Advertisement

ކަނީރުގެ ވިސްނުމުގައި.....(6): ހައިރާނެއް ނުވެވެއެވެ.

25 Feb 2024 | 19:43
މަތީ ތަޢުލީމު ހާސިލްުކޮށްފައިވާ ކުދީންކޮޅެއް


ކަނީރު ޢަބްދުއްރަޙީމް ޢުމަރު

ދިވެހިރާއްޖޭގައި ދުވަހެއް ދުވަހަކަށް މޯލަޑީވިއަނުން ގިނަވަމުން އަންނާތީ އަޖައިބެއް ވެސް މިހާރަކު ނުވެވެއެވެ. ސަބަބަކީ މި އޮށެއް އިންދައި މި ގޮތް މިހެން ފަތުރާން ފެއްޓީ ވެސް އާދައިގެ ނުފޫޒެއްގައި ނޫންކަމާއި ފުރިހަމަ ބާރާއެކީގައިކަމަށް ވާތީ އޭރުއްސުރެ އެ އޮށުން ފެޅި ގަހަށް ފެންދީ ބެލެހެއްޓުން އެ ފެންވަރުގައި އަދިވެސް ކުރިއަށްގެންދާތީއެވެ. އަޅުގަނޑުމެންގެ ކުރީގެ ރައީސެއްކަމުގައިވި އިބުރާހީމް ނާޞިރުގެ ވިސްނުންފުޅުގައި ނިންމެވި މި ނިންމެވުމުގައި އޭރު ރޭއްވެވީ ދިވެހިބަސް އުވައިލައްވައި ދިވެހީން މޯލަޑީވިއަނުންނަށް ހައްދަވާށެވެ. ހުކުރު ޚުޠުބާ ވެސް ދިވެހި އަކުރުތަކުން ނުލިއެ ލެޓިން އަކުރަށް ބަދަލުކުރީ އެ ރޭއްވެވުމުގައި ތާނައިގެ އަކުރުތައް  ފުރަތަމަ ނައްތައިލެއްވުން އޭގެ ފެށުމެއްކަމުގައި ނިންމަވައިގެންނޭ ބުނެ ގަބޫލުކުރާނެ ޖާގަ އޮވެއެވެ.

ކޮންމެއަކަސް އެއީ މޮޅު ގޮތެއްކަމުގައި ބެލެވިގެން އެ ގޮތަށް ކުރިޔަށް ދިއައީއެވެ. މަދަރުސާތައް އިސްކޫލަށްވެ މައިންބަފައިން ޕޭރެންޓުންނަށް މި އޮތީ ވެފައެވެ. ކިޔަވައިދޭ ތަންތާގައި ދިވެހިބަހުން ވާހަކަދެއްކުން މަނާ ވަގުތާއި ހާލަތު މި އޮތީ ގިނަވެފައެވެ. ކޮންމެ ނުބައެއްގައި ރަނގަޅު އޮތުމާއި އަދި ކޮންމެ ރަނގަޅެއްގައި ނުބައި ވެސް އޮންނަ ހަމައިގެ ތެރޭގައެވެ.

އެ ބާރާއި އެ ނުފޫޒުގައި ދިވެހިބަހަށް އިހާނެތިކޮށް ހިތައި  އޭރު އިދިކޮޅުގެ ބަހުރުވައިން ބުނެފައިވާ ގޮތަށް ގާދޫކޮލޫން ދިވެހިބަސް ފުރުވައިލެވުނެވެ. އެއިރު އިނގިރޭސިބަހަށް ދެވުނު ޖާގަ ފަސްދޮޅަހަކަށް އިންސައްތައިގައި ފެތުރުނީ އެހެންވެގެންނެވެ.

އެއިރުއްސުރެ އަދި މިއަދާ ހަމައަށް އައިއިރު ވެސް ސަރުކާރުގެ އެ އަމަލު އެ ކުރި ގޮތާ ނުރުހޭ، އެ ނޫން ގޮތްގޮތަށް ވެސް އިނގިރޭސި ތާލީމު ދެވޭނެކަމަށް ގަބޫލުކޮށް އެ ކަމަށް ވަކާލާތުކުރާ މަދު މީސްކޮޅެއް އަދިވެސް އެބަ އުޅެއެވެ. އެ މީހުންގެ ޔަގީނަކީ ދިވެހިބަހަކީ ދިވެހީންގެ ދިވެހިއްޔަތުކަންކަމެވެ. ދިވެހިއްޔަތަކީ ދިވެހީންގެ ގައުމިއްޔަތުގެ އެއް ފަޅިއެވެ.  ދިވެހިރާއްޖޭގެ އުސޫލަކީ އިސްލާމްދީނާއި ދިވެހިބަސް އޮތުމެވެ. އިންސައްތައެއްގައި އެތިކޮޅުކޮޅަކަށް ނޫނެވެ. މުޅި ރާއްޖޭގައި ހަރުލައި ފިސާރި ހަރުދަނާ ގޮތެއްގައި އޮންނަ ދެ ރުކުންކަމުގައި އޮތުމެވެ.

