Advertisement

ކަރުނައިގެ އަސަރު (3)

06 Mar 2024 | 22:04
ކަރުނައިގެ އަސަރު

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

(2024 ފެބްރުވަރީ 29ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)

_________________________________________________________

               ބޮޑާ ރީތި ކުދީންގެ ހަށިގަނޑަކީ އައިސް ގަނޑެކެވެ.

                    ހޫނު އަތުގެ ހޫނުން ގިރައިލައެވެ.

_________________________________________________________

ހޮނިހިރުދުވަހުގެ ރޭ ރެސްޓްހައުސްގެ ވާނުވާ ނޭނގޭ ސިއްރުތަކާއި ފަޅުކަމާއި ހިމޭންކަމުގެ ސަބަބުން ފުނޑުފުނޑުވެގެން ދިޔައެވެ.

ރަޢުނާ ހުރީ މުޅީން ތެމި ފޯވެފައެވެ.

ޚާނު އަކުބަރު ރެސްޓްހައުސް ތައްޔާރުކޮށްފައިވަނީ  އެކި ކުލަކުލައިގެ ލައިޓްތަކުން ވާދީން އަންނަ އަލިކަން އެކުވާ ގޮތެއްގައެވެ. އެތަނަށް އެޅިފައިވާ އަލީގެ ކުލަތައް ހީވަނީ، އެ ފަނޑު ކުލަތަކާއި ވިލާގަނޑުގެ ކުލަތަކުން އުފައްދައިފައިވާހެނެވެ.

ޚާނު އަކްބަރުގެ އަންހެނުން ---------------

އޭނާ ފެންނަނީ ދެންމެ ދެންމެ ކައިވެނި ކުރި މީހެއްފަދައިންނެވެ. އެތާނގައި ތިބި އެންމެން ބަލަމުންދިޔައީ އޭނާގެ މޭކް-އަޕް ކޮށްފައިވާ ގޮތަށެވެ. އޭނާ މޭކް-އަޕް ކޮށްފައިވަނީ މީހުން ނުބަލައިވަރަކަށް ނޫނެވެ.

އެކަމަށް އިސްކަންދިނުމަކީ އޭނާ ހިތްހަމަޖެހޭ ކަމަކަށްވުން އެކަށީގެންވެއެވެ.

ވަރަށް ރީއްޗެވެ. --------

އެކަމަކު އަމިއްލަ އެދުން ބޮޑެވެ. ތިމާއަށް ތިމާ ފެނިފައި ހުންނަ އަންހެނެކެވެ.

އޭނާ އާދައިގެ ދިރިއުޅުމެއް އުޅުމަށް ލަދުގަނެއެވެ. އަބަދުވެސް ބޭނުންވަނީ މުއްސަނދި ދިރިއުޅުމެވެ.

ޢިމާރާތުގެ އުސްމިނަށް ބަލައި އޭނާގެ ފެންވަރު މަތިން ހަނދާން ނެތި ވަރަށް ބޮޑަށް ބޮޑާވެއެވެ.

ކޮންމެވެސް ވަރަކަށް ހަރުކަށި ސިފަ ރަޢުނާގެ ކިބައިގައި ހުއްޓަސް އޭނާގެ ޢުމުރުންވާނީ ވިހި ބާވީސް އަހަރެވެ.  ދެމީހުންގެ ނިޔަތްވެސް އެކައްޗެކެވެ.

ބައެއްފަހަރަށް ރަޢުނާއަށްވެސް ޙަމަލާ އަންނާނެއެވެ.

އެއީ ފަޤީރުކަންމަތީ އުޅުނު މީހަކަށް ލިބިފައިވާ މުއްސަނދިކަމުން ބައެއް ގެއްލިދާނެތީއެވެ.

އެހެންވީއިރު ފުރިހަމަ ފައިދާ އޭނާ ނުނެގީ ކީއްވެހެއްޔެވެ؟

ބުނާނެ އެއްޗެއް ނެތެވެ. ------- އޭނައަށް ވުރެ ރީތީހެއްޔެވެ؟

އޭނާވެސް އަހުލުވެރިވީ އޭނާގެ ރީތިކަމާ ޒުވާންކަމަށް ފަހުގައެވެ.

