Advertisement

ދިވެހި ސަރުކާރުން މިހާރު ގެންގުޅުއްވާ ޚާރިޖީ ސިޔާސަތަކީ ދިވެހި ޤައުމަށް އެންމެ ރަނގަޅު ސިޔާސަތު؟

06 Mar 2024 | 12:43
ރައިސް ޑރ. މުޢިއްޒު: ޗައިނާގެ އޮފިޝަލުންތަކަކާއެކު (ފޮޓޯ: ރައީސް އޮފީސް)

"ފަރަގު"ގެ މާލީ މުރާސިލު

ރާއްޖޭގެ ސަލާމަތަށް ޓަކައި އެންމެ މުހިންމީ ކައިރީގައި އޮންނަ ބާރުގަދަ ގައުމެއްގެ އުނގަށް އަރައި އޮންނާންކަމަށް ދައުލަތުގެ އިސް ސަފުގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުންނަށް ބައެއް ފަހަރު ގަބޫލުކުރެވިފައިވެއެވެ. މީގެ ދުވަސްކޮޅެއް ކުރީން ދިވެހިރާއްޖެއިން މި މަންޒަރު ފެނިފައި ވެސް ވެއެވެ. ވަކި ގައުމެއްގެ ސަފީރަކީ ދައުލަތަށް ވުރެ ބާރުގަދަ ބޭފުޅަކަށްވެ، ވަޒީރުންނާއި ރައީސުލްޖުމުހޫރިއްޔާއަށް ވުރެ އެ ބޭފުޅެއްގެ ބާރުފުޅު ގަދަކަމަށް ފެނުނު ދުވަސްވަރެއް ވެސް ދިޔައެވެ. އެއީ އެހެން ގައުމުތަކާ އޮންނަ ގުޅުން ހިމޭންވެ، ހަމައެކަނި އެއް ގައުމެއްގެ މައްޗަށް މުޅި އިގުތިސާދު ބަރޯސާވީ ދުވަސްވަރެކެވެ. އަދި ގައުމުގެ ސިޔާސީ، ދިފާޢީ، މާލީ، އިގުތިސާދީ ހުރިހައި މައުލޫމާތެއް ދުވަހުން ދުވަހަށް އެ ގައުމަކަށް ދޭން މަޖުބޫރުވީ ދުވަސްވަރެކެވެ. އެއީ، ދިވެހި ޤައުމީ ސަލާމަތަށް އެންމެ ފައިދާ ހުރި ގޮތްކަމަށް އޭރު ދައުލަތުގެ އިސްވެރީންނަށް ފެނިވަޑަގަތް ގޮތްކަމަށް ވެދާނެއެވެ.

މިއަދު ފެންނަ މަންޒަރު ތަފާތެވެ. މިއަދު ފެންނަނީ އަސްކަރީ ގޮތުން ވެސް ގިނަ ގައުމުތަކަކާއެކު ގުޅުން ބަދަހިކޮށް އެއްބަސްވުންތަކުގައި ސޮއިކުރެވެމުން އަންނަ ތަނެވެ. މި ގޮތުން އަސްކަރީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއިން މި ދިޔަ ހޯމަ ދުވަހު ސޮއިކޮށްފައި ވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ ކުރީން މި ފަދަ އެއްބަސްވުންތައް ގިނައިން ކުރެވެނީ ހަމައެކަނި އިންޑިއާއާއެކީގައެވެ. ނަމަވެސް ވަކި އެއް ގައުމަކަށް އެހެން ގައުމެއްގެ ކަންކަން ބަރޯސާ ވާ ގޮތަށް އޮތުމަކީ ނުރައްކާތެރި ކަމެކެވެ.

ދިފާއީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާއާ އެކު، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިފާއީ ކަންތައްތަކާ ބެހޭ ވަޒީރު މުޙަންމަދު ޣައްސާން މައުމޫންއެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮފީސް ފޮރ އިންޓަރނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓި ޑިރެކްޓަރ، މޭޖަރ ޖެނަރަލް ޖަންގ ބައުހުއާންކަމަށް ގައުމީ މީޑިއާއިން ޚަބަރު ފަތުރައިފައިވެއެވެ.  

މި ދެންނެވި އެއްބަސްވުމުގައި ސޮއިކުރެވުނު ފަހުން، އިމްޕޯޓް އެކްސްޕޯޓް ބޭންކް އޮފް ޗައިނާ (ޗައިނާގެ އެގްޒީމް ބޭންކް) އިން ވަނީ އިތުރު ދާއިރާތަކުން ރާއްޖެއާ އެކު، މަސައްކަތްކުރުމުގެ ޝަޢުގުވެރިކަން ހުރިކަން ހާމަކޮށްފައެވެ.

ދިވެހި ދިފާޢީ ވަޒީރު ޣައްސާން މައުމޫން (ކ)، ސްރީލަންކާގެ ސްޓޭޓް މިނިސްޓްރ އޮފް ޑިފެންސް އޮނަރަބްލް ޕްރެމިތާ ބަންޑާރަ ތެންނަކޫން (ކ)، ރާއްޖޭގެ ދިފާޢީ ވުޒާރާގައި މި މަހު ފަސްވަނަ ދުވަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން: އެ ބޭފުޅުން ވަނީ އަސްކަރީ އެއްބާރުލުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރައްވައިފައެވެ. (ފޮޓޯ: ލަންކާގެ ދިފާޢީ ވުޒާރާގެ ވެބްސައިޓް)<br>

ޗައިނާގެ އެގްޒިމް ބޭންކުން މި ކަން ހާމަކުރީ، އެ ބޭންކުގެ ރައީސް ރެން ޝެންގްޖުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ. މީގެ ކުރީން ރައީސް ޢަބްދުއްﷲ ޔާމީންގެ ރިޔާސަތުގައި އެ ބޭންކުން ވަނީ ރާއްޖެއަށް ގިނަ އެހީތަކެއް ވެދީފައެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ސޯޝަލް ހައުސިންގ މަޝްރޫޢުތަކަކީ އެ ބޭންކުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ގާއިމުކުރެވިފައިވާ ބިނާތަކެއްކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރަށް ދިވެހރާއްޖެއާއި ޝްރީ ލަންކާއާ ދެމެދު ދިފާޢީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކެއް ވެސް އިއްޔެވަނީ ދެ ދައުލަތުގެ މަތީ ފެންވަރުގެ ވެރީންގެ މެދުގައި ބޭއްވިފައެވެ.

މި ގައުމުތަކުގެ ދިފާއީ ބަޖެޓަށް ބަލާއިރު، ޗައިނާގެ ދިފާޢީ ކަންކަމާ ބެހޭ ބަޖެޓުގެ މިންވަރަކީ (2020ގައި) ގާތްގަނޑަކަށް 178 ބިލިޔަން ޔޫއެސް ޑޮލަރެވެ. އިންޑިއާގެ ދިފާޢީ ބަޖެޓުގެ މިންވަރަކީ (2020ގައި) 70 ބިލިއަން ޔޫއެސް ޑޮލަރެވެ. ސްރީލަންކާގެ ދިފާޢީ ބަޖެޓުގެ މިންވަރަކީ (2020ގައި) 1.56 ބިލިޔަން ޔޫއެސް ޑޮލަރެވެ. ދިވެހިރާއްޖޭގެ މުޅި ބަޖެޓުގެ ޖުމުލައަކީ (2020ގައި)  37.9  ބިލިއަން ދިވެހި ރުފިޔާއެވެ. (އެއީ ގާތްގަނޑަކަށް 2.45 ބިލިއަން ޔޫއެއް ޑޮލަރެވެ.)

ލަންކާއާއި ޗައިނާއާ އެކު ވެސް ދިވެހިރާއްޖެއިން ދިފާއީ ގުޅުންތައް ބަދަހިކުރުމުގެ މަޝްވަރާތައް ވަކިވަކީން ކޮށްފައިވާ އިރު، ރާއްޖެއިން ގެންދަނީ އެކި ޤައުމުތަކާއެކު ދިފާއީ ގުޅުންތައް ވަރުގަދަކޮށް، ބަދަހިކުރަމުންނެވެ. މީގެ ކުރީން އިންޑިއާ އެކު ވެސް މި ފަދަ ގިނަ އެއްބަސްވުންތަކެއް ވަނީ ހެދިފައެވެ. އަދި ދިވެހި އަސްކަރިއްޔާއަށް ޒަމާނީ ވަސީލަތްތައް ހޯދައި، އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކޮށް، ކުރިއަރުވާން ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ވަކި ގައުމަކަށް ބަރޯސާ ނުވެ، ދިވެހި ޤައުމުގެ އަމިއްލަވަންތަކަމާއި މިނިވަންކަމާއި ސިޔާދަތަށް އިޙުތިރާމްކުރާ ކޮންމެ ގައުމަކާ އެކު މި ފަދަ ކަންކަމުގައި މަޝްވަރާކޮށް އެއްބާރުލުން ގާއިމުކުރުމަކީ ދިވެހި ގައުމަށް އެންމެ ފައިދާހުރި ގޮތްކަމަށް "ފަރަގު" ވެސް ގަބޫލުކުރެއެވެ.

ދިވެހި ސަރުކާރުން މިހާރު ގެންގުޅުއްވާ ޚާރިޖީ ސިޔާސަތަކީ ދިވެހި ޤައުމަށް އެންމެ ރަނގަޅު ސިޔާސަތުކަމަށް "ފަރަގު" ދެކެއެވެ. އެކި ސަރުކާރުތަކުން ގެންގުޅޭނީ އެކި ސިޔާސަތުކަމަށާއި ރައްޔިތުން ދައުލަތުގެ ވެރިއަކަށް ހޮވާ ވެރީން ރައްޔިތުންނަށް ޓަކައި، އެ ބޭބޭފުޅުންގެ ވިސްނުންފުޅާއި ޤާބިލިއްޔަތު ހުންނަ މިންވަރެއްގެ މަތީން ގެންގުޅުއްވާ ސިޔާސަތުތަކަށް އިޙުތިރާމް ވެސް ކުރަމެވެ.

Advertisement

ކޮމެންޓް