Advertisement

މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (10)

04 Mar 2024 | 12:37
ގެފުޅުގެ ކުރީގެ ފޮޓޯއެއް.

އަޙްމަދު ފަޔާޟް ޙަސަން

ކެއުމާއި ބުއިމާއި ނިދުމާއި ފާޚާނާކުރުމަކީ އިންސާނާގެ އަސާސީ ބޭނުންތަކެވެ. އެއީ ދިރިހުރުމަށް ޓަކައި އޭނާއަށް ކޮންމެހެން ބޭނުންވާ ކަންކަމެވެ. އަދި ދިރޭ އެހެން ތަކެއްޗަށް ވެސް މިއީ އަސާސީ ކަންކަމެވެ. ތޫނުފިލި ވިސްނުމުގައި އަރާ ހުންނެވި އިބުރާހީމްގެފާނު އެކަލޭގެފާނުގެ އެންމެ އަސާސީ ބޭނުންފުޅެއްކަމަށް ހެއްދެވީ އެކަލޭގެފާނުގެ ޖިސްމާނީ ބޭނުންތަކެއް ނޫނެވެ. ސުބުޙާނަﷲ! އެކަލޭގެފާނުގެ އެންމެ އަސާސީ ބޭނުމަކަށް ހެއްދެވީ ތެދުމަގެވެ. ސަބަބަކީ އިންސާނާ ދިރިއުޅުމުގެ މަގުސަދާ ތެދުމަގު ގުޅި ލައިމެހިފައިވުމެވެ. އިންސާނާ މާތްކުރައްވައި ޚަލްޤުކުރައްވައި އޭނާއަށް އިޚުތިޔާރު ދެއްވީ ވަކި މަގުސަދެއްގައެވެ. އެ މަގުސަދަށް ވާސިލުވެވޭނީ ތެދުމަގު ހޯދައިގެންނެވެ. މީގެ އެތައް ސަތޭކަ އަހަރު ކުރީން އިބުރާހީމްގެފާނު ކަނޑައެޅުއްވީ އިންސާނާގެ އަސާސީ ބޭނުންތަކަށް ވުރެ، ތެދުމަގުގެ މުހިންމުކަން ބޮޑުކަމެވެ. އެކަލޭގެފާނު ގެއިން ނެރެލެވި ގައުމުން ބޭރުކުރެވި އަޅައިލާނެ އެއްވެސް ފަރާތެއް ނެތް ހާލުކޮޅުގައި އެކަލޭގެފާނު މި ވިދާޅުވަނީ ﷲ އެކަލޭގެފާނަށް ތެދުމަގު ދެއްކެވި ވާހަކައެވެ. އަދި ﷲ، އެކަލޭގެފާނަށް ކާންބޯން ދެއްވައި ޝިފާ ދެއްވާ ވާހަކައެވެ.

މިސާލަކަށް ﷲ ވޮޑިގެންވާކަމާއި އެ އިލާހުގެ އެއްކައުވަންތަކަން ގަބޫލުކުރަނީ ކީއްވެތޯ މީހަކު ސުވާލުކޮށްފާނެއެވެ. ހަމަ އެ ގޮތަށް މަރުވުމަށް ފަހު، އަލުން ދިރުއްވާނެކަމަށް ގަބޫލުކުރަނީ ކީއްވެތޯއާއި ސުވަރުގެއާއި ނަރަކަ ލެއްވިކަމަށް ގަބޫލުކުރަނީ ކީއްވެތޯ ސުވާލުކޮށްފާނެއެވެ. މި ފަދަ ސުވާލުތަކަށް ބުއްދީގެ މަގުން ޖަވާބުދިނުމަކީ މުސްލިމުންކުރާން ޖެހޭ ކަމެކެވެ. ދީނަށް މީހުން ވަންނަނީ ބުއްދީގެ މަގުން ރަނގަޅު ޒުވާބު އެ މީހުންނަށް ލިބުމުންނެވެ. މިއަދު އިސްލާމް ދީން ބާރަށް ފެތުރޭ އެއް ސަބަބަކީ ދީނަށް ދޭ ދަޢުވަތު ބުއްދީގެ ޒުވާބުތަކަށް ބިނާވުމެވެ. އަދި ދީނަށް ދޭ ދަޢުވަތު ތޫނުފިލި ވިސްނުމަށް ދެމި އޮތުމެވެ. އެއީ ރަސޫލުންގެ ބަފައިކަލުން އިބުރާހީމްގެފާނު ދީނަށް ގޮވައިލެއްވި ގޮތެވެ. އަޅުގަނޑުމެން ފަޚުރުވެރިކަމާ އެކު، އަހަރަކު މިލިއަނުން ބިދޭސީ ފަތުރުވެރިން ރާއްޖެ ގެންނަމުއެވެ. އެކަމަކު އެ މީހުން ދެކެ ވާ ލޯބީގައި ދުވަހަކު ވެސް އެ މީހުންނަށް އިސްލާމް ދީނަށް ދަޢުވަތު ދޭން އެއްވެސް ކަމެއް ނުކުރަމެވެ. އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކައިން ލިބޭ ފިލާވަޅަކީ ތެދުމަގު ދައްކާން އަޅުގަނޑުމެން މަސައްކަތްކުރާން ޖެހޭނެކަމެވެ. ޑޮލަރަށް އެކަނި ލޯބި ދީގެން ހަމަޖެއްސޭން ނެތްކަން އެކަލޭގެފާނުގެ ތަރިކައިން އެނގެއެވެ. އެކަލޭގެފާނުގެ އަސާސީ ބޭނުންފުޅަކަށްވީ ކާބޯތަކެއްޗެއް ނޫނެވެ. އެކަމަކު އެއީ ތެދުމަގެވެ. ވީމާ އަޅުގަނޑުމެން ފަތުރުވެރީންނަށް ދީނަށް ދަޢުވަތުދިނުމަކީ ކުރާން ޖެހޭކަމެކެވެ.

އަދުގެ މުސްލިމް ޢިލްމުވެރީން އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކަޔާމެދު ފުންކޮށް ވިސްނާން ޖެހެއެވެ. ހުޅުވިފައިވާ ބުއްދިއަކުން ކަންކަމާ މެދު، ވިސްނާން ޖެހެއެވެ. އެއް ޢިލްމުވެރިޔަކު ދެން ތިބި އެންމެން ކުށްވެރިކުރުމުގެ ބަދަލުގައި ބުއްދީގެ މަގު އިސްކުރާން ޖެހެއެވެ. ބަހުގެ ދެލިގަނޑުގައި އެކަނި ހިފުމުގެ ބަދަލުގައި އެއިން ލިބިދޭ ތަފާތު މެސެޖުތަކާ މެދު، ފިކުރުކުރާން ޖެހެއެވެ. ޢިލްމީ ހަމަތަކުން ކަންކަމުގައި ބަހުސްކޮށް ޒުވާބުދިނުން އާލާކުރަން ޖެހެއެވެ. އިބުރާހީމްގެފާނުގެ ތަރިކައިން އަޅުނގަޑުމެން ދަސްކުރާންޖެހޭ އެއް ކަމަކީ ޢިލްމީ ބަހުޘްތަކަށް ޖާގަދިނުމެވެ. ކަންކަމާމެދު ފުންކޮށް ވިސްނުން ނުވަތަ ރިފެލްކެޓްކުރުމަކީ އަޅުގަނޑުމެން އާލާކުރަންޖެހޭ ކަންކަމެވެ. މަމޮޅު މި ދަޢުވާގައި އަޅުގަޑުމެން ނޫޅުމަކީ އެކަލޭގެފާނުގެ ތަރިކައިގައި ހިފެހެއްޓުމެވެ. ޚިޔާލުތަފާތުވުމުން އަރައިރުންވެ ބަދުނާމްކުރުމުގެ ބަދަލުގައި ޖެހެނީ ބުއްދީގެ ހަމައިން ނުވަތަ ޢިލްމީގޮތުން ޒުވާބުދޭށެވެ.