އެހެންނޫންނަމަ، ޚާން އަކްބަރުގެ ކަރުދާސް ގަނޑަކަށް އޭނާއަށް ވެވޭނީ ކިހިނެއްހެއްޔެވެ؟

ދެން ހުރީ ގޭގެ ޚާދިމާއެވެ.

ނަސީބުވެރިއެކެވެ. --------- ޒުވާންކޮށް ހުރުމަށް ވަރަށް މަސައްކަތް ކުރަމުންދެއެވެ.

ދެން ހުރީ ރަޢުނާގެ އެކުވަރިއެކެވެ. އޭނާ އައީ އޭނާގެ މައިން ބަފައިންގެ ހުއްދަލިބިގެން ރަޢުނާއާއެކު ޗުއްޓީ ހޭދަކުރުމަށެވެ.

އޭނާގެ ނަމަކީ ނިސްރީނެވެ.

ލާނެތްކަމުގެ ޠަބީޢަތުގެ ވެރިއެކެވެ.

އޭނާއަކީ ރަޢުނާގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން އެކަކެވެ.

މި ފަސް މީހުން ރާވައިފައި ވަނީ ހޫނު މޫސުމުގައި  އަވަށުގެ މި ތާނގައި އެއް މަސްދުވަހުގެ ޗުއްޓީ ހޭދަކުރުމަށެވެ!

ޚާން އަކުބަރު އެމީހުންނާއެކުއެއް ނާދެއެވެ. ------ އޭނާ ކޮންމެވެސް ކަމެއް އޮތީމާ، ސިޓީގައި މަޑުކުރީއެވެ.

އޭނާ ބައެއް ފަހަރަށް އެމީހުންނާއެކު އާދެއެވެ.

ކޮންމެ ގޮތެއްވެސް ރެސްޓްހައުސް އާބާދު ވެއްޖެއެވެ. އެ ވީރާނާވެފައިވާ ތަނުން މިހާރު އިވެމުންދަނީ ހުނުމާއި މަޖާކުރުމުގެ އަޑެވެ.

ޢާމިރު -----------------!

އޭނާ ހުރީ އެތާނގައިވާ އުސްތަނަކަށް އަރައިގެން ރެސްޓްހައުސްއާ ދިމާއަށް ބަލާށެވެ. އޭނާއަށް މިދިމާވަނީ  އުނދަގޫ ވަގުތަކާއެވެ.

ފުންކަން ބޮޑުވުމުގެ ހިޔަނިތައް އޭނާގެ ލޮލުގައި ނަށަމުން ދިޔައެވެ.

ސިޓީއިން އަވަށް އޭނާ އައީ މިއަދުއެވެ.

ރާޖީގެ މޫނުމަތިން ފެންނަ މާޒީގެ ވިހަ ލަކުނުތަކުގެ ސިއްރު އޭނާ ހޯދަމުންދާތާ ދުވަސްކޮޅެއްވެއްޖެއެވެ.

އެއީ އޭނާއަށް ވޭންދެނިވި ކަމެކެވެ.

އޭނާ ދުވަސްތަކާއި ރޭތައް ހޭދަކުރަމުންދަނީ އެކަމަށް ވިސްނުމުގައެވެ.

އޭނާ އަރައިގެން ހުރި އުސްތަނުން ފައިބައިގެން އެތާނގެ ކައިރީގައި ކޮޅަށް ހުއްޓެވެ.

ރެސްޓްހައުސްގައި ވިދަމުންދާ އަލިކަމުން އެތަން ފެންނަނީ އާދަޔާ ޚިލާފު ގޮތަކަށެވެ.

ޢާމިރު އެތާނގައި ވަރަށް ގިނައިރު ހުރުމަށް ފަހު، ރެސްޓްހައުސްއާ ދިމާއަށް ބާރަށް ހިނގަން ފެށިއެވެ.

އޭނާ ---------- މިވަގުތު ހުރީ އޭނާގެ އަވަށުގެ ހެދުމެއްކަމުގައިވާ ޤަމީހާއި ޝަލްވާރުގައެވެ. ކަރުގައި ރަތް ކުލައިގެ ރުމާލެއް އައްސާލައިފައި އޮތެވެ. އޭނާ ބާރު ބާރަށް ރެސްޓްހައުސްއާ ދިމާއަށް ދިޔައެވެ. އޭނާގެ ކަންފަތުގައި ރެސްޓްހައުސްގެ މިއުޒިކްގެ އަޑު ޖެހެމުންދިޔައެވެ.

އެ އަޑުގެ ވެރިޔަކީ މިއުޒިކަށް ލޯބިކުރާ މީހަކަށް ވުން އެކަށީގެންވެއެވެ. ނަމަވެސް ނަށަމުންދާ މީހާއަކީ ރީތި ހަށިގަނޑެއްގެ ވެރިއެކެވެ.

ޢާމިރުހުރީ މިފަދަ ޚިޔާލެއްގައެވެ.

ޢާމިރު ރެސްޓްހައުސްއާ ކައިރިވިވަރަކަށް މިއުޒިކް އަޑު ގަދަވަމުންދިޔައެވެ. މިއުޒިކް ހިތްގައިމު އަޑު މުޅި  ފަޒާއަށް ހަނދުގެ އަލިކަން ފަދައިން ވަނީ ފެތުރިފައެވެ.

ޢާމިރު ރެސްޓްހައުސްގެ ފަހަތުގައި ހުރުމަށް ފަހު، ކުރިމަތިން ނުކުމެގެން އަތުވެއްޖެއެވެ.

އޭނާގެ ކަންފަތުގައި ޖެހެމުންދާ މިއުޒިކީ ރާގުތަކުން އޭނާ ކައްކަމުންދިޔައެވެ.

އޭނާ ބާރު ބާރަށް އެ އަޑު އަންނަ ދިމާއަށް ދިޔައެވެ. އަޑުގެ މިސްރާބު އޭނާއަށް ލަފާ ކުރެވުނެވެ. އެހެންކަމުން އެނބުރި ކޮޓަރިއާ ދިމާއަށް އޭނާ ދިޔައެވެ.

އެއީ އޭނާގެ މަންޒިލެވެ. -------!

ހުޅުވިފައިވާ ދޮރުން ފަނޑު އަލިކަން ބޭރަށް ވަނީ ފެތުރިފައެވެ. އޭނާ ދޮރުގެ ކައިރީގައި ހުރީ ވަރަށް މަޑު  މަޑުންނެވެ. ވަގުތު ކޮޅެއް ލިބޭ އިރަށް އޭނާ ފަރުވާލެއްނެތް ގޮތެއްގައި ދޮރުގައި ލެނގިލިއެވެ.

ކޮޓަރީގައި އަޅާފައިވާ ދޫލަ މަތީގައި ރީތި ޒުވާން ދެހަށިގަނޑެއް މިއުޒިކަށް ތެޅިފޮޅެމުންދާތަން އޭނާއަށް ވަރަށް ރަނގަޅަށް ފެނުނެވެ.

ދެކުދިންގެ ތެރެއިން އެކަކީ ޚާން އަކްބަރުގެ ދަރިފުޅު ރަޢުނާއެވެ. ------- ދެވަނަ ކުއްޖަކީ ނިސްރީނެވެ. ނިސްރީނަކީ ރަޢުނާއާއެކު އައި ރަޢުނާގެ އެކުވެރިއެކެވެ. ------

ޢާމިރަށް އެންމެ ފުރަތަމަ ބަލައިލެވުނީ ނިސްރީނަށެވެ. އަދި ކުއްލިއަކަށް ރަޢުނާއަށް ބަލައިލިއެވެ. ------

މިއުޒިކުގެ ހިތްގައިމު އަޑު ކެނޑިއްޖެއެވެ. -------- އަދި ކޮޓަރީގެތެރެ ހަމަހިމޭންވެއްޖެއެވެ.

ކޮޓަރީގެ މިއުޒިކް ކެނޑުމާއެކު ކުޑައިރުކޮޅެއްގެ ކުރިން ވާދީގެ ތެރޭގައިވާ މިއުޒިކް އަޑުވެސް ކެނޑިއްޖެއެވެ.

ރަޢުނާއާއި ނިސްރީނު ހައިރާންކަމާ އެކު އާމިރަށް ބަލަމުން ގެންދިޔައެވެ.

ޢާމިރުގެ ހެދުމާއި ކަރުގައި އޮޅާލައިފައިވާ ރަތްކުލައިގެ ރުމާލުން ފެނުނީ ބަހާރު މޫސުމެކެވެ. ހީވީ ކުއްލިއަކަށް އުޑުން ޝެހެޒާދީއެއް އައިހެނެވެ.

"ކަލެއަކީ ކާކުހެއްޔެވެ؟ -------------- "

ޢާމިރަށް ބަލަހައްޓައިގެން ހުރެ ރަޢުނާ ބުންޏެވެ.

"ޢިޝްޤު -------------- "

ޢާމިރު ހިނިތުންވެލިއެވެ.

އެއަށް ފަހު، ރަޢުނާގެ މޫނަށް ނަޒަރު އަމާޒުކޮށްލިއެވެ.

ނިސްރީނު އަވަސްއަވަހަށް އޭނާގެ ލޮލުގެ ކަޅި ފޮރުވައިލިއެވެ. އަދި ޢާމިރުގެ ޖަވާބުން ރަޢުނާ ކުޑަކޮށް ސިހިގެންދިޔައެވެ.

"އަހަރެން މިއެހީ ނަމަކީ ކޮބައިހޭ ---------؟"

ބޮޑާކަމާއެކު ރަޢުނާ ބުންޏެވެ.

"ޅެން ބައިތެއް ކިޔައިލަންތަ --------------- ؟"

ޢިޝްޤު ބުންޏެވެ. އަހަރެން މޮޔަވީ ރީތިކަމަށް ޓަކައެވެ.

ދުވަހަކު ވެސް ބުލްބުލް ދުވަހަކު ވެސް މާބުރު އަދި ދުވަހަކު ވެސް ޕަރުވާނާއެއްނޫނެވެ.

"ދުރުވީ ކޮންތާކުންތޯއެވެ؟"

ނިސްރީނު ލާނެތްގޮތެއްގައި ބުންޏެވެ.

"އުޑުންނެވެ. ------------ އިންސާނިއްޔަތުކަމުގެ ނޭވާ ކެނޑިފައިނުވާ ތަނެކެވެ. ރީތި މީހުން ލޯބީގެ ނަމުގައި  އުޅެން އެދޭ ތަނެވެ. ލޯބީގެ ނަމުގައި ޤަރުނެއްތަކެއް ވަންދެން އެމީހުން އުޅެން ކެތްމަދުވެފައިވާ ތަނެވެ. -----"

"ވަރަށް ރަނގަޅު ----------!"

ނިސްރީނު އުޖާލާ ގޮތެއްގައި ބުންޏެވެ.

އަނެއް ކޮޅުން ރަޢުނާ، ޢާމިރަށް ވަރަށް ތޫނު ގޮތެއްގައި ބަލަމުންދިޔައެވެ.

ދެ ތުންފަތް ފިއްތައިގެން ހުރެއެވެ.

އަދި ކަރުގެ ނާރުތައް ދުޅަވާ ފަދަ ގޮތެއްގައެވެ.

ޢާމިރު ނިސްރީނަށް ބަލައިކަމަށް ހަދައިގެން ބަލަމުންދިޔައީ ރަޢުނާގެ މޫނަށެވެ.----------- އޭނާ ލޯ މަރައިލުންވެސް ފާފައެއްގެ ގޮތުގައި ދެކޭ ފަދައިންނެވެ.

މި ބެލުންތައް ކޮންމެހެން ބޭނުންވާ ވަރަށް ބޮޑަށް ފަޟީޙަތްވާ ބެލުންތަކަކަށް މިހާރު ރަޢުނާއަށް ވެއްޖެއެވެ.

ރަޢުނާ ބުންޏެވެ.

"މި ތަނަށް އައުމުގެ މަޤްޞަދަކީ ކޮބައިހެއްޔެވެ. -----؟"

"މާތައް ވާ ތަނަކަށް މާބުރު ނާންގޮތަކީ ނެތްގޮތެކެވެ."

ޢާމިރު ހުރީ ރަޢުނާގެ ލޮލަށް ސީދާ ބަލާށެވެ. ރަޢުނާ ވަގުތުން ރުޅި އަތުވެއްޖެއެވެ.

"ގެޓް އައުޓް ފްރޮމް ހިޔަރ -------"

ޢިޝްޤު ބޭނުންވަނީ ތިބާގެ ހިތުގެ ތެޅުން އަޑު އަހާށެވެ. އަދި އެކަންކަން ވިސްނި ދުނިޔޭގެ ހުރި އެހެންކަންކަމަށް ބީރު ކަންފަތެއް ދޭށެވެ.

ޢާމިރު ހިނިތުންވެލިއެވެ.

"ވޮންޑަރ ފުލް --------"

ނިސްރީނު ބުންޏެވެ.

"ޝަޓް-އަޕް ------- " ރަޢުނާ، ޢާމިރާ ދިމާއަށް ބަލައިލަމުން ބުންޏެވެ.

"އުނހޫ ----- ލޯތްބާއެކު ވާހަކަދައްކާށެވެ. ------- ބުއްދިވެރިކަމާއެކުވެސް ޖަވާބުދެވިދާނެއެވެ. -------- "

ނިސްރީނު މަކަރުވެރި ގޮތެއްގައި ޢާމިރަށް އިޝާރާތްކޮށްލާން ހަނދާން ނެތުނު ކަހަލައެވެ.

އަދި ޢާމިރު މަޑު މަޑުން ހިނިތުންވެލިއެވެ.

އޭގެ ކުރިން ރަޢުނާ ޢާމިރަށް ނިސްބަތްކޮށް އެހެން ވާހަކައެއް ބުނަން ބޭނުންވިއެވެ.

ނަމަވެސް އޭގެ ކުރީން ޢާމިރު ވާހަކަ ދައްކާން ފެށިއެވެ.

"އަހަރެމެންނަށް ވެސް ތިޔަ އާދަތައް ކަމުދެއެވެ. ދިރިއުޅުމަކީ ލޯތްބެވެ. އަހަރެމެން ދިރިއުޅެނީ އެ ލޯބީގެ އަގު އަދާކުރުމަށް ޓަކައެވެ."

ރަޢުނާ ރުޅިއައިސްގެން ވަރަށް ބާރަށް ދެތުންފަތް ފިއްތައިލިއެވެ.

އަނެއްކޮޅުން ޢާމިރުގެ ތުންފަތުގައި ހިނގަމުންދާ ހިނިތުންވުން ބުނާ ކަހަލައެވެ.

އެވަގުތު ނިސްރީނު އެއްޗެއް ބުނަން ބޭނުންވިއެވެ.

ނަމަވެސް އޭގެ ކުރިން އޭނާ ކުއްލިއަކަށް ސިއްސައިގެން ދިޔައެވެ.

އެއްޗެއްގެ އަޑުން އެމީހުންގެ ކަންފަތުގައި ތަޅަމުންދާ ކަހަލައެވެ.

އެއަޑު އަންނަނީ ރެސްޓްހައުސްގެ ފަހަތުންނެވެ.

އިވެމުންދަނީ ކޮންމެވެސް މީހެއްގެ ފައިގެ ގިގުނިފަތީގެ އަޑުހެން ހީވެއެވެ.

އެހެންނަމަވެސް ގިގުނިފަތީގެ އެ އަޑުން ރޭގަނޑު ދަންވަރު އެންމެން ޝައުޤުވެރި ކުރުވައިފިއެވެ. ------

އެ އަޑު އިވުމުން ޢާމިރުގެ އެތެރެހަށީގައި ވޭން އަޅަންފެށިއެވެ. ------- އެހެންނަމަވެސް އޭނާގެ އަމިއްލަ ނަފުސު ކޮންޓްރޯލު ކުރިއެވެ.

"އެ އިވެނީ ކޮންއަޑެއްހެއްޔެވެ؟ ------------ "

ނިސްރީނު ޙައިރާންވެފައި ބުންޏެވެ. -------

"އެއީ ގިގުނިފަތީގެ އަޑެވެ. -------- "

ތުންފަތް ތުރު ތުރު އަޅަމުން ހާސްވެފައި ހުރެ، ޢާމިރު ބުންޏެވެ.

"ކަލޭ އޭނާ ދަންނަމުހެއްޔެވެ ------------- ؟"

ނިސްރީނު ސުވާލުކުރިއެވެ.

"އޭނާ ނޭނގެންވީ ކީއްވެހެއްޔެވެ---------- ؟ އަހަރެން ކީއްކުރަންހެއްޔެވެ؟ އަވަށުގެ ކޮންމެ މީހަކަށްވެސް އެކުއްޖާ އެނގޭނެއެވެ ------- "

"ކާކު -------- ؟"

ކަމެއް އޮޅުންފިލުވާން ބޭނުންވާ ގޮތެއްގައި ނިސްރީނު ބުންޏެވެ.

"އެއީ ޒަޚަމް ވެފައިވާ ފުރާނައެކެވެ. އޭނާ އެހުރީ ބަދަލު ހިފުމަށް ކެތް މަދުވެފައެވެ. އޭނާ ރޭގަނޑު  ހަތަރުދަމު އުޅެނީ އާވާރާވެފައިވާ މީހެއްގެ ގޮތުގައި އެތަން މިތާނގައި އެނބުރި އެނބުރިއެވެ. އޭނާ އެނބުރެމުން ސެނބުރެމުންދަނީ އިންސާނާގެ ބޮޑާކަން، އޭނާގެ ފައިދަށުގައި މަރުވަން އެދޭ ފަދަ ގޮތެއްގައެވެ."

"ކީއްވެހެއްޔެވެ؟"

ނިސްރީނު ޙައިރާންވެގެން ލޯ މަރައިލިއެވެ.

"އަދި ކަލޭ މި އަވަށަށް އާވާނެއެވެ. -------- އެހެންކަމުން އަހަރެންގެ ވާހަކަ ނުވިސްނިދާނެއެވެ. ------ ދެން ޢާމިރު ބުންޏެވެ.

މަޑު މަޑުން ހުރިހާކަމެއް ރަނގަޅުވެދާނެއެވެ.

"ރަނގަޅުވާނީ ކޮންކަމެއްހެއްޔެވެ ------------ ؟'

ޢާމިރު ހިނިތުންވެލަމުން ބުންޏެވެ.

"މަޑުކޮށް ބަލާށެވެ. ------- އަހަރެން ބޭނުންވަނީ ހަމައެކަނި އެމީހުންނާ ވާހަކަ ދައްކާށެވެ.-------- "

"އެމީހުންނާ ކީއްވެހެއްޔެވެ.-------- ؟"

ނިސްރީނު ބުންޏެވެ.

"އުފަންވީއްސުރު އުޅެނީ އެކުގައެވެ. -------"

ޢާމިރު ކަމެއް ސިއްރުކުރާފަދަ ގޮތެއްގައި ބުންޏެވެ.

"ނޯކަރު ގެނެސް ކަލޭ ބޭރަށް ނެރެންވީހެއްޔެވެ؟"

"ނޯކަރު ހޯދީ ކޮންތާކުންހެއްޔެވެ؟ ------- އަހަރެންނަށްވުރެ ބާރުގަދަވާނެ ނޯކަރެއް އެބަހުރިއްޔެވެ؟ ------- ހުރިއްޔާ ތިއީވެސް ކުރެވޭނެކަމެއްތޯ މަސައްކަތްކޮށްލަ ބަލާށެވެ."

ޢާމިރު ބޭނުމެއްނެތް ގޮތެއްގައި ބުންނެވެ.

ރަޢުނާ، ޢާމިރުގެ ފައިތިލައިންފެށިގެން ރަނގަޅަށް ބަލައިލިއެވެ. --------- ދެން ޢާމިރު ބުންޏެވެ.

"ކަލޭގެ ކޮންމެ ސްޓައިލެއް ---------- އަދި އެ އޭންގަލުން އަހަރެން ހުރިހާ ލޯތްބެއް ހޯދާނަމެވެ."

