ މީހަކު ވެސް މި ގޮނޑި ބޭނުން ވެއެވެ. ނުލިބޭ ނަމަ، އެ ގޮނޑިއާ ކޮންމެވެސް ގޮތަކުން ކައިރިވޭތޯ މަސައްކަތްކުރެވެއެވެ. ޖާދުވީ ގޮނޑީގެ ޖާދޫގެ ފުކެއް ވަރު ނަމަވެސް ލައްގައިތޯއެވެ.

މިއީ ޝައްކެއްނެތް ގޮތުގައި އަޖައިބުކުރުވަނިވި ގޮނޑިއެކެވެ! އަދި މި ގޮނޑިއާ ބެހޭ އެއް ކަމެއް ހަނދާނުން ކައްސައިލައިފިއެވެ. އެއީ މި ގޮނޑީގައި އިށީނދެވިއްޖެ މީހަކަށް، މީސްތަކުންގެ މައްޗަށް އަމުރު ހިންގައި، ފިކުރީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް، މީސްތަކުން އަޅުވެތިކުރުމުގެ ކުޅަދާނަކަން ވެސް ލިބެއެވެ. އަދި، މި ގޮތުގައި އަޅުވެތިވެ ތިބޭން، އާންމުން ގިނަ ބަޔަކު ވެސް ރުހި ގަބޫލުވެދެއެވެ. ބުނެވޭ ގޮތުގައި މި ފަދަ ގޮނޑި ލިބޭން ހުންނަނީ ރާއްޖެތަކުގައި، މި ޖާދުވީ ގޮނޑީގެ ދެވައްތަރެއްގެ ގޮނޑި ލިބޭން ހުރެއެވެ. ބޮޑު ސައިޒު ގޮނޑިއާއި ކުދި ސައިޒުގެ ގޮނޑިއެވެ. މި ފަދަ ކޮންމެ ރާއްޖެއަކުން ވެސް، ލިބޭން ހުންނަނީ ބޮޑު ސައިޒުގެ ހަމަ އެންމެ ގޮނޑިއެކެވެ. ކުދި ސައިޒުގެ ތަންކޮޅެއް ގިނަ ގޮނޑި ލިބިދާނެއެވެ. އާދައިގެ ސައިޒުގެ ހޯލެއް ފުރޭވަރުގެ އަދަދަކަށް ޖާދޫގެ ކުދި ސައިޒުގެ ގޮނޑި ލިބިދާނެއެވެ.

ޖާދުވީ މި ގޮނޑީގެ އިތުރު އެހެން އަޖައިބު ކަމެއް ވެސް އޮވެއެވެ. އޭގައި އިށީނދެވޭ މީހަކު އެ ގޮނޑީން ފައިބާ ހިތެއް ނުވެއެވެ. މަސްތުވާ އެއްޗެއްގެ ބޭނުން ކޮށްލުމުން، އެއްޗަކަށް ދެވިހިފައި ދޫކޮށްލާން އުނދަގޫވާ ގޮތަށެވެ. ދެން އެ މީހަކަށް ޖެހެނީ އަބަދުގެ އަބަދަށް އެ ގޮނޑީގައި އިށީނދެ އިނދެވޭތޯ ބަލާށެވެ. މި ކަން ހާސިލުކުރުމަށް ޓަކައި، ކޮށްފައި ނުކުރާނެ ކަމެއް ނޯވެއެވެ. ހުރިހާ ކަމެއް ވެސް ހުއްދައެވެ. މަކަރާއި ހީލަތެވެ. މީހުންގެ ތާއީދު ގަނެ މީހުންގެ ތިމާގެކަމާއި ރަހުމަތްތެރިކަން ވިއްކުމެވެ. ދީނާއި ދައުލަތް ވެސް، ޖާދުލުގެ ގޮނޑި އަތުޖެހޭނޭކަމަށް ވަންޏާ ވިއްކައިލުން އެއީ ހަމަ އެންމެ ރަނގަޅު، ބުއްދިވެރިކަމަށް ވެދެއެވެ.

ތާރީޚުގެ ސަފުހާތައް އުކާލުމުން މީގެ މިސާލުތައް ފެނެއެވެ. ޓީވީގެ ޕުރޮގުރާމުތަކުން ވެސް މީގެ މިސާލުތައް ފެނެއެވެ. މަކާރާއި ހީލަތް ހަދައި، ދީނާއި ދައުލަތް ވިއްކައިގެން ވިޔަސް ޖާދޫގެ ގޮނޑި ހޯދުމުގެ މަސައްކަތް މީހުން ކުރާ ތަނެވެ. ޖާދޫގެ ބޮޑު ގޮނޑީގައްޔާއި އަދި ޖާދޫގެ ކުދި ގޮނޑިތަކުގައި އިށީނުމުގެ ފުރުސަތު ހޯދާން، އެ ފަދަ ގޮނޑިތައް ލިބޭން ހުންނަ ރާއްޖެތަކުގެ މީސްތަކުން ގަދައަޅައި މަސައްކަތްކުރެއެވެ.

މި ކަން މިހެން ނުވާންވީ ސަބަބަބެއް ނެތޭ ދެންނެވިދާނެއެވެ. ޖާދޫގެ ގޮނޑީގައި އިށީނުމުން، ދުނިޔަވީ ހުރިހާ ހެވެއް ލިބޭން އޮތްކަމަށް ވަންޏާ، އެ ފަދަ ގޮނޑިއެއްގައި އިށީންނާން ނޫޅޭންވީ ކީއްވެހެއްޔެވެ؟ ޖާދުވީ ގޮނޑީގައި އިށީނުމުން ދުނިޔެމަތީގައި ސުވަރުގެ ލިބޭ ކަމަށް ވަންޏާ އެ ގޮނޑި ހޯދާން މަސައްކަތް ނުކުރާނީ މޮޔައިން ނޫންހެއްޔެވެ؟ އަދި، ޖާދުވީ ގޮނޑީގައި އިށީނދެވިއްޖެ ނަމަ، ހިތުން ރުހުމުން، އެ ގޮނޑިން ތެދުވާނީ ކާކު ހެއްޔެވެ؟ ޖާދުވީ ގޮނޑީގައި އިށީނދެވުމުން، އެ ކަމުން ލިބޭ ފައިދާތަކުގެ އިތުރަށް، ދެން  އެ ގޮނޑި، އޭގައި އިށީންނަ މީހާގެ އަށްޑަނަ ކަމުގައި ވެސް ވެއެވެ. ދޫކޮށްލުމުން، އަށްޑަނަ ގެއްލި، ނަފްސު ދިފާއުކުރުމުގެ ބާރު ނެތި، ޖަލަށް ވަންނާން ވެސް ޖެހިދާނެތީއެވެ. އެހެންވެ، ޖާދުވީ ގޮނޑީގައި އިށީނދެވިއްޖެ ނަމަ، އިށީންނަ މީހާ ބޭނުން ވިޔަސް، އެ ގޮނޑީން ތެދުވެވޭނޭ މަގުތައް މުޅިން ބަންދުވެގެން ދެއެވެ.

ދެން، ނިންމައިލަމުން، ހަނދުމަފުޅުކޮށްއަރުވާން ބޭނުންވަނީ، މި ވާހަކަ ފެށި އިރު، ދެންނެވި ވާހަކައެވެ. ޖާދޫގެ ގޮނޑިއަކީ ޚިޔާލީ ވާހަކައެކެވެ. މުނިފޫހިފިލުވުމުގެ ގޮތުން ކުޑަކުދީން ކިޔައި އުޅޭ ފަރިޝްތީ ވާހަކަ (ފެއަރީ ޓޭލްސް) ފަދަ، ހަގީގަތެއް ނެތް ވާހަކައެކެވެ. ނަމަވެސް އެއިން ޢިބްރަތްތަކެއް ލިބިދޭ ވާހަކައެކެވެ.

(ނިމުނީ)

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް