Advertisement

ޗޮކުލެޓަށް ލޯބިކުރާ މީހުން ސަމާލުވޭ! ކެޑްބަރީ ޑެއިރީ މިލްކް ޗޮކުލެޓަކުން ދިރޭ ފަންޏެއް ފެނުން.

29 Feb 2024 | 11:33
ކެޑް ބެރީ ޗްކްލެޓުން ފަނި ދުވާ ތަނުގެ އިސްކިރީނު ޝޮޓެއް

ނާޒިމާ ސަމީރު

އިންޑިއާގެ ހައިދަރު އާބާދުގެ މީހަކު ސުޕަރމާކެޓަކުން ގަތް ކެޑްބަރީ ޑެއިރީ މިލްކް ޗޮކުލެޓަކުން ދިރޭ ފަންޏެއް ފެނިފައިވާ ވާހަކަ މީޑިއާއަށް އާންމުވުމަކީ ޗޮކްލެޓަށް ލޯބި ކުރާ މީހުންނަށް ކުއްލި ހައިރާންކަމެއް ލިބުނު ކަމެކެވެ. ހިތާމަ ހުރި ކަމެކެވެ. ކޮންމެއަކަސް އިންޑިޔާގައި ތައްޔާރުކުރާ ކެޑްބަރީ ޗޮކްލެޓުން ދިރޭ ފަންޏެއް ފެނިއްޖެއެވެ. މި ވާހަކަ މީސްމީޑިއާގައި ވިރަ ވެސް ވެއްޖެއެވެ.

 އިންޑިއާގެ ޚަބަރުތައް ޝާޢިރުކުރާ "ލޭޓެސްޓީ" ނޫހުގައި 28 ފެބުރުވަރީ 2024 ގައި ލިޔެފައިވަނީ މި ޗޮކްލެޓަކީ ހައިދަރު އާބާދުގެ އަމީރުޕުތު މެޓްރޯ ރެއިލްވޭގައި ހުރި ރަތަންދީޕް ސުޕަރ މާކެޓުން ގަތް ޗޮކްލެޓެއްކަމުގައެވެ.

ރޮބިން ޒެޗުސް ނަމަކަށް ކިޔާ އިންޑިއާ ރައްޔިތަކު ގަތް މި ޗޮކްލެޓްގެ ވީޑިއޯ ވެސް އޭނާ ވަނީ އާންމުކޮށްފައެވެ. މި ވީޑިއޯއިން އެ ފަނި ޗޮކްލެޓްގައި ދުވާތަން ފެނެއެވެ.

ވީޑިއޯ އާންމުކުރަމުން ރޮބިން ބުނެފައި ވަނީ ކާބޯތަކެތި ތައްޔާރުކުރާ ކާރުޚާނާތަކުގެ ސާފުތާހިރުކަން ނުބެލެހެއްޓޭކަމަށެވެ. އަދި ސިއްޙީ ދާއިރާތަކުން މި ކަންކަން ބަލާން ޖެހޭނެކަމަށެވެ.

މީގެ ކުރީން 2023ވަނަ އަހަރު އޮކްޓޫބަރު މަހު ވެސް ކެޑްބަރީ މިލްކް ޗޮކްލެޓްގެ ތާހިރުކަން ކުޑަކަމާމެދު މީހުން ސުވާލުއުފެއްދިއެވެ. އެ ފަހަރު މީހަކު ޝަކުވާކުރީ ޗޮކްލެޓްގައި ކުނިބުނި ހުރިކަމަށް ބުނެއެވެ. އެ ފަހަރު ވެސް ވީޑިއޯއެއް އާންމުކޮށް ޗޮކްލެޓްގައި ހުރި ކުނިބުނި ދައްކައިލައިފައި ވެއެވެ.

މި ސަބަބާ ގުޅިގެން އިންޑިއާގެ ފުޑް އެޖެންސީއިން ކެޑްބަރީ ޗޮކްލެޓް އުފައްދާ ފެކްޓްރީގެ ސާފުތާހިރުކަމާ މެދު އެ ފަހަރު ވެސް ސުވާލު އުފެއްދިއެވެ. އަދި އެ މީހުންގެ ޗޮކްލެޓް ޕެކެޓް ބަންދުކުރުމުގައި ފަރުވާކުޑަކޮށްފައިވާކަން ފާހަގަކުރިއެވެ. މި ކަމުގެ ސަބަބުން ކެޑްބަރީ ޗޮކޮލެޓްގެ އަގު 30 ޕަސެންޓުން 25 ޕަސެންޓަށް ދަށަށް ދިއައެވެ.

މި ތުހުމަތުތަކާ ގުޅިގެން އެ ފަހަރު ކެޑްބަރީ ޗޮކްލެޓް އުފައްދާ ކާރުޚާނާއިން ޗޮކުލެޓު ބަނދުކުރުމުގެ ފެންވަރު ރަނގަޅު ކޮށް، ޗޮކްލޭޓް ބަންދުކުރުމަށް ބަދަލުތަކެއް ގެނައެވެ. އެ ގޮތުން ބޭރުގައި ލައިފައިވާ ކަރުދާހުގެ އިތުރަށް އެތެރެއިން ވެސް ކަރުދާސް ގަނޑެއްލިއެވެ. އަދި މި ޗޮކްލެޓް އިޝްތިހާރުކުރުމަށް ޓަކައި ބޮލީވުޑްގެ ސުޕަރ ސްޓާރ އަމީތާބްބަޗަން އައްޔަންކުރިއެވެ.

މި ފަހަރު ކެޑްބަރީ ޗޮކުލެޓުން ދިރޭ ފަންޏެއް ފެނުމާ ގުޅިގެން އަނެއްކާ ވެސް އިންޑިއާގައި މި ޗޮކްލެޓް އުފެއްދުމުގައި ސާފުތާހިރުކަން ކުޑަކަމަށް އަޑު އުފުލާން ފަށައިފިއެވެ. ހަގީގަތުގައި ވެސް އިންޑިއާގައި އުފައްދާ އުފެއްދުންތައް އުފެއްދުމުގައި ސާފުތާހިރުކަމަށް ސަމާލުކަން ނުދޭކަމަކީ މީސްމީޑިއާއަށް ދޭތެރެދޭތެރެއިން ތިލަވާ ކަމެކެވެ.ކޮވިޑް ދުވަސްވަރު އިންޑިއާއިން އުފެއްދި މާސްކު އުފެއްދުމުގައި ވެސް ހުސް ގަޔާ ތިބޭ މީހުން މާސްކު ފެހުމަށް ފަހު ތަޅުންގަނޑުމަތީގައި ދަމާ މަންޒަރެއް ވެސް މީސްމީޑިއާގައި އާންމުވިއެވެ.

ކޮންމެއަކަސް ޗޮކޮލެޓަށް ލޯބިކުރާ މީހުން މި ފަދަ ކަންކަމަށް ސަމާލުކަން ދޭނެކަން ކަށަވެރެވެ. އަދި އަދި އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވެސް ކުންފުނިތަކުގެ މަސައްކަތްތައް ސުޕަވައިޒު ކުރާ ނިޒާމު ވަރުގަދަކުރާން އެބަ ޖެހެއެވެ.

އެޑިޓަރުގެ ނޯޓް
ނާޒިމާ ސަމީރަކީ ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިއެއްގެ އިތުރަށް ސަގާފީ ކަންކަމަށާއި ޚާއްޞަކޮށް ދިވެހިބަހަށް ލޯބިކުރައްވާ ލިޔުންތެރިއެކެވެ. އޭނާ މީގެ ކުރީން ވެސް ތަފާތު ވެބްސައިޓްތަކަށް ލިޔުއްވައިފައިވެއެވެ. އޭނާއަކީ ވާހަކަލިޔުންތެރިއެއްވެސްމެއެވެ.

Advertisement

ކޮމެންޓް
މަރީ
އިންޑިއާ މީހުން ފެްޓަރީތަކުގައި ހުސްގަޔާ ދާހިއްލައި ފޯވެފައި ތިބޭ މަންޒަރު ވެސް ފެނޭ.
29 Feb 2024