"ޝަޓް-އަޕް -------!" ރަޢުނާ ހަޅޭލަވައިގަތެވެ.-------

"ތި ސްޓައިލުވެސް އަހަންނަށް ކަމުދެއެވެ. -------- " ޢާމިރު ހިނިތުންވެލިއެވެ.

"ކަލޭ މިތަނުން މިހާރު ދާނީ ހެއްޔެވެ؟ ނޫނީ ----------- "

"އަހަރެން މި ތަނަށް މި އައީ އަހަރެންގެ އިޚްތިޔާރަކު ނޫނެވެ. -------- ތިބާގެ ތިޔަ ހުންނަ ގަޔާވާ ސިފަތަކުން އަހަންނަށް އަންނާން މަޖުބޫރުކުރުވީއެވެ. ތިބާގެ ރީތިކަމަކީ އާދަޔާ ޚިލާފު ރީތިކަމެކެވެ. އެންމެ ކުޑަމިނުން ރަނގަޅަށް ލޯ ހުޅުވައިލައި އަހަންނާ ހަމައަށް އައިސްބަލާށެވެ. އެހެންނޫނީ އަހަރެން ހުސްއަތަކާ ނުދާނަމެވެ. -------- "

"މާނައަކީ ----------- " ރަޢުނާ ހަޅޭލަވައިގަތެވެ.

"ތިބާގެ ރީތިކަމަށްޓަކައި އެތައް ހާސް ފަހަރަކު ވެސް ހާޒިރުވެދާނަމެވެ. ------- ކުޑަކޮށް ހިނިތުންވެބަލާށެވެ. ތިބާގެ ހިނިތުންވުމުން އުފާ ލިބިގަންނަން ބޭނުންވެއެވެ. ------- އެ އުފާ ލިބުމުން މިހާރު ވެސް މި ތަނުން ދާނަމެވެ. -------- އެހެނީ އެއީ އަހަރެންނަށް ޓަކައި ދިރިއުޅުމުގެ ރައުސްމާލެވެ." ޢާމިރު ބުންޏެވެ.

ރަޢުނާގެ މޫނު ރަތްވަމުންދިޔައެވެ.

ޢާމިރު، ނިސްރީނަށް ބަލައިލުމަށް ފަހު ބުންޏެވެ.

"ގޯސްކޮށް ނުވިސްނަންޗޭ އިނގޭ ------- ޖެހިގެން ހުރި ކޮޓަރިއަށް ވަންނަމާހެއްޔެވެ ---------- ؟"

ނިސްރީނުގެ ލޯބި ދެލޮލުން ޢާމިރަށް ބަލާން ހުރެފައި ބުންޏެވެ.

"ޝުކުރިއްޔާ -----------! ކަލޭގެ ޚިޔާލަށް ޤަދަރު ކުރަމެވެ. ------" ޢާމިރު ހިނިތުންވެލިއެވެ.

"ހަމައެކަނި ޤަދަރުހެއްޔެވެ؟" ނިސްރީނަށް ކުޑަކޮށް އުނދަގޫވިއެވެ.

"އާއެކެވެ. -------------- އަހަންނަށް ހަމައެކަނި ކުރެވޭނީ ޤަދަރާ އިޙްތިރާމެވެ. ބާކީ ހުރި ހުރިހާ އެއްޗެހި އަހަރެން އަތުގައި އެބަހުއްޓެވެ. ----------- އެ އެއްޗެހި ވަނީ އޭނާއަށްޓަކައި އަހަރެން ޚާއްޞަ ކޮށްފައެވެ."

ޢާމިރު ދޮރުގައި ރަނގަޅަށް ލެނގިލަމުން، ރަޢުނާއަށް އިޝާރާތްކުރަމުން ބުންޏެވެ.

"އަހަރެން ވެސް ކޮންމެވެސް މީހަކަށް ޤާބިލުވީނަމައޭ ހިތަށް އަރައެވެ. -------- "

ނިސްރީނު ލާނެތްގޮތެއްގައި އެހެންބުނުމަށް ފަހު، ކޮޓަރިއަށް ގޮސް ވަނެވެ.

ރަޢުނާގެ މޫނު --------- ރަތްވެ ގުލްނާރު ވެގެންދިޔައެވެ. އޭނާ ލޯ މަރައިލުމެއްނެތި ޢާމިރަށް ބަލަމުންދިޔައެވެ. -----!

"ބޭނުންވަނީ ކޮންއެއްޗެއް ހެއްޔެވެ. ---------- ؟" ކުޑައިރުކޮޅަކަށް ފަހު ރަޢުނާ ސުވާލުކުރިއެވެ.

"އަހަރެން ބޭނުންވަނީ ތިބާއެވެ. ------ "

"މިއީ ދޮގެއްނޫނެވެ. ------ "

ޢާމިރު ތެޅިގެންފައި ބުންޏެވެ.

"ޙަޤީޤަތަށް ތެދަށް ބުނީއެވެ. ------ މިވާހަކައަށް ނިހާޔަތަށް ހިތްހަމަނުޖެހޭނެކަންވެސް އެނގެއެވެ. އެކަމަކު އިންކާރެއްވެސް ނުކުރަމެއްނޫންހެއްޔެވެ؟ ------ އެއީ ހިތަކީ ވަރަށް ބޮޑު ޚަލްޤުވެރިއެކެވެ. ------- އެހެންނޫންނަމަ ތާޖު މަހައްލު ވެސް ވުޖޫދުގައި ނުވީހެވެ. އެއްވެސް މީހަކު އިރުގައި އަތްލާކަށް މަސައްކަތެއް ނުކުރާނެއެވެ."

ރަޢުނާގެ ރީތި ނިއްކުރީގައި ރިއްސާލިއެވެ. ޢާމިރުގެ އެ ޙަރަކާތްތަކުގެ ސަބަބުން ރަޢުނާ ވަރަށް ބޮޑަށް ރުޅިއައެވެ. ------!

ނަމަވެސް ރަޢުނާ އެކަން ބަރުދާސްތު ކުރިގޮތެއް ވެސް ނޭނގެއެވެ.-------!

މި ފަދަ މީހުންނަށް ރައްދު ދޭންވާނީ މަޑުމައިތިރިކަމާއެކުއެވެ. އެހެންކަމުން ރުޅި ކޮންޓްރޯލުކުރާން ޖެހެއެވެ. ރަޢުނާ ކުޑަ ހިނދުކޮޅަކު ވިސްނައިލުމަށް ފަހު، ހިތަށްއެރިއެވެ.

އެހެންވިޔަސް -------  މިއީ ރަޢުނާގެ މިޒާޖާ ޚިލާފުކަމެކެވެ. އޭނާއަކީ އަވަހަށް ރުޅި އަންނަ، ރުޅިގަދަ އަންހެން ކުއްޖެކެވެ.

މަޑުމައިތިރިކަން ކޮބައިހެއްޔެވެ.----- ؟

"އެހެންވީމާ ކަލޭ އަހަރެންދެކެ ލޯބިވަނީހެއްޔެވެ. -------- ؟"

ކުޑަކޮށް މަޑުކޮށްލުމަށް ފަހު، ހަރުކަށި އަޑަކުން ރަޢުނާ ބުންޏެވެ.

"ކަލޭ އަހަންނަށް ފުރައްސާރަކުރަނީ ހެއްޔެވެ. ------؟"

"މާނައަކީ -------؟"

"ލޯބީގެ ލަފުޒަކީ އަނިޔާއެކެވެ. ------ އެނަމެއްގައި މުޅިކާއިނާތު ހިމެނިގެންވާ ރީތި ޝައުޤުވެރިކަން ހުންނަ އެހެން ނަމެއް ނުވެއެވެ. ----------- "

(ނުނިމޭ. އިންތިޒާރުކޮށްލައްވާ!)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް
ސަމާ
ލިޔުންތެރިންގެ ގުޅުމުގެ މަޖައްލާއިން މިލިޔުންތެރިޔާގެ ހުރިހާ ވާހަކައެއްވެސް ކިޔަމުން މިދަނީ. މިލިޔުންތެރިޔާގެ ހުރިހާ ވާހަކައަކީވެސް ވަރަށް ރީތި ވާހަކަތަކެއް.
13 Mar 2024