Advertisement

ސުކޫލުތަކުގައި ބޮޑެތި ކުށްކުރާ ކުދީން އެހެން ކުދީންނާ ވަކިކުރާން ފެނޭތަ؟

28 Feb 2024 | 01:07
އިސްކޫލު ކުދީން: އިސްކޫލު ނިމްުމަށް ފަހު މަތީތަޢުލީމުދޭ މުއައްސަސާތަކަށް ވަދެއެވެ.

ނާޒިމާ ސަމީރު

ސުކޫލުތަކުގައި ހަނގާކުރުމާއި ގަނާކުރުމާއި ކުދީންނަށް ޖިސްމާނީ އަދި ނަފުސާނީ ގެއްލުންދޭ ވާހަކަ އެންމެން ވެސް ދައްކައެވެ. ޚާއްޞަކޮށް ބެލެނިވެރީންނެވެ. އިއްޔެ މީސްމީޑިއާގައި ބެލެނިވެރިއަކު ހިއްސާކުރި، އޭނާގެ ހިތުގެ އުދާސްތަކަށް ބޮޑު ސަމާލުކަމެއް ދެވުނީ މިއީ އެތައް ފަހަރަކު އެތައް ގޮތަކަށް ނޫސްތަކާއި މީސްމީޑިއާގައި އަޅުގަނޑު ވެސް ތިލަ ކޮށްފައިވާ ވާހަކަތަކަށް ވާތީއެވެ. އެ މަންމަ ލިޔެފައި ވަނީ އޭނާ ތަޙައްމަލުކުރަމުންދާ ވޭނެވެ. ސުކޫލަށް ފޮނުވާ އޭނާގެ ދަރިފުޅަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ޓަކައި އެ މައިމީހާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމެވެ. ނުތަވަސްވެފައިވާ އެ މަންމަ ހުށަހަޅައިފައި ވަނީ ހައްލެއް ނުލިބޭ އެތައް މައްސަލަތަކެކެވެ. ހައްލުކުރާނެ ގޮތެއް ނުފެނިފައިވާ ބޮޑެތި ކުށްތަކެވެ. މި ލިޔުން ވަނީ 315 މީހުން ހިއްސާކޮށްފައެވެ. އެކަނިވެރި މައިންގެ ފޭސްބުކް ޕޭޖްގައި ހިއްސާކޮށްފައިވާ ލިޔުން ފެށުމުގެ ކުރީން މި ޕޭޖުންވަނީ އެ މަންމަގެ ސުވާލު ވެސް މީސްމީޑިއާއަށް ދޫކޮށްލައިފައެވެ. އެއީ "ސުކޫލުތަކުގައި ބޮޑެތި ކުށްކުރާ ކުދީން އެހެން ކުދީންނާ ވަކިކުރާން ފެނޭތޯއެވެ؟"

ކޮންމެ ބެލެނިވެރިއަކު އަދި މަޔަކު ވެސް ސުކޫލަށް ދަރިވަރުން ފޮނުވަނީ ވަރަށް ފޮނި އުންމީދުތަކަކާއި އެކުގައެވެ. ދަރީންގެ މުސްތަޤުބަލު އުޖާލާކުރުމަށް ޓަކައި ކިޔަވައި މޮޅު ކުއްޖަކަށް ހެދުމަށް ޓަކައެވެ. ޤައުމަށް ފައިދާހުރި ދަރިއަކަށް ވާނޭކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ބައެއް ކުދީންގެ ކިޔެވުމަށް ހުރަސްއެޅޭ އެންމެ ބޮޑު އެއް ސަބަބަކީ ސުކޫލުތަކުއި އުޅޭ ބައެއް ކުދީންގެ ޢަމަލުތަކެވެ. އެ ކުދީން ކުރާ އުނދަގޫތަކެވެ. ކިޔެވުމަށް ހުރަސް އެޅޭ އެތައް ކަމެއްގެ އިތުރަށް ނަފުސާނީ ގޮތުން ކުއްޖާ ބަލިކޮށްލާ އެތައް ކަމެއް ވެސް ސުކޫލުތަކުގައި އުޅޭ ބައެއް ކުދީން ކުރެއެވެ. އިއްޔެ ފެނުނު އެ ލިޔުމުގައި ވަނީ ސުކޫލުތަކުގައި "ވޭޕް"ކުރުން އާންމު ވެފައިވާ ވާހަކައެވެ. މިއީ މުދައްރިސުންނަށް ވެސް އަދި ސުކޫލުތަކުގެ ވެރީންނަށް ވެސް އެނގޭ ކަމެއްކަމުގައި އޭނާ ބަޔާން ކޮށްފައިވެއެވެ. އަދި މި ސާނަވީ ކުލާސްތަކުގައި އުޅޭ "ވޭޕް"ކުރާ ކުދީންނަކީ ސުކޫލުގެ "ދާދާ"އިން ކަމުގައި އޭނާ ލިޔެފައި ވެއެވެ. އެހެންކަމުން އެ ކުދީން ދެކެ މުދައްރިސުން ވެސް ލީޑިންޓީޗަރުން ވެސް ބިރުގަންނަކަމަށް ބަޔާން ކޮށްފައިވެއެވެ. ކުދީންނާއި މުދައްރިސުންނަށް ވެސް އިންޒާރުދޭ މި ކުދީންނަކީ ސުކޫލުގައި "ވޭޕް"ކޮށް އަނގަޔަށް ބޮޑު އިސްޕްރޭ ޖަހައި ދެން ތިބޭ އެހެން ކުދީންނަށް އުނދަގޫކޮށް ކިޔެވުމަށް ހުރަސްއަޅާ ކުދީންކަމަށް އޭނާ ބުނެފައި ވެއެވެ.

ސުކޫލުތަކުގައި މިހާރު ކުރާ ބޮޑެތި ކުށްތައް ނުހުއްޓުވޭތީ އެ ކަމަށް ޚިޔާލު ހުށައަޅައިފައި އޮތް މީހަކު ބުނެފައިވަނީ "ވޭޕް" ފަދަ ތަކެތި ސުކޫލަށް ގެނެވެނީ ކީއްވެހެއްޔެވެ؟ ތިމަންނަމެން ސުކޫލަށް ދިޔަ އިރު ބެލްޓު ވެސް ނަގައިގެން ފާސް ކުރާކަމަށް އޭނާ ބުނެފައި ވެއެވެ. މި ކަމަށް ޖަވާބުދިން މުދައްރިސަކު ބުނެފައިވަނީ އެ ކުދީންގެ ޙައްޤުތައް ބޮޑުކަމުން އެ މީހުންގެ ދަބަހުގައި ވެސް މުދައްރިސަކަށް އަތް ނުލެވޭނެކަމަށެވެ. އެ ކުއްޖާގެ ޢަމަލުތައް ހުންނަ ގޮތުގެ ވާހަކަ ދައްކާން ވެސް މުދައްރިސުން ބިރު ގަންނާނެކަމަށެވެ. ދަރިވަރުގެ ބަސްމަގު ހުންނަ ގޮތާއި ބެލެނިވެރިޔާ މުދައްރިސުންގެ ބޮލުގައި އަޅުވާ ބަދުނާމުގެ ސަބަބުންނެވެ. އޭނާގެ ދަރިފުޅާ ޖައްސައިލައިގެން އުޅެނީކަމަށް ބުނެ ސުކޫލު ދޮށުގައި އަޑުގަދަކޮށް ހައްޤު ހޯދާން ވެސް ދުވާނެކަމަށެވެ.

ސުކޫލެއްގައި މަސައްކަތްކުރާ މުދައްރިސަކު މި ލިޔުމަށް ރައްދުދެމުން ލިޔުއްވައިފައިވަނީ "ގޮށްކޮށް އުޅޭ ކުދީންގެ ސަބަބުން ރަނގަޅު އަޚުލާޤެއްގައި ކިޔަވާން އުޅޭ ކުދީންނަށް ވެސް ނުރަނގަޅު އަސަރުކުރާ"ކަމަށާއި "އެ ފަދަ ރަނގަޅު ކުދީންގެ ހައްޤު ގެލިގެންދާ"ކަމަށެވެ. އާނއެކެވެ. އާނއެކެވެ. އަހިވަކާ ޖެހި އަހިވައް ފާވާނެއެވެ. ނޫން ނަމަ އެ ކުދީންދެކެ ބިރުން، މަޖުބޫރުވެ ތިބެ އެކުދީން އެ ކުރާ ކުށްތަކުގައި ބައިވެރިވެއެވެ. އޭގެ ސަބަބުން އެތައް ކުދީންނެއްގެ ކިޔެވުން ގެއްލި މުޖަތަމަޢުގައި ބޭކާރު ބަޔަކަށްވެއެވެ. އަދި ބައެއް ކުދީން ނަފުސާނީ ބަލީގައި މުޅި އުމުރު ހޭދަކުރާން ޖެހިފައި އެބަ ތިއްބެވެ.

ސުކޫލުތަކުގައި ބޮޑެތި ކުށްކުރާ ކުދީން އެހެން ކުދީންނާ ވަކިކުރުމަށް އެންމެން ވެސް ގޮވައިލައެވެ. ތަޢުލީމީ ދާއިރާގައި ގިނަ ދުވަހު މަސއްކަތްކުރައްވައިފައިވާ ބޭފުޅުން ވެސް މި ވާހަކަ ދައްކަވައެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޮޑެތި ކުށްކުރާ ކުދީން އެހެންކުދީންނާ ވަކިކޮށްގެން ތަޢުލީމުދެވޭނެ ނިޒާމުތައް ޤާއިމު ކޮށްފައި ހުރެއެވެ. އެ ގޮތަށް ވަކި ނުކުރެވޭ ނަމަ، ރަނަގަޅު އަޚުލާޤު ލިބި ކިޔަވާން ސުކޫލަށް ދާ ކުދީންނަށް އެ ދެވެނީ ކިހާ ބޮޑު ގެއްލުމެއް ހެއްޔެވެ! ކަން މިހެން އޮތަސް، އެޑިޔުކޭޝަންގެ ގަވާއިދާއި އުސޫލުތަކުގެ ސަބަބުން ސުކޫލުތަކުގައި ބޮޑެތި ކުށްކުރުން އެއް ދުވަހުން އަނެއް ދުވަށް ދަނީ ގިނަވަމުންނެވެ. މި ފަދަ ކުދީން އެހެން ކުދީންނާ ވަކި ކޮށްގެން ތަޢުލީމު ދެވޭނެ ނިޒާމުތައް ގާއިމު ނުކުރެވޭ ނަމަ، މުޖުތަމަޢުގައި ކުރަމުންދާ ބޮޑެތި ކުށްތައް ސުކޫލު މާހައުލަށް ވަދެ ވަކި ހިއްޕައިލުން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ބެލެނިވެރީންނާއި މައިންބަފައިންގެ ކަންބޮޑުވުންތައް ހައްލުކުރެވޭން ޖެހެއެވެ. ސުކޫލުތަކުގެ މާޙައުލަކީ ކުދީންނަށް ރައްކާތެރި މާޙައުލަކަށް ވާން ޖެހެއެވެ. އެއްވެސް ބިރުވެރިކަމަކާއި އުނދަގުލަކާ ނުލައި ކުދީންނަށް ފުރިހަމަ ތަޢުލީމެއް ލިބޭނެ މާޙައުލަކަށް ސުކޫލުތައް ވާން ޖެހޭނެއެވެ. މި ކަން ކުރެވޭނީ ތަޢުލީމީ ވުޒާރާގެ އުސޫލުތަކާއި ގަވާއިދުތަކަށް ބަދަލުގެނެސްގެނެވެ. ސުކޫލުތަކުގައި ބޮޑެތި ކުށްކުރާ ކުދީން އެހެން ކުދީންނާ ވަކިކުރާން ޖެހެއެވެ. އެހެން ނޫން ނަމަ، ކިޔަވާން ބޭނުންވާ އެތައް ކުދީންނަކަށް ރަނގަޅު ތައުލީމެއް ހޯދައެއް ނުދެވޭނެއެވެ.

އެޑިޓަރުގެ ނޯޓް
ނާޒިމާ ސަމީރަކީ ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިއެއްގެ އިތުރަށް ސަގާފީ ކަންކަމަށާއި ޚާއްޞަކޮށް ދިވެހިބަހަށް ލޯބިކުރައްވާ ލިޔުންތެރިއެކެވެ. އޭނާ މީގެ ކުރީން ވެސް ތަފާތު ވެބްސައިޓްތަކަށް ލިޔުއްވައިފައިވެއެވެ. އޭނާއަކީ ވާހަކަލިޔުންތެރިއެއްވެސްމެއެވެ.

Advertisement

ކޮމެންޓް
މަރީ
މާ ބޮޑަށް ވެސް ފެނެއެވެ. އިސްކޫލުގެ ވެރީންނާއި މުދައްރިސުންނަށް ވުރެ ބާރުގަދަ ދަރިވަރުންނާއި ބެލެނިވެރީން އިސްކޫލުގައި އުޅޭ ނަމަ، ކުދީންނަށް އެ ދެވެނީ ވަރަށް ނުބައި މެސެޖެއް.
28 Feb 2024