Advertisement

އިސްރާއީލަށް ދެވުނު މިސައިލު ޙަމަލާއެއްގައި އިންޑިއާ މީހަކު މަރުވުމަކީ އިސްރާއީލަށް ވެސް އަމާންކަމެއް ނެތްކަމުގެ ހެތްކެއް!

06 Mar 2024 | 00:48
އިންޑިއާގެ ރައްޔިތުން: އިންޑިއާ ސަރުކާރުން އެ މީހުންނަށް ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން އަނަގައިފައި.

"ފަރަގު" ބައިނަލްއަޤުވާމީ މުރާސިލު

އިސްރާއީލުގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް ސަލާމަތްތެރި ސަރަހައްދުތަކަށް ބަދަލުވާން އިންޑިއާއިން އެންގުމަކީ އިސްރާއީލުގައި ވެސް އަމާންކަމެއް ނެތްކަން ދޭހަކޮށްދޭ ކަމެކެވެ. އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރުގެ އަމުރަށް، އެމެރިކާއާއި އިނގިރޭސީންގެ ރުހުމާއި މަދަދާ އެކު، މުޅި ޣައްޒާ ތަޅައި ސުންނާފަތިކޮށްލިޔަސް އެ މީހުންނަކަށް ވެސް އަމާންކަމެއް ނެތްކަން މި ކަމުން ވަރަށް ރަނަގޅަށް ހާމަވެއެވެ.

އިސްރާއީލުގައި ހުންނަ އިންޑިއާގެ އެންބަސީއިން އިއްޔެ އެކްސްގައި އާންމުކުރި މެސެޖެއްގައި އިންޑިއާގެ ރައްޔިތުންނަށް އިންޒާރު ދީފައިވަނީ އިސްރާއީލުގެ ސަރަހައްދީ އިމުގެ ކައިރީގައި މަސައްކަތްކުރާ މީހުން ރައްކާތެރި ހިސާބުތަކަށް އަވަހަށް ބަދަލުވާށެވެ! އަދި އެ މީހުންނަށް އިތުރު މަޢުލޫމާތު ލިބޭނެ އޮންލައިނު މަންސައެއް ވެސް ގާއިމުކޮށްފައި ވާކަމަށް ޚަބަރު ލިބެއެވެ. އިންޑިއާއިން މި އިންޒާރު ދީފައި ވަނީ ލުބުނާނު ފަޅީން އިސްރާއީލަށް ހޯމަދުވަހު ދިން މިސައިލު ހަމަލާއެއްގައި އިންޑިއާގެ ރައްޔިތަކު މަރުވެފައިވާތީއެވެ. އިންޑިއާގެ އެތައް ހާސް ރައްޔިތުން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއް ފަދައިން އިސްރާއީލުގައި ވެސް ތަފާތު މަސައްކަތްތަކުގައި އުޅެއެވެ.

މިސައިލު ޙަމަލާގައި ހޯމަ ދުވަހު އިންޑިއާގެ ރައްޔިތަކު އިސްރާއީލުގައި މަރުވުމާ ވިދިގެން އިންޑިއާގެ ސަފާރާއިން އާންމުކުރި ލިޔުމެއްގައި ބުނާ ގޮތުން އިންޑިއާގެ ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި އިސްރާއީލުގެ ކަމާ ބެހޭ ފަރާތްތަކާއެކު އިންޑިއާ ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުންނެވެ.

ނިއުދިއްލީގައި ހުންނަ އިސްރާއީލު ސަފާރާއިން އެކްސްގައި އާންމުކުރި ބަޔާނެއްގައި އިންޑިއާ ރައްޔިތަކު އެ ހަމަލާގައި މަރުވިކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ސަފާރައިން ތުހުމަތުކުރާ ގޮތުގައި އެ މިސައިލު ހަމަލާއަކީ ލުބުނާނުގެ ޙިޒުބުﷲއިން ދިން ޙަމަލާއެކެވެ. މި ހަމަލާ އަމާޒުވެފައި ވަނީ އިސްރާއީލުގެ އަވަށެއްކަމަށްވާ މަރްގަލިއަޓުގެ ދަނޑުވެރިކަން ކުރާ ސަރަހައްދެއްގައި މަސައްކަތްކުރަމުން ގެންދިޔަ މީހުންތަކެއް މަސައްކަތްކުރާން ތިބި ސަރަހައްދަކަށެވެ. މި ހަމަލާގައި އިންޑިއާގެ ރައްޔިތަކު މަރުވުމުގެ އިތުރަށް އިންޑިއާގެ އިތުރު ދެ މީހަކަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވެއެވެ. އަދި މަދުވެގެން އެހެން ބައެއް ގައުމުތަކުގެ ހައެއްކަ މީހުންނަށް ވެސް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވެއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ "ދި އިންޑިއަން އެކްސްޕްރެސް"ގައި ބަޔަންކޮށްފައިވާ ގޮތުން މަރުވި އިންޑިއާގެ ރައްޔިތަކީ ދެކުނު އިންޑިއާގެ ސްޓޭޓެއްކަމަށްވާ ކެރެލާގެ "ކައިކުލަންގަރާ"އަށް ނިސްބަތްވާ، 31 އަހަރުގެ ޒުވާނެކެވެ. މީނާ އިސްރއީލުގެ ދަނޑެއްގައި މަސައްކަތްކުރާން ގޮސްފައި ވަނީ މީގެ ދެ މަހެއް ހައި ދުވަސް ކުރީންނެވެ.

މި ފަދަ ހާދިސާތަކުން އެނގެނީ އިސްރާއީލުގެ އަނިޔާވެރި ޢުދުވާނުގައި ފަލަސްޠީނޫގެ 30 އެތައް ހާހެއްގެ މީހުން ޝަހީދުކޮށްލައިފައި ވިޔަސް އެ އަނިޔާވެރީންނަށް ހިތްހަމަޖައްސައިލައިގެން ނިދާން ތިބެވޭނޭ މާޙައުލެއް އިސްރާއީލުގައި ވެސް ނެތްކަމެވެ. ހިތާމައަކީ ޙިޒުބުﷲ ފަދަ އަމިއްލަ ޖަމާޢަތަކުން އިސްރާއީލާ ދެކޮޅަށް ޙަމަލާއެއް ދިނަސް މުސްލިމު ގައުމުތަކުގެ ވެރީން އިސްރާއީލަކީ އެކުވެރިއެއްކަމަށް ބަލައި އެ މީހުންނަށް މަދަދުވެރިވަމުން ގެންދާކަމެވެ. މިއީ މިއަދު މުސްލިމުން ލަދުވެތިވާން ޖެހިފައިވާ ކަމެކެވެ.

___________________________

Advertisement

ކޮމެންޓް