ރާއްޖެ މަތީން ދަތުރުކުރި ޖިންނިއެއްގެ ބިރުވެރި ތަޖުރިބާ
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
ރާއްޖޭ މަތީން ދަތުރުކުރި ޖިންނިއަކު، ރާއްޖޭގެ މަގެއް މައްޗަށް ތިރިކޮށްލިއެވެ. މަގުގެ ދެފަރާތް ބަލައިލި އިރު، އޭނާގެ ލޮލުގައި އަޅައިގަތީ އެއް ފަރާތުގައި ހުރި މަޖުލީސްކުރާ ގެއެވެ. ދެން، އެ ޖިންނި އެ ގެއަށް ވަނެވެ. އެ ގެއިން މީހަކު މަގުފުރެއްދުމުގެ ނިޔަތުގައެވެ. ކޮންމެއަކަސް، ޖިންނި އެ މީހާއާ އަވަލައި އެ މީހާގެ ހަށިގަނޑު ތެރަށް ވަދެ އޭގެ ވަކިތައް ހިއްޕައިލާން އުޅުނެވެ. ދެން، މާ ގިނަ އިރެއް ނުވެ، ހަމަ އެ ވަން ބާރު މިނުގައި ޖިންނި އެ މީހާގެ ހަށިގަނޑުގެ ތެރެއިން ނިކުތެވެ.
ކޮންމެއަކަސް މި ތަން ފެނިފައި އެ ޖިންނި ކުރެން އެ ޖިންނީގެ އަޚު ޖިންނިއަކު އެއްސެވެ. "ބަލަގަ! އަޚާ ތިހެދީ ކިހިނެއް ހެއްޔެވެ؟ މަޖުލީހުގެ އެ މީހާ މަގު ފުރައްދާން އުޅެފައި ތިހާ އަވަހަށް އޭނާ ދޫކޮށްލައިފައި ތިޔަ ނިކުތީ ކީއްވެ ހެއްޔެވެ؟"
ދެން ޖިންނި ބުންޏެވެ: "އަހަންނަށް ފެނުނު މަންޒަރަކުން އަހަންނަށް އެނގުނީ އޭނާ މަގުފުރެދި ދިޔުމަށް އަހަރުމެންގެ ޖިންނި ޝައިޠާނުންގެ އަވަލުމާއި މަގުފުރެއްދުމުގެ ބޭނުމެއް ނުޖެހޭކަމެވެ.!"
މި ކަމާ ހައިރާންވެ، އަނެއް ޖިންނި ބުންޏެވެ: "އެ ކަން ތިޔަ އަޚާއަށް އެނގެނީ ކިހިނެއްހެއްޔެވެ؟"
ޖަވާބުގައި ޖިންނި ބުންޏެވެ: "ހެނދުނު ފަތިސް ނަމާދަށް ފަހު، އޭނާ ވައްކަންކުރެއެވެ. އެއަށް ފަހު، މެންދުރު ވަގުތު ވީމައި، އޭނާ މިސްކިތަށް މެންދުރު ނަމާދަށް ދެއެވެ. އޭނާގެ މަސައްކަތު މޭޒުމަތީގައި ޚަތިމެއް އޮވެއެވެ. ނަމަވެސް މޭޒުގެ ވަތްގަނޑު ހުޅުވައިލުމުން ފެނުނީ ހުސް ބިޔަރު ދަޅެވެ. އަސުރުވީމައި، އަސުރު ނަމާދަށް ދެއެވެ. އެއަށް ފަހު، އޭނާ އުޅެނީ ރިޝްވަތާއި ހަދިޔާ ބަދިޔާ ހޯދުމުގައެވެ. ރޭނގަޑުވީމައި، ނަމާދުތައް ކޮށްގެން ދެން އޭނާ ދަނީ ނައިޓު ކުލަބުތަކަށެވެ. ނެށުމާއި ރާބުއިމާއި މަޖާކޮށް މުނިފޫހި ފިލުވުމުގައި އޭނާގެ ވަގުތުތައް އޭނާ ހޭދަކުރެއެވެ. މި ފަދަ މުނާފިގުން އިތުރަށް މަގުފުރައްދާން އަހަރުމެންނަށް ކުރެވޭން ދެން އޮތީ ކޮން ކަމެއްހެއްޔެވެ؟ އަހަންނަށް މިހާރު ޝައްކުވާ ދަރަޖައަށް ހިނގައްޖެއެވެ. އަހަރެން އޭނާއާ އަވަލީތޯ އޭނާ އަހަރެންނާ އަވަލައި އަހަރެންގެ ހަށިގަނޑުތެރޭ އޭނާ ވަކިހިއްޕައިލައި އަހަރެން މަގުފުރައްދައިލީތޯއެވެ؟"