Advertisement

ސަޢުދީ ސަރުކާރުން އެހީތެރިވަނީ ހަމައެކަނި މުސްލިމު ގައުމުތަކަކަށް ނޫނެވެ.

07 Mar 2024 | 12:24
ސުޢޫދީ ޢަރަބިއްޔާއިން ސްރީލަންކާއަށް ކަދުރު ހަދިޔާކުރަނީ (ފޮޓޯ: ނިއުސްވަޔަރ)

"ފަރަގު" ބައިނަލްއަޤުވާނީ މުރާސިލު

ކޮންމެ ރޯދަމަހަކާ ދިމާކޮށް ސުޢޫދީ ރަސްކަމުން މުސްލިމުންނަށް އެހީތެރިވަމުން ގެންދަވައެވެ. ޚާއްޞަކޮށް ރޯދަވީއްލުން ސުންނަތް އެއްޗެއްކަމުގައި ކަދުރު ވާތީ، ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ކަދުރު ފޯރުކޮށްދެއްވޭތޯ ސުޢޫދީ ރަސްކަމުގެ ފަރާތުން ބައްލަވައެވެ. މި މަސައްކަތް ޚާދިމުލްޙަރަމައިނިއްޝަރީފައިނި އަލްމަލިކު ސަލްމާނު އިބްނި ޢަބްދުލްޢަޒީޒުގެ ފަރާތްޕުޅުން މިހާރު ކުރައްވަނީ "ދަ ކިންގު ސަލްމާން ހިޔުމަނިޓޭރިއަން އެއިޑް އޭންޑް ރިލީފް ސެންޓަރު"ގެ ފަރާތުންނެވެ.

މި އެހީދެއްވުމުގައި ވަކި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމަކަށް ސަޢޫދީއަކުން ނުބައްލަވައެވެ. މުސްލިމު ގައުމެއް ނޫނަސް އެ ގައުމެއްގައި އުޅޭ މުސްލިމުންނަށް މި ޚިދުމަތް ފޯރުކޮށްދެއްވާން އެ ގައުމުން ވިސްނަވައެވެ. މި ގޮތުގެ މަތީން ދެ ޙަރަމްފުޅުގެ ޚާދިމް ސަލްމާނު ރަސްގެފާނުގެ ނަންފުޅުގައި ސްރީލަންކާއަށް 50 ޓަނުގެ ކަދުރު އިއްޔެ ހަވާލުކޮށްފިއެވެ.

ސްރީލަންކާގައި ހުންނަ ސުޢޫދީ ޢަރަބިއްޔާގެ ސަފާރާއިން ވިދާޅުވާ ގޮތުގައި ރަސްމީ ގޮތުން މި ހަދިޔާ އިއްޔެ ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކާ ޙަވާލުކުރެއްވީ އެ ގައުމުގެ މުސްލިމުންގެ ދީނީ އަދި ސަގާފީ ކަންތައްތަކާ ބެހޭ ޑިޕާޓްމެންޓްގައި ބެއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ސަޢުދީ ޢަރަބިއްޔާއިން ސްރީ ލަންކާއަށް ކަނޑައަޅުއްވައިފައިވާ ސަފީރު އައްސައްޔިދު ޚާލިދު ޙަމޫދު އަލްކައްސާނީއެވެ. ސްރީލަންކާގެ ފަރާތުން މި އެހީއާ ޙަވާލުވެވަޑައިގަތީ މިނިސްޓްރީ އޮފް ބުއްދާސަސަނާ، ރިލިޖަސް އެންޑް ކަލްޗަރަލް އެފެއަރޒްގެ ސެކްރެޓަރީ ސޮމަރަތުނަ ވިތަނަޕަރިރާނައާއި ޑިޕާރޓްމެންޓް އޮފް މުސްލިމް ރިލިޖަސް އެންޑް ކަލްޗަރަލް އެފެއަރޒްގެ ޑިރެކްޓަރ ޒައިނަލް ޢާބިދީން ފައިޞަލެވެ.

މި ރަސްމިއްޔާތުގައި ސްރީލަންކާއިން ސައުދީއަށް ކަނޑައަޅުއްވައިފައިވާ ސަފީރާއި، ސްރީލަންކާގައި ހުންނަ ސުޢޫދީ ސަފާރާގެ އިސް މުވައްޒަފުންނާއި ލަންކާގެ ކަމާބެހޭ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. (ޙަވާލާ: ނިއުސްވައިރ)

Advertisement

ކޮމެންޓް