Advertisement

ހައްގު (3)

03 Mar 2024 | 14:02
ހައްގު

އަސްމާ އަބޫބަކުރު

(2024 ފެބްރުވަރީ 25ގައި ޝާއިޢުކުރި ބައާ ގުޅޭ)

"މަންމަމެންނާ މެދު ނުވިސްނާ! މިހެން މި ބުނީ ދަރިފުޅުމެންނަށް ރަނގަޅަކަށް. ނަދީމުގެ އުޅުން ހުންނަ ގޮތުން މަންމަ ވަރަށް ކަންބޮޑުވޭ. ޢަޒީޒާއަށް ގިފިއްޔަށް ވަދެ ފެންވެރީނީކީ ނޫން. މަސައްކަތެއް ކުރެވެނީއެއް ނޫން.  ގޭތެރޭގައި އަބަދު މި ޖެހެނީ މަންމަ  ފާރައަށް ހުންނާން. އެ ނަދީމަށް ވެފައި ހުރި ގޮތެއް ނޭނގެ. ޢަޒީޒާ މި ގެއަށް އައި ފަހުން ނަދީމު ގިނަ ވަގުތު އެޅެނީ ޢަޒީޒާ ފަހަތުގައި. ގޭގައި ހުންނަ މީހަކަށްތާ ގިނަ ކަންކަން ފެންނާނީ" މަންމަގެ ވާހަކަތަކުން ނަދީމުގެ ކަންތައް މާ މައްޗަށް ގޮސްފައިވާކަން އެނގުނެވެ.

" މަންމައާއި ބައްޕަ ދާންވާނެ އަހަރެމެންނާއެކު." މަންމަމެން ގެންދާން ބާރުއެޅުމާއި، އަހަރެމެން އެކަނި ދާން ބޭނުން ނުވާތީ އެދުނީމެވެ.

" މަންމަމެން އަމިއްލަ ފަސްގަނޑުގައި ބައިތިއްބާ ދަރިފުޅާ." މަންމަ އަހަރެމެންނާ އެކު މާލެ ދާން އެއްބަހެއް ނުވިއެވެ. އެ ކަމާ ދެރަވެގެން އެތައް ގަޑި އިރަކު ވިސްނާން އިނދެވުނެވެ.

މަންމަގެ ނަޞޭޙަތާއި ބައްޕަގެ އެއްބާރުލުމާ އެކު، އަހަރެމެން މާލެ ބަދަލުވާން ނިންމީމެވެ. ޢަޒީޒާއަށް ހަމަޖެހުން ލިބޭން އޮތީ ރަށުން ފުރައިގެން ދިއުމުންނެވެ. އަހަރެމެން މާލެދާން އުޅޭކަން ނަދީމަކަށް ނޭނގޭނެއެވެ. މަންމަ ވާހަކަ ދެއްކިތާ ދެ ދުވަސް ފަހުން ރަށުންފުރާ ބޯޓަކުން އަހަރެމެން މާލެ ބަދަލުވީއެވެ. އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ މަންމައާއި ބައްޕަގެ ޙާލު ބަލައިލާން ވެސް ގުޅޭނެ ގޮތެއް ނޯންނާތީއެވެ. ރަށްރަށުގައި މޮބައިލް ފޯނު ފަދަ ޢަލާތްތައް ގެންގުޅޭ ދުވަސްވަރަކަށް ނުވާތީއެވެ. 

ޔޫލީ ޑައިރީ ލައްޕައިލީ ހިތުގައި ޢަޒުމެއް ކަނޑައެޅުމަށް ފަހުއެވެ. ހިތާމަކުރުމަކުން މަންމައާއި ބައްޕަ އެނބުރި ނާންނާނެކަން އަމިއްލަ ހިތަށް ވިސްނައިދިނެވެ. އަދި ޔޫލީގެ ހުރި ނުކުޅެދުންތެރިކަން ބަލާ ބެލުމަށް އެއްވެސް މީހަކަށް ފާހަގައެއް ނުވާނެކަން ވެސް ޔޫލީގެ ހިތަށް ވިސްނައިދޭން އެތައް ވަގުތެއް ހޭދަވިއެވެ. ޔޫލީގެ ދެލޯ ސަލާމަތުން ހުރިކަމަށް މީހުންނަށް ފެނުނަސް އެއް ލޮލަށް ރަނގަޅަކަށް ނުފެނެއެވެ. އެއީ ވެސް ޔޫލީ ހިތާމަކުރަމުން އައި ކަމެކެވެ. އެކަމަކު ދެން ހިތާމަ ކުރާކަށް ނޯންނާނެކަމަށް ޢަޒުމް ކަނޑައެޅީ އެތައް ބައެއްގެ ޙައްޤަށް ޓަކައެވެ. ކަން ކުރާނެ ގޮތުގެ ޕްލޭނެއް ހިތުގައި ކުރެހީ އެ ޑައިރީއިން އެތައް ކަމެއް ޔޫލީއަށް އެނގުމުންނެވެ. އެންމެ ފުރަތަމަ ކަމަކީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުވެ.

ދެތިން ތަނަކަށް ވަޒީފާއެއް ހޯދާން ޔޫލީ ފޯމް ހުށަހެޅިއެވެ. އެއް އޮފީހަކުން މިއަދު އިންޓަވިއުއަށް ވަނީ ކިޔައިފައެވެ. އެ އިންޓަވިއުއަށް ދާން ޔޫލީ ދިޔައީ ތައްޔާރުވަމުންނެވެ.

"ފޯން ރިންގުވާނީ ވެސް އެންމެ ނުތަންވަޅު ގަޑީގައި. ކާކުބާ ގުޅަނީ؟" ޔޫލީ ފޯން ނެގުމާއެކު އެ ކޮޅުން ހީވީ ހާސަރުތަކެއް ދަމާހެންނެވެ.

"އައްސަލާމް ޢަލައިކުމް. ޔޫލީތޯ؟"

"ވަޢަލައިކުމް ސަލާމް. އާދެ މީ ޔޫލީ."

"ޔޫލީއާ މި ގުޅައިލީ މިއަދު ބާއްވާން ހަމަޖެހިފައިވާ އިންޓައިވު އެހެން ދުވަހަކަށް ފަސްކޮށްލެވިފައިވާތީ އެ ވާހަކަ ދަންނަވައިލާން." އެ ކޮޅުން ބޭނުންވާ ވާހަކަ ބުނެފައި ފޯނު ކަނޑާލިއެވެ.

"ވަޒީފާއަކަށް ވެސް  ކުރިމަތި ލެވޭކަށް ނެތް. ތަންތަނުން ހަދަނީ އެ މީހުން ބޭނުން ގޮތެއް." ޔޫލީ އަމިއްލައަށް ކުދި ކިޔައިގަތެވެ. އަނެއްކާ ވެސް ޔޫލީގެ މޫޑު ޚަރަބުވީއެވެ.

ދެން ކުރާން ބޭނުންވާ އިތުރު ކަމެއް ނެތުމުން ޒާރާއަށް ގުޅައިގެން ބޭރަށް ނިކުމެއްޖެއެވެ. ޒާރާމެން ގެއަށް ދާން ނިކުތް ތަނާ އަލީމް ފެނުނެވެ. ސްކޫލުގައި އަލީމާއި ޔޫލީއަކީ އެއްހައުސް އެއްގައި މަސައްކަތް ކުރުމުގެ ސަބަބުން ދަންނަ ދެ ރައްޓެހީންނެވެ.

ޔޫލީ. ކިހިނެއް؟ ކޮންތާކަށް ތިޔަ ދަނީ.؟"

"އަލީމް ތި ހިނގަނީ އަހަރެންގެ ބޯކޮޅު ބަލަމުންތަ؟ އަހަރެން ގެއިން ނިކުންނަ އިރަށް ތި ހުރީ ކުރިމަތީގައި."

ޒާރާ ގެއާ ހަމައަށް ދެވުމުން އަލީމު ވަކިވީ ޔޫލީއަށް ގުޅާނެ ވާހަކަ ބުނުމަށްފައެވެ.

"ކޮންތާކަށް ދާނީ؟" ޒާރާ އަށް އެންމެ އުނދަގޫވާނީ އަބަދު ވެސް ދާނެ ތަނަކާ ކާނެ އެއްޗެއް ނެގާށެވެ. އެއީ އަބަދުވެސް އާދައެވެ.

"ހިނގާ މިތާ ކައިރި ރެސްޓޯރެންޓަކަށް ވަދެލާން. މިއަދު އިންޓަވިއު ކެންސަލްކުރުމުން މުޅި މޫޑު ޚަރާބު ވެއްޖެ." ޔޫލީ ހިތްހަމަ ނުޖެހިފައި ހުރެއްޖިއްޔާ ޢާންމުކޮށް ވަރަށް ގިނައިން ކާނެކަން ޒާރާ އަށް އެނގެއެވެ.

"އެހެންވީމާ މިއަދު ޔޫލީ ރަނގަޅު މިލްކު ޝޭކެއް ބޯނެ." ޒާރާ ބުނެލިއެވެ. އަދި އެ ދެ ކުދީން ކައިރީގައި ހުރި ރެސްޓޯރެންޓަށް ވަދެއްޖެއެވެ. ކާނެ އެއްޗަކަށް އޯޑަރުކުރުމަށް ފަހު އެމީހުންގެ ވާހަކައިގައި ޖެހިފައި ތިއްބެވެ.

"ތިޔައެއް ނޫނޭ. ޒާރާއާ ދިމާއަށް މާ ވަރަކަށް އެ ބަލަނީ ކާކު؟" ޔޫލީ އިޝާރާތްކުރި ދިމާއަށް ޒާރާ ބަލައިލިއެވެ. އެ ވަގުތު އެމީހަކު ޒާރާއަށް ހިނިތުންވެލިއެވެ. ޒާރާ ވެސް ރަކިވެގެން އިނދެ އެ މީހަކަށް ހިނިތުންވެލިއެވެ.

"ޒާރާ ދަންނަ މީހެއްތަ އެ؟ އެއްކަލަ ޒާރާ މީހަކު ފެންނަ އިރަށް އެހާ އަވަސްވާނެ ރައްޓެހިވާން." ޔޫލީ ކުދި ކިޔައިގަތެވެ.

"ޔޫލީ ހުރޭ ތިޔަ ހެން. މި ޒަމާނުގައި އޭލެވެލް ކީއްކުރާން އޯލެވެލް ނިމޭއިރު ހުންނާނީ ދެތިން ބިޓުން ނަގައިފައި. އެ ވެސް ޔޫލީ ފިޔަވައި." ޒާރާ ދިޔައީ ޔޫލީއާ ދިމާކުރަމުންނެވެ.

"ތިޔާ ޖެހުނީ މީހަކު ހޯދާން އަތްފުނާ އަޅާން. މި ޒަމާނަކު ނުލިބޭނެ މަ ބޭނުންވާ ވައްތަރެއް." ޔޫލީ ވެސް ދިޔައީ ޒާރާއަށް ރައްދުދެމުންނެވެ.

"ފަސްމީރު ކުރި ރުކެއް ހޯދާން ތިޔަ ހުންނަނީ. ކަނޑުގުރުވަ ނޫނީ ނުކާން އުޅުނު މާކަނާ އަށް ވީހެން ވާނީ. ތިޔަ ހެން ހުރޭ ކުއްޖަކު ފެންނަ އިރަށް ބިމަށް ތުންގަނޑު ހަރައިގެން." ޒާރާ ދެއްކީ ދޮގު ވާހަކަތަކެއް ނޫނެވެ. ޔޫލީ ނޫނީ މިހާރު އޭލެވެލް ނިންމި ކުދީންގެ ތެރޭގައި ވެސް ހުސްކޮށް ހުރި ކުއްޖެއް ނެތެވެ. ސްކޫލުގައި އިންޓަވަލް ގަޑި ޖެހޭއިރަށް ޖޯޑުޖޯޑަށް ކުދީންތައް ބައިބައިވާ ތަން ފެންނާނެއެވެ. އެ ގޮތަށް ނުދާ މަދު ކުދީންކޮޅެއް ތިބެއެވެ. ގިނައީ ސްކޫލް ތެރެއިން ލޯބި ފެށިފައިވާ ކުދީންނެވެ.

ޒާރާގެ ވާހަކަތަކަށް ޔޫލީ ވިސްނަމުން ދިޔައެވެ. އެންމެ ފަހުން ގޮތެއް ނިންމާން ޔޫލީއަށް އުނދަގޫވިއެވެ.

"އަލީމް ކޮބައިތަ؟ އޭނާއަށް ގުޅައިބަލަ."

"އަލީމު އުޅެނީ ބިޓެއް ނަގައިގެން. އަހަރެން އެހީމާ ވެސް ކާކު ކަމެއް ނުބުނި."

"ޔޫލީ ބޭނުންވާ ކަހަލަ ޝަރުތު ހަމަވާ ފިރިހެން ކުއްޖަކު ހޯދާން ޖެހޭނީ އިޢުލާނުކުރާން. އެފްބީ ކަހަލަ ޕޭޖެއްގައި އިޝްތިހާރު ޖަހާން މަށަށް ފެންނަނީ"

" އަދި މީހަކު ނެތިގެން އުޅޭ ވަރެއް ނޫނޭ. އިހަށް ދުވަހު މި ނިމުނީ ކިޔަވައި. ޒާރާ އުޅޭހެން މަހަކު ބިޓެއް ނޫނީ ދެ މަހުން އެއް މަހު މީހަކު ނެގުން މުހިންމެއް ނޫނޭ. މަށަށް ހުރި މީހަކު އަދި އެ ހުރި ތަނެއްގައި ހުންނާނެ. އުންމީދުގެ ވާފަށް ބުރިވާވަރެއް ނުވޭ." ޔޫލީ ބުނެލިއެވެ.

އެ ދުވަހު ގެއަށް އައިސް ޔޫލީ ވިސްނަމުން ދިޔައީ ޒާރާގެ ވާހަކަތަކާ މެދުއެވެ.

ޔޫލީގެ ފޯނުން ގެލެރީގައި ހުރި ފޮޓޯތައް ބަލާން ފެށިއެވެ. ސްކޫލުގެ އެކި ކަންކަމުގައި ނެގި ފޮޓޯ ތަކުގެ ތެރެއިން ފޮޓޯއަކަށް އަލީމް އަރައިފައި ހުއްޓެވެ. އެ ފޮޓޯއަށް ރަނގަޅަށް ޔޫލީ ބަލައިލިއެވެ. ސްކޫލް ދުވަސްވަރު އަލީމާ އެކީ ދެކެވުނު ވާހަކަތައް ހަނދާންވާން ފެށިއެވެ.

އަލީމާ މެދު ވިސްނުމުގައި ޔޫލީ ގިނަ ވަގުތު ހޭދަކުރާން ފަށައިފިއެވެ. މީހެއްގެ ރަނގަޅު ސިފަތަކާ މެދު ވިސްނާން ފަށައިފި ނަމަ، އެ މީހެއްގެ ރަނގަޅުކަން ފާހަގަކުރެވޭން ފަށައެވެ. ޔޫލީއަށް ވީ ވެސް އެހެންނެވެ. ދެތިން ދުވަސް ހޭދަވީ އަލީމާ މެދު ވިސްނުމުގައެވެ. އެކަމަކު އިސްވެ ފޯނުކޮށްލާން ވެސް ނުކުރިފައި ހުރީ އަލީމް ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާހަކަ ބުނެވިފައި އޮތީމައެވެ.

އަލީމް ބިޓެއް ހުންނަ ވާހަކަ ބުނެފައިވިއަސް ޔޫލީއަށް ގިނަގިނައިން އަލީމް ގުޅާތީ ޔޫލީ ކަންބޮޑުވާން ފެށިއެވެ. "އަލީމް ތިވަރަށް ގުޅަންޏާ ރައްޓެހިވެގެން އުޅޭ ކުއްޖާ ރުޅި އަންނާނެ."

"ކީއްވެ އަހަރެން ރައްޓެއްސަކާ ވާހަކަ ދައްކާ އިރަށް އޭނާ ރުޅިއަންނާންވީ؟"

"އަހަންނާ އޭނައާ ބައްދަލު ކޮށެއް ނުދޭނަންތަ؟" ޔޫލީ ބޭނުންވަނީ އަލީމް ރައްޓެހިވެގެން އުޅޭ ކުއްޖާ ދެކިލާށެވެ. އެ ކުއްޖާގެ ނަސީބު ގަދަކަމުން ޔޫލީ ޙަސަދަވެރިވެއެވެ.

"ބުނީމެއްނުން ފޮޓޯ ދައްކައިލެވިދާނޭ. އެކަމަކު އޭރުން ޝޮކެއްކަން ނޭގެ ލިބޭނީ"

"އެއީ ކީއްވެ؟" ޔޫލީ ހިތުގައި އެ ކުއްޖާއާ މެދު ޙަސަދަވެރި ވިއަސް އެކަން ނުދައްކައި ވޭތޯ ބަލަމުން ގެންދިޔައެވެ.

"ރީތިކަމުން." އަލީމް ހީލިއެވެ.

"ތިޔަ ހެން ބުނީމަ އަދި މާބޮޑަށް ދެކިލާ ހިތްވެއްޖެ."

"ކެރޭނެތަ މި ގެއަށް އަންނާން. އޭރުން ފެނިދާނެ." އެ ކަމަށް ހިތާ ދެކޮޅަށް ނަމަވެސް ޔޫލީ އެއްބަސްވިއެވެ. އަލީމް އެ ކުއްޖާއާ ސީރިއަސް ގުޅުމެއް އޮތިއްޔާ ޔޫލީ އަލީމާ މެދު މިހާރު ދެކޭން ބޭނުންވާ ގާތްކަން ނުބަހައްޓާން ނިންމިއެވެ.

ޖެހިގެން އައި ދުވަހުގެ ރޭ އަލީމް ދިޔައީ ޔޫލީ ގޮވައިގެން އަލީމުގެ ގެއަށެވެ. މިއަދަކީ ޔޫލީއަށް ޚާއްޞަ ދުވަހެކެވެ. އަލީމަށް ޓަކައި ފުރަތަމަ ފަހަރަށް ރީތިވާން ފެށިއެވެ. މީގެ ކުރީން މޭކަޕްނުކުރާ ވަރަށް މޭކަޕް ވެސް ކުރިއެވެ. ޔޫލީ ހިތުގައި އޮތީ އަލީމްގެ ހިތުގައި ޔޫލީއަށް އެއްވެސް ޝައުޤުވެރިކަމެއް ވާ ނަމަ މިރޭ އަލީމުގެ ހިތަށް އަސަރުކުރާ ވަރު ކުރުމަށެވެ.

ޔޫލީ ފުރަތަމަ ފަހަރަށް ފިރިހެން ކުއްޖަކާ އެކީ ބޭރަށް ދިޔަ ފަހަރު ދިޔައީ އަލީމުގެ ގެއަށެވެ. ސިޑީން އަރަމުން ދިޔައިރު ޔޫލީގެ ހިތްތެޅެމުން ދިޔައެވެ. އެ ކުއްޖާ އެއީ ކިހާރީތި ކުއްޖެއްބާއެވެ؟ އެ ކުއްޖާ ހުންނާނީ ކިހިނެއްބާއެވެ؟

"އަލީމްގެ މަންމަމެން ހިތްހަމަ ނުޖެހޭނެއްނު. އަހަރެން ތިޔަ ކޮޓަރިއަށް ދިޔައިމާ."

"ޔޫލީ ގޮވައިގެން މި ދަނީ ގޯސް ކަމެއް ކުރާކަށް ނޫނެއްނު. އަހަރެންގެ މަންމަ ވަރަށް ކޫލްވާނެ." އަލީމްގެ ކޮޓަރިއަށް ވަދެ ޔޫލީ އެކި ތަންތަނަށް ނަޒަރުހިންގައިލިއެވެ. ކޮޓަރި ފެނުމުން ވެސް އެ ޢާއިލާގެ ފުދުންތެރިކަން އެނގެއެވެ. ކޮޓަރީގެ މެދުގައި ކިންގ ސައިޒުގެ އެނދެއް ހުއްޓެވެ. ރީތިކޮށް ތަންމަތި އަޅައިފައިވުމުން އެ ގޭގެ ސާފުތާހިރުކަމާއި ތަރުތީބުކަން ފެނި ޔޫލީ ހިތް ހަމަޖެހުނެވެ.

ތެޅިތެޅި އޮތް ހިތަކާއެކު ޔޫލީ މަޑުމަޑުން ގޮސް އަލަމާރި ކައިރިއަށް ހުއްޓުނެވެ. އަލަމާރި ދޮރުފަތް ހުޅުވާލިއިރު ފެނުނީ ހުސް ކަރުދާސް ގަނޑެކެވެ. " މިތާ  ނެތެއްނު އެއްވެސް ފޮޓޯއެއް. ހުސްދޮގު ހެދީދޯ" ޔޫލީ ހީކުރި ގޮތަކަށް ނުވިއެވެ. އަލީމް ޔޫލީ ތަޅުވާން ކުރި މަސައްކަތް ދެކިބަލާށެވެ.

"ތިޔަ ކަރުދާސްގަނޑު ތިރީން ހިއްލައިލަބަލަ." އަލީމް އެދުނެވެ.

އެކަރުދާސް ގަނޑު ހިއްލައިލި އިރަށް ޔޫލީ ދިޔައީ ސިއްސައިގެންނެވެ. ދޮރުފަތުގައި އެ ހުރީ ޔޫލީގެ ފޮޓޯއެކެވެ. އެއީ މީގެ ދެ އަހަރު ކުރީން އޯލެވެލްގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ޔޫލީ އިނާމާ ޙަވާލުވަނިކޮށް ނަގައިފައި ހުރި ފޮޓޯއެކެވެ. ޔޫލީއަށް ހަމަ ނޭވާ ލެވުނީ އެ ހިސާބުންނެވެ. އަލަމާރި ކައިރީން އެނބުރިލީ ވަގުތު އަލީމްހުރީ ރީތި މާބޮނޑިއެއް ހިފައިގެން ޔޫލީއަށް ދިއްކޮށްލައިގެންނެވެ.

"އަހަރެންގެ ހިތުގައި އެތައް ދުވަހެއް ވެއްޖެ ޔޫލީއާ މެދު ވިސްނާތާ. ބުނާން ނުކެރިފަ މި ހުންނަނީ. އަހަންނާ ރައްޓެހިވާނަންތަ؟" ޔޫލީ ހީކުރި ގޮތާ ޚިލާފަށް ޔޫލީގެ ފޮޓޯ ފެނުމުން ގަތް ލަދުން ޔޫލީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

 އަހަރެން ބޭނުން ޔޫލީގެ އިނގިލި ބަލައިލާން."

"އެއީ ކީއްކުރާން؟" ޔޫލީ ހުރީ ފާޑަކަށް ރަކިވެފައެވެ. އެ އަލަމާރީގައި ޔޫލީގެ ފޮޓޯއެއް ހުންނާނެކަމަކަށް ފަހަރެއްގައި ވެސް ހީކުރެވިފައެއް ނެތެވެ.

"ދައްކައިބަލަ ތިޔަ ރީތި އިނގިލިތައް." ޔޫލީ އަތް ދައްކައިލުމާ އެކީ އަލީމް ހުޝިޔާރުވެ ހުރެ ކަށި އިނގިލީގައި އަނގޮޓިއެއް އެޅުވިއެވެ.

"އަހަރެން.. ޔޫލީ ދެކެ.. ވަރަށް ލޯބިވޭ. އަބަދު ވެސް އެ ކަން ހަނދާން ބަހައްޓައްޗޭ!"

ޔޫލީ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އަލީމު ކަންތައް ކުރީ ޔޫލީ ހީކުރި ގޮތަކަށް ނޫނެވެ. އުފަލުން ގޮސް ފެންކަޅިވެފައި ހުރި ޔޫލީއަށް ބުނެވުނީ އެންމެ ޖުމްލައެކެވެ.

"ހިނގާ ބޭރަށްދަމާ ދޯ!" އެ ކޮޓަރިން ނިކުތުމާއެކު އަލީމު އެދުނީ އެ ގެއިން ކޮންމެ ވެސް އެއްޗެއް ކައިގެން ދާށެވެ. މަންމައަކީ ވަރަށް މީރުކޮށް ކައްކާ މީހެއްކަމަށް އަލީމް ބުނި ކަމުގައި ވިޔަސް ޔޫލީއަކަށް އެ ގޭގައި ގިނައިރު މަޑުކުރާކަށް ނުކެރުނެވެ.

"އަހަރެންގެ ލޯބި ގަބޫލުކުރީމާ ގެއަށް ގެންދެވޭނީ."

ޔޫލީ ބޮލުން އާއެނކޭ ބުނެލިއެވެ. އެ ގޮތެއް އަލީމަކަށް ކަމކު ނުދިޔައެވެ.

"އަހަރެންގެ ހިތުގައި އަލީމްގެ ނަން ފަވާލެވުނުތާ ދުވަސްކޮޅެއް ވެއްޖެ. އެހެންނަމަވެސް އަލީމު އެހެން ކުއްޖަކާ ރައްޓެހިވެގެން އެޅޭކަމަށް ހީކޮށް އެއްޗެއް ނުބުނެ ހުރީ. އަލަމާރީގައި ހުރި ފޮޓޯއަށް ހިތުން ވަރަށް އެއްޗެހި ވެސް ގޮވައިފިން. އެއީ އަހަރެން ކަމަކަށް ހިތަކަށް ވެސް ނާރާ" ޔޫލީގެ މުޅި މޫނުމަތި ހުރީ ރަތްވެފައެވެ. އޭރު ލޮލުން ކަރުނައިގެ އަސަރު ފެންނާން ހުއްޓެވެ. 

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް