Advertisement

މިއަދު ވެސް ދުނިޔޭގައި ބޭނުންކުރަނީ ފިރުޢައުނުގެ ތިން ހާސް އަހަރުވީ އަސްކަރީ އިސްތިރާޖީއެވެ.

01 Mar 2024 | 17:59
ފިރުއައުނާއި އޭނާގެ ދަރިފުޅު (އަސްލެއް ނޫން)

އަޙްމަދު ފަޔާޟް ޙަސަން

ތިމާ ދިރިއުޅޭ ގޭގެ ކުރިމަތީގައި އޮތް ނަރުދަމާގެ ހޮޅި ފަޅައިގެން ދިޔައެވެ. ހޮޅި ފެޅުމާއެކު ނިކުތް ނަޖިހުގެ ނުބައި ވަސް އިންތިހާއަށް ގަދައެވެ. ނަޖިހުގެ ވަސް ޖެހުމާއެކު ނޭފަތުގައި އަތް އެޅުނެވެ. އަދި ދުވާ ނުބައި ވަހުގެ ސަބަބުން ގެއިން ނިކުންނަާން ބޭނުމެއްނުވިއެވެ. ނަރުދަމާ މަރާމާތުނުކުރެވި އެއް ދުވަސް ވެއްޖެއެވެ. އަދިވެސް ނަޖިހުން އަރާ ނުބައި ވަހަކަށް ބަދަލެއް ނާދެއެވެ. އެކަމަކު ތިމާއާއި ތިމާގެ އަވަށްޓެރީންގެ އިހުސާސަށް ނުވަތަ އުޅުމަށް ބަދަލު އައެވެ. މިހާރު މީހުންނަކަށް ނަޖިހުގެ ވަސް މާ ބޮޑު ވަހަކަށް ނުވެއެވެ. އެއް ގޯސްވީއެވެ. އެ ވަހަށް މީހުންތައް ހޭނުނީއެވެ.

ފަލަސްޠީނުގައި ހިނގަމުންދާ ގަތުލު އާންމަށް ސަތޭކަ އަހަރު ވެއްޖެއެވެ. ދޭތެރެދޭތެރެއިން ޔަހޫދީން ހިންގާ ގަތުލުއާންމަށް ދުނިޔޭގެ ސަމާލުކަން ލިބެއެވެ. އެއަށް ފަހު، އެއްގޯސްވާ ފަދައިން މީހުންގެ ހަނދާނާއި އިހުސާސުން އެ ކަން ފިލައި ދެއެވެ. އެއީ އެމީހުން ބޭނުންކުރާ ސްޓްރެޓެޖީގެ ސަބަބުންނެވެ. އަދި އެއީ އެ ކަން އާންމު ކަމަކަށް ވީމައެވެ. ޔަހޫދީން ފަލަސްޠީނުގައި ހިންގާ ގަތުލުއާންމުގައި މިހާރު ހިނގަމުންދަނީ އާ ބޮޅެކެވެ. މިބޮޅުގެ އަނިޔާވެރި ލާއިންސާނީ ގަތުލުތައް ހިންގާން ފެށީ ފާއިތުވި އޮކްޓޫބަރ މަހުއެވެ. މި ޖަރީމާ ހިންގާތާ މިހާރު ހަތަރު މަސް ވެއްޖެއެވެ. މި ހިސާބަށް އައި އިރު އަޅުގަނޑުމެން އެއް ގޯސްވެއްޖެއެވެ. އެއަށް ވުރެ ބޮޑަށް އަޅުގަނޑުމެން މުސްލިމުންނަށް މާޔޫސްކަމާއި ހިތްދަތިކަން ކުރިމަތިކޮށްފިއެވެ.

މިހާލަތުގައި ކީރިތި ޤުރްއާނުގެ އާޔަތްތަކާމެދު ތަދައްބުރުކުރުން މުހިންމެވެ. ކީރިތި ޤުރްއާންގެ އެންމެ ހިތްގައިމު އެއް ސިފައަކީ އެ ބަސްފުޅު ޝިފާއަކަށްވުމެވެ. ހިތަށް ތަދުވެ، މާޔޫސްވެ، ގޮތް ހުސްވާ ހިނދު އެ ފޮތުގެ އާޔަތްތަކުން އުންމީދު އުފައްދައެވެ. އަޅުގަނޑުމެންގެ ވަށައިގެން ހިނގާ ކޮންމެ ކަމަކާ އެ ޤުރްއާން ގުޅުވައިލެވެއެވެ. ސާދަ ސަތޭކަ ސާޅީސް އަހަރު ވެގެން ދިޔަ އިރު ވެސް އެ ފޮތް އަޅުގަނޑުމެންނާ ގުޅޭ ގުޅުމަކަށް ބަދަލެއް ނާދެއެވެ. އަދި އެ ފޮތުގެ ރެލެވެންސާއި (އެކަށޭނަކަމާއި) މިހާރަށް އެ ފޮތުގެ މުނާސަބުކަން ވަނީ އިތުރެވެ. ކީރިތި ޤްރްއާނުގެ އާޔަތްތަކާ މެދު، ތަދައްބުރުކޮށް ތޫނުފިލިކޮށް ވިސްނާން ފެށުމުން އެ ފޮތުގެ ރެލެވަންސް ބޮޑުވެއެވެ. އެ ފޮތުގައި ﷲ ބަޔާންކުރައްވައިފައިވާ ކޮންމެ ވާހަކައެއް ގިޔާމަތާ ޖެހޭންދެން ރެލެވަންޓްވުމަކީ އެ ފޮތުގެ މުހިންމު ސިފައެކެވެ.

ފަލަސްޠީނުގައި މިހާރު ހިނގަމުންދާ ގަތުލުއާންމާ ގުޅޭ، ކީރިތި ޤުރްއާންގެ ފިލާވަޅަކަށް ބަލައިލުމަކީ މި ވަގުތަށް މުނާސަބު ކަމެކެވެ. އެއީ އެއިން އަޅުގަނޑުމެންނަށް އުންމީދާއި ހިތްވަރާއި އީމާންކަން ލިބޭނެތީއެވެ. ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި ﷲ ސުބްޙާނަހޫ ޥަތަޢާލާ މޫސާގެފާނު ވާހަކަ ބަޔާންކުރައްވައެވެ. ކޮންމެ ފަހަރަކު ވެސް ﷲ އެކަލޭގެފާނުގެ މަންޒަރު ދައްކަވާއިރު އެ ދައްކަވާ ލެންސް ނުވަތަ ކަންމިން (އޭންގަލް) ކޮންމެވެސް ވަރަކަށް ބަދަލުކުރައްވައެވެ. އެ ގޮތުން ސޫރަތުލްޣާފިރުގައި ﷲ، މޫސާގެފާނުގެ ވާހަކަ ބަޔާންކުރައްވަނީ ވަރަށް އާދަޔާ ޚިލާފް ނަޒަރަކުންނެވެ. އެ ނަޒަރާއި މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި މެދުއިރުމަތީގައި ނިއުޅެމުންދާ ޑުރާމާއާ ހުރި ގުޅުން ނިހާޔަތަށް ބޮޑެވެ.

ޣާފިރު ސޫރަތުގައި އެ ސޫރަތުގެ 23 ވަނަ އާޔަތުން ފަށްޓަވައިގެން ﷲ، މޫސާގެފާނު ވާހަކަ ބަޔާންކުރައްވައެވެ. ﷲ ސުބްޙާނޫ ޥަތަޢާލާ ފުރަތަމަ މި އަންގަވަނީ ﷲގެ އާޔަތްތަކާއި ހެކިތަކާއި ބާރާއެކު މޫސާގެފާނު ފިރުޢައުނާއި ހާމާނާއި ޤާރޫނު ގާތަށް ފޮނުއްވި ވާހަކައެވެ. އޭރު މިސްރަކީ ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ދައުލަތެވެ. ފިރުޢައުނުގެ ރަސްކަމަކީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ވެރިކަމެވެ. އޭނާގެ ލަޝްކަރަކީ ދުނިޔޭގައި އޮތް އެންމެ ބާރުގަދަ އަސްކަރީ ބާރެވެ. އޭނާގެ ބާރުވެރިކަން ފަޖުރު ސޫރަތުގެ 10ވަނަ އާޔަތުން އެނގެއެވެ. މިހާރު ނަމަ އޭނާއަކީ އެމެރިކާއާއި އެމެރިކާގެ ރައީސްއެވެ. މިހާރު ހުރިހާ ކަމަކަށް މުޅި ދުނިޔެ އެމެރިކާ ފަހަތުން ދުވާ ފަދައިން އޭރު މުޅި ދުނިޔެ ދުވުނީ ފިރުޢައުނުގެ ރަސްކަމުގެ ފަހަތުންނެވެ. މިތަނުގައި އެ މެރިކާގެ މިސާލު ނަގާން ޖެހުނީ މިއަދު ދުނިޔެ ފަސާދަކުރުމުގައި އެންމެ ކުރީގައި އެ މީހުން ހަރަކާތްތެރިވާތީއެވެ.

ޣާފިރު ސޫރަތުގެ 24ވަނަ އާޔަތުގައި ﷲ ފާހަގަކުރެއްވީ ހަމައެކަނި ފިރުޢައުނުގެ ވާހަކައެއް ނޫނެވެ. އެކަމަކު ހާމާނާއި ޤާރޫނުގެ ވާހަކަ ވެސް މެއެވެ. ފިރުޢައުނަކީ ދައުލަތުގެ އެންމެ އިސް ވެރިޔާއެވެ. މިހާރުގެ ބަހުން ނަމަ ހެޑް އޮފް ސްޓޭޓްއެވެ. ހާމާނަކީ ސިފައިންގެ އެންމެ އިސް ވެރިޔާއެވެ. މިހާރުގެ ބަހުރުވައިން ނަމަ ޑިފެންސް މިނިސްޓަރ އަދި ޗީފް އޮފް ސްޓާފްއެވެ. ޤާރޫނަކީ ދައުލަތުގެ އެންމެ ބޮޑު ޖާސޫސެވެ. މިހާރުގެ ބަހުރުވައިން ނަމަ، އޭނާއަކީ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީގެ ޗީފްއެވެ. ބަނީ އިސްރާއީލްގެ މުސްލިމުން އަޅުވެތިކޮށް އަނިޔާވެރިވުމުގެ އިސް މޭސްތިރިންނަކީ މި ތިން މީހުންނެވެ. ފިރުޢައުނުގެ ހުރިހާ އިސްތިރާޖީތަކުގެ ސިކުނޑިތަކަކީ މި މީހުންނެވެ.

ޤާރޫނުގެ އެންމެ ޚާއްޞަ ސިފައަކީ އޭނާ ބަނީ އިސްރާއީލް މީހަކަށްވުމެވެ. ބަނީ އިސްރާއީލް މީހުން އަޅުވެތިކޮށް އެ މީހުން ނިކަމެތި ހާލުގައި އާންމުކޮށް ހުޅުވައިލެވިފައިވާ ޖަލެއްގައި ބޭއިތިއްބުމުގެ އެއް މޭސްތިރިއަކީ ޤާރޫނެވެ. ފިރުޢައުނު ހިންގި މި ޖަރީމާގައި ޤާރޫންގެ ދައުރަކީ އޭނާގެ މީހުންނަށް ހަރާންކޯރުވެ ފިރުޢައުނަށް ޖާސޫސްކޮށްދިނުމެވެ. މި ގޮތަށް ޖާސޫސްކޮށްގެން އޭނާ ބަދަލުވީ ދުނިޔޭގައި އެ ވަގުތު ހުރި އެންމެ ބޮޑު ބިލިއަނަރަށެވެ. ﷲ ކީރިތި ޤުރްއާނުގައި އޭނާގެ ތަނަވަސްކަން ހުރިވަރު 28 ވަނަ ސޫރަތުގެ 76 ވަނަ އާޔަތުން ދައްކަވައެވެ. މިހާރު ވެސް ފަލަސްޠީނުގައި އަދި މުސްލިމުންގެ ތެރޭގައި ދުޝްމަނުންނަށް ވާގިވެރިވާ މީހުން މަދެއްނޫނެވެ. މެދުއިރުމަތީން މި މަންޒަރު ވަރަށް ސާފުކޮށް ފެނެއެވެ.

މިހާރު ފަލަސްޠީނުގެ ޣައްޒާގައި ފަލަސްޠީނު ރައްޔިތުން ބަންދުކޮށްފައި ތިބޭ ގޮތަށް މިސްރުގެ ތަންތަންކޮޅުގައި ބަނީ އިސްރާއީލް މީހުން ބަންދުކޮށްގެން އަޅުންގެ ގޮތުގައި ނިކަމެތިކޮށްގެން ފިރުޢައުނު ގެންގުޅުނެވެ. މި ގޮތަށް އެ މީހުން އަޅުވެތިކޮށް ނިކަމެތިކޮށް ގެންގުޅުމުގެ އިސްތިރާޖީގެ މޭސްތިރީންނަކީ ފިރުޢައުނާއި ހާމާނާއި ޤާރޫނެވެ. އޭރު ދުނިޔޭގައި ހުރިހާ ގޮތަކުން އެންމެ ބާރުގަދަ މީހަކީ ފިރުޢައުނުކަމަށްވާތީ ބަނީ އިސްރާއީލް މީހުން އެއް ފަހަރާ މަރައި ހުސްކުރުމުގެ އިޚުތިޔާރު ވެސް އޭނާ އަތުގައި އޮތެވެ. އެކަމަކު އޭނާ އެ ގޮތަށް އެކަމެއް ނުކުރިއެވެ. ބޭނުމަކީ ބަނީ އިސްރާއީލް މީހުން ލައްވައި އަޅު މަސައްކަތްކުރުވައި އެމީހުން އަނިޔާވެރިކަމުގައި ގެންގުޅެގެން އެކަމުން އުފާ ހޯދުމެވެ. އަދި އެމީހުން އެއްކޮށް ނުމަރައި ސިޔާސީ ގޮތުން ދައްކާން ބޭނުންވީ އޭނާގެ އިންސާނިއްޔަތުކަމެވެ.

ފިރުޢައުނާއި އޭނާގެ އިސް ބައިވެރީންގެ އިސްތިރާޖީގެ ފުރަތަމަ ބަޔަކީ ޣާފިރު ސޫރަތުގެ 24ވަނަ އާޔަތުގެ ދެވަނަ ބައެވެ. މިއީ ބޮޑު ދޮގުވެރި ސިހުރުވެރިއެކެވެ. މި ޒަމާނުގެ ބަހުރުވައިން ނަމަ ފިރުޢައުނު އިޢުލާން މި ކުރަނީ މޫސާގެފާނާއި އެކަލޭގެފާނަށް އީމާންވާ ބަނީ އިސްރާއީލް މީހުންނަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ. މި ބޮޑު ގައުމީ ވަބާއިން ހުރިހާ އަނިޔާއެއް ލިބެނީ މިސްރަށާއި މިސްރުގެ ރައްޔިތުންނަށާއި އޭނާއަށްކަމަށެވެ. ބަނީ އިސްރާއީލް މީހުންގެ މަގުސަދަކީ މިސްރުގެ އަސްލު ވަޒަންވެރީން އެ ރަށުން ފައްސައިލައި އެ މީހުންގެ ބިމަށް ވެރިވުން ކަމަށެވެ. ނަތީޖާއަކަށްވީ މިސްރުގެ ރައްޔިތުންނަށް ވެސް އެ ގޮތަށް ފެނުމެވެ. މިއީ މިއަދު އެމެރިކާއާއި އެމެރިކާގެ ބައިވެރީން ފަލަސްޠީނުގެ ނިކަމެތި ރައްޔިތުން ސިފަކުރާ ގޮތެވެ. ޔަހޫދީން ލައްވައި އެމެރިކާއިން މި ކުޅުވަނީ މީގެ ތިން ހާސް އަހަރުކުރީން ފިރުޢައުނު ކުޅުނު ޑުރާމާއެވެ. މުޅި ދުނިޔެ ލައްވައި ގަބޫލުކުރުވާން އެ މީހުން މަސައްކަތްކުރަނީ ހުރިހާ ނުބަޔަކީ ފަލަސްޠީނު މީހުންކަމެވެ.

ފިރުޢައުނު އަތުގައި އޮތް ބާރުވެރިކަމާ އެކު ވެސް، އޭނާގެ ދެރަވަރުކަމާއި ޟައީފްކަން އަލްޤަޞަޞް ސޫރަތުގައި ﷲ ބަޔާންކުރައްވައެވެ. ބިރުން އޭނާއަކަށް ނުނިދެއެވެ. އަނިޔާވެރިކަން ހިންގާ ޖައްބާރު ވެރީންގެ މިއަދުގެ ހާލަތަކަށް ވާނީ ވެސް ފިރުޢައުނު ތަހައްމަލުކުރި ފަދަ ބިރުވެރިކަމުގެ ހާލަތެވެ. މީހާ ނަފުސާނީވެ ފިކުރީގޮތުން ބަލި މީހަކަށްވުމެވެ. އޭރު ފިރުޢައުނުގެ ހާލަތު ދެނެވޮޑިގެންވީ ﷲ އެކަންޏެވެ. އެކަމަކު މިއަދުގެ ވެރީންގެ ހާލަތު އެމީހުންގެ ޑޮކްޓަރުންނާއި ބޭސް ދޫކުރާ ފާމަސިސްޓުންނަށް ވެސް އެނގެއެވެ. އަނިޔާވެރިކަން ހިންގާ މީހުންނަށް ނިދެނީ އެތައް ބައިވަރު ބޭހެއް ކައިގެންނެވެ. ފިރުޢައުނާއި އޭނާގެ ބައިވެރީން އެންމެ ބިރު ގަތް ކަންތަކުގެ ވާހަކަ ވެސް ﷲ ބަޔާންކުރައްވައެވެ. އެއީ ބަނީ އިސްރާއީލް މީހުން އޭނާގެ ވެރިކަން ވައްޓައިލައި ވެރިކަން ހޯދުމެވެ.

ބަނީ އިސްރާއީލަށް ﷲގެ ޕްލޭނެއް އޮތްކަން ޤަޞަޞް ސޫރަތް ފަށައިގަންނަ އިރު އަޅުގަނޑުމެންނަށް ކަށަވަރުވެއެވެ. ފިރުޢައުނުގެ އަސްކަރީ ސްޓްރެޓެޖީގެ އެންމެ މުހިންމު ބަޔަކީ ފިރުޢައުނަށް އީމާންވާ މީހުންގެ ފިރިހެން ދަރީން މެރުމެވެ. މި ގޮތަށް އީމާންވާ މީހުންގެ ފިރިހެން ދަރީން މެރުމުގެ ބޭނުމަކީ އެމީހުން ނިކަމެތިކޮށް ނަފުސާނީގޮތުން ބަލިކަށިކޮށް އެއީ އެއްވެސް ބައެއްނޫންކަން ދެއްކުމެވެ. ފިރިހެން ދަރީން މަރައި ހުސްކުރުމުން އަންހެން ދަރީން ތިބޭނީ މަގުމަތިވެފައެވެ. ފިރުޢައުނުގެ މަގުސަދަކީ އެ ގޮތަށް މީސްތަކުން ބިރުވެރިކަމާއި ހާސްކަމުގައި ބޭތިއްބުމެވެ. ޣާފިރު ސޫރަތުގެ 25ވަނަ އާޔަތުގެ އެންމެ ފަހު ބައިގައި ﷲ މި އަންގަވަނީ މަކަރުވެރި ކާފަރުންގެ ހުރިހައި ރޭވުންތައް ﷲ ދެނެވޮޑިގެންވާކަމާއި އެ މީހުންގެ ރޭވުންތައް އާޚިރުގައި ގެއްލެނިކުރައްވާނެކަމަށެވެ.

މިއިން އަޅުގަނޑުމެންނަށް ލިބޭ ފިލާވަޅަކީ ދުނިޔެ ގިޔާމަތާ ޖެހެންދެން މި ދުނިޔޭގައި ފިރުޢައުނުން އުޅޭނެކަމެވެ. އަދި އެފަދަ ކޮންމެ ފިރުޢައުނަކު ވެސް ބޭނުންކުރާނީ މިސްރުގެ ފިރުޢައުނު ބޭނުންކުރި ފަދަ އިސްތިރާޖީތައްކަމެވެ. އެކަމަކު އެއިން އިސްތިރާޖީއަކުން އާޚިރުގައި ނަތީޖާއެއް ނުނިކުންނާނެކަމެވެ. އީމާންވި މީހުންނަށް އެ ވަރަށް ފިރުޢައުނު އަނިޔާކުރިއިރު ވެސް އެ މީހުންގެ އީމާނަކަށް ބަދަލެއް ނައެވެ. އެ މީހުންގެ އުންމީދުގެ ހުޅުކޮޅު ނިއްވައެއްނުލެވުނެވެ. އިސްލާމްކަންމަތީ އެ މީހުންގެ މިނިވަންކަމަށް އަޑު އުފުލުމުގައި އެމީހުން ދެމިތިތްބެވެ. މިހާރު ފަލަސްޠީނު ވެސް އަޅުގަނޑުމެންނަށް ފެންނަނީ އެ މަންޒަރެވެ.

އެންމެ ފަހުން ގޮތް ހުސްވެގެން ފިރުޢައުނު އޭނާގެ އެންމެ ފަހު ކާޑު ކުޅުނެވެ. އެ ގޮތުން އޭނާ މޫސާގެފާނު އަވަހާރަކޮށްލާން ނިންމައި އެ ކަން އޭނާގެ ބައިވެރީންނަށް އިޢުލާންކުރިއެވެ. މޫސާގެފާނަކީ މިސްރުގެ ރައްޔިތެކެވެ. އެކަލޭގެފާނަކީ ފިރުޢައުނުގެ ގަނޑުވަރުގައި ބޮޑުފުޅުވި، އަދި ވެރިކަމުގެ ޚާންދާނުގެ ބޮޑެކެވެ. އެކަމަކުވެސް އެކަލޭގެފާނު އަވަހާރަކޮށްލާން ފިރުޢައުނު ނިންމީ އެއީ ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަށް ހަދައިފައެވެ. މިސްރުގެ ދައުލަތް ނެތި ހިނގައިދާނެތީ ގައުމަށްޓަކައި ކޮންމެހެން އަޅާންޖެހޭ ފިޔަވަޅެއްގެ ގޮތުގައެވެ. އަދި މޫސާގެފާނު މިސްރު މީހުންގެ ދީން ބަދަލުކޮށް ދުނިޔެ ފަސާދަކޮށް ދުނިޔެ ހަލާކުރާތީ އެކަން ހުއްޓުމުގެ ގޮތުންކަމަށް ބުނެއެވެ.

މިއީ މިއަދު ޔަހޫދީންނާއި އެ މީހުންގެ ބައިވެރީން ދައްކާ ވާހަކައެވެ. މިއީ މުޝްރިކުންނާއި އެ މީހުންގެ ބައިވެރީން ވެސް ތަކުރާރުކުރާ ނެރޭޓިވްއެވެ. (ރިވާޔަތެވެ.) ފިރުޢައުނު ބަޔާންކުރި ފަދައިން މިއަދު އަޅުގަނޑުމެންގެ ޢަދުއްވުން އިސްލާމް ދީން ސިފަކުރަނީ ކެންސަރެއްގެ ގޮތުގައެވެ. އަޅުގަނޑުމެންނަކީ ދުނިޔެ ފަސާދަކުރާ ބަޔެއްގެ ގޮތުގައެވެ. އެހެންވެ މި ދުނިޔެއިން އެކްސްޓްރީމިޒަމްގެ (ހައްދުފަހަނައަޅައި ދިޔުމުގެ) ވަސް ވެސް ފޮހެލާން ޖެހޭކަމަށް އެ މީހުން ދެކެއެވެ. މި މަގުސަދުގައި މުސްލިމުންނާ ދެކޮޅަށް ޔޫރަޕުގައި އަޅަމުންދާ ފިޔަވަޅުތައް ގިނައެވެ. ހުޅަނގުން މި ކުޅޭ ކުޅިގަނޑުގައި މުޝްރިކުން ޖޯޝާއެކީ ބައިވެރިވާކަމީ އަދުގެ ހަގީގަތެވެ.

މޫސާގެފާނު އަވަހާރަކޮށްލާން ފިރުޢައުނު އިޢުލާންކުރުމާ އެކު ވެސް އެކަލޭގެފާނު ދިހަ އަހަރު ވަންދެން މިސްރުގައި ދީނަށް ގޮވައިލައްވަމުން ގެންދެވިއެވެ. އެންމެ ފަހުން ފިރުޢައުނު ނިންމީ މޫސާގެފާނު އަތުލައިގަނެ އަވަހާރަކޮށްލުމަށް ޓަކައި ބިމުގެ ހަނގުރާމަކުރާށެވެ. މިހާރުގެ ބަހުން ނަމަ އޭނާ ނިންމީ ގްރައުންޑް އިންވޭޝަނަކަށް ދާށެވެ. މި ވާހަކަ ﷲ ޝުޢަރާ ސޫރަތުގައި ބަޔާންކުރައްވައެވެ. އެ ގޮތުން ފިރުޢައުނު އެންމެ ފުރަތަމަ ކުރި ކަމަކީ އޭނާގެ ލަޝްކަރަށް ޖޯޝާއި ފޯރި އުފައްދާން ތަގުރީރުކުރުމެވެ. އޭނާގެ މޯޓިވޭޝަނަލް (ޝައުޤުވެރިކުރުވަނިވި) ތަގުރީރުގައި ބަނީ އިސްރާއީލް މީހުންނަކީ އެއްވެސް ބަޔަކަށްނުވާ ނިކަމެތި ބަލިކަށި މަދު މީސްކޮޅެއްކަމުގައި ބުންޏެވެ. އެ މީހުންވަނީ އަހަރެމެން ރަތަށް އަރުވައިފައިކަމުގައި ވެސް ބުންޏެވެ. އަހަރެމެންނަކީ ހުރިހާ ގޮތަކުން ހުޝިޔާރުވެ ތައްޔާރަށް ތިބޭ ބަޔަކުކަމުގައި ވެސް އޭނާ ބުންޏެވެ.

ފިރުޢައުނުގެ ފޮނި މޮޅު ތަގުރީރަށް ބަލާ އިރު، ހަގީގަތް މުޅިން ތަފާތެވެ. ބަނީ އިސްރާއީލް މީހުންނަކީ އާރެއް ބާރެއް ނެތް އާންމު ރައްޔިތުންނެވެ. އެމީހުންނަކީ އެއްވެސް ބަޔަކަށް އޮތް ނުރައްކަލެއް ނޫނެވެ. އެ މީހުންނަކީ ހަތިޔާރު ހުރި ބަޔެއް ނޫނެވެ. އަދި އެ މީހުންނަކީ ބަޔަކާ އެއްވެސް ގޮތަކަށް ހަނގުރާމަކުރެވޭ ވަރުގެ ގާބިލުކަމެއް ހުރި ބަޔެއް ނޫނެވެ. އެކަމަކު ފިރުޢައުނު އިޢުލާންމިކުރީ އެމީހުން މެރުމަށެވެ. މިއީ ދުނިޔޭގެ ތާރީޚުން ފުރަތަމަ ފަހަރަށް ނަފުސުގެ ދިފާއުގައިކަމަށް ބުނެ ގަތުލުއާންމު ފެށުނު ފަހަރެވެ. މިއަދު ޔަހޫދީން ފަލަސްޠީނުގައި ހިންގާ ގަތުލުއާންމު ބިނާކޮށްފައިވަނީ މީގެ ތިން ހާސް އަހަރު ކުރިން މިސްރުގެ ފިރުޢައުނު އިޢުލާންކުރި ފަލްސަފާއަށެވެ. ސޫރަތުލް އަންފާލްގެ 48 ވަނަ އާޔަތުން އެނގޭފަދައިން ޝައިޠާނާ އެންމެ ނުބައި ކަންތައް ވެސް ރީތި ރަނގަޅު ކަމެއްގެ ގޮތުގައި އިންސާނާއަށް ދައްކައެވެ.

މޫސާގެފާނާއި އެކަލޭގެފާނުގެ ގައުމުގެ މީހުންނާ ކުރިމަތިވެވަޑައިގަތް ގަތުލުއާންމުން ސަލާމަތްވެވަޑައިގަތުމަށް އެކަލޭގެފާނު ދެއްވި ޖަވާބު ޣާފިރު ސޫރަތުގެ 27 ވަނަ އާޔަތުގައި ﷲ ބަޔާންކުރައްވައެވެ. ފިރުޢައުނާއި އޭނާގެ ބައިވެރީންގެ އަނިޔާވެރިކަން ހައްދުފަހަނަޅައި ދިއުމުން އެ ކަމަށް ކެތްނުކުރެވިގެން ސީދާ ފިރުޢައުނުގެ ބައިވެރީންގެ ތެރެއިން މީހުން އޭނާޔާ ދެކޮޅަށް ނިކުމެ ވާހަކަދެއްކިއެވެ. އެ ގޮތުން އޭނާގެ ބައިވެރިންގެ ތެރެއިން އީމާންކަން ސިއްރުކޮށްގެން ހުރި މީހަކު ފިސާރި ވަރުގަދައަށް ފިރުޢައުނަށް ރައްދުދިނެވެ. އޭނާ ދިން ވަރުގަދަ އަސަރުގަދަ ޚުޠުބާ ވެސް ﷲ މި ސޫރަތުގައި ދެން ބަޔާންކުރެއްވިއެވެ. އީމާންވި މީހާގެ ނަސޭހަތާ މެދު، ވިސްނައި ތަދައްބުރުކުރުމަކީ މި ވަގުތު މުސްލިމުންނަށް ތަސައްލީ ލިބޭނެ ކަމެކެވެ.

ފިރުޢައުނާ ދެކޮޅަށް އޭނާގެ އަޢުވާނަކު ނިކުތީ ބިރު ފަހަނަޅައި ގޮހެވެ. އޭނާއަށް އަނިޔާކޮށް މަރައިލިޔަސް ވަރިހަމަކޮށްފައެވެ. މި ވަރުގެ ކެރުމާއި ހިތްވަރު މިއަދުވެސް އަޅުގަނޑުމެންނަށް ފެނެއެވެ. ޔަހޫދީ ވެރިންނާއި ދެކޮޅަށް ޔަހޫދީ ސަރުކާރާ ދެކޮޅަށް ހައްގުބަސް ބުނެ އަދި ނުވިތާކަށް އިސްލާމްވަމުންދާ ޔަހޫދީން މަދެއް ނޫނެވެ. އެ މީހުން އެ މީހުންގެ ވަޒަނާއި ހުރިހާ ކަމެއް ގުރުބާންކުރުމަށްފަހު ހައްގު ބަސް ބުނެއެވެ. އެ ކަމަށް އެމީހުން ދައްކަމުންދާ އަގުވެސް ކުޑައެއްނޫނެވެ. އެފަދަ މީހުންނަށް އަނިޔާދީ މެރުމަކީ އިސްރާއީލުގައި މިއަދު އާންމު ކަމެކެވެ. މި ގޮތަށް އަމަލުކުރުމުގެ ބޭނުމަކީ އެ ގޮތަށް ތެދުވާ މީހުން ހުއްޓުވައި ބިރުގެންނެވުމެވެ. އެކަމަކު އެކަމަށް ނިމުން ނާންނާނެކަން ނުވަތަ ޙައްޤު ބަސް ބުނާ މީހުން އަބަދުވެސް ތެދުވާނެކަން ފިރުޢައުނުގެ ދަރުބާރުގައި އީމާންވެ ނަސޭހަތް ދިން މީހާގެ މިސާލުން ކަށަވަރުވެއެވެ. އަދި އަނިޔާވެރިކަމުގައި ހައްދުފަހަނަޅައި ދާ އަނިޔާވެރީންނަށް ﷲ ތެދުމަގު ނުދައްކަވާނެކަން ވެސް ޔަގީންވެއެވެ. އަނިޔާވެރީންނަށް އާޚިރުގައި އޮތީގައި ނަރަކައިގެ ވޭންދެނިވި ގަދަ އަޒާބުކަން ވެސް އޭނާގެ ވާހަކައިން ކަށަވަރުވެއެވެ.        

                           (ނިމުނީ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް
މަރީ
ފަޔާޟްގެ ވަރަށް ހިތް ގައިމު، ޢިލްމީ ލިޔުމެއް
01 Mar 2024