Advertisement

ކަރުނައިގެ އަސަރު (2)

29 Feb 2024 | 22:18
ކަރުނައިގެ އަސަރު

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

(2024 ފެބުރުވަރީ 27ގައި ޝާއިޢުކުރި ބައާ ގުޅޭ)

ކުއްލިއަކަށް ބާރަށް ކުރިއަށް ހިނގާން ފެށިއެވެ.

ރާޖީ ފަހަތުން އަތް ހޫރުވަމުން ހަޅޭއްލަވަމުން ބުންޏެވެ.

"އަނދައިފައިވާ ގެއެއް ނެތް ނަމަ، މަރުވެފައިވާ ދޫނިސޫފާސޫފީގެ އެތިކޮޅެއް ލިބިއްޖެއްޔާ އަފްޒަލަށް ގެންގޮސްދޭނަމެވެ. ------ "

"އަހަރެން އެ އެއްޗެއްސަށް ކުރާނީ ކީއްހެއްޔެވެ-------؟'

އަފްޒަލް ހިތްހަމަނުޖެހިގެން ބުންޏެވެ.

"އަފްޒަލުގެ ބައްޕައަށް ދޭނީއެވެ. ------- "

ރާޖީ އެހެން ބުނުމަށް ފަހު، އޭނާގެ ފައިން ވަރަށް ބާރަށް ބިންމަތީގައި ޖެއްސެވެ. ------ ފައިގައި އޮތް ގިގުނިފަތީގެ އަޑުން ގުގުމައިގެން ދިޔައެވެ. ------!

އަފުޒަލަށް ހޮޑުލެވޭ ގޮތް ވިއެވެ. އަފުޒަލުގެ ކަންފަތަށް ވިހައެއްގެ އަސަރުކުރިހެން އޭނާއަށް ހީވިއެވެ. އަފުޒަލު ކުރިއަށް ހިނގައިގަތެވެ. އޭނާ ފޫޓެއްހާ ދުރުށް ދިޔައިރު ވެސް ރާޖީގެ ފައިގައިވާ ގިގުނިފަތީގެ އަޑު އިވެމުންދިޔައެވެ. މޭ ނުބައިކުރާ އަޑަކަށް އެއަޑު އަފުޒަލަށް ވެއްޖެއެވެ.


"އަހަންނަށް ޒިލޭބީ ކޮޅެއް ބަހައްޓާން ބިންދޫ ކައިރީގައި ބުނެދެއްޗޭ! އަހަރެން ކުޑަ އިރުކޮޅެއްގެ ފަހުން އައިސް ގެންދާނަމޭ." އެއަށް އަފުޒަލު އެއްވެސް ޖަވާބެއް ނުދެއެވެ. އޭނާ ބާރު ހިނގުމެއްގައި ގޮސް ރާޖީއަށް ނުފެންނަ ހިސާބަށް ހިނގައްޖެއެވެ.

                 ----------------------------------------------------

                 އަހަރެމެން ކަށިތަކުގައި ވެސް ވަރަށް މަޑުމަޑުން އަތް ބީއްސަމުއެވެ.

                   މީހުން ހިތްދަތިވުމުން މާތަކަށް ވެސް މާ ދީ އުޅެތެވެ.                        

                 ----------------------------------------------------       

ޚާން އަކުބަރަކީ މާބޮޑު ބިންވެރިއެއް ނޫނެވެ. ނަމަވެސް ސީޓީގެ މަޝްހޫރު ވިޔަފާރިވެރިއެކެވެ.

އެތައް މިލިޔަން ރުފިޔާގެ ވިޔަފާރި ހިންގާ މީހެކެވެ.--------

ފޮތި ތައްޔާރުކުރާ ވަރަށް ބޮޑު ކާރުޚާނާއެއް ހިންގާ މީހެކެވެ. އެ ތާނގައި އެތައް ހާސް ބަޔަކު ވަޒީފާ އަދާކުރަމުން ދެއެވެ.  

އޭނާއަކީ މި ސިނާޢަތުގައި ނުފޫޒު ގަދަ ފަރާތަކެވެ.

ކާރުޚާނާގެ ކަނާތް ފަރާތުގައި އެއް ފަންގިފިލާގެ ކުޑަ ޢިމާރާތެއް ހުރެއެވެ. އެއީ މުވައްޒަފުން ތިބޭ ތަނެވެ.

އެ ތާނގައި ޖުމްލަ 11 ކޮޓަރި ހުރެއެވެ. ------ އެ ތަނުން އެއް ކޮޓަރިއަކީ ޚުދު ޚާނު އަކުބަރަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިއެކެވެ. އެއީ އޭނާގެ އަމިއްލަ ޒާތީ ކަންތައްތަކަށް ޓަކައި ހުންނަ ކޮޓަރިއެކެވެ.----!

ޚާން އަކްބަރު ވަރަށް ގިނަ ދުވަސްދުވަހު ނުދުރުވާނެއެވެ. އެތާނގެ ހުރިހާ ކަމެއް ބަލެހެއްޓުމުގެ ޒިންމާ އޮންނަނީ ޝާހިދަށެވެ. ޝާހިދަކީ އެތާނގެ މެނޭޖަރެވެ. ------!

އެ ތާނގައި  ނުބައި ބައެއް ކަންތައްތައް ހުރި ނަމަ ވެސް، ހެޔޮ ބައެއް ކަންތައްތައް ވެސް އެ ތާނގައި ހުއްޓެވެ. އެހެންވެ އެކަކު އެ ތަނަށް ތާއީދުކުރާތާ މިހާރު 5 އަހަރު ވެއްޖެއެވެ.

ވިސްނައިލުން ހުއްޓެވެ. މުޅި ސިނާޢަތުގެ ހުރިހައި ޒިންމާއެއް އޮތީ ޝާހިދުގެ ކޮނޑުގައެވެ. އެއީ އޭނާ ރަނގަޅުކަމުންނެވެ. ކުރަމުން ދިޔަ، ބުރަ މަސައްކަތުގެ ސަބަބުންނެވެ. ------ އެހެންނަމަވެސް އޭނާ ވެސް މިހާރު ވަނީ ވަރަށް ވަރުބަލިވެފައެވެ.

ޝާހިދުގެ ކައިރިއަށް އިތުރު މުވައްޒަފަކު ބޭނުންވާކަމުގައި އެއްވެސް ޔަޤީންކަމެއް ނެތި މީގެ ދެތިން ދުވަސް ކުރިން ޚާނު އަކުބަރަށް ޝާހިދު ނަންގަތެވެ. އެއީ އޭނާގެ މަސައްކަތް އިތުރަށް ލުއިކޮށްލުމަށް ޓަކައެވެ.

ޝާހިދުގެ ވާހަކައަށް ޚާން އަކުބަރު ވެސް އިއްތިފާޤުވެ، މުވައްޒަފަކު ހޯދުމުގެ ހުއްދަ ދެއްވިއެވެ. ޝާހިދު ބޭނުން ވަރަކަށް މުވައްޒަފުން އިތުރުކުރާންވީކަމުގައި ވެސް ޚާން އަކުބަރު ބުނުއްވިއެވެ. ނަމަވެސް ޝާހިދު ބޭނުންވަނީ އޭނާއަށް އަތް ގާތްކޮށްދޭން މުވައްޒަފެއް އެކަންޏެވެ. އެކަމަކު އެމީހަކު ވާންވާނީ ތެދުވެރި ނަޒާޙަތްތެރި މީހަކަށެވެ.

މީހަކު ހޯދުމަށް ޓަކައި ނޫހުގައި ޝާހިދު އިޝްތިހާރު ޖެހިއެވެ. އެކަމަކު އެއިޝްތިހާރު އެންމެ ފުރަތަމަ ވެސް އޮތީ މިއަދުގެ ނޫހުގައެވެ. ------ އެހެންނަމަވެސް އިންޓަރވިއު އޮންނަ ދުވަހަކީ މާދަމާއެވެ.

އެހެންނަމަވެސް މީހަކު އިންޓަރވިއުއަށް އައިސް ހުރި ވާހަކަ އޮފީހުގެ މުވައްޒަފަކު ޝާހިދަށް ނަންގަތެވެ. ޝާހިދު ކުޑަކޮށް ޙައިރާންވިއެވެ.

އިންޓަރވިއުއަށް އަންނަ މީހަކު ވިއްޔާ، އިޝްތިހާރުގައި އިންޓަރވިއު އޮންނަ ދުވަހަކާއި ވަގުތާއި ތަން ވެސް ނޯޓް ކުރާނެތާއެވެ. އެކަމަކު މިއީ އިންޓަރވިއު އޮންނަ ދުވަހުގެ އެއް ދުވަސް ކުރިއެވެ. އެ މީހަކު އެއައީ ކީއްވެބާއެވެ؟

"އޭނާ ފޮނުވާށެވެ. --------- "

ޝާހިދު ކުޑަކޮށް ވިސްނައިލުމަށް ފަހު، މުވައްޒަފު ފޮނުވައިލިއެވެ. އަދި ޚުދު ޝާހިދު ދޮރުގެ ދޮރުފަތިގަނޑާ ދިމާއަށް ބަލާން އިނެވެ. މުވައްޒަފު ދިއުމަށް ފަހު، އޭނާ އިނީ ތުރުތުރު އަޅައެވެ.

ކުއްލިއަކަށް ދޮރުގެ ފޮތިގަނޑު ކަހައިލުމާއެކު ފުރިހަމަ ޞިއްޙަތެއްގައި ހުރި ޒުވާނަކު ހުއްޓެވެ. އެ ޒުވާނާ ވަރަށް މަޑުމަޑުން އެތެރެއަށް ވަނެވެ.

"އިށީންނަވާ!"

އެ ޒުވާނާ ވަރަށް ފަރުވާ ކުޑަ ގޮތެއްގައި ޝާހިދުގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. އެއަށް ފަހު، ޒުވާނާ އިސްވެ ބުންޏެވެ.

"މި އިންޑަސްޓްރީޒަށް މުވައްޒަފަކު ބޭނުންވެގެން ނޫހުގައި މިއަދު އިޝްތިހާރެއް އޮއްވައި އަޅުގަނޑު ދުށީމެވެ. އިންޓަރވިއު އޮތީ މާދަންކަން ވެސް އަޅުގަނޑަށް އެނގެއެވެ. އެހެންނަމަވެސް އަޅުގަނޑަށް ވަޒީފާއެއް މިވަގުތު ވަރަށް މުހިންމުވާތީ މާދަމާއަށް ވެސް ލަސްކުރުން އަޅުގަނޑަށް ކެތް ނުކުރެވުނީއެވެ. އެ ކަމަށް ޓަކައި މަޢާފުކުރައްވާނޭކަމަށް އުންމީދުކުރަމެވެ."

ޝާހިދު ހިނިތުންވެލަމުން ބޯޖަހައިލިއެވެ. އަދި ބުންޏެވެ.

"މަޢާފަށް އެދުމުގެ ބޭނުމެއްނެތެވެ."

އެ ޒުވާނާ އަނެއްކާ ވެސް ބުންޏެވެ.

"އިންޓަރވިއުކުރުމަކީ ބައެއް ފަހަރަށް މަލާމަތްކުރުމަށް ކުރެވޭ ކަމަކަށް ވެސް އޮންނަނީ ވެފައެވެ. އަޅުގަނޑު އަމިއްލައަށް އަޅުގަނޑުގެ ތަޢާރަފެއް ދެންތޯއެވެ؟"

އަޅުގަނޑުގެ ނަމަކީ ޢާމިރެވެ. އަޅުގަނޑު ބީ.އޭ ނެގީ މީގެ 3 އަހަރުގެ ކުރިންނެވެ. އިތުރަށް ކުރިޔަށް ދިޔުމުގެ ޝައުޤުވެރިކަން ހުރިނަމަވެސް މާލީ ޙާލަތު ހުރި ގޮތުން ކުރިއަށް ދެވޭނެ ގޮތެއް ނުވިއެވެ. އެ ކަމަށް ޓަކައި އަޅުގަނޑު އުފާވެއެވެ. އެ ނޫން އެއްވެސް އެއްޗެއް އަޅުގަނޑުގެ އަތަކު ނެތެވެ. ------ ؟

"ވަރަށް ރަނގަޅު---------؟"

ޝާހިދު ހިތްނުތަނަވަސްކަމާއެކު ހީނލިއެވެ.

އަދި ހިތްހަމަޖެހުމުގެ ނަޒަރަކުން ޢާމިރަށް ބަލައިލަމުން ބުންޏެވެ.

"ތަޖުރިބާ -------- "

"މި ސިނާޢަތުގައި އަޅުގަނޑު ވެސް މަސައްކަތްކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެއީ އިއްތިފާޤެއް ވެސް ކަން ނޭނގެއެވެ. އެހެންނަމަވެސް އަޅުގަނޑު މިހާރު އަދާކުރާ ވަޒީފާއަށް އެހާ ހިތްހަމައެއް ނުޖެހެއެވެ. އެއީ މަސައްކަތް މަދުވެފައި އަރާމުކުރާން ޖެހޭ ވަގުތު ގިނަކަމުންނެވެ. އަހަރެން ފަދަ ގިނަ ވަގުތު މަސައްކަތްކުރާން ބޭނުންވާ މީހަކު އެ ފަދަ ތަނެއްގައި އިތުރަށް މަސައްކަތް ކުރާން ވެއްޖެއްޔާ ފޫހިވެގެން ހަލާކުވެދާނެއެވެ."

"ވަރަށް ރަނގަޅު -----------!"

ޝާހިދު އިތުރަށް ހިނިތުންވެލަމުން ބުންޏެވެ.

"ޢާމިރު މާދަމާ އޮފީހުގެ މަސައްކަތަށް ނުކުންނާށެވެ. ވަޒީފާ ޤަބޫލުކުރާނެކަމަށް އުންމީދުކުރަމެވެ. އެންމެ ރަނގަޅު --------- ފުދިއްޖެއެވެ. ------------ ބޭނުމަކީ މަޤްޞަދު ފުރިހަމަވުމެވެ."

"ލައްބަ ------------"

ޝާހިދު ސިއްސައިގެން ގޮސް ޢާމިރަށް ބަލައިލިއެވެ.

"އަޅުގަނޑު މިބުނީ މަސައްކަތް ކުރެވެންވާނެއެވެ. ކުޑަ މުސާރައެއް ނުވަތަ ބޮޑު މުސާރައެއް ލިބުނަސް އެކަން ވެސް ތަޙައްމަލު ކުރެވެންވާނެ ވާހަކައެވެ."

މާދަމާ ވަޒީފާއަށް ނުކުންނާނެކަމަށް ބުނުމަށް ފަހު، ޢާމިރު ހިނގައްޖެއެވެ.

ޝާހިދު ފުން ނޭވާއެއްލުމަށް ފަހު، ވިސްނަން ފެށިއެވެ.

"މި ޚާން އަކްބަރަކީ އާދަޔާ ޚިލާފު އިންސާނެކެވެ. މުއްސަނދިކަމުގެ މައްޗަށް މެޝިން ގަންނަމުން ގޮސް މިހާރު އިންސާނުން ވެސް ގަންނަން ފެށީހެއްޔެވެ؟"

މުވައްޒަފުންގެ ތެރެއިން އަންހެން ކުއްޖަކަށް އޭނާގެ ނަޒަރު ހުއްޓިއްޖެ ނަމަ، އެ އަންހެން މުވައްޒަފެއްގެ ވަޒީފާގެ ގްރޭޑް ބަދަލުވެގެންދާނެއެވެ.

އަދި ކޮންއިރަކު ---------!

ޚާން އަކުބަރުގެ ސަމާލުކަން އޭނާއަށް ލިބުނު ހިސާބުން އެ މުއްޒަފުގެ ގްރޭޑު ކުއްލިއަކަށް ބަދަލުވެ -/3500 ރުފިޔާގައި ހުރި މުސާރަ -/10000 ރުފިޔާއަށް ބަދަލުވެއްޖެއެވެ. އޭރު އެ މުވައްޒަފުގެ ވަޒީފާއަށް 3 މަސް ދުވަސްނުވެއެވެ.

އެ މުވައްޒަފު ވަޒީފާ އަދާކުރި ދުވަސްވަރު ގިނަ ވަގުތު ހޭދަކުރާން ޖެހެނީ ޚާން އަކުބަރުގެ އޮފީހުގައެވެ. އޭނާ އެ ތާނގައި ކުރީ ކޮން ކަމެއްކަން ޝާހިދަކަށް އަދިވެސް ނޭނގެއެވެ.

ދެން ފެނުނީ ކުއްލިއަކަށް އޭނާވެސް ވަޒީފާ ދޫކޮށްފައި ދިޔަތަނެވެ. ކީއްވެގެންކަމެއް ނޭނގެއެވެ.

އެހެންނަމަވެސް ޝާހިދަކީ ނުވިސްނޭ މޮޔައެއް ނޫނެވެ. އޭނާއަށް ވެސް އެ ވާނގޮތް ކޮންމެވެސް ވަރަކަށް އަންދާޒާކުރެވެއެވެ.

ޝާހިދު ހީކުރީ ޚާން އަކްބަރު "ކެޓް އެންޑް މައުސު"ގެ ގޭމް ކުޅެނީ އޭނާގެ އާދައެއްގެ ސަބަބުން ކަމަށެވެ.

ޚާން އަކްބަރުގެ ބަގީޗާގައި މަލެއް ފޮޅިއްޖެ ނަމަ، އެ މާ ފޮޅުނުކަން މީހުންނަށް އެނގިދާނެތީ، ކޮންމެވެސް ވަރަކަށް ފައިސާދީފައި މީހުންގެ ލޯތަކުން މީހުން ދުރަށް ޖައްސާލައެވެ. އޭނާގެ ފާފަތައް ފޮރުވުމަށް ޓަކައެވެ.

އިންސާނާގެ މޫނުމަތި ރީތިކުރުމަށް ޓަކައި ކޮންމެ ކަމެއް ވެސް ކޮށްފައިނެއެވެ. ޚާނު އަކުބަރު ގެންދަނީ މީހުންގެ ޢިއްފަތްތެރި ދަރީންނަކީ އޭނާގެ މަޖާކުރާ އެއްޗަކަށް ހަދަމުންނެވެ.

ބައެއް ފަހަރަށް އެހެން ބައެއް ބައި ހުޅުވިފައިވާ ބިސްތަކަށް ވެސް އަސަރު ކުރެއެވެ. ބައެއް މަލުގެ ފިޔަތައް ރޫޅި ފަތްތައް ފެތުރިގެން ދެއެވެ.

ޝާހިދަށް ހުރިހާކަމެއްވެސް އެނގެއެވެ. ------ އެހެންނަމަވެސް އޭނާ ހުންނަނީ ނޭނގޭކަމަށް ހަދައިގެންނެވެ. އޭނާ ކުރަނީ އޭނާ ކުރާން ޖެހޭ މަސައްކަތެވެ.-------- އޭނާ ވިސްނަނީ އޭނާގެ މަސްއޫލިއްޔަތާއި އޭނާ ކުރާން ޖެހޭ ކަންކަމާ މެދުގައެވެ. ޝާހިދަކީ އެ ސިނާއަތުގެ ކާކުކަން އޭނާއަށް ރަނގަޅަށް އެނގެއެވެ.

އެހެންނަމަވެސް އެއް ކަމަކަށް އޭނާއަށް ވިސްނާން މަޖުބޫރުވިއެވެ. ------- !

ޚާނު އަކުބަރުގެ މަސައްކަތުގައި އެއްފިޔަވަޅު ކުރިއަށް ޖެހިލިއެވެ. އޭނާގެ މި ޝަހުވަތްތެރިކަން އަދިވެސް ދޫކޮށްލާކަށް ނޫޅެއެވެ. އެ ކަން ގެންދަނީ ކުރިއަށެވެ. ----- އޭނާއަކީ ޒުވާން ރީތި އަންހެންކުއްޖެއްގެ ބައްޕައެކެވެ. ބައްޕައަށް ވުރެ މާރަނގަޅަށް ކޮންމެ ދުވަހަކު ސިނާއަތުގެ މަސައްކަތްތައް ބަލައި އޭނާގެ އަންހެންދަރިފުޅު ޗެކް ކުރާނެއެވެ. އެކަމަކު ކޮންމެ ދުވަހަކު ޗެކުކުރަނީ ކީއްވެހެއްޔެވެ؟

އޭނާގެ ބައްޕައަށް ވުރެ ވިޔަފާރިއަށް އޭނާގެ ޝައުޤުވެރިކަން ބޮޑެވެ. އެ ކަމުގައި އޮތީ އެންމެ ސިއްރެކެވެ. ------------ އެއީ ---------- !

ޚާން އަކުބަރުގެ ފިރިހެންކުއްޖަކު ނުހުރެއެވެ. ------- އޭނާގެ ބައްޕަ ނެތް ދުވަހެއްގައި ބައްޕަގެ ވިޔަފާރީގެ ހުރިހައި ޒިންމާއެއް އުފުލާން ޖެހޭނީ އޭނާކަމަށް އޭނާއަށް ވިސްނެނީކަމަށް ވެދާނެއެވެ. އެހެންވީ އިރު، މިހާރު އެއް ކަމެއް ޗެކްކޮށްފައި އަނެއް ކަމެއް ޗެކްނުކުރަނީ ކީއްވެހެއްޔެވެ؟

ޝާހިދު އެކަމާ ވިސްނައިލިއެވެ.

ޚާން އަކުބަރުގެ ހަމައެކަނި ހުރި ދަރިފުޅު ރަޢުނާ ކާރުޚާނާގެ ކަންކަމަށް އެހާ ޝައުޤުވެރިވަނީ އެންމެ ސަބަބަކަށްޓަކައެވެ. އެއީ އޭނާ މިހާރު ބީ.އޭ ނިންމާފައިވުމާއެކު އެމް.އޭ ހަދާން ބޭނުންވާތީއެވެ. އަދި މި ދުވަސްވަރަކީ ހޫނު މޫސުމުގެ ޗުއްޓީ ދުވަސްވަރުކަމަށް ވެސް ވާތީއެވެ.

މި ދުވަސްވަރު ކޮލެޖާއި ޔުނިވަރސިޓީ ވެސް ބަންދެވެ. އެހެންވެ ހަފުތާއެއްގެ ތެރޭގައި މަދުވެގެން 3 ފަހަރު ކާރުޚާނާ ޗެކްކުރާން އޭނާ އާދެއެވެ.

ރަޢުނާއަކީ ވަރަށް ބޮޑާ އެހާމެ ރުޅިގަދަ ކުއްޖެކެވެ.

ކުރީން އޭނާ ވިސްނަމުން ދިޔައީ މަސައްކަތަށެވެ. ------ ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސްމެއެވެ. އެހެންނަމަވެސް މިހާރު ވެށީގައި ހިނގާ އެހެން ކަންކަމާމެދު ވެސް އޭނާއަށް ވިސްނާން ފެށިއްޖެއެވެ.

ޝާހިދަށް އެއްކަމެއް ރަޢުނާގެ ފަރާތުން ވަރަށް ބޮޑަށް ފާހަގަވިއެވެ. އޭނާ ކާރު ޚާނާއަށް އަންނަ ކޮންމެ ފަހަރަކު އަންނަނީ އާ ހެދުމެއްގައެވެ. ------- ހެދުންތަކީ ބާރު ކުރު ހެދުންތަކެވެ. ހެދުންތައް ތަންކޮޅެއް ދިގުކޮށްލައި ގަޔަށް ދޫކޮށް ފަހާފައިވާ ނަމަ،  އޭނާގެ ވަނާތައް ހާމަވެގެން ނުދާނެއެވެ.

އޭނާއަށް އެހާ ބާރު ހެދުންލައިގެން ނޭވާ ލެވޭބާއޭ ޝާހިދަށް ހިތަށް އެރިއެވެ. އޭނާ ކާރުޚާނާއަށް ނާދޭތޯ ޝާހިދު އަބަދު ވެސް ދުޢާކުރަމުންދެއެވެ. އެއީ އޭނާ ޝާހިދަށް އުނދަގޫ ކުރަމުންދާތީއެވެ. ޝާހިދުގެ މަސައްކަތްތަކަށް ގޮތް ކިޔައި ފާޑުކިޔަމުން ދާތީއެވެ. އެހެންނަމަވެސް ރަޢުނާގެ ހަރުކަށި އަމުރުތަކަށް ޝާހިދު ދިޔައީ ކެތްކުރަމުންނެވެ. ބަރުދާސްތުކުރަމުންނެވެ.

ޒަމާން ބަދަލުވަމުން ދާނެއެވެ. ބައެއް ފަހަރު މަސައްކަތު މާޙައުލުގައި މީހުންގެ ލޭ ބޮއިގެން އުޅޭމީހުން ވެސް އުޅެއެވެ. މިހާރު ޝާހިދު، ޚާން އަކުބަރުގެ ޝަޚުޞިއްޔަތަށް ނަފުރަތުކުރެވެއެވެ. ޚާން އަކުބަރުގެ ސަބަބުން، އޭނާގެ ކުރިމަތީގައި ވަރަށް ގިނަ އަންހެންކުދީންގެ ޢިއްފަތްތެރިކަން ދަނީ ގެއްލެމުންނެވެ. އޭނާގެ މުއްސަނދިކަމުން އެތައް އަންހެންކުދީންނެއް ވަނީ ނަޖިސްވެފައެވެ.

ކުޑަ އިރުކޮޅެއްގެ ފަހުން ޢާމިރުގެ މަތީން ޝާހިދު ހަނދާންވިއެވެ. އޭނާގެ ޝަޚްޞިއްޔަތަކީ ނުބައިކަމުގެ ސިއްރެއްކަމުގައި އޭނާއަށް ހީވިއެވެ. އޭނާގެ ސިކުނޑީގެ ކޮންމެވެސް ކަނެއްގައި ސްޕާކެއްފަދަ އެއްޗެއް ހުރި ކަހަލައެވެ.

ޝާހިދު ވަރަށް ގިނަ އިރު ޢާމިރާމެދު ވިސްނިއެވެ.-------!

            ------------------------------------------------------------

                          (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް
ސަލްމާ
ވަރަށް ރީތި ވާހަކައެއް.
09 Mar 2024