Advertisement

އަޅުގަނޑުމެން މުސްލިމުންނަށް ވެގެން މި އުޅެނީ ކީއްކުރާން؟

05 Mar 2024 | 13:05
މުސްލިމުން: ޙައްޖުގެ އަޅުކަމުގައި (ފައިލް ފޮޓޯ)

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަޅުގަނޑުމެން ނަމާދުކޮށް ރޯދަ ހިފައި ޒަކާތްދީ ޙައްޖުކޮށް މާތް ﷲ އެންގެވި ގޮތަށް އުޅެ، ނަހީކުރެއްވި ކަންތައްތަކުން ދުރުވެވޭތޯ މަސައްކަތް ކުރަނީ މުސްލިމުންނަށް ވީތީއެވެ. ﷲގެ ރުހިވޮޑިގަތުން ހޯދުމަށް ޓަކައެވެ. ނަރަކައިން ދިންނަވައި ސުވަރުގެ ވަނުމުގެ ނަސީބު ލިބިގަމުގެ އެދުމުގައެވެ. މުސްލިމުންނަކީ މާތް ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީން ކަމުގައިވާ އިސްލާމް ދީނުގެ އަހުލުވެރީންނެވެ.

މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ދެމި ތިބެނީ، އަޅުގަނޑުމެން އީމާންވާ ކަންތައްތަކެއްގެ ސަބަބުންނެވެ. ﷲ ނޫނީ އެ ފަރާތަކަށް އަޅުކަންކުރުން ޙައްޤު ކަލަކު (ނުވަތަ އިލާހަކު) ނުވާކަމަށާއި ކައުއިތުރު މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް)އަކީ މާތް ﷲ މުޅި އިންސާނިއްޔަތަށް ރަޙުމަތެއް ކަމުގައި ފޮނުއްވި ރަސޫލާ ކަމަށް އިޤުރާރުވެ، އެ ކަމަށް ހެކިވާތީއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމާއި ކަށަކުޅަދުންވަންތަކަން ހިތުގެ އަޑީން ޤަބޫލުކުރާތީ އެވެ. މަލާއިކަތުންނަކީ ﷲ ނޫރުން ހައްދަވައި އެކި މަސްއޫލިއްޔަތުތައް ޙަވާލުކުރައްވައިފައިވާ، އަދި އެއްވެސް ގޮތަކަށް ﷲގެ އަމުރުފުޅަކަށް އުރެދިވަޑައިނުގަންނަވާ "ބޭކަލުން"ކަމަށް އީމާންވާތީއެވެ. މީސްތަކުންނަށް ދީނަށް ގޮވައިލައްވައި އިންސާނުންނަށް ތެދުމަގު ދެއްކެވުމަށް ޓަކައި ރަސޫލުންނާއި ނަބީން ފޮނުއްވި ކަމަށް އީމާންވާތީއެވެ. އެކިއެކި ރަސޫލުންނަށް އެކި ފޮތް  ބާވައިލައްވައިފައިވާކަން ޔަޤީންކުރާތީއެވެ. މި ދުނިޔެއަކީ ވަގުތީ ގޮވައްޗެއްކަމާއި މަރުވާނޭ ކަމާއި، މަރުވުމަށް ފަހު، ދުވަހަކު ފަނާވުމެއް ނެތް ގޮވައްޗަކަށް (ސުވަރުގެއަށް ނޫނީ ނަރަކަ އަށް) ކޮންމެ އިންސާނަކު ވެސް ދާންޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރާތީއެވެ. އަދި ތިމާގެ އިޚުތިޔާރުން ބޭރުގައި ހިނގާ ކޮންމެ (ހެޔޮ ނުވަތަ ނުބައި) ކަމަކީ ﷲގެ މިންވަރުފުޅުން ހިނގާ ކަމެއްކަމަށް ޤަބޫލުކޮށް ކެތްތެރިވެ ޝުކުރުވެރިވާތީ އެވެ. އަދި ތިމާ ކުރާ ކޮންމެ ފާފައަކީ ތިމާ އަމިއްލައަށް ލިބިގަންނަ ޢަމަލެއް ކަމާއި ކޮންމެ ހެޔޮ ރަނގަޅުކަމަކީ ﷲގެ ރަޙުމަތުން ދެއްވާ ދެއްވުމެއް ކަމަށް ޤަބޫލުކުރާތީއެވެ.

މި ގޮތުގެ މަތީން އަޅުގަނޑުމެން ދިރި އުޅެމުން ގެންދާއިރު، ﷲގެ ރުހިވޮޑިނުގަތުން ލިބިދާނެ އެއްވެސް ކަމެއް ކުރުމަކީ ހަމަ އެކަކު ވެސް އެދޭނެކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ބައެއް މީހުންގެ ފަރާތުން އެފަދަކަންކަން ހިނގަނީ، ނޭނގުމެއްގެ ތެރެއިންކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން ކަމަކާ ނުލައި އަޅުގަނޑުމެންގެ އިސްލާމްކަމަށް ބުރޫއަރާ ކަމެއް ވިޔަ ނުދިނުމަށް އެބަ ސަމާލުވާންޖެހެއެވެ. މި ރަމަޟާން މަހަކީ އެ ކަމަށް ޓަކައި ނަފުސަން ތަމްރީނު ހޯދުމުގެ ރޫޙާނީ މަދަރުސާއެވެ. މި މަދަރުސާއިން ފުރިހަމަ ގޮތުގައި ދަސްވެނިވުމަށް ޓަކައި ނަފުސު ހާނުވާން އެބަ ޖެހެއެވެ.

އާދޭހެވެ! ބައެއް ކަންކަމަކީ ‘ކުދިކުދި’ ކަންތަކެވެ. ނަމަވެސް އެކަންކަމުގެ ނަތީޖާ ކުޑައެއް ނޫނެވެ. ދެތިން މިސާލެއް ދަންނަވައިލިޔަދެއްވާށެވެ! ﷲ ފަރުޟުކުރެއްވި ނަމާދު އަދާކުރުމަށް ފަހު މިސްކިތުން ފައިބައިގެން ދާއިރު ތިމާގެ ފައިވާނަށް އަރައިގެން އެހެން މީހުންގެ އަގުބޮޑެތި ބޫޓާއި ފައިވާންތަކުގެ މަތީހައި ހިނގައިލައިފައި ދެވޭތަން އެބަ އާދެއެވެ. ޚިޔާލެއްވެސް ނެތި އެވެ. ނަމަވެސް ވިސްނައިލާން ޖެހޭ ކަމަކީ ތިމާގެ އަގުބޮޑު ބޫޓެއްގެ މައްޗަށް އެހެން މީހަކު އޭނާގެ ފައިވާނާއެކު އަރައި ބޫޓަށް ގެއްލުން ލިބެން ތިމާ ރުހޭނެތޯ އެވެ؟ އެހެންވީ އިރު ތިމާގެ ނަފުސަށް ނޭދޭކަމެއް އެހެން މީހަކަށް ކުރުމަކީ ކޮންކަހަލަކަމެއްތޯ ވިސްނައިލާން އެބަޖެހެއެވެ.

މީސް މީހުން ބޮޑު އަގުގައި ގަނެފައި ހުންނަ ސައިކަލުތައް އެއީ ސޯފާތަކެއް ކަމަށް ދެކޭ ބަޔަކުވެސް އެބަ އުޅެއެވެ. މީހެއްގެ ސައިކަލުމަތީގައި ހަމަޖެހިލައިގެން ސިނގިރޭޓު ބޯން އިންދައި އެ ސައިކަލުގެ ވެރިޔާ އައުމުން ފަރުވާކުޑަ ގޮތަކަށް ސައިކަލުން ބައިބައިގެން ގިނަ މީހުން ދަނީ އެންމެ ކުޑަމިނުން މާފަށް ވެސް އެދުމެއް ނެތި އެވެ. އެކަމަކު ތިމާގެ ފުށުން އެހެން މީހެއްގެ ސައިކަލުގެ ހަރަށާއި މަޑިއަށް ލިބިދާނެ ގެއްލުމަކީ އަޅުގަނޑުމެންނަށް ޚިޔާލުވެސް ކުރެވޭ ކަމަށް ނުވެއެވެ.

أنس بن مالك رضي الله عنه ގެ އަރިހުން ވާރިދުވެފައިވާ ޙަދީޘެއްގައި ވެއެވެ. “لا يُؤمن أحدكم حتى يُحب لأخيه ما يُحِب لنفسه” (ތިމާގެ އަމިއްލަ ނަފުސަށް ލޯބިކުރާކަންތައް ތިމާގެ އަޚާއަށް އެދިއްޖައުމަށް ދާންދެން ތިޔަބައި މީހުން އީމާންވާކަމުގައެއް ނުވެއެވެ.)  (رواه البخاري ومسلم)  

އަދި ތިމާ ކަމަކާ ހިތްހަމަ ނުޖެހޭ އިރަށް ނުވަތަ ތިމާ ހިތްހަމަނުޖެހޭ މީހަކާ ދިމާވުމުން، އެ މީހަކާ ދިމާއަށް މަލާމާތްކޮށް ހިތުހުރިހާ ހުތުރު ލަޤާބުތަކުން (ބައެއް ފަހަރު ނަމަވެސް) ގޮވޭތަން އެބަ އާދެ އެވެ.

މިހެން މިކަންކަން އޮތް އިރު އިސްލާމް ދީނުގައި މާތް ﷲ އަންގަވައިފައިވާ ބަސްފުޅުތަކަށް ވިސްނައިލަމާތޯ އެވެ؟ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. “إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ. يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَومٌ مِّن قَوْمٍ عَسَى أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاء مِّن نِّسَاء عَسَى أَن يَكُنَّ خَيْرًا مِّنْهُنَّ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ بِئْسَ الاِسْمُ الْفُسُوقُ بَعْدَ الْإِيمَانِ وَمَن لَّمْ يَتُبْ فَأُوْلَئِكَ هُمُ الظَّالِمُونَ” (“مؤمنން ވާކަންކަށަވަރީ، أخންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ  ދެ أخން ދެމެދު ތިޔަބައިމީހުން صلحކުރާށެވެ! އަދި ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمةލެއްވުމަށްޓަކައެވެ.  އޭ إيمانވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقبތަކުން ނުގޮވާށެވެ! إيمانވުމަށްފަހު فاسقވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.” ( سورة الحجرات 10-11)

މިހިރީ ހާދަހާ މަތިވެރި ބަސްފުޅުތަކެކެވެ. ﷲގެ އަމުރުފުޅުތަކެވެ. އަދި (ވިސްނައިފި ނަމަ) އެއީ ޢިޤާބުގެ ބަސްފުޅުތަކެއްވެސް މެއެވެ. އެހެނީ “އަނިޔާވެރީން” ކަމުގައި ﷲ ކަނޑައަޅުއްވައިފައިވާ ބަޔެއްގެ ޙާލަކީ ކޮބައިކަން އަޅުގަނޑުމެންނަށް ވިސްނެއެވެ.

އެހެން ނަޒަރަކުން ވިސްނާއިރު، ތިމާގެ އަތްފައިންނާއި ދުލުން (ބަހުން) އެހެން މީހުންނަށް އުނދަގޫކުރުމަކީ ކޮންފަދަ ނުބައިކަމެއްތޯއެވެ؟ ތިމާގެ ފުށުން އެހެން މީހުންނަށް އުނދަގޫކުރާ މީހުންނަކީ ފުރިހަމަ މުސްލިމުން ނޫންކަން އަންނަނިވި ޙަދީޘުން ސާބިތުވެއެވެ. عبد الله بن عمرو (رضي الله عنهما) އަރިހުން ވާރިދުވެފައިވާ ޙަދީޘެއްގައި ވެއެވެ. “المُسلم مَن سَلِم المُسلِمون مِن لِسانِهِ ويده” (“(ފުރިހަމަ) މުސްލިމަކީ އެ މީހެއްގެ ދުލާއި އަތު(ގެ ނުބައިކަމު)ން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ އެވެ.”) (صحيح البخاري)

އަނެއްކޮޅުން ބަލާ އިރު ﷲ އަށް ކިޔަމަންވާ ހެޔޮލަފާ ޞާލިޙު އަޅުންގެ ޢައިބުތައް ހޯދައި ހާމަކުރުމާއި އެކި މީސް މީހުންނަށް ފުރައްސާރަ އާއި މަލާމާތްކުރުމަކީ މުނާފިޤުންގެ ސިފަތަކެއްކަން ސުންނަތުން ސާބިތުވެ އެވެ. ވީއިރު ނޭނގި ތިބެ ނަމަވެސް އިސްލާމްކަމާ ދުރު މި ބާވަތުގެ ކަންކަން ނުކުރުމަށް ސަމާލުކަން ދޭން އެބަޖެހެއެވެ.

އަޅުގަނޑުމެން ދުނިޔޭގައި އުޅުމުގެ މަޤުޞަދަކީ ކާމިޔާބު ދިރިއުޅުމަކަށް ފަހު ބާއްޖަވެރި އުޚުރަވީ ޙަޔާތެއް ހޯދުންކަން ހަނދާންކުރާން އެބަޖެހެއެވެ. އެހެންވީމާ، ކަމަކަށް ނުވާކަހަލަ ކުދިކުދި ކަންތައްތައް (ނޭނގި ނަމަވެސް) ކޮށްގެން އަޅުގަނޑުމެންގެ މުސްލިމުވަންތަކަމަށް ބުރޫއަރައި އަޅުގަނޑުމެންނަށް ﷲގެ ރުހިވޮޑިނުގަތުން ލިބޭފަދަ ކަންތައްތަކުން ދުރުހެލިވުމަށް އެބަ ސަމާލުވާން ޖެހެއެވެ. ﷲގެ ރުހިވޮޑިގަތުން އެންމެ ބޮޑަށް ލިބޭ އެއް ކަމަކީ ރިވެތި އަޚުލާޤާ ސުލޫކުކަމުގައި އެބަ ޤަބޫލުކުރާން އެބަޖެހެއެވެ. މުއުމިނާގެ އީމާންކަން ފުރިހަމަވަނީ ރީތި އަޚުލާޤުންކަން ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން ސާބިތުވެއެވެ. އާދެ! އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވަނީ اكمل المؤمنين ايمانا احسنهم خلقا  މިފަދައިންނެވެ. ފުރިހަމަ އަޚުލާޤަކީ ސުވަރުގޭގެ އަހުލުވެރީންގެ ސިފައެއް ކަމަށް مرفوع ޙަދީޘެއްގައި ވާރިދުވެފައިވެއެވެ.  إِنَّ مَكَارِمَ الأَخْلاقِ مِنْ أَعْمَالِ أَهْلِ الْجَنَّةِ “.

ކަންކަން ހުރީ މިހެންކަމަށް ވާއިރު، އަޅުގަނޑުމެން، ކަން ފަސޭހަކޮށްލައިގެން ނުވަތަ ފަރުވާކުޑަކޮށްލައިގެން ކޮށްލެވޭ ‘ކުދިކުދި’ކަންކަމަކީ އެކަމުގެ ސަބަބުން ނޭދެވޭ ނަތީޖާއެއް ނުކުންނާނޭ ފަދަ ބޮޑެތި ކަންތައްތައް ކަމަށް ޤަބޫލުކުރާން އެބަ ޖެހެއެވެ. އަދި މިފަދަ ކަންކަމުން ސަލާމަތްވެ ތިބުމާއެކު، އަޅުގަނޑުމެންގެ މުސްލިމުވަންތަކަމަށް ނޭދެވޭ އަސަރެއް ފޯރައިދާނެ ހަމަ އެއްވެސް ކަމެއް ނުކުރުމަށް ހަމަ ކޮންމެ މުސްލިމަކު ވެސް އެބަ ސަމާލުވާންޖެހެއެވެ. އެކަމަށް ބާރު އަޅައި އެ ގޮތަށް މަސައްކަތްކުރާން އެބަޖެހެއެވެ. އެހެންނޫނީ އަޅުގަނޑުމެންގެ މި (ވަގުތީ) ދިރިއުޅުމުގެ އަމާޒަކީ ކޮބައިތޯއެވެ! (والله أعلم).

އަޅުގަނޑުމެންނަކީ ހެޔޮބަސް އަހައި، ހެޔޮ ބަސް ޤަބޫލުކޮށް ފުރިހަމަ މުސްލިމުންގެ ގޮތުގައި ދިރިއުޅޭ ބަޔެއްކަމުގައި ވުމުގެ ތައުފީޤު ދެއްވާށި އެވެ!

Advertisement

ކޮމެންޓް