Advertisement

އުފަލުގައި އުޅޭކަށް ފައިސާއެއް ބޭނުމެއް ނުވެޔޯލައެވެ!

07 Mar 2024 | 15:21
ަފަގީރަކު ގަދަކަމުން ހިނިތުން ކުރުވުން.


ޑރ. ޢަބްދުލްޣަފުރު ޢަބްދުއްރަޙީމް

ފަގީރަކު ބުންޏެވެ. "މުޅި އުމުރު އަހަރުމެން ހޭދަކޮށްލީ ރުއިމާއި ވޭނުގައެވެ. ކާނެ، ބޯނެ، ލާނެ، އެއްޗެއް ނެތިއެވެ. ހަލާކުވެ ވީރާނާވެގެން ވެއްޓިފައި ހުރި ޖިފުޓިގަނޑެއްގައެވެ. ދެން، ފޮޓޯ ނަގާ މީހަކު އައިސް އަހަރުމެންނާ އެކު ފޮޓޯއެއް ނަގަމުން ހީނލާށޭ ބުނީމާ ހީނލީމެވެ. ދެން ޚަބަރު ފަތުރާ (މީޑީއާގެ) ވަސީލަތްތަކުގައި، އެ ފޮޓޯ ޖަހައިފައި ފޮޓޯގެ ދަށުގައި ލިޔެލައެވެ. 'ހިނިތުންވެ، އުފަލުގައި އުޅޭކަށް ފައިސާއެއް ބޭނުމެއް ނުވެއެވެ!'

އާދޭހެވެ! މިއީ ހަމައެކަނި ފޮޓޯގުރާފަރުންގެ ކަންތައް ހުންނަ ގޮތެއް ނޫނެވެ. އިންތިހާޒީ (އޮޕޯޗުނިސްޓިކް) ސިޔާސީ ވެރީންގެ ވެސް އުކުޅެވެ. ވޯޓު ދުވަސް ވަރު، ޚާއްސަ ގޮތެއްގައި، އެ މީހުންނަށް ފަގީރުން ފެނެއެވެ. ފަގީރުން އުޅޭ ތަންތަނަށް އެ މީހުން ދެއެވެ. ފަގީރުންނާ މަސްހުނިވެ، އެއް މޭޒުމަތީން ކައިހަދައެވެ.

ނަމަވެސް، މި ފަދަ އިންތިހާޒީ ސިޔާސީވެރީން އެނބުރި ދާނީ އެ މީހުންގެ ގަނޑުވަރުތަކަށެވެ. ހުއްދަ ގޮތުގައްޔާއި ހުއްދަ ނޫން ގޮތުގައި ބައިތުލް މާލުންނާއި 'ޑީލްތަކުން' ނަގައި ލިބޭ ފައިސާއިން، އެމީހުންގެ ބޭނުންތައް، އެއްވެސް ފިކުރެއް ނެތި، އެ މީހުންނަށް ފުއްދައިލެވޭން އޮވެއެވެ. ބޭނުން ތަނަކަށް ބޭނުން ވަގުތެއްގައި ދަތުރުކޮށްލެވެއެވެ. އެމީހުން ގެންގުޅޭ ބުޅާގަނޑަކަށް، ކަމެއް ވިޔަސް، އެ މީހުން ބޭނުން ނަމަ، ވިލާތަށް ގެންގޮސް ގެން ވެސް ބޭސްކުރެވޭނޭ ގޮތް އޮވެއެވެ.

ދެން، މިފަދަ މީހުން، ދަނޑިވަޅު ބަލައިފައި ނިކަމެތީންނަށް ޒިޔާރަތެއްކޮށްލައި މަސްހުނިވެ އުޅުމުން، ޖާދޫއެއްގެ ބާރުން، ނިކަމެތީންގެ ހާލު ބަދަލު ވެގެންދާ ކަހަލައެވެ. ކައި ބޮއި ހަދައި، އުނު އޮރިޔާން ނުކުރެވި ތިބި މީހުންގެ އެ އަސާސީ ބޭނުންތައް ފުދުނު ކަހަލައެވެ. ބޯ ހިޔާކޮށްލާނޭ ގޮތެއް ނެތް މީހުންނަށް އެ ކަންވަނީ ކަހަލައެވެ. ނޫނީ ތަސްވީރުގައި ބުނާ ފަދައިން، ނިކަމެތީން އުފަލުގައި ހިތްހަމަޖެހިގެން އުޅޭކަށް، ކާން ބޯކަށް، އުނިއޮރިޔާން ނިވައިކޮށް ބޯހިޔާކުރާކަށް ނުޖެހޭ ކަހަލައެވެ! ތިމަންމެނަށް އެއްލަކަ ރުފިޔާގެ މުސާރައިން ނޫނީ ދިރި ނޫޅެވޭ ވާހަކަ ބުނާ އިރު، ނިކަމެތި މީހާއަށް ފަސް ހާހުގެ މުސާރައިން އުޅެވޭން ޖެހޭނޭ ކަން މިފަދަ މީހުން ގަބޫލުކުރެއެވެ.

ދެން ހެއްޔެވެ؟ ދެން ކުލީ ގަލަންތަކާއި ކުލީ ދޫތަކުގެ ވެރީން، މި ބަޔާންކުރި ފަދަ ސިޔާސީ އިންތިހާޒީން ނިކަމެތިންނަށް ހަމްދަރުދީވާ ވާހަކަތައް ދައްކައި ލިޔެ، އިޝްތިހާރުކޮށް ހަދައެވެ. ނަމަވެސް، ކަންތައް އޮންނަނީ އެ އޮންނަ ގޮތެއްގައެވެ. ހަގީގަތް ބަދަލެއް ނުވެއެވެ. އިންތިހާޒީ ސިޔާސީ ވެރީންގެ މި ފަދަ މުނާފިގު ޒިޔާރަތަކުން ނިކަމެތީންގެ ނިކަމެތިކަން ފިލައެއް ނުދެއެވެ. އާދޭހެވެ! މި ދުވަސްވަރަކީ މި ފަދަ ޒިޔާރަތްތަކާއި އޭގެ ފޮޓޯތައް ދައުރުވެ، އެކަމާ ބެހޭ ލިޔުންތައް ގިނައިން ފެންނަ ދުވަސްވަރެކެވެ!

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް