Advertisement

ދެ ބޭފުޅެއްގެ މަތިވެރި ޚިދުމަތެއް ދިވެހިބަހަށް - "އަވަސް އަތުލިޔުމާ ވަރަށް ވައްތަރު ރީތި ފޮންޓެއް"

08 Mar 2024 | 00:15
ފިލްމު ޕްރޮޑިއުސަރ އީސާ ޝަރީފު: މުޞަޠަފާ މުޙަންމަދުގެ އަވަސް އަތުލިޔުން ފޮންޓެއްގެ ގޮތަށް ފަރުމާކުރެއްވީ ޢީސާއެވެ. (ފޮޓޯ މީސްމީޑިއާ)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

"އަވަސް އަތުލިޔުމާ ވަރަށް ވައްތަރު ރީތި ފޮންޓެއް" މިއީ ދާދި ފަހުން މީސްމީޑިއާގައި އަމިއްލަ މީހެއްގެ ސިޓީއަކާ އެކު އާންމުވި މެސެޖެކެވެ. ރާއްޖޭގެ މަޝްހޫރު ވާހަކަލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަޙީދު މިހެން ވިދާޅުވީމާ އަޅުގަނޑުގެ ސަމާލުކަން ވެސް އެ ލިޔުމަށް ލިބުނެވެ. ބިންމާ އިބްރާހީމް ވަޙީދަކީ ހަމައެކަނި ވާހަކަލިޔުންތެރިއަކީއެއް ނޫނެވެ. އޭނާއަކީ ދިވެހިބަހުގެ ގަވާއިދު ކޮމެޓީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ބަހާ ބެހޭ ކަންކަން ދިރާސާކުރައްވާ ބޭފުޅެކެވެ. އެހެންކަމުން ބަހާއި އަދަބިއްޔާތުގެ ދާއިރާގައި ބުރަދަން ހުރި ބޭފުޅެކެވެ. "ބިންމާ" އެ ވިދާޅުވި ފޮންޓާ ބެހޭ ގޮތުން އިތުރަށް ބަލައި ހޯދުމުގެ ޝައުޤު އަޅުގަނޑުގެ ހިތުގައި އުފެދުނީ މި ސަބަބަށް ޓަކައެވެ. އަޅުގަނޑު މި އުޅެނީ މި ފޮންޓާ ބެހޭ ވާހަކަ ތަންކޮޅެއް ތަފުސީލުކޮށް ދައްކައިލާށެވެ.

އާދޭހެވެ! ތާނަ އަކުރަކީ، އަޅުގަނޑުމެންގެ ކާބަފައިން އުފައްދައި، އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީފައިވާ، ވަރަށް އުފެއްދުންތެރި އަކުރުތަކެކެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1990ގައި ޝާއިޢުކުރައްވައިފައިވާ "ދިވެހި ތާރީޚަށް އާ އަލިކަމެއް" މި ފޮތުގެ 41ވަނަ ސަފުހާގައި ބަޔާންކޮށްފައިވާ ގޮތުން، ތާނައިން ލިޔެފައިވާ އެންމެ ކުރީގެ ލިޔުމަކަށް ފެނިފައި ވަނީ، ހިޖުރައިން ހާހާއި އަށްވަނަ އަހަރު (މީލާދީން 1599ވަނަ އަހަރު) ލިޔެފައިވާ ފިލައެއްކަމަށް ލިޔެފައި ވެއެވެ. ތާނަ އަކުރަކީ، މި ދެންނެވި ފަދައިން، އެހާ ދޮށީ އަކުރެއްކަމުގައި ވެފައި، އެހާ ހިސާބުން ފެށިގެން ތާނައިގެ އަކުރުތައް ލިޔަމުން އައި އިރު، އަތުލިޔުމުގެ ހުނަރުވެރީން އުފެދި، ލިޔުމުގައި ތަފާތު ގޮތްގޮތަށް އުފެއްދުންތެރިކަމާ އެކު، އަކުރުތައް ބޭނުންކުރަމުން އައިސްފައިވާކަން ފާހަގަކުރެވެއެވެ. ފަންނިއްޔާތުގެ ތެރެއަށް ތާނަ އަކުރު ވަދެ، އާންމުކޮށް ބޭނުންކުރާން ފަށައިފައި ވަނީ، 2001ވަނަ އަހަރާ ހިސާބުގައިކަމަށް ބެލެވެއެވެ.

2001ވަނަ އަހަރުގެ އޮގަސްޓު މަހު، ވިންޑޯސް އެކްސްޕީ Windows XP ކިޔާ ކޮމްޕިއުޓަރ އޮޕަރޭޓިންގ ސިސްޓަމެއް ތަޢާރުފުވެ ޔުނިކޯޑްގައި ތާނައިގެ އަކުރުތައް ހިމަނައިފައި ވާކަމަށް ޑޮކްޓަރ ޙަސަން ޙަމީދު ހާމަކުރައްވައިފައި ވެއެވެ.

މި ދެންނެވި ދުވަސްވަރުން ފެށިގެން ފަންނިއްޔާތުގެ ތެރެއިން، ތާނަ އަކުރުން ލިޔެފައިވާ ލިޔުންތައް އާންމުވާން ފެށިކަމަށް ދެންނެވިދާނެއެވެ. ހުނަރުވެރި ލިޔުންތެރީންގެ ތާނައިގެ އަކުރުތަކުން އެކި ފޮންޓުތައް ތަޢާރުފުވެ، ކޮންޕިއުޓަރުން އެ އަކުރުތައް ޒަމާނީ ގޮތްގޮތަށް ލިޔާން ފަށައިފިއެވެ. މިއީ، އަޅުގަނޑުމެންގެ ކާބަފައިން އުފެއްދި އަޅުގަނޑުމެން ފަޚުރުވެރިވާ ތާނައިގެ އަކުރުތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަޅުގަނޑުމެންގެ ހުނަރުވެރީން އުފައްދައިފައިވާ ފޮންޓުތަކުގެ ތެރޭގައި ވަރަށް ރީތި ފޮންޓުތައް އެބަހުރިކަން ފާހަގަކުރަމެވެ. އެ ހުނަރުވެރީންގެ މަސައްކަތަށް ޝުކުރުއަދާކުރަމެވެ.

އީސަ އެމްއެމް އަސްރަފީ ފޮންޓުން ލިޔެފައިވާ ލިޔުމެއް: މި ލިޔުން ރީތިކަމުން ފޭސްބުކުގައި ހިއްސާކުރެއްވީ މަޝްހޫރު ވާހަކަލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަޙީދެވެ. (ފޮޓޯ: މީސްމީޑިއާ)<br>

މި ލިޔުން ފަށައިގަތުމުގައި އެންމެ ފުރަތަމަ ފާހަގަކުރީ ދާދި ފަހުން ތަޢާރުފުވި ފޮންޓުތަކުގެ ތެރެއިން އަޅުގަނޑުގެ ލޮލުގައި އަޅައިގަތް، އަވަސް ލިޔުމުން ލިޔެފައިވާ ފޮންޓެއްގެ ވާހަކައެވެ. މި ދެންނެވި ފޮންޓުން ލިޔުމެއް ލިޔެލައި، ބަލައިލުމަށް ޝައުޤުވެރިވީ، ކުރީން ވެސް ދެންނެވި ފަދައިން ފޭސްބުކުން، ތިރީގައި މިވާ ލިޔުންކޮޅު ފެނުމުންނެވެ. އެ ފޮންޓާ ބެހޭ ގޮތުން، ބިންމާ އިބްރާހީމް ވަޙީދު ލިޔުއްވައިފައިވާ ޕޯސްޓްގައި ވަނީ "އަވަސް އަތުލިޔުމާ ވަރަށް ވައްތަރު ރީތި ފޮންޓެއް" މިހެންނެވެ.

މި ފޮންޓު ފެނުމާއެކު، ފޮންޓާ ބެހޭ މަޢުލޫމާތު އޮޅުންފިލުވައިލާން ވަރަށް ބޮޑަށް ޝައުޤުވެރިވިއެވެ. އަޅުގަނޑު ދަންނަ، މި ފަދަ މަޢުލޫމާތެއް އެނގިވަޑައިގެންފާނެކަމަށް ލަފާކުރެވޭ ބޭފުޅަކާ ބައްދަލުވުމުން މި ކަމާ ބެހޭ ގޮތުން ސުވާލު ދަންނަވައިލީމެވެ. އިއްތިފާޤުން މި ސުވާލު ދަންނަވައިލެވުނީ، ފޮންޓުގެ އަކުރުތައް ލިޔުއްވި ލިޔުންތެރިޔާގެ އަރިހުގައެވެ. އަލްއަޚު މުޞްޠަފާ މުޙަންމަދު އަރިހުގައެވެ. އޭނާ ވިދާޅުވި ގޮތުގައި، ފޮންޓު އުފައްދަވައިފައިވަނީ، އޭނާގެ އަތުލިޔުމުގެ އަކުރުތަކާ އެއް ގޮތަށް، މަޝްހޫރު ޢީސާ ޝަރީފެވެ. ފޮންޓުގެ ނަމެއްކަމަށް ދެއްވައިފައިވަނީ، "އީސަ އެމްއެމް އަސްރަފީ" Easa MM Asrafee މި ނަމެވެ. ފޮންޓުގެ ނަމުގެ ކުރިއަށް "އީސަ" ލައްވައިފައި އެ ވަނީ، އެ ފޮންޓު އުފައްދައިދެއްވީ ޢީސާ ޝަރީފުކަމަށް ވާތީ، ޢީސާ ޝަރީފުގެ ފޮންޓުތަކުގެ ތެރޭގައި އެ ފޮންޓު ހިމެނުއްވުމަށް ޓަކައި، ޢީސާ އެގޮތަށް ބޭނުންފުޅުވާތީއެވެ. ފޮންޓުގެ އަތުލިޔުންތެރިއަކީ އަޅުގަނޑުގެ ވަރަށް ގާތް އަދި މުޙުތަރަމް އަޚެއްކަމުގައިވާ މުޞްޠަފާ މުޙަންމަދެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޒިންމާދާރު ވެރިއެކެވެ. އެ އޮފީހުގައި މުޞްޠަފާ ވަޒީފާ އަދާކުރައްވާތާ ޒަމާންތަކެއް ވެއްޖެއެވެ. އެ އޮފީހުން އޭނާއަށް ވަޒީފާގެ ފުރުޞަތު ލިބިވަޑައިގަތީ ވެސް އޭނާގެ އަތުލިޔުން ރީތިކަމުންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، އެމްއެމް އަކީ، އޭނާގެ ނަމުގެ ރަމްޒު އަކުރުތަކެވެ. "މުޞްޠަފާ މުޙައްމަދު"އެވެ. އެ އަކުރުތަކުގެ ފަހަތުގައި އެވާ "އަސްރަފީ"އިން ރަމްޒުކޮށްދެނީ އޭނާގެ އުފަން ރަށްކަމުގައިވާ ކ. ކާށިދޫގައި ހުންނަ އޭނާގެ މައިންބަފައިންގެ ގެކަމުގައިވާ އޭނާގެ ގޭގެ ނަމެވެ. އަސްރަފީގެއެވެ. އެ ނަމުން "ގެ" މި ބައި އުނިކުރެއްވުމަށް ފަހުގައެވެ.

މުޞްޠަފާ މުޙަންމަދު (މެދުގައި) އޭނާގެ ދެ އެކުވެރިއަކާ އެކު:&nbsp; "އީސަ އެމްއެމް އަސްރަފީ" ފޮންޓުގެ އަތުލިޔުންތެރިއަކީ މުޞްޠަފާއެވެ. (ފޮޓޯ: ޢަލީ ޙަސަން (ވިކީ) ވައިބަރު އޮލިއެއްގައި ހިއްސާކުރައްވައިފައިވާ ނަފުސީއަކުން)<br>

މިއީ، ދިވެހިބަހަށް އަދި ބަހުގެ އަދަބިއްޔާތަށް ވެސް މުޞްޠަފާ މުޙަންމަދާއި އީސާ ޝަރީފު ކޮށްދެއްވި ވަރަށް އަގުހުރި މަސައްކަތްޕުޅެކެވެ. މި ދެ ބޭފުޅުންނަށް ވެސް "ފަރަގު" މީޑިއާގެ ފަރާތުން ތަހުނިޔާ އަރިސްކުރަމެވެ. އިތުރު ކާމިޔާބީއަށް އެދެމެވެ. މުޞްޠަފާ މުޙަންމަދު އަވަސް އަކުރުން ލިޔުއްވައިފައިވާ އަތުލިޔުމުގެ މި ފޮންޓު ތަޢާރުފުކުރައްވައިފައި ވަނީ، 2023ވަނަ އަހަރު ޖޫން މަހު 30ވަނަ ދުވަހުއެވެ. މިއީ، މުސްޠަފާގެ އުފަންދުވަސް ވެސް މެއެވެ. މިއީ ވެސް ވަރަށް ބޮޑު އިއްތިފާގެކެވެ.

މުޞްޠަފާ މުޙަންމަދަކީ އާދައިގެ ބޭފުޅެއް ނޫނެވެ. އޭނާއަކީ ހަމައެކަނި އަތުލިޔުން ރީތި ބޭފުޅަކީއެއް ނޫނެވެ. އޭނާއަކީ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރާނޭ ގޮތުގެ މައްޗަށް މީހުންނަށް ތަމްރީނުދެއްވާ ދިވެހިބަހަށް ނުހަނު ކުޅަދާނަފުޅު މުދައްރިބެކެވެ. އަދި އޭނާއަކީ ކުޅަދާނަ ޓައިޕިސްޓެއްކަން ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންނަށް އެނގިވަޑައިގަނޭތޯއެވެ! އޭނާއަކީ ޓައިޕުކުރުމުގެ ކުލާސްތައް ވެސް ހިންގަވާ ކުޅަދާނަ ދާރިސެކެވެ.

މުޞްޠަފާގެ މި ރީތި އަތުލިޔުމުގެ ފޮންޓުތަކާއި އިތުރު އެތައް ލިޔުމެއްގެ ފޮންޓުތައް އީސާ ޝަރީފު ދޫކުރައްވައިފައި މި ވަނީ ދިވެހީންގެ ލާބައާއި މަންފާއަށް ޓަކައި ހިލޭ ސާބަހަށެވެ. މި ދެ ބޭފުޅުންނަށް ހިފެހެއްޓުމެއް ނެތި ޝުކުރެވެ. އައްސަރިބަހާއި ސާބަހެވެ.

މި ފޮންޓު ޢީސާ ޝަރީފް ހައްދަވައިދެއްވީތީ، އަތުލިޔުމުގެ އަކުރުތައް ލިޔުއްވި މުސްޠަފާ ވަރަށް ބޮޑަށް ޝުކުރުވެރިވެވަޑައިގަންނަވައެވެ. މިހާ ބުރަ މަސައްކަތެއް އެންމެ ދެ ދުވަހެއްގެ ތެރޭގައި ވަރަށް ފުރިހަމައަށް ނިންމަވައިދެއްވީތީއެވެ. އެއްވެސް އަގަކާ ނުލައެވެ.

ތިރީގައި މިވާ ލިންކުގައިވާ އީސަގެ ފޮންޓުތަކުގެ ތެރޭގައި އަވަސް ލިޔުމުގެ މި ރީތި ފޮންޓު ހިމެނެއެވެ.

https://easashareef.com/fonts/

____________________________________

ލަފުޒެއްގެ މާނަ:

ފަންނިއްޔާތު  ނ.   (1) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު. (2) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް.

ފޮންޓު     ނ.   (1) އެއް ވައްތަރަކަށް ނުވަތަ އެއް ފަރުމާއަކަށް ޗާޕުކޮށްފައި ހުންނަ އަކުރުތަކުގެ ސެޓެއް. (2) ބަހެއް ލިޔާން ބޭނުންކުރާ އަކުރު، ތަފާތު ފަރުމާތަކަށް ތައްޔާރުކޮށްފައިވާ އެ ބަހެއްގެ އަލިފުބާގެ މުޅި އަކުރު ސެޓު (3) ފެން ނުވަތަ އެހެން އެއްޗެއް އަޅާން ތައްޔާރުކޮށް ފައްޅިތަކުގައި ގެންގުޅޭ ފެހާމާނެއް. ("ފޮންޓު" މި ލަފުޒު އަދި ރަދީފަކު ނެތެވެ.)

Advertisement

ކޮމެންޓް
ރިޟުވާނު
އަގުހުރި މަސައްކަތެއް.
09 Mar 2024