ހިތާމައަކީ އޭގެ ފަހުން އަދި އަދާ ހަމައަށް ވެސް ބާރުލިބިގެން ނުފޫޒު ފޯރުވޭ މަގާމުތަކަށް މި ވިސްނުމުގެ ވެރީން އިސްނުކުރެވޭކަމެވެ.  ޚާއްސަކޮށް ދިވެހިބަހަކީ އޮތުން މަޖުބޫރު އެއްޗެއްކަމުގައި ދެކޭ މީހަކު ނުވަތަ ބަޔަކު އިސް ސަފުގައި ފެންނާން ނުތިބޭކަމެވެ.  

އަޖައިބުވެވެނީ މި ހިސާބުންނެވެ.

ކިޔަވައިގެން ރާއްޖެ އައުދެވުމުން ދިވެހިބަހަށް ކޮށިވެ ހެޔޮ ގޮތުގައި ބަސް ބޭނުންކުރާން ނޭނގޭކަން އެނގުނަސް އެ ކަމަށް ފަރުވާލެއް ބެހެއްޓުމަކީ މިހާރަކަށް އައިސް ވަރަށް ބޭނުންނުވާ ކަމެއްކަމުގައި ބެލެވޭތީއެވެ. ބޭރުން ފާހެއް ހިފައިގެން އަންނާނީ ދިވެހިބަސް ވެސް ކިޔަވައިގެން ކަމުގައި ގަބުލުކުރެވެއޭ ހީވާތީއެވެ. ޚާއްސަކޮށް އާއްމުންނާ މުއާމަލާކޮށް އުޅޭން މަޖުބޫރުވާ އިލްމެއް އުނގެނި އެތަކެއް އަހަރު ދިވެހިބަހާ ދުރުގައި އުޅެފައި އަޔަސް އެމީހަކީ އެމީހާއަށް އޭރު އެނގޭ ދިވެހިބަހުން ބަހުގެ ކަންކަމާ މެދު، ބަހުސްކުރެވޭނޭ މީހެއްކަމުގައި އެ މީހާއާއި އެ މީހާގެ ވެށީގައި އުޅޭ ގިނަ ބަޔަކު ގަބޫލުކުރާތީއެވެ. އޭނާ ވާހަކަދައްކާ ގޮތް ފެތުރެއެވެ. ބަހުގެ ހަމަތަކާ އިދިކޮޅު ނުރަނގަޅު ޖުމުލަތައް ރަނގަޅުކަމުގައި ބުނެ، ޖަދަލުކޮށް ވާހަކަދައްކަނީ އޭނާގެ ހިތުން އޭނާއަކީ ދިވެހިބަހަށް ވެސް މޮޅު ވެފައި ހުރި، އިލްމުވެރިއެއް ވީމައޭ ބުނާން ޖެހެއެވެ.

ހިތާމައަކީ މިއީއެވެ. ބޭރު ގައުމެއްގައި ހުރެ ބޭރު ގައުމަކުން  ބޭރު ބަހަކުން ބޭރު ތާލީމު އުނގެނުމަކީ ދިވެހިބަހުގެ ހަމަތަކާ އުސޫލުތައް އެނގޭނެ ކިއެވުމެއް ނޫންކަން ގަބޫލުނުކުރެވޭކަމެވެ. ގަބޫލު ނުކުރެވެނީ ވެސް ސަބަބަކާ ލައިގެނެވެ.  އެއީ އެ މީހުންގެ އެ ނުބައި ނުބައިކަން އެނގޭ އިސް ބައެއް ފަރާތްތަކުން އެ ގޮތަށް އެ މީހުން އުޅޭން ދޫކޮށްލާތީއެވެ. އެ ފަދަ މީހުންގެ "ވައި"  ބޭނުންވާތީއޭ ބެނެވިދާނެއެވެ.

ބަހެއް ނެތިދިއުމުގެ ފެށުންކަމުގައި ބެލެވިފައި ވަނީ އެ ބަހެއްގެ ތެރެއަށް އެ ބަހަށް ވުރެ ބިޔަ ބަހެއްގެ އަސަރުތައް ފޯރާން ފެށުމެވެ. މި ބައި ގިނަވަމުން އަންނަ ވަރަކަށް އެ ބަހެއްގެ އަހުލުވެރީންނަށް އެ ބަހަކާ ދޭތެރޭ ފަރުވާކުޑަކުރާން ފެށެނީއެވެ. ދެން އެއްކަލަ ބޭރު ބަހުގެ ލަފުޒުތައް ޖުމުލަތަކަކަށް ވެއެވެ. ދެން އަމިއްލަ ބަސް ދޫކޮށްލައި އެ އައި ބިޔަ ބަސް ބޭނުންކުރާން ފަށަނީ ދެނެވެ. ނަތީޖާއަކަށް ވަނީ  އާ މަތިވަރުގެ ދަރިވަރުންނަށް އޭގެ އަސަރު ފޯރުމެވެ. ބޮޑެތިވާ އިރު، އަމިއްލަ ގައުމުގެ ބަސް ހަގީގަތުގައި ނުވެސް އެނގުމެވެ. 

އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައި ބަހުގެ ހާލަތު މިއަދު މި އޮތީ ވަރަށް ނުރައްކާ ހިސާބެއްގައެވެ. ނަތީޖާއަކަށް ވާނީ މި މަތިވަރުގެ ކޯދުތަކަށް ނުވަތަ މިއަދުގެ މި ކަހަލަ ޒުވާނުންގެ ދަރީންނަށް ދިވެހިބަހުގެ އަޑު ވެސް އާންމުކޮށް ނީވި އެ ކުދީންގެ މައި ބަހަކީ އެހެން ބަހަކަށްވުމެވެ. މިއަދު މިހާރު ވެސް އެ ކުދިންގެ ބަހަކީ ދިވެހިބަސްކަމުގައި ނުވާ ކުދީން އެބަ އުޅެއެވެ. އެ ކުދީން ތަރުޖަމާކުރަނީ އަދި  ވިސްނަނީ އަދި ހިސާބުކުރަނީ  އެހެން ބަސްބަހުންނެވެ.  ދިވެހިބަސް ނޭނގޭތީއެވެ.

ނުފޫޒާއި ބާރުހުރި ފަރާތްތަކުން ވަރަށް އަވަހަށް މި ކަމަށްސަމާލުވެ އިތުރު ގޮތެއް ހޯދާން މި އޮތީ މަޖުބޫރުވެފައެވެ.  ނޫނީ މި ވަނީ ކީއްކަން ނުވެސް އެނގި ދިވެހިބަސް ވެސް އުވިގެން ދާނެކަމަށް ބަސް ދިރާސާކޮށް، ވާނުވާ ބަލާ މީހުން އެތިބަ ބުނަނީއެވެ.

އަލުން އާކޮށް ފެށިފައި މިވާ ގައުމިއްޔަތު ތާޒާކުރުމުގެ މޫސުމުގައި މި ކަމަށް ޚާއްސަ  ސަމާލުކަމެއް ދެވި، ދިވެހީން ދިވެހީންނަށްވާ  ދެ ތަނބު ކަމުގައިވާ އިސްލާމް ދީނާއި  ދިވެހިބަސް ގެއްލި ނެތި ދިޔަނުދޭން އެދެވޭ މަސައްކަތްތަކެއް ކުރެވޭ ތަން ފެނުމަކީ ދިވެހިބަސް ދެކެލޯބިވާ އެތަކެއް ދިވެހީންގެ އެދުމާއި އުންމީދުކަން ހަމަ ޔަގީނެވެ. ބޭނުންވަނީ އިސް، އަދި ބާރު ހުރި ފަރާތްތަކުން ހަމައެކަނި މަހުގެ ފަހު ދުވަހަށް ކުރާ ފޮނި އިންތިޒާރުގައި ވަޒީފާ އަދާކޮށްކޮށް ނުތިބެ ވަޒީފާގެ ގޮތުގައި ހަވާލުވެ ބޮލުގައި އެލިފައިވާ ޒިންމާ އެއީ ކޮން ކަންކަމެއްކަން ދަނެގެން އަދާކުރާން ގަދައަޅައި މަސައްކަތްކުރާތަން ފެނުމެވެ.

__________________________

އެޑިޓަރުގެ ނޯޓް
ކަނީރު އަބްދުއްރަޙީމަކީ ދިވެހިބަހާމެދު ފިކުރު ހިންގަވާ ބޭފުޅެކެވެ. ޞިއްޙީ ދާއިރާގެ ތަޖުރިބާކާރެކެވެ. ޚިދުމަތުގެ ޚާއްޞަ ދަންނަކީ ޞިއްޙީ ދާއިރާކަމަށް ވިޔަސް ލިޔުންތެރިކަމަށް ލޯބިކުރައްވައެވެ. އުރުދޫބަހާއި އިނގިރޭސިބަސް ދެނެވަޑައިގަންނަވާ "ކަނީރު" ދިވެހިބަހުން ލިޔުއްވައި އުޅުއްވައެވެ. ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ޅެންވެރިއެއް ވެސްމެއެވެ.

Advertisement

ކޮމެންޓް