އަޅުގަނޑުމެންގެ ރޫޙީ ބަފައިކަލުން އިބުރާހީމްގެފާނުގެ ކޮންމެ ދުޢާއަކީ ގައިން ހީބިހި ނަގާފަދަ ފުރިހަމަ ދުޢާއެކެވެ. އައްޝުޢަރާ ސޫރަތުގެ 83 ވަނަ އާޔަތުން ފެށިގެން ﷲ އަޅުގަނޑުމެންނަށް ދައްކަވަނީ އެކަލޭގެފާނުގެ ހިތްގައިމު ދުޢާއެކެވެ. އެކަލޭގެފާނުގެ ދުޢާގައި ޢިލްމާއި ވިސްނުން ދެއްވުމަށް ދެންނެވިއެވެ. އަދި ޞާލިޙުންގެތެރެއިން ލައްވައި ފަހުން އަންނަ މީހުންގެ ދޫމަތީގައި އެކަލޭގެފާނުގެ ތާރީފާއި ޘަނާލެއްވުމަށް  ދެންނެވިއެވެ. އަދި ނިޢުމަތުގެ ސުވަރުގެ ވާރުތަވާ މީހުންގެތެރެއިން ލައްވައި އެކަލޭގެފާނުގެ ބައްޕަގެ ފާފަފުއްސެވުން އެދިވަޑައިގެން ދެންނެވިއެވެ. މި ތަނުގައި ފާހަގަކުރާން ޖެހޭ އެއް ކަމަކީ އިބުރާހީމްގެފާނުގެ ދުޢާގައި ބޭނުންކުރެއްވި ބަސްމަގާއި އިބާރާތުގެ ފުރިހަމަކަމެވެ. ވަރަށް ސާފު ސާދާ ބަހުން އެކަލޭގެފާނު ދުޢާކުރައްވަނީ އެކަލޭގެފާނަށް ބޭނުންފުޅުވާ ކަންކަމަށެވެ. އޭގެ ތެރޭގައި އެ ވަގުތު ބޭނުންވާ ކަންކަމާއި ފަހުން ބޭނުންވާ ކަންކަން ހިމެނެއެވެ.

ވިސްނައިލަމާ ހިންގަވާށެވެ! އެންމެ ފުރަތަމަ އެކަލޭގެފާނު އެދިވަޑައިގަތީ އެކަލޭގެފާނަށް ތޫނުފިލި ހެޔޮ ވިސްނުން ދެއްވުމަށެވެ. އެއީ އެކަލޭގެފާނު ނިންމަވާ ނިންމެވުންތައް ރަނގަޅަށް ނިންމަވައި ވިދާޅުވާ ވިދާޅުވުންތައް ފުރިހަމަކުރައްވައި، ކުރައްވާ ކަންކަން ކުރައްވާ ންޖެހޭ ރަނގަޅު ގޮތަށް ކުރެއްވުމަށެވެ.  ހެޔޮ ވިސްނުމުގައި ޝާމިލުވާ އެއް ބަޔަކީ ތޫނުފިލި ވިސްނުން ނުވަތަ ކްރިޓިކަލް ތިންކިންގ އެވެ. އެހެންވެ އެ ކަމަށް އެދިވަޑައިގެން އެކަލޭގެފާނު ﷲ އަށް ދެންނެވިއެވެ. އެކަލޭގެފާނުގެ ދުޢާކުރެއްވިތާ މިހާރު ގާތްގަނޑަކަށް 3500 އަހަރުވެއްޖެއެވެ. އެކަމަކު ތޫނުފިލި ވިސްނުމުގެ މުހިންމުކަން ނުވަތަ ރެލެވަންސް ކުޑައެއްނުވެއެވެ. އަދުގެ ދުނިޔޭގައި ތަޢުލީމީ ނިޒާމުގައި މީހުންނަށް ބޭނުންވާ އެންމެ ފުރަތަމަ ހުނަރަކީ ތޫނުފިލި ވިސްނުމެވެ.

އެކަލޭގެފާނު ދެން ބޭނުންފުޅުވީ އަބަދުވެސް ތެދުމަގުގައި ސާބިތުތިބި މީހުންގެތެރޭގައި ހިމެނިވަޑައިގަތުމަށެވެ. އެކަލޭގެފާނުގެ ކުރިން ވަޑައިގަތް ނަބީ ބޭކަލުންނާއި ﷲ އަށް އީމާންވެ ޞާލިޙު އަޅުންގެގޮތުގައިވި އެހެންވެސް މީހުން ފަދައިން އެކަލޭގެފާނު ވުމަށެވެ. އަދި މުސްތަގުބަލުގައި ފޮނުއްވާ ނަބިއްޔުންނާއި ޞާލިޙު އަޅުތަކުންގެތެރޭގައި އެކަލޭގެފާނު ޝާމިލުވެވަޑައިގަތުމަށެވެ. އީމާންވުމާއި ދީނަށް ގޮވައިލެއްވުމާއި އުޅުއްވުމުގައި އެންމެ ރަނގަޅަށް ޙިކުމަތް ދެއްކެވި އިބުރާހީމްގެފާނުގެ ދުޢާ ﷲ އިޖާބަކުރެއްވިއެވެ. އެކަލޭގެފާނު ރަސޫލު ބޭކަލުންގެ ބަފައިކަލުންނަށްވިއެވެ. ﷲ، އަޅުގަނޑުމެންގެ މާތް ސާހިބާ މުހައްމަދު ރަސޫލުﷲ ﷺ އަށް އިބުރާހީމްގެފާނު ސިފަކޮށްދެއްވީ އެކަލޭގެފާނުގެ ބަފައިކަލުންގެ ގޮތުގައެވެ. 

ފަހުން އަންނަ މީހުންގެ ދޫމަތީގައި އިބުރާހީމްގެފާނުގެ ތާރީފާއި ޘަނާލެއްވުމަށް އެކަލޭގެފާނު ދެންނެވީ ސަބަބުތަކެއް އޮވެގެންނެވެ. އެކަލޭގެފާނު ގިނިކަންޏާ ކުރެއްވި ހުރިހާ ކަމެއް ކުރެއްވީ ﷲ އަށް ޓަކައެވެ. އެކަލޭގެފާނު ފާހަގަކުރެއްވީ ﷲ ގެ އެއްކައުވަންތަކަމާއި އެ އިލާހުގެ ކުޅަދުންވަންތަކަމެވެ. އެކަލޭގެފާނުގެ ދީނަކީ އިސްލާމް ދީނެވެ. އަދި އެކަލޭގެފާނަކީ މުސްލިމެކެވެ. ބާވައިލެއްވި ދީންތައް ނުވަތަ ދުނިޔޭގެ އެންމެ މަޝްހޫރު ދީންތަކުން ދެކެނީ އެމީހުންގެ ބަފައިކަލަކީ އިބުރާހީމްގެފާނު ކަމަށެވެ. އެހެންކަމަށްވަންޏާ އެމީހުންގެ ކަލަކަށްވާންވާނީ ހަމައެކަނި ﷲ އެވެ. އެމީހުންގެ ދީނަކަށް ވާންޖެހޭނީ ހަމައެކަނި އިސްލާމް ދީނެވެ. އެކަލޭގެފާނަށް ތާރީފާއި ޘަނާ ލެއްވުމުން ލިބޭ މެސެޖަކީ އެކަލޭގެފާނު ދެއްކެވި މަގުގެ ޙައްޤު އަދި ތެދުކަމެވެ. ކައުނުގައިވާ އެންމެ ބޮޑު ހަގީގަތަކީ ﷲ ގެ އެއްކައުވަންތަކަމާއި އެއިލާހުގެ ކުޅަދުންވަންތަކަމެވެ. އެކަލޭގެފާނު އިންސާނީ ދަރިފަސްކޮޅަށް ދެއްކެވީ އެ ހަގީގަތެވެ. އެކަލޭގެފާނުގެ ދަރިފަސްކޮޅު ކަމަށް ދަޢުވާކޮށް އެކަލޭގެފާނުގެ ނަންފުޅުގައި ވާހަކަދައްކާ ކޮންމެ މީހަކު ފުރަތަމަ އީމާންވާންޖެހެނީ ﷲ އަށެވެ. އެގޮތަށް ކަން ނުކުރާ މީހުން އެކުރާ ކަމަކީ ފޭކު ޖެއްސުމެވެ. އެއީ އަސްލެއް ނެތް ނަގުލީ ވާހަކަ ދެއްކުމެވެ. އަދުގެ ޔަހޫދީންނާއި ނަޞާރާއިން ތިބީ މިދެންނެވި ފޭކް ފަލްސަފާގައެވެ. އެއީ ރަސޫލުﷲ އަށް ޤުރްއާން ބާވައިލެއްވިއިރު ދުނިޔޭގައި ތިބި ޔަހޫދީންނާއި ނަޞާރާއިންވެސް ކަންކުރި ފަދައިންނެވެ.

އިބުރާހީމްގެފާނުގެ ތޫނުފިލިކަމަށް ފިކުރުކުރައްވާށެވެ. އެކަލޭގެފާނުގެ ތަރިކައަކީ ނުވަތަ އެކަލޭގެފާނުގެ ޒިކުރާއަކީ ޝިރުކާ ގުޅިފައިވާ އެއްޗަކަށް ބަޔަކު ހަދާފާނެތީ އެކަމުން ބަރީއަވެވަޑައިގުމަށް އެކަލޭގެފާނު ދުޢާކުރެއްވީއެވެ. އެކަލޭގެފާނަށް ތަޢުރީފްކޮށް ސަނާކިޔަނީ ހަމައެކަނީ މުސްލިމުންނެއްނޫނެވެ. އެކަމަކު ޔަހޫދީންނާއި ނަޞާރާއިންވެސް ދަޢުވާކުރަނީ އެމީހުންގެ ބަފައިކަލުންނަކީވެސް އިބުރާހީމްގެފާނު ކަމަށެވެ. އެކަލޭގެފާނު ﷲ އަށް ދުޢާ މިދަންނަވަނީ އެފަދަ ނަގުލީ ނުވަތަ ފޭކު މީހުންގެ ކިބައިން އެކަލޭގެފާނުގެ ނަންފުޅު ރައްކާތެރިކުރެއްވުމަށެވެ. އެހެނީ ޝިރުކުކުރާ ބަޔަކާ އެކަލޭގެފާނު ގުޅުވުމަކީ އެކަލޭގެފާނު ދުވަހަކުވެސް އެދިވަޑައިގަންނަވާނެ ކަމަކަށް ނުވުމެވެ. އެކަލޭގެފާނު ޒިކުރާކުރެވޭނީ އިސްލާމް ދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި މުސްލިމުންނަށް އެކަންޏެވެ. މިދުޢާއިން ލިބޭ އެއް މެސެޖަކީ ޔަހޫދީންނާއި ނަޞާރާއިންނަށް ޙައްޤުގެ މަގަށް އަޅުގަނޑުމެން އަބަދުމެ ދަޢުވަތުދޭންޖެހޭ ކަމެވެ.

ކޮންމެއަކަސް ﷲ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވިއެވެ. އެކަލޭގެފާނަށްފަހު އެކަލޭގެފާނުގެ ދަރިފަސްކޮޅުން މެނުވީ ނަބިއްޔުންނާއި ރަސޫލުން ނުފޮނުއްވައެވެ. އެ ހުރިހާ ބޭކަލުންނަށް ﷲ ބާވައިލެއްވީ އިބުރާހީމްގެފާނުގެ ދީން އިސްލާމް ދީނެވެ. އަޅުގަނޑުމެންގެ މާތް ސާހިބާ މުޙައްމަދު ﷺ އަށް ﷲ އަންގަވަނީ އިބުރާހީމްގެފާނަކީ އެކަލޭގެފާނުގެ ބަފައިކަލުން ކަމުގައެވެ. އެކަލޭގެފާނަށް އަންގަވަނީ އިބުރާހީމްގެފާނުގެ ދީނަށް ތަބަޢުވުމަށެވެ. އަދި އިބުރާހީމްގެފާނަކީ ހުރިހާ ގޮތަކުން ފުރިހަމަ ނަމޫނާއެއް ކަމުގައި ﷲ އަންގަވައެވެ. ކޮންމެ ނަމާދެއްގެ ފަހު އައްތަހިއްޔާތުގައި އަޅުގަނޑުމެން ކުރާ ދުޢާގައި އެކަލޭގެފާނު ހިމަނަމެވެ. ނަމާދު ފުރިހަމަވަނީ އެ ދުޢާ ކިޔައިގެންނެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް