Advertisement

ކާބަފައިންގެ ކިބައިން ވާރުތަވި ދިވެހީންގެ މާހެފުން

03 Mar 2024 | 15:54
މި ޒަމާނުގެ މާހެފުމެއްގެ ސުފުރާމަތި

ނާޒިމާ ސަމީރު

ރޯދަމަސް ކައިރިވުމާ އެކު، ދިވެހީންގެ ތެރޭގައި މާހެފުމުގެ މޫސުން ލައިގަނެއެވެ. އޮފީސްތަކުގައެވެ. މަދަރުސާތަކުގައެވެ. އާއިލާގެ ތެރޭގައެވެ. ރައްޓެހީންގެ ގުރޫޕުގުރޫޕް އެއްވެގެންނެވެ. މިއީ މާ ކުރީ ޒަމާނުއް ސުރެ ދިވެހީން ކުރަމުން އަންނަ ކަމެކެވެ. ދިވެހީންގެ އާދަކަދައިގަ ހިމެނިފައިވާ ކަމެކެވެ.

މާހެފުމަކީ ދިވެހީންގެ އާދަކާދައިގައި ހިމެނޭ ކަމެއްކަން އެނގެނީ "ދިވެހި ދިރިއުޅުމުގެތެރެއިން" މި ފޮތުގައި މާ ހެފުން މި ނަން އައި ގޮތް ކަމަށް ލިޔެފައިވަނީ، "އިހުގައި ދިވެހީން ކެއްކީ ދަރު އުދުނުންނެވެ. މަސްކައްކާ ދިލަ ޖައްސަނީ ބަދިގެތެރޭގައެވެ. ބަދިގެ ހުންނަނީ ކަޅުވެފައެވެ. ދުމަށި ހުންނަނީ ގެދަބުޅި ޖަހައިފައެވެ. ކޮންމެ ރޯދަމަހަކަށް ބަދިގެ ދޮވެ ސާފުކުރެއެވެ. ގެދަބުޅި ކަހައި، ތެލި ތަވާ ފުފޭ ދޮވެ، އުނދުޅި ދޭފަތް ފިޔަން ތާހިރުކުރެއެވެ. އަޅީން ހުންނަ އުނދުންތައް ވެއްޓިފައި ހުންނާތީ އައު އުދުން ހަދައެވެ. މި ކަން ކުރަނީ ޝައުބާން މަހުގެ 29 ވަނަ ދުވަހު އެވެ. މިއީ ރޯދައަށް ހަނދުބަލާ ދުވަހެވެ.

އެއް ދުވަހެއްގައި ހުރިހާ އުނދުން ރޫޅައި ހަދަންވުމުން، ހުރިހާ ވަގުތަކަށް އެ އުނދުނަކުން ނުކެއްކެއެވެ. އަޅި އުނދުން ހިކެނީ، ދުވާލުދާ ހަތަރުދަމުންނެވެ. ވީމާ، ފަސޭހައިން ހެދޭ ކާއެއްޗެއް ހަދައިފައި، ވީހާ ހެނދުނަކާ އުނދުންތަން ހަދާން ޖެހެއެވެ. އެންމެ ފަސޭހައިން ކުރެވޭ ކަމަކީ، އެއްޗެތި މާ ލެއްވުމެވެ. ހަނޑޫ، ދޮނަޅަ، ޒުވާރި ފަދަ އެއްޗެއްސެވެ. މެންދުރަށް ނުވަތަ މެންދުރު ފަހު ކެއުމަށް ބޭނުންކުރަނީ އެޔެވެ. ހަނޑޫމަލާއި، ގޮދަންމަލާއި ޒުވާރި މަލެވެ. މިއާ އެކު ކަނީ ކާއްޓާއި މަހާއި ކަދުރުފަދަ ތަކެއްޗެވެ. ހުންޏާއި ދިޔާހަކުރު އަޅައި މޮޑެގެން ވެސް މައު ކައެވެ. މި ކަން ފެށުނީ، އެހިނިހެނަކަންތަކަށް ވަގުތު ސަލާމަތްކުރުމަށްޓަކައެވެ."މި ފަދައިންނެވެ.

މި ލިޔުމުން އެނގޭ ގޮތުގައި މާ ހެފުމަކީ މާލައްވައިގެން ކެއުމެވެ. މިއީ ރޯދައަށް ކައިރިވުމުން ބަދިގެ ސާފުކުރާން ފަސޭހައަކަށް ޓަކައި ކުރި ކަމެކަވެ.

މިހާރުވެސް ރޯދައަށް ދިވެހިން ގެޔާ ބަދިގެ ސާފުކުރެއެވެ. ނަމަވެސް ސިނާޢީ އިންގިލާބުގެ ސަބަބުން މަސައްކަތްތެރިކަމަށް ލިބުނު ލުއި ފަސޭހަޔާ އެކު ބަދިގެ ސާފުކުރާއިރު ކުރީބައިގައި މާލައްވައިފައި ބަހައްޓާކަށް ނުޖެހެއެވެ. ހަމަ އެހެންމެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއުން ބުއިންވެސް މި ވަނީ ބަދަލުވެފައެވެ. އެހެންކަމުން މާހެފުމުގައި ތައްޔާރުކުރާ ކާބޯ ތަކެއްޗަށް ވެސް މި ވަނީ ބަދަލު އައިސްފައެވެ. އެހެންނަމަވެސް ކުރީގައި ވެސް މާހެފުންތަކުގައި ހުންނަ ކަދުރާއި ކާށި، ވަޅޯ މަސްފަދަ ބާވަތްތައް މިހާރު ވެސް ފެނެއެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއެކު މާހެފުމަށް ވެސް މި ވަނީ ބަދަލު އައިސްފައެވެ. ޚާއްޞަކޮށް ސިނާޢީ އިންގިލާބާ އެކު މަސައްކަތްތެރިކަމަށް ލިބުނު ލުއިފަސޭހަކަމާ އެކު މަސައްކަތްތައް އަވަހަށް ނިންމައިލެވޭތީއެވެ. ކެއުން ބުއިމަށް އައި ބަދަލުގެ ސަބަބުންނެވެ. އެހެންނަމަވެސް މިހާރު މާހެފުންތަކުން ވެސް ދިވެހީންގެ ސަޤާފީ ކެއުންތައް ފެނެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު އައި ނަމަވެސް މާހެފުމަކީ އޭރު ވެސް ދިވެހީން ކުރަމުން އައި ކަމެކެވެ. މިހާރު ވެސް ކުރަމުން އަންނަ ކަމެކެވެ. ދިވެހި ކާބަފައިންގެ ކިބައިން ވާރުތަވި ކަމެކެވެ.

________________________________

އެޑިޓަރުގެ ނޯޓް
ނާޒިމާ ސަމީރަކީ ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިއެއްގެ އިތުރަށް ސަގާފީ ކަންކަމަށާއި ޚާއްޞަކޮށް ދިވެހިބަހަށް ލޯބިކުރައްވާ ލިޔުންތެރިއެކެވެ. އޭނާ މީގެ ކުރީން ވެސް ތަފާތު ވެބްސައިޓްތަކަށް ލިޔުއްވައިފައިވެއެވެ. އޭނާއަކީ ވާހަކަލިޔުންތެރިއެއްވެސްމެއެވެ.

Advertisement

ކޮމެންޓް
ރިޟުވާނު
ކަމުގެ އާދަކާދަ މިވަނީ ވަރަށްބޮޑަށް ބަދަލުވެފައި. ކާބޯތަކެއްޗަށް އައި ބަދަލަށްވުރެ ފާހަގަކުރެވެނީ ރޯދަމަސް އައުމުގެ މާކުރިން މާހެފުން ބާއްވާކަން.
05 Mar 2024