މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (9)
އަޙްމަދު ފަޔާޟް ޙަސަން
(2024 ފެބުރުވަރީ 19ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
އިންސާނިއްޔަތުކަމާއި ލޯތްބަކީ އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކައިގައި ހިމެނޭ މުހިންމު ބަހާތަކެވެ. އެންމެ ފަހުން ގެއިން ނިކުންނެވުމުގެ ކުރީން އިބުރާހީމްގެފާނު އެކަލޭގެފާނުގެ ބައްޕަގެ ވާހަކަތަކަށް ޖަވާބުދެއްވިއެވެ. ބައްޕަގެ މައްޗަށް ގިނަވެގެންވާ ސަލާމްހުރި ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ބައްޕައަށް ފާފަފުއްސެވުން އެދި ﷲއަށް ދުޢާކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲއީ އެކަލޭގެފާނު މައްޗަށް ނުހަނު އޯގާވަންތަ ކަލަކު ކަމުގައި ވިދާޅުވިއެވެ. މިއިން ލިބޭ އެއް މެސެޖަކީ އިބުރާހީމްގެފާނު ވަކިވެވަޑައިގަންނަވަމުން އެކަލޭގެފާނުގެ ބައްޕައަށް ހެޔޮ ގޮތް މެދުވެރިކުރެއްވުމަށް އެދިވަޑައިގަތްވަރެވެ. މި ކަމުން އަންގައިދެނީ ބައްޕަ ދެކެ އެކަލޭގެފާނު ވެވަޑައިގަތް ވަރުގަދަ ލޯތްބެވެ. އެކަލޭގޭފާނުގެ މި އަމަލުން ދަރީން މައިންބަފައިންނަށް ކަމޭހިތާން ޖެހޭ ގޮތް އަންގައިދެއެވެ. އިބުރާހީމްގެފާނުގެ މި އަމަލުން އެކަލޭގެފާނުގެ ކެތްތެރިކަމާއި އަޚުލާޤުގެ މަތިވެރިކަން ދައްކައެވެ. އަދި ދީނަށް ދަޢުވަތުދިނުމުގައި އެންމެ ފުރަތަމަ ﷲގެ އޯގާވަންތަކަމާއި ލޯބި ދައްކާން ޖެހޭކަން ކަށަވަރުވެއެވެ. ދީނަށް ގޮވައިލުމުގައި އަދުގެ މުސްލިމުން އިބުރާހީމްގެފާނު ނަމޫނާއަކަށް ބަލާން ޖެހެއެވެ. އެކަލޭގެފާނު ދޫކުރެއްވި ތަރިކައިގައި ފުރިހަމައަށް ހިފާން ޖެހެއެވެ. އަޅުގަނޑުމެންގެ މާތް ސާހިބާ މުޙައްމަދު ﷺގެ ސީރާއަށް ބެލުމުން އަޅުގަނޑުމެންނަށް ފެންނަނީ އެކަލޭގެފާނުގެ ބަފައިކަލުން އިބުރާހީމްގެފާނު ދެއްކެވި މަގުގައި އެކަލޭގެފާނު ސާބިތުވެ ހުންނެވި މިންވަރެވެ.
ދެން އިތުރަށް ބައްޕަޔާ މުޚާޠަބުކޮށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ އަހަރެން ވަކިވާނަމެވެ. އަދި އަހަރެންގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރާނަމެވެ. އަހަރެންގެ ވެރި ރަސްކަލާނގެއަށް އަޅުކަންކޮށްގެން އަބާއްޖަވެރިޔަކުކަމުގައި އަހަރެން ނުވާނެއެވެ. އެކަލޭގެފާނުގެ މި ވާހަކަތަކުން ލިބޭ މެސެޖަކީ ﷲއަށް ވަކީލުކޮށް ﷲއަށް ދުޢާކޮށްގެން އެކަލޭގެފާނު މާޔޫސްވެ ނާއުންމީދުވާން ނުޖެހޭނެކަމެވެ. ހަމަ އެ ގޮތަށް އެހެން މީހަކު ވެސް އެ ގޮތަށް ނާއުންމީދުނުވާނެކަމެވެ. އިބުރާހީމްގެފާނު އެކަލޭގެފާނުގެ ބައްޕައަށް ދުޢާކުރެއްވީ އެކަލޭގެފާނު ބައްޕައަށް ކުރެއްވި ވަޢުދެއްގެ މަތީންނެވެ. އަދި އިބުރާހީމްގެފާނުގެ ބައްޕައަކީ ޢަދާވާތްތެރިއެއްކަން އެނގިވަޑައިގަތް ހިނދު އޭނާއަށް ދުޢާކުރެއްވުން އެކަލޭގެފާނު ހުއްޓައިލެއްވިއެވެ. މި ކަން އަޅުގަނޑުމެންނަށް އަންގައިދެނީ ތައުބާ ސޫރަތުގެ 114ވަނަ އާޔަތެވެ.
އިބުރާހީމްގެފާނު އެކަލޭގެފާނުގެ އާއިލާއާއި އެ މީހުން އަޅުކަންކުރާ ތަކެތި ދޫކުރައްވައި ވަޑައިގަތުމުން ﷲ އެކަލޭގެފާނުގެ މުޅި މުސްތަގުބަލާއި ތާރީޚު ބަދަލުކުރެއްވިއެވެ. އަދި މުސްތަގުބަލުގެ ތާރީޚު ބަދަލުކުރާނެ ކަންކަން ﷲ އެކަލޭގެފާނަށް އަންގަވައެވެ. އެ ގޮތުން އެކަލޭގެފާނަށް އިސްމާޢީލްގެފާނާއި އިސްޙާޤުގެފާނާއި ކާފަ ދަރިކަލުން ޔަޢުޤޫބުގެފާނު ދެއްވިއެވެ. އަދި އެއިން ކޮންމެ ބޭކަލަކު ނަބީ ބޭކަލެއްކަމުގައި ލެއްވިއެވެ. އަދި އެކަލޭގެފާނަށް ފަހު، އެކަލޭގެފާނުގެ ދަރިފަސްކޮޅުން މެނުވީ ނަބިއްޔަކު ނުފޮނުއްވައެވެ. މި ކަމުން އަންގައިދެނީ ﷲއަށާއި ﷲގެ ދީނަށް ޓަކައި އެކަނިވެރިކަން އިޚުތިޔާރުކުރާ މީހާއަށް ލިބޭން އޮތް ބައިވެރިވުމުގެ ނުވަތަ ގުޅުމުގެ ބޮޑުކަމެވެ. މާނައަކީ ﷲއަށް ޓަކައި އެކަނިވެރިކަން އިޚުތިޔާރުކޮށްގެން މީހަކު ހަގީގީ މާނައިގައި އެކަނިވެރިނުވާނެކަމެވެ. އޭނާއަށް ހިތްހަމަޖެހޭ ވަރަށް ބައިވެރީން ލިބޭނެކަމެވެ. އިންސާނުން މާއްދިއްޔަތަށް ހެއްލިފައިވާ މި ޒަމާނުގައި މި ކަމުން މުސްލިމުން އިބުރަތް ހާސިލުކުރާން ޖެހެއެވެ. ﷲއަށް ޓަކައި އެކަނިވެރިކަން އިޚުތިޔާރުކޮށްގެން އެ މީހަކަށް ލިބޭ ބައިވެރީން ހުރިހާ ގޮތަކުން މާރަނގަޅުވާނެއެވެ. މިއީ އިބުރާހީމްގެފާނު އަޅުގަނޑުމެންނަށް ދޫކުރެއްވި މުހިންމު ތަރިކައެކެވެ.
އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކައިން ކަށަވަރުވާކަމަކީ މުއްސަނދިކަމާއި މުދާވެރިކަމާއި ސަގާފަތުގެ ފަހަތުން ދުވަން ނުޖެހޭކަމެވެ. އެކަމަކު އަޅުގަނޑުމެން މިއަދު ކަންކުރަނީ އެގޮތަކަށްނޫނެވެ. އަޅުގަނޑުމެން ރައްޓެހިވެވޭތޯ އުޅެނީ މުދާވެރިންނާއެވެ. އަޅުގަނޑުމެން ގުޅެވޭތޯ ބަލަނީ މަގާމު ބޮޑު މީހުނާއެވެ. އަޅުގަނޑުމެން ސެލްފީ ނަގަން ދުވަނީ މަޝްހޫރު މީހުން ފަހަތުންނެވެ. އަޅުގަނޑުމެން ތަބާވާން ބޭނުންވަނީ މީހުންގެ މެދުގައި މަގުބޫލު މީހުންނަށެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ސެލެބްރިޓީއަކަށްވާށެވެ. އަދި އެކުގައި ވުމަށް އެދެނީވެސް އެޒާތުގެ ކޮންމެވެސް 'ބޮޑު' މީހެކެވެ. އެންމެން އުޅެނީ ވިލާތު މީހުންނާއި އެމެރިކާ މީހުން ކޮޕީކުރާށެވެ. މިއީ އިބުރާހީމްގެފާނު އަޅުގަނޑުމެންނަށް ދޫކުރެއްވި ތަރިކަޔާ ދިމާ އިދިކޮޅު ގޮތްތަކެވެ.
އިބުރާހީމްގެފާނުގެ ވާހަކައިން ބައެއް އައްޝުޢަރާއު ސޫރަތުގެ 69 ވަނަ އާޔަތުން ފަށައިގެން ﷲ ބަޔާންކުރައްވައެވެ. މިފަހަރުވެސް އިބުރާހީމްގެފާނާ އެކަލޭގެފާނުގެ ގައުމުގެ މީހުންނާ ދެމެދު ދެކެވުނު ވާހަކަތައް ﷲ ހާމަކުރައްވައެވެ. އެކަލޭގެފާނުގެ ބައްޕައާއި އެގައުމުގެ މީހުން ބުނިގޮތުގައި އެމީހުން އަޅުކަންކުރަނީ ބުދުތަކަށެވެ. އަދި އެމީހުން އެގޮތުގައި ދެމިތިބޭނެއެވެ. އެމީހުން އެތަކެއްޗަށް ދުޢާކޮށް އެތަކެއްޗަށް ގޮވާއިރުވެސް އެއިން ބުދެއް އެމީހުންނަށް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނުދެއެވެ. އިބުރާހީމްގެފާނު މިވާހަކަ ދެއްކެވުމުން އެމީހުން ބުދަށް އަޅުކަންކުރަނީ އެމީހުންގެ ކާބަފައިން އެގޮތަށް ކަންތައް ކޮށްފައިވާތީ ކަމުގައި އެމީހުން ދެންނެވިއެވެ. ދެން ކާބަފައިން އަޅުކަންކުރި ތަކެއްޗަށް އެމީހުން ވިސްނައި ބެލިންތޯ އެކަލޭގެފާނު އެއްސެވިއެވެ. އަދި އެއިން އެއްވެސް ބުދަކަށް އެކަލޭގެފާނު އަޅުކަން ނުކުރައްވާނެކަމަށް ހަރުއަޑުން ވިދާޅުވިއެވެ.
ދެން އިބުރާހީމްގެފާނު ޚަލްޤުކުރައްވައި އެކަލޭގެފާނަށް ތެދުމަގު ދެއްކެވީ ﷲ ކަމުގައި ވިދާޅުވިއެވެ. އެކަލޭގެފާނަށް ކާބޯތަކެތި ދެއްވައި އެކަލޭގެފާނު އާލާސްކަންފުޅާ ޖެހުމުން ޝިފާދެއްވަނީވެސް ﷲ ކަމުގައި ވިދާޅުވިއެވެ. އަދި އެކަލޭގެފާނު މަރުގަންނަވައި އަދި ފަހުން އެކަލޭގެފާނު ދިރުއްވާނީވެސް ﷲ ކަމުގައި ވިދާޅުވިއެވެ. އަދި އެކަލޭގެފާނުގެ ފާފަ ފުއްސެވުމަށް އެކަލޭގެފާނު އެދިވަޑައިގަންނަވަނީ ﷲ ގެ ޙަޟުރަތުން ކަމުގައި ވިދާޅުވިއެވެ. މިވާހަކަފުޅުން އަޅުގަނޑުމެންނަށް ލިބިދޭ އެއް މެސެޖަކީ އިބުރާހީމްގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނާ ކުރެއްވި ސުވާލުތައް
އަޅުގަނޑުމެން މުސްލިމުންނާ އެހެން ދީންތަކުގެ މީހުން ކުރާނެކަމެވެ. އަދި އެގޮތަށް އެހެން ދީންތަކުގެ މީހުން ސުވާލުކުރަންޖެހޭނެކަމެވެ. އެކަމަށް އަޅުގަނޑުމެން ފިކުރީގޮތުން ތައްޔާރުވާންޖެހޭކަމެވެ.
މިއަދު އިސްލާމް ދީނަށް ދަޢުވަތު ދިނުމުގައި ހީވާގިކަމާއެކު މަސައްކަތްކުރާ ދާޢީންނާ މިދެންނެވިފަދަ ގިނަ ސުވާލުތައް ކުރެވެއެވެ. ދާޢީންގެ މަސްއޫލިއްޔަތަކީ ލޯތްބާއި އިންސާނިއްޔަތުކަމާއެކު އެ ސުވާލުތަކަށް ބުއްދީގެ މަގުން ރަނގަޅު ޖަވާބު ދިނުމެވެ. އެމީހުންގެ ޖަވާބުތައް ބައްޓަންކުރަންޖެހެނީ އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކަ ނަމޫނާއަކަށް ބަލައިގެންނެވެ. ލޯތްބާއެކު ބުއްދީގެ ހަމަތަކުން ވިސްނައިދިނުމުން އަޅުގަނޑުމެންގެ ވާޖިބު އަދާކުރެވުނީއެވެ. ޢައިރު މުސްލިމުންނާ ޖަދަލުކޮށް އެމީހުންނަށް ފުރައްސާރަކޮށް އެމީހުންނާ ދިމާކުރާކަށް ނުޖެހެއެވެ. އަޅުގަނޑުމެން ހިނގަންޖެހެނީ އަޅުގަނޑުމެންގެ ރޫޙީ ބަފައިކަލުން ހިންގެވި ހިތްގައިމު މަގުންނެވެ. ކޮންމެ ކަމެއްގައި ބުއްދި އިސްކޮށް ބުއްދީގެ ހަމައިންނެވެ. އަޅުގަނޑުމެންގެ އަމަލުތައްވެސް ބަހައްޓަންޖެހެނީ އެކަލޭގެފާނު ބެހެއްޓެވިގޮތަށެވެ. އަޅުގަނޑުމެންގެ ސާހިބާ މުޙައްމަދުއް ރަސޫލުﷲ ﷺ ދީނަށް ގޮވައިލެއްވީވެސް އެގޮތަށެވެ.
އަދުގެ ޒަމާނީ އުފެއްދުންތަކަށް ފިކުރު ހިންގަމާ ހިނގާށެވެ. ކޮންމެ އެއްޗަކާއެކު އެ އެއްޗެއް ބޭނުންކުރަންޖެހޭ ގޮތުގެ އަތްމަތީ ފޮތް ނުވަތަ އިންސްޓްރަކްޝަން މެނުއަލް އޮވެއެވެ. އެފޮތުގައި އޮންނަ ގޮތަށް އަމަލުނުކޮށްފިއްޔާ ކިތަންމެ އަގުބޮޑަސް އެ އެއްޗެއް ހަލާކުވުމުގެ ފުރުސަތު ބޮޑުވެއެވެ. އިންސާނާއަކީ ﷲ ޚަލްޤުކުރެއްވި އެންމެ މާތް އަދި އެންމެ ފުރިހަމަ މަޚުލޫޤުއެވެ. އެއީ އޭނާ ހިތުހުރި ގޮތަކަށް އުޅެން ހެއްދެވި ދިރުމެއްނޫނެވެ. އޭނާގެ އުޅުން ބައްޓަންކުރަންޖެހެނީ ތެދުމަގަށެވެ. ތެދުމަގަށް މަގުދައްކާ އަޅުގަނޑުމެންގެ އިންސްޓްރަކްޝަން މެނުއަލްއަކީ ކީރިތި ޤުރްއާންއެވެ. ތެދުމަގު ނުލިބުނު މީހާއަކީ އަބާއްޖަވެރިއެކެވެ. މިތަނުގައި އިބުރާހީމްގެފާނު ފާހަގަކުރައްވަނީ ތެދުމަގުގެ މުހިންމުކަމެވެ. އަދި ތެދުމަގު ނުލިބުމަކީ އިންސާނާގެ ހަލާކުކަން މިވާހަކައިން ކަށަވަރުވެއެވެ. ކޮންމެ ދުވަހަކު ތަކުރާރުކޮށް އެތައް ފަހަރަކު އަޅުގަނޑުމެން ﷲ އަށް މިދަންނަވަނީ ތެދުމަގު ދެއްވުމަށެވެ. ކީރިތި ޤުރްއާނުގައި ﷲ މިއަންގަވަނީ އިބުރާހީމްގެފާނު ދޫކުރެއްވި ވަރުގަދަ ތަރިކައެވެ. ސުބުޙާނަﷲ! ނަމާދުގެ ކޮންމެ ރަކުޢަތެއްގައި އަޅުގަނޑުމެން ﷲ އަށް މިދަންނަވަނީ ސީދާވެގެންވާ ތެދުމަގަށް ތެދުމަގު ދެއްކެވުމަށެވެ. (ނުނިމޭ)