Advertisement

ކަރުނައިގެ އަސަރު (1)

27 Feb 2024 | 00:02
ކަވަރ ފޮޓޯ

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

ފައިގައިވާ ގިގުނިފަތީގެ އަޑު އަވަށުގެ މީހުންނަށް މިއަދު މި ވަނީ ގޮންޖެހުމަކަށް ވެފައެވެ. އޭނާއާ މެދު ކޮންމެ މީހެއްގެ ޚިޔާލުތަކާއި ވާހަކަތައް ތަފާތެވެ. ބައެއް މީހުންނަށް ޙަޤީޤަތެއް ނޭނގުނު ނަމަވެސް ޚިޔާލު ތަފާތުވުން ހުއްޓެވެ.

އޭނާގެ ނަމަކީ ރާޖީއެވެ.

ރީތި މޫނެއްގެ ވެރި ކުއްޖެކެވެ. .---- އޭނާގެ މޫނުން ފެންނަނީ މަޢުޞޫމުކަމާއި މުޤައްދަސުކަމުގެ ތޫނު އަސަރުތަކެވެ. އެ އަސަރުތައް ފެނުމުން މީހުން މޮޔަވެދާ ފަދަ އަސަރުތަކެކެވެ. ވާދީގެ ފަރުބަދަތަކުން ފައިބާ ފެން އާރުތައް ފަދަ ދިގު އިސްތަށިގަނޑެކެވެ. އަބަދު ވެސް އޮންނަނީ އޭނާގެ އުނަގަނޑުން ތިރީގައި ވިހުރި ވިހުރިއެވެ. އޭނާގެ ބޮޑުބޮޑު ދެލޮލުން ރަތްކުލައިގެ ފަށަލަތައް ވެސް ފެންނާން ހުއްޓެވެ.

އޭނާއަށް އެއް ތާކު ހަމަޖެހިލައިގެން މަޑަކުން ނީދެވެއެވެ. ދެ ފައި އެއް ތާކު ނުޖަހާނެއެވެ. އަވަށުގެ ކޮންމެ ގެއަކީ އޭނާގެ ގެއެކެވެ. އޭނާ ބޭނުންވުމުން ބޭނުންވާ ގެއަކަށް ވަދެއެވެ. އޭނާއަށް ލިބުނު އެއްޗެއް ކައިލައިގެން އެ ގެއަކުން އަވަހަށް ނުކުމެގެން ދެއެވެ.

މުސްކުޅި އަންހެނެކެވެ. އޭނާގެ ނަމަކީ ޙާޖިރާއެވެ.

މިއީ ރާޖީގެ މަންމައެވެ.

މަންމަގެ ހިތަށް ކެތްނުގެން އޭނާގެ ފަހަތުން ދެއެވެ.

ދަރިފުޅުގެ އެއުޅުން މަންމަ ބަރުދާސްތުކުރާނީ ކިހިނެއްހެއްޔެވެ؟ -----------

އެހެންނަމަވެސް އޭނާއަށް މަޖުބޫރެވެ.

ކުރާނީ ކީއްހެއްޔެވެ؟ ------- އަންހެން ދަރިފުޅު ކޮންމެ ޙާލެއްގައި ހުއްޓަސް އޭނާ އުފާވާނެއެވެ. ރާޖީގެ ފައިގެ ކުޑަހުޅުގައި އަޅައިފައިވާ ގިގުނިފަތި ޙާޖިރާ އެތައް ފަހަރަކު ނަގައެވެ. އެހެންނަމަވެސް ގިގުނިފަތީގެ އަޑުގެ ދެކެ ރާޖީ ވަރަށް ލޯބިވެއެވެ. ----- ގިގުނިފަތި ފައިން ނެގުމުން ރާޖީ މަންމަދެކެވެސް އޭނާ ރުޅި އާދެއެވެ. ކެއުން ބުޔުން ދޫކޮށްލައެވެ. ------- ރާޖީ ގަޑިއިރުތަކެއްވަންދެން ހަމަހިމޭންކަމާއެކު އިށީނދެގެން އިނދެ، ފާޅުގައި އެއްޗެއް ހޯދަމުން ދިޔައެވެ.

ޙާޖިރާއަށް އޭނާގެ ދަރިފުޅު ރާޖީގެ މާޔޫސްކަން ފެނި، އޭނާ ރުއްސަން މަޖުބޫރުވިއެވެ. އޭނާގެ ފައިގައި އަނެއްކާވެސް ގިގުނިފަތި އެޅުވިއެވެ.

އަވަށުގެ މީހުން ގިގުނިފައްޗަށް ވަރަށް ނަފުރަތު ކުރެއެވެ.--------- ޚާއްޞަކޮށް އޭގެ އަޑަށެވެ.

ގިގުނިފަތި އޮންނަނީ ހަމައެކަނި ރާޖީގެ ފައިގައެވެ.

އޭގެ އަޑުން އެހާބޮޑަށް އޭނާއަށް އަސަރު ކުރަނީ ކީއްވެގެންކަމެއް ނޭނގެއެވެ. އެހެންނަމަވެސް އެއަޑު އިވުމުން ކޯތާފަތް ކަރުނައިން ތެމިގެންދާނެ ބައެއް މީހުން އެމީހުންގެ ތެރޭގައި އެބަތިއްބެވެ.

ރާޖީއަކީ ވާހަކައެކެވެ. ----------!

އޭނާގެ ފައިގެ ކުޑަހުޅަކީ ޢިބްރަތެކެވެ. ގިގުނިފަތީގެ އަޑު އިވުމުން އެކަން ހާމަވެގެންދެއެވެ.

މި ވާހަކައިގެ ޙަޤީޤީ ކުލަ ޖެހިގެން އަންނަނީ، އެ މީހުންނަށް ޒަޚަމަކަށް ވެފައިވާ، މީގެ 2 އަހަރު ކުރީން ހިނގައިފައިވާ ހާދިސާތަކުންނެވެ. ވާހަކަތައް ލީކުވަން ފެށިއެވެ. އެ މީހުންގެ ކަންފަތާ ހަމައަށް އަޑު ނުފޯރާ ގޮތަށް ރާޖީގެ ފައިގެ ކުޑަހުޅުގައި އަޅައިފައިވާ ގިގުނިފަތި ނަގާން އެ މީހުން ބޭނުންވަނީ އެހެންވެގެންނެވެ.

އެކަމަކު ރާޖީ ----------

އޭނާ ގިގުނިފަތި ދެކެ ލޯބިއެވެއެވެ. ---- ------އިންތިހާއަށް ލޯބިވެއެވެ. ----------- މޮޔަވާ ވަރަށް ލޯބިވެއެވެ. ------- އަދި ބުނެދޭން ނޭނގޭ މިންވަރަށް ލޯބިވެއެވެ. ---------- ދެން ގިގުނިފަތި އޭނާގެ ފައިން އޭނާ ނަގާނީ ކިހިނަކުންހެއްޔެވެ؟

ރާޖީ އެ ތަނެއްގައިވާ ކޮންމެ ތަނަކުން އޭނާގެ ފައިގެ ގިގުނިފަތީގެ އަޑު އިވޭނެއެވެ.

އަވަށުގައި އާވާރާވެގެން އުޅޭ މީހެއްގެ ސިފައިގައި އޭނާ އުޅެމުން ދިޔައެވެ. ރޭގަނޑާއި ދުވާލު އޭނާ ހޭދަކުރަނީ ފައި އެނބުރުމުގައެވެ. އެންމެ ހިނދުކޮޅެއް، އެންމެ މިނިޓެއް، އެންމެ ގަޑިއިރެއް ވެސް ހަމަޖެހިލައިގެން ތަނެއްގައި އޭނާ މަޑެއް ނުކޮށްލައެވެ.

އޭނާގެ ހެދުންތައް އެކި ދިމަދިމާއިން ދިޔުމުން ޙާޖިރާ އެއްޗެހި ގެއަށް ގެންނާނެއެވެ. ހެދުން ދޮންނާނީ ގަދަކަމުންނެވެ. ނުދޮވެ ހުންނަ ހެދުން ރާޖީ ލިޔަ ނުދޭނެއެވެ.

އިސްތަށިގަނޑުގައި ކަޅުކުލައިގެ ތެޔޮ އުނގުޅައި ހުޅި ޖަހައި ޒީނަތްތެރިކޮށް ރިބަނުން ބޯ އައްސާނެއެވެ. އެކަމަކު އިސްތަށިގަނޑު އައްސާކަށް ރާޖީ ޤަބޫލެއްނުވާނެއެވެ. އޭނާ ގެއިން ނުކުމެވުމާއެކު ބޮލުގައި އައްސާފައިވާ ރިބަން މޮހައިލައި އިސްތަށިގަނޑު ވިހުރުވައިލާނެއެވެ. އަދި ހިނގައިބިނގައި އުޅޭ ދޫންޏެއް ފަދައިން އެތަންމިތަނަށް ދާނެއެވެ.

ޙާޖިރާ، މިއަދު ވެސް ވަރަށް އުނދަގަލުން ރާޖީ ފެންވަރުވައި، ދޮވެފައިވާ ރީތި ހެދުން ލެއްވިއެވެ. ބޮލުގައި ތެޔޮ އުނގުޅައި ބޮލުގެ އިސްތަށިގަނޑު އައްސައިލިއެވެ. އެކަމަކު އެންމެ ހިނދުކޮޅެއްގައި ވެސް އޭނާ ގޭގައި މަޑެއް ނުކުރާނެއެވެ.

އޭނާ ރީތިކުރަމުންދަނިކޮށް ހެމުން ބޭރަށް ނުކުމެގެން ދުއްވައިގެންފިއެވެ.

ކުޑަ އިރުކޮޅެއްގެ ފަހުން ފަރުބަދަ ކައިރީގައިވާ ކުޑަ ތޮށިގަނޑެއްގައި ރާޖީ ގޮސް އިށީނެވެ.

އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ވަރަށް ދުރުގައިވާ މަގަކަށެވެ. ----- އެއީ ސިޓީއިން އަވަށަށް އަންނާން އޮންނަ ބޮޑުމަގެވެ.-----

ރާޖީގެ ކަނާތް ފަރާތުން ވާދީގެ ތެރެއިން ފެންނަ ފަރުބަދިމަތީގައި ބަންގްލާއެއް ހުރެއެވެ. މިއަދު އެ ތަން ވަނީ ވީރާނާވެފައެވެ. އަވަށުގެ ޗައުދަރީ އެ ތަން ވަނީ ރެސްޓް ހައުސްއަކަށް ހަދައިފައެވެ.

އެއީ ނަމުގެ ޗައުދަރީއެކެވެ.

އަވަށުގެ މީހުން ބުނަމުން ގެންދަނީ ޗައުދަރީއަކީ އެ މީހުންނަށް ނަމެއްގައި ހުންނަ ވެރިއެއްކަމުގައެވެ.

ޚާނު އަކްބަރު ދިރިއުޅެނީ ސިޓީގައެވެ. އޭނާ އަވަށަށް އަތުވެއްޖެ ނަމަ ހުންނަނީ ރެސްޓް ހައުސްގައެވެ. ރެސްޓް ހައުސްގެ ބައެއް ތަންތަން ހުރީ ކުޑަކޮށް ހަލާކުވެ ތެޅިފައެވެ. ------ މީހުން އެހެން ގޮސް އުޅޭއިރު، އެ ތަންތަނުން އެތެރެ ހުންނަނީ ފެންނާށެވެ.

ދެން ކުއްލިއަކަށް -----------!

އެތަން ހަލާކުވާނެއެވެ.

މިހާރު ހުރިހައި ދިމާއަކުން ތިކިޖަހައެވެ.

އެ ތަން ހުރުމާއި ނުހުރުން އޮތީ ވަރަށް ކައިރީގައެވެ. ------ އެ ތަން އޮތީ ހަމަހިމޭންކޮށެވެ.

އަވަށުގެ މީހުންނަށް ވެރިޔަކު ހުރެގެން އެ މީހުން އުފަލެއްނުވެއެވެ. އޭނާގެ ސަބަބުން އަވަށުގައި ކޮންމެ ފަހަރަކު ނަފުރަތުކަން އުފެދިގެން ދެއެވެ.

އޭނާއާ މެދު، ހިތްހަމަޖެހޭ އެއްވެސް މީހަކު ނޫޅެއެވެ. ------ އެހެންނަމަވެސް އޭނާގެ ވުޖޫދަކީ އެ މީހުން ކޮންމެ ޙާލަތެއްގައި ވެސް ބަރުދާސްތު ކުރާންޖެހޭ ވުޖޫދެކެވެ. އެހެނީ އެއީ އަވަށުގެ ވެރިމީހާއެވެ. ----!

އެތައް ހާސް އަކަފޫޓެއްގެ ބިމުގައި އެ މީހުން ރެއާއި ދުވާލު ބުރަ މަސައްކަތް ކޮށްގެން އެ ބިންތަކުގައި ރަން އުފައްދާން މަސައްކަތް ކުރެއެވެ. އޭގެ އެއްވެސް ހިއްސާއެއް އެ މީހުންގެ ނަސީބުގައެއް ނުވެއެވެ. އެހުރިހާ އެއްޗެއް ވެގެންދަނީ ޚާނު އަކްބަރުގެ މިލްކިއްޔާތަށެވެ.-------!

ކުރީން އޭނާއަށް ވަރަށް ބޮޑަށް ލޯބި ލިބުނަސް މިއަދު އޭނާއަކަށް އެ ލޯތްބެއް ނުލިބިއެވެ. އޭނާގެ އަޚުލާޤާއި ޝަޚުޞިއްޔަތުގެ ސަބަބުން އޭނާއަށް މިހާރު މީހުން ކުރަނީ ނަފުރަތެވެ. އޭނާ ދެކެ މީހުން ރުޅި އަންނަނީ އެހެންވެގެންނެވެ. ------ އަދި ޒުވާން ފުރައިގެ އަންހެންކުދީންގެ ބައްޕައިން ޚާއްޞަ ގޮތެއްގައި އޭނާއަށް ނަފުރަތުކުރެއެވެ.

އެކަމަކު ----- މިހެން ކަން ހުރިނަމަވެސް ކޮންމެ ޙާލަތެއްގައި ވެސް އޭނާގެ ވުޖޫދަށް ޓަކައި ކެތްކުރާން ޖެހެއެވެ.

އެ މީހުންނަށް އެ ކަން ޤަބޫލުކޮށްގެން ތިބޭން މަޖުބޫރެވެ. ------- !

ފަޤީރުންގެ ނަރުދަމާތަކުގައި އުދެހެމުންދާ ސޫފިތަކަށް ލިބޭވަރަށް ވެސް އެ މީހުންނަށް ވަގުތު ނުލިބެއެވެ.

ޚާން އަކްބަރަކީ ޢައްޔާޝީ އިންސާނެކެވެ. މަސްތުވެފައިވާ އަންހެނުންނަކީ އޭނާގެ ބަލިކަށިކަމެވެ.

މިއީ ސަބަބެވެ. ސިޓީގައި ހުރެ ވަރުބަލިވުމުން ހިތްހަމަޖައްސައިލުމަށް ޓަކައި އޭނާއަށް އަވަށަށް އަންނާން މަޖުބޫރުވެއެވެ. ------ އޭނާ އަވަށަށް އައުމާއެކު ރެސްޓްހައުސް އޮންނަނީ ލައިޓްތަކުން ދިއްލާފައެވެ.

ބައެއްފަހަރަށް އަނދިރިވެއެވެ. ---------- އަދި ----------- ބައެއް ފަހަރަށް އަލިކަން ނިވިދެއެވެ. -------!

އަވަށުގެ ޗައުދަރީގެ ނަމަކީ ރަޙީމް ބަޚްޝެވެ. އަވަށުގެ މީހުން އޭނާއަށް ކިޔައި އުޅެނީ ރަޙްމޫއެވެ.

އޭނާއަކީ ޚާން އަކްބަރުގެ އެއް އަތެވެ. އެހެންވެ، އަވަށުގައި އުޅޭމީހުން ރަޙީމަށް ވެސް ނަފުރަތު ކުރެއެވެ. އެހެނީ ޚާން އަކްބަރަށް އަވަށުގެ އަންހެން ކުދީން ގެންގޮސް ދިނުމުގައި އޭނާގެ އަތެއްވާކަން އެމީހުންނަށް އެނގޭތީއެވެ.

އަވަށުގައި ޚާން އަކްބަރާ ގާތް ހުންނަނީ އެންމެ މީހެކެވެ. -----!

އެހެންނަމަވެސް އަވަށުގެ މީހުންނަށް އެކަން ވެސް ޤަބޫލުކޮށްގެން ތިބޭން މަޖުބޫރެވެ.

އެއީ ރާޖީގެ ބޭބެއެވެ. އޭނާ އުޅެނީ ސިޓީގެ ފާރމް ހައުސްއެއްގެ ޒިންމާދާރު ވަޒީފާއެއްގައެވެ.

ވިސްނުން ތޫނު ޒުވާނެކެވެ. ތަޢުލީމު ޙާޞިލުކުރުމަށް ނުހުނު ބޮޑަށް ޝައުޤުވެރިއެވެ. އޭނާ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ބީ.އޭ ވަނީ ޙާޞިލުކޮށްފައެވެ.

އޭނާ މިހާރު އުޅެނީ ސިޓީގައެވެ. ----- ކޮންމެ އަހަރެއްގެ އެއްފަހަރު ލިބޭ ޗުއްޓީގައި އަވަށަށް އާދެއެވެ. ޗުއްޓީ ނިންމައިފައި އަނެއްކާ ވެސް ސިޓީއަށް ދެއެވެ.

ރާޖީގެ ޙާލަތު ގޯސްވާ ކޮންމެ ފަހަރަކު ރާޖީއަށް ކުރެވޭނީ ކީއްތޯ އޭނާ ވިސްނަމުންދެއެވެ. އޭނާއަކީ ވަރަށް ވިސްނުންތެރި ސީރިއަސް ޒުވާނެކެވެ. އަވަށުގެ މީހުން އޭނާއަށް ވަރަށް އިޙްތިރާމުކުރެއެވެ. އޭނާގެ ނަމަކީ ޢާމިރެވެ.

އަދި ޢާމިރަކީ ވެސް ހެޔޮލަފާ އެކުވެރި މިޒާޖެއްގެ ޒުވާނެކެވެ. -------- އޭނާގެ ކޮއްކޮގެ ބައްޔާމެދު އަބަދުވެސް އޭނާ ގެންދިޔައީ ވިސްނަމުންނެވެ. އޭނާގެ ލޮލުން އެކަމުގެ ވޭނާއި ކެކުޅުން ފެނިގެންދެއެވެ. އެހެންނަމަވެސް އެ ކަން ދަންނަ މީހަކަށް މިތާނގައި ހުރީ ކާކުހެއްޔެވެ؟

އެ ވާހަކަތައް ކިޔާނީ ކާކުހެއްޔެވެ؟ ------- ޠޫފާނެއް އަންނާން އުޅޭކަން އެނގޭނީ ކާކަށްހެއްޔެވެ؟

މާޒީގައި ޢިބްރަތްތެރި ފިލާވަޅުތަކަށް ވެގެންދާނެ ވާހަކަތަކެއް އުފަންވެގެންދާނެއޭ ހިތަށް އަރާނީ ކާކުހެއްޔެވެ؟

އޭނާގެ ހަމަހިމޭންކަމުގެ ފަހަތުގައިވަނީ ޠޫފާނެކެވެ. ޤިޔާމަތެކެވެ. ތެދުވާން އުޅުނީ ކާކުހެއްޔެވެ؟

އެ ވަގުތު ރާޖީ ފައިތިރިކޮށްލައިގެން އިށީނދެގެން ހަމަހިމޭންކަމާއެކު އިނެވެ. އޭނާގެ މޫނުމަތީން ފެންނަމުން ދިޔައީ އާދަޔާ ޚިލާފު އަސަރުތަކެވެ.

އެއްވެސް މީހަކު އެ ފޮތް ކިޔާން އުޅުން ނަމަވެސް އެއިން އެއްވެސް މާނައެއް ދޭހައެއްނުވާނެއެވެ.

ޢާމިރު ވަނީ ވިލާގަނޑުތަކުގެ ކުލަތަކުން އަމިއްލަ ނަފުސު ވަށައިލައިފައެވެ.

ފިނިފިނި ވައިރޯޅިތައް ރާޖީގެ އިސްތަށިގަނޑާ ކުޅެމުން ދިޔައެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ރަތްކުލައިގެ އުޑުމައްޗަށެވެ.

ރާޖީ ވަރަށް ލަސްވަންދެން އެ ތާނގައި އެ ގޮތަށް އިނެވެ. ------ އޭނާ ވިސްނަނީ ކޮން ކަމެއްކަމެއް ނޭނގެއެވެ. ނުވަތަ ނަފުސާނީ ގޮތުން ފަހަތަށް ޖެހިފައިވަނީކަމަށް ވެސް ވެދާނެއެވެ.

ކުއްލިއަކަށް ބަރު ފިޔަ ވަޅުތަކެއްގެ އަޑު އޭނާއަށް އިވި ސިއްސައިގެން ގޮސް އޭނާ އެނބުރި ބަލައިލިއެވެ. އެ ވަގުތު އޭނާއަށް މީހެއްގެ ބޯ ފެނުނެވެ.

އެއީ އަފްޒަލެވެ.

އަވަށުގެ ޗައުދަރީގެ ދަރިފުޅެވެ. އެކަމަކު ހައިރާން ކުރުވަނިވި ކަމަކީ މިއީއެވެ. އޭނާއަކީ އަވަށުގެ އެހާ ބޮޑު މީހެއްގެ ދަރިއެއްކަމަށް ވީ ނަމަ ވެސް އޭނާއަކީ ރަނގަޅު މީހެކެވެ. އަވަށުގެ އެއްވެސް މީހަކު އޭނާއާ ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އޭގެ ސަބަބުން އަވަށު މީހުން އޭނާއަށް އިޙްތިރާމުކޮށް ޢިއްޒަތްތެރިކޮށް ހިތައެވެ.

"ރާޖީ މި ތާނގައި ތިޔަ ކުރަނީ ކީއްހެއްޔެވެ؟ --------- " ރާޖީ އެ ތާނގައި އިނުމުން ޙައިރާންކަމާ އެކު، އަފްޒަލު ސުވާލުކުރިއެވެ.

ރާޖީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ---- އޭނާގެ ހޫނު ދެ ތުންފަތާއި މުށި ކުލައިގެ ދެލޮލެވެ.---!

އޭނާ ކުޑަ ހިނދުކޮޅަކު މަޑުކޮށްލުމަށް ފަހު ބުންޏެވެ.

"އަލިފާން ރޯވީއެވެ."

އޭނާ މަޑުމަޑުން ބުންޏެވެ.

"އަލިފާން ރޯވީއޭ. -------- ކޮންތާކު ---------- ؟"

"އަފްޒަލު އަނދިރި ހެއްޔެވެ؟ --------- ނިކަން އެ ދިމާއަށް ބަލައިބަލާށެވެ. --------------" ރާޖީ މޫނު ހަދައިލުމަށް ފަހު، އުޑާދިމާއަށް އިޝާރާތް ކުރިއެވެ. އޭރު އިރުއޮސެންދަނީއެވެ. ރަތްވިލާތަކުން އުޑުމަތިވަނީ ފުރިފައެވެ.

ރާޖީ އިޝާރާތްކުރި ދިމާއަށް ބަލައިލުމަށް ފަހު އަފްޒަލު ހޭންފެށިއެވެ. ---- އަދި ބުންޏެވެ.

"އެ ތާނގައި އަލިފާން ރޯވީކީ ނޫނެވެ..------ އެއީ އިރު އޮއްސޭ ވަގުތު އުފެދޭ ރަތް ވިލާތަކެވެ. -------- "

"ނޫނޭ، ------ އަފްޒަލު ތިޔަ ހަދަނީ ދޮގެކެވެ. ކޮންމެވެސް މީހަކު މުދަލުގެ ދަހިވެތިކަމުގައި ފަޤީރެއްގެ މުދަލުގައި ރޯކޮށްލީކަން ޔަޤީނެވެ." އޭނާ އެހެން އެބުނީ ކީއްވެގެން ކަމެއް އަފްޒަލަށް ނުވިސްނުނެވެ.

ކުޑައިރު ހިނދުކޮޅެއްގެ ފަހުން އަފްޒަލު ބުންޏެވެ.

"މި ތަނުން ދަމާ ހިނގާށެވެ. އެހެން ނޫނީ ރޭގަނޑުގެ އަނދިރިކަން ފެތުރިދާނެއެވެ. ----- "

"ހެނދުނު ވެސް ވީނޫންހެއްޔެވެ؟" ރާޖީ ވަރަށް މަޢުޞޫމިއްޔަތުކަމާ އެކު ބުންޏެވެ.

"ތިޔަ ވިސްނަނީ ރޭގަނޑު ހަތަރުދަމު މި ތަނުގައި އިންނާންހެއްޔެވެ؟"

"ފަޒްލޫ! ވާހަކައެއް ބުނެފާނަންހެއްޔެވެ؟" ރާޖީ ކުއްލިއަކަށް ސިއްސައިގެން ގޮސް ކޮންމެވެސް ޚިޔާލެއްގައި އިނދެ ބުނެލިއެވެ.

"އަހާބަލަ!"

"މި ރެސްޓްހައުސްއަށް އަންނަނީ ކާކުހެއްޔެވެ؟ ------ އެ ތާނގައި މީހުން ނިދަނީ ވަރަށް ގޯސްކޮށެވެ."

"އެ ތާނގައި ތިބެނީ ވެރިމީހާގެ ޢާއިލާގެ މީހުންނެވެ."

"ކީއްވެ؟"

"ސިޓީގައި ހަމަނުޖެހެމެއް ހިނގާ ގޮތް ވުމުން، އަވަހަށް އަވަށަށް އައިސް އަވަށުގައި ވަގުތު ހޭދަކޮށްލަނީއެވެ."

ވާވާ ------ އޭރުން ވަރަށް މަޖާވާނެދޯއެވެ. ------- " ރާޖީ ބުންޏެވެ.

"މަޖާވާނެހެއްޔެވެ؟"

އަފްޒަލު، ރާޖީގެ ލޮލަށް ބަލާން ހުރެ ސުވާލުކުރިއެވެ.

ރާޖީގެ ދެލޯ ހުރީ ކުޅޭކުޅޭ ކަހަލަ ގޮތެއްގައެވެ. ލޮލުން ފެނުނީ ކުޑަކުދީންގެ ކިބައިގައި ހުންނަ ފަދަ ލާނެތްކަމެވެ.

ރާޖީ ތެދުވަމުން ބުންޏެވެ.

"އަހަރެން ކޮންމެ ރެއަކު އެ މީހުން ބިރުގަންނަވަމުން ގެންދަމެވެ."

"އެކަމުން ރާޖީއަށް ވަނީ ކޮން ފައިދާއެއް ހެއްޔެވެ؟"

"އޭތް! އަފްޒަލު ވެސް ތިޔައީ އެ ހުރި ކަހަލަ ބުދެއްތަ؟"

ރާޖީ އެ ތާނގައިވާ ބުދަކަށް އިޝާރާތް ކުރަމުން ބުންޏެވެ.

"އާއެކޭ ބުނެބަލަ!"

އެންމެ ރަނގަޅު! އަހަރެން މިއީ ބުދެއްކަމަށް އަހަރެން ޤަބޫލުކޮށްފީމެވެ."

"ޙަޤީޤަތުގައި އަފްޒަލަކީ ބުދެކެވެ. ------- އަފްޒަލުގެ ސިކުނޑީގައި އެއްވެސް ތެތްކަމެއް ނެތެވެ."

"އެންމެ ރަނގަޅެވެ!----- އެކަމަކު އެ މީހުންނަށް އުނދަގޫކޮށްގެން ރާޖީއަށް ދެން ލިބެނީ ކޮން އެއްޗެއްހެއްޔެވެ؟"

"އިންސާނުން ކުރާ ކޮންމެ ކަމެއް ކުރަނީ ފައިދާއަކަށް ނޫނެވެ."

"ދެން އެހެންވީރު ކީއްވެހެއްޔެވެ؟"

"ޝައުޤުވެރިކަމާއި ނަފުސާނީ އަދި މުނިފޫހިފިލުވުމަށް ޓަކައެވެ.

"އެ މީހުން އަހަރެންދެކެ ބިރުގަތުމުން އަހަންނަށް ވަރަށް މަޖާވެއެވެ."

"ރާޖީއަށް ވަނީ މަޖާހެއްޔެވެ؟"

"އާނ! އާނ! ---- ޒިލޭބީ ކެއުމުން ލިބޭ ފަދަ މަޖާކަމެކެވެ. އަފްޒަލު އެއްވެސް ފަހަރަކު ޒިލޭބީ ކެއިންހެއްޔެވެ؟"

ރާޖީ ސުވާލުކުރިއެވެ.

"އާނ! އަހަރެން ވަކި ނުކައި ހުންނާނެހެއްޔެވެ؟"

"ޒިލޭބީ ކެއުމުން ކިހާ މަޖާހެއްޔެވެ؟"

"ވަރަށް ވެސް ------ "

"އަހަންނަށް ވެސް ވަރަށް މަޖާވެއެވެ. އަފްޒަލުގެ ޖީބުގައި ފައިސާ އެބަ ހުރިތަ؟"

ކުއްލިއަކަށް ރާޖީ ބުންޏެވެ.

"އާނ! ކޮންމެވެސް ވަރަކަށް އެބަހުއްޓެވެ."

"ކިހާ ވަރަކަށް ---------------؟"

ރާޖީ ވަރަށް މަޢުޞޫމުގޮތެއްގައި ކުޑަކުއްޖެއް ފަދައިން ސުވާލުކުރިއެވެ.

"ޖީބުގައި އޮންނާނީ އެއްރުފިޔާ ދެރުފިޔާވަރެވެ. ---------- "

"އައްދޭ! ---- އެހާ މަދުން ------- ޗައުދަރީގެ ދަރިއެކޯ؟ ------ އަތުގައި އެކައްޗެއް ވެސް ނެތްވިއްޔަ؟"

އަފްޒަލު  ބާރަށް ހޭންފެށިއެވެ.

"ގެއިން ނުކުންނައިރު، ބޭނުންވާ ވަރަށް ފައިސާ އަތުގައި ބަހައްޓަމޭ ------"

"އެހެންތަ؟ ------- އެހެން ވީއިރު މިހާރު ދޭށެވެ. އަހަރެން އަތަށް ދޭށެވެ."

ރާޖީ ބުންޏެވެ.

"ރާޖީ ކުރާނީ ކީއްހެއްޔެވެ؟"

"ޒިލޭބީ ކާނީއެވެ. ----- އަހަރެން ވަރަށް ބޮޑަށް އެބަ ޒިލާބީ ކާހިތްވެއެވެ."

އަފްޒަލު ފުން ނަޒަރަކުން ރާޖީ ފަޔަށް ހިނދުކޮޅެއްވަން ދެން ބެލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ޚިޔާލަށް އައެވެ. މި އަންހެންކުއްޖާ އަގު ބޮޑު ހެދުމެއް ލައިގެން ހުރިނަމަ، ޝެހެޒާދީއަކަށް ދޫ ނުކުރާނެއެވެ. --------- "

"އަހަރެން އަތަށް ފައިސާ ދޭށެވެ. ------ "

ފައިސާ ހޯދާން ރާޖީގެ އަތް ދިއްކޮށްލިއެވެ.

އަފްޒަލު ހަމަހިމޭންކަމާ އެކު، ދެރުފިޔާ ޖީބުން ނަގައި ރާޖީގެ އަތަށް ދިނެވެ. އަދި ބުންޏެވެ.

"ވެރިމީހާގެ ގޭގެ މީހުންނަށް އުނދަގޫ ނުކުރައްޗެވެ.؟"

"އެއީ އަފްޒަލުގެ ޢާއިލާގެ ބަޔެއްހެއްޔެވެ؟"

"އެއީ އަވަށުގެ ވެރިމީހާއެއްނު ---------------؟"

"އެހެން ނުވާނެއެވެ. ------"

ރާޖީ އާދަޔާ ޚިލާފު ގޮތެއްގައި ނަފުރަތުކަމާ އެކު، ތުންފަތް ތަޅުވައިލިއެވެ. ---------- އަދި ބުންޏެވެ.

"އަވަށުގެ ވެރިއަކަށް އަފްޒަލު ވާން ބޭނުންވިއްޔާ ވެވިދާނެއެވެ."

"އެ ކިހިނެއް؟"

"އެހެންމީހުންގެ ޙައްޤުތަކަށް އަރައިގަތުން އާދަޔަކަށް ހަދާށެވެ. އޭރުން އެއް އަވަށެއް ނޫނެވެ. ދިހަ އަވަށުގެ ވެރިކަން ވެސް ލިބިދާނެއެވެ."

"ރާޖީ މޮޔަވީތަ؟"

"އަފްޒަލެވެ! އަނިޔާ ނުދޭށެވެ. ----- އެހެންނޫނީ ބޯ ފަޅައިލެވިދާނެއެވެ. ------- "

ރާޖީގެ ތިޔަރީ ކުއްލިއަކަށް ބަދަލުވެއްޖެއެވެ.

"ރާޖި --- ރާޖީ --- ތިއީ ހަމަ ކުޑަކުޑަ އަނިޔާއެކެވެ. ----------"

އަފްޒަލު ފުން ނޭވާއެއް ލަމުން ބުންޏެވެ.

މި އަންހެންކުއްޖާ ވާހަކަ ދައްކާނީ ފަހުންކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ރާޖީ ބަދަލުވުމުގެ ތިޔަރީ ފެނި، އޭނާ ބަނޑުހައިވުމަކީ ޠަބީޢީ ކަމެއްނޫންކަން އަފްޒަލަށް އެނގުނެވެ.

"ދެން ކިހިނެއްވީ ----- ؟ އަހަރެން ފެންނަނީ މޮޔައެއްގެ ސިފައިގައިހެއްޔެވެ؟"

"އަހަރެން ބުނީ މޮޔަކަން ހުރި ކުއްޖެކޭ، -------- މޮޔައެކޭ ނޫނޭ ------- "

"ތިޔަ ބުނަނީ ހަމަ އެކައްޗެކެވެ. ---------- "

ރާޖީ ހުޝިޔާރުކަމާ އެކު، ބުންޏެވެ.

އަފްޒަލު ހިނިތުންވެލާން މަސައްކަތްކުރިއެވެ. އަދި ބުންޏެވެ.

މޮޔަކަން ހުރި ކުއްޖެކޭ އެބުނަނީ ރިހެބިލިޓޭޓް ވެފައިވާ ކުދީންނަށެވެ. ކުށެއްނެތް މަޢުޞޫމު ކުދީންނަށެވެ."

"އެހެންތަ؟ ----- މިހާރު ފުދިއްޖެއެވެ. ------ އަފްޒަލު ބުނެދިންކަން ކިތަންމެހައި ވެސް ރަނގަޅެވެ. އެހެން ނޫން ނަމަ، އަފްޒަލު މި ތަނުން ތިރިއަށް ވައްޓައިލާނަމެވެ. ------!"

"އެހެންތަ؟ ----- ދެން މިހާރު ގެއަށް ދަމާ ހިނގާށެވެ. ----- ދާ މަގުމަތީގައި ބިންދޫ އަތުން ޒިލޭބީ ވެސް ގަންނާނީއެވެ. ----- "

"މި ވެރިމީހާގެ ޢާއިލާގެ މީހުން އަންނަނީ ކޮންއިރަކުންހެއްޔެވެ؟"

ރާޖީ އަނެއްކާ ވެސް ކުއްލިއަކަށް މައުޟޫޢު ބަދަލުކޮށްލިއެވެ.

އަފްޒަލު ފޫހިވެގެން ބުންޏެވެ.

"މާދަމާ ހޮނިހިރެއްނު.------"

އާނ، މާދަމާއަކީ ހޮނިހިރު ދުވަސް. --------"

"އަހަރެންގެ ބޭބެ ވެސް އަންނާނެއެވެ. އެއީ ވެސް ބުދެކެވެ. ބޭބެ އަންނާތީ އަހަރެން ވަރަށް ބިރުގަނެއެވެ."

"ބިރު ގަންނަނީ ކީއްވެ -------؟"

"އަބަދު ހުންނާނީ އަހަންނަން ބަލަބަލައެވެ."

"ކީއްވެ؟"

"އަހަންނަށް އެނގެނީ ކިހިނެއް؟"

"އެކަން އޮޅުން ފިލުވާން އުޅުނީންހެއްޔެވެ؟"

"ބޭނުމަކީ ކޮބައި؟ ކޮންމެ ވެސް ދުވަހަކުން ޚުދު ބޭބެ ބުނާނެތާއެވެ. އަހަރެން އަހައިގެން ބޭބެ ރަނގަޅަކަށް ނުބުނާނެއެވެ."

"އެހެންތަ؟ މިހާރު ގެއަށް ދަމާ ހިނގާށެވެ. -------"

"ނޫނޭ، ------ އަހަރެން އަދި ނުދާނަމެވެ. ------- "

"ރާޖީ!----- މިއޮށް އަނދިރިވަނީއޭ ----- ރާޖީގެ މަންމަ މިހާރު ރާޖީ ހޯދާނެއެވެ." އަފްޒަލު ބުންޏެވެ.

"އެއީ މޮޔައެކެވެ. ------- "

ރާޖީ ހިނިއަންނަ ކަހަލަ ގޮތެއްގައި ބުންޏެވެ.

އަފްޒަލުގެ މޫނުމަތީން އާދަޔާ ޚިލާފު ބަދަލެއް އައިކަން އެނގުނެވެ. އަފްޒަލު ވެސް ބޮޑުވެލައިފައި ބުންޏެވެ.

"އަހަންނާ އެކު، ހިނގާށެވެ. ------ "

"އަދި ނުދާނަމޭ ބުނެފީމެއްނު. ----- "

އަފްޒަލު ވަރަށް ބާރަށް ދެތުން ފަތުގައި ދަތުން ހިފައި ހިފަހައްޓައިލިއެވެ. އޭނާގެ ކަރުތެރޭގެ ނާރުތައް ވެސް ނުކުމެގެންދާ ފަދަ ބާރުމިނުގައެވެ. ކުޑަ ހިނދުކޮޅަކު ރުޅިވެރިކަމާއެކު ރާޖީއަށް ބަލާން ހުއްޓެވެ. ދެން އެއަށް ފަހު  -------!

ކުއްލިއަކަށް ބާރަށް ކުރިއަށް ހިނގާން ފެށިއެވެ.

ރާޖީ ފަހަތުން އަތް ހޫރުވަމުން ހަޅޭއްލަވަމުން ބުންޏެވެ.

"އަނދައިފައިވާ ގެއެއް ނެތް ނަމަ، މަރުވެފައިވާ ދޫނިސޫފާސޫފީގެ އެތިކޮޅެއް ލިބިއްޖެއްޔާ އަފްޒަލަށް ގެންގޮސްދޭނަމެވެ. ------ "

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް