Advertisement

ހައްގު (2)

25 Feb 2024 | 19:03
އިންސާނީ ހައްގު ދައްކައިދޭ ބެނާރެއް

އަސްމާ އަބޫބަކުރު

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ޔޫލީ މިއަދު އެންމެ އިސްކަމެއް ދީގެން ސާފުކުރަމުން ދަނީ ގޭގައި ހުރި އަލަމާރިއެވެ. ކުއްޔަށް ހިފާފައި ހުރި ދެ ކޮޓަރީން އެއްކޮޓަރި ރަށުގެ ބަޔަކަށް ކުއްޔަށް ދިނުމަށް ޔޫލީ ނިންމީ ފައިސާ ބޭނުން ޖެހިފައިވުމުންނެވެ. މިއަދު ޔޫލީ އަތުގައި އެއްވެސް ވަރަކަށް ފައިސާއެއް ނެތެވެ. ޒަރޫރީ ބޭނުންތަކަށް އެއްޗެއް ގަނެވޭނެ ފަދައެއް ވެސް ނެތެވެ.

މަންމަމެން އުޅުނު ކޮޓަރި ކުއްޔަށް ދޭން ނިންމަން ޖެހުނީ އެހެންގޮތެއް ނެތުމުންނެވެ. މަންމަ އާއި ބައްޕަގެ އެތައް ހަނދާނެއް ފޮރުވިފައިވާ އެ ކޮޓަރީއާއި އެކޮޓަރީގައި ހުރި ކޮންމެ އެއްޗަކީ ޔޫލީއަށް މުހިއްމު އެއްޗިއްސެވެ. އަލަމާރި ސާފުކުރުމާއި ތަރުތީބު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ޔޫލީ އުޅުނެވެ. އަލަމާރީގެ ދަމާ ވަތްގަނޑު ހުޅުވާލުމުން ރަތްކުލައިގެ މަހުމާ ފޮތިގަނޑެއް އަޅާފައި އޮތް އެއްޗެއް ފެނުނެވެ. އެފޮތިގަނޑު ނެގިއިރު ޚަތިމެއް ކަމަށް ހީވިއަސް އެއީ ޚަތިމެ ނޫނެވެ. ބޭރުގައި "ޑައިރީ" ލިޔެފައި އޮއްވާ ފެނުމުން ޔޫލީގެ ޝައުޤުވެރިކަން ޑައިރީއަށް ހުއްޓި އެ ކިޔާ ހިތްވެއްޖެއެވެ. ކުރަން ހުރި އެހެން ކަންކަން މަތިން ހަނދާން ނެތި ޑައިރީ ހިފައިގެން ގޮސް އެނދުގައި ޖައްސާލިއެވެ. ފުރަތަމަ ޞަފްޙާ ހުޅުވާލުމުން ފެނުނީ މަންމަ އާއި ބައްޕަގެ އެންމެ ޒުވާން ދުވަސްވަރުގެ ފޮޓޯއެކެވެ. ތިރީގައި ލިޔެފައި ވެއެވެ.

މިއީ އަހަރެމެންގެ ކައިވެނި ކުރުމަށް ތައްޔާރުވަމުން ދިޔަ ދުވަހުގެ ފޮޓޯއެކެވެ. އެ ޖުމްލައިން ކައިވެނީގެ ކުރީން މަންމަ އާއި ބައްޕަ ނެގި ފޮޓޯއެއްކަން ދޭހަވެއެވެ. ދެވަނަ ޞަފްޙާ ހުޅުވާލައިފިއެވެ. އެޞަފްހާގައި ލިޔެފައިވެއެވެ.

ކާޅުތަކާއި ކޮވެލީގެ އަޑަކީ އަހަރެން އެންމެ އަޑު އަހާ ހިތްވާ ހިތްގައިމު އަޑެވެ. ހެނދުނު އިރުގެ ރަންދޯދިތައް ފެނުމަށް އެދޭ ޙާލު ކޮންމެ ދުވަހަކު ވެސް އިރުއަރާ ހިތްގައިމު މަންޒަރު ބަލަން އަހަރެންދަމެވެ. އަހަރެންގެ ޢުމުރުން ސަތާރަ އަހަރު ފުރުނު ދުވަހަކީ އަހަރެންގެ ހިތަށް ވަރަށް އުފާވެރިކަން ގެނުވި ދުވަހެކެވެ. ހެނދުނުގެ ރަންއަވީގައި ރަށުތެރޭގައި ހިނގަމުން ދަނިކޮށް އެނބޫވެޔޮތަކެއްގެ ތެރެއިން ރީތި ދެ ޕަރީން ފެނުނެވެ. ސިއްރު ސިއްރުން އެމީހުން އުޅޭގޮތް ބަލާލުމުގެ ޝައުޤުވެރިކަން ހިތުގައި އުފެދިއްޖެއެވެ. ޒުވާން ރީތި ދެ އަންހެން ކުދީން މިހާ ހެނދުނާ ގަސްތަކުގެ ތެރޭގައި ކުއްޅަފިލާ ފަތް ބިނުމުގައި އަވަދިނެތި އުޅެމުން ގެންދާ މަންޒަރު ފެނެއެވެ. ރަށުގެ ހޭޅިފަށުގައި އެނބޫ ވިނަތަކުގެ ތެރޭގައި ރީތި ކުއްޅަފިލާ ފަތް

ހެދިފައިވާތަން މި ފެނުނީ އަލަށެވެ. އެއިގެ ތެރެއިން އެއްކުއްޖެއްގެ މޫނަށް އިރުގެ އަލިއެޅިފައިވުމުގެ ސަބަބުން އެ މޫނު ފެންނަނީ ރަންކުލައިންނެވެ. ދިގު އިސްތަށިގަނޑު އައްސާލާފައި އޮތްނަމަވެސް ތަންކޮޅެއް ދޫކޮށް އައްސާފައިވާތީ މޫނުގެ ބައެއް ނިވާވެފައިވެއެވެ. އެ މޫނުމަތީން ފެންނަ ސާދާކަމާ އަނެއްކުއްޖާ އާ ވާހަކަ ދައްކަމުން ހީލާގޮތް ފެނިފައި ހިނގައިގަންނަން ނޭނގި ބަލަހައްޓައިގެން އެތައް އިރަކު ހުރެވުނެވެ.

އެ މީހުން ބޭނުންވާ ވަރަށް ފަތް ބިނދެގެން ދާންފެށުމުން ބޮނދަ ބޮނދައިގެން އަހަރެންވެސް އެމީހުންގެ ފަހަތުން ތަންކޮޅެއް ދުރުން ނިކުމެ ހިނގައިގަތީމެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށް އަތުނުވާން ދުވުމާއި ސަކަރާތުގައި ހެމުން ދިޔައިރު އެމީހުންނަށް މަގުމަތީގައި މީހުންތިބިކަން ނުފެންނަ ކަހަލައެވެ.

" ޢަޒީޒާ" ކުރީގައި ހުރި ކުއްޖާ އެނަމުން ގޮވާލުމާއެކު އަހަރެންގެ ކަތްފަތް ދިޔައީ ކޮޅަށް ޖެހިގެންނެވެ. އިއްތިފާޤުން އެކުއްޖާގެ ނަންވެސް އެނގުނީއެވެ.

ޑައިރީގެ މެދު ތެރެއިން ގަނޑެއް އެއްލުމަށްފަހު ޔޫލީ ކިޔަން ފެށިއެވެ. ޢަޒީޒާގެ އާނ ބަސް ހޯދީ އެތައް ދުވަހެއްގެ މަސައްކަތުންނެވެ. އަހަރެންގެ ދޮންބެ ވެސް ޢަޒީޒާގެ ފަހަތުން މުގޯލި އަޅާކަން އެނގުނީ ޢަޒީޒާ ބުނުމުންނެވެ.

" އަހަރެން ހަދާނީ ކިހިނެއް؟ މިކަން ކުރީން އެނގުނު ނަމަ އަހަރެން ޢަޒީޒާ ފަހަތުން ނުދުވީމުސް" އަހަރެން އެހެން ބުނުމާއެކު ޢަޒީޒާ ވަރަށް ހިތްހަމަ ނުޖެހުނެވެ.

" ސަލީމް އަހަރެން ގާތުން އިންނަން ނޭހި ކަމުގައި ވިއަސް އަހަރެން ނަދީމަކާ ނީންނާނަން. މިއީ އަހަރެމެން މިވާހަކަ ދައްކަން އެންމެ މުނާސިބު ވަގުތެއް ވެސް ނޫން. މިހާރު ދެން އަހަރެމެން ވިސްނަންވީ އަހަރެމެންގެ ކައިވެނި ކުރެވުމާއެކު އަމިއްލަ ދިރިއުޅުމަށް." ޢަޒީޒާ ދެއްކީ މުޅިންވެސް ތެދު ވާހަކައެވެ. އަހަރެމެންގެ ކައިވެނި އޮތީ މީގެ ދެ ދުވަސް ފަހުންނެވެ. އެހިސާބުން އަހަރެން ބެލީ އެކަން ހަނދާން ނައްތާލެވޭތޯއެވެ.

ޙަޔާތުގެ އެތައް ދުވަސްތަކެއް ޢަޒީޒާގެ ފަހަތުގައި ދުވެ އާދޭސްކޮށްގެން އާނ ބަސް ހޯދުމުގެ ހިތްވަރު ސަލީމަށް ލިބުނީ ސަލީމުގެ މަންމަ އަށް ޢަޒީޒާ ކަމުދާ ވާހަކަ ބުނުމުންނެވެ. ރަށުގައި ތިބި އަންހެން ކުދީން ފެނުނަސް ސަލީމުގެ ހިތަކަށް އަސަރެއް ނުކުރެއެވެ. ޢަޒީޒާ ފެނުނީމާ އެހެރަވާ ގޮތެކެވެ. ޢަޒީޒާ އާއި ސަލީމު ފުރަތަމަ ބައްދަލު ކުރަން ފެށީ ޢަޒީޒާގެ ރައްޓެހިން މެދުވެރިކޮށް ފޮނުވޭ ސިޓީތަކުންނެވެ.

ހަވީރު އަތިރިމައްޗަށް ފަރުހިލަން އެންމެ ނިކުތަސް ޢަޒިޒާ ނިކުންނަނީ ނަމުގައި ފަރުހިލާށެވެ. ބޭނުމަކަށް ވަނީ އަތިރިމަތީ ހޮޅުއަށީގައި ތިބޭ ފިރިހެނުންގެ ތެރެއިން އެންމެ މީހަކު ދެކިލުމެވެ. ޢަޒީޒާގެ އަހަރެން ދެކިލުމެވެ. އަހަރެން ވެސް އަތިރި މައްޗަށް ދަނީ އަހަރެންގެ ޢިއްޒަތްތެރިޔާ ޢަޒީޒާ ދެކިލުމުގެ ބޭނުމުގައެވެ.

ފަރުހިލަން ދާ ކޮންމެ މީހަކު ދަނީ ތެއްޔެއް ނޫނީ ތަށްޓެއް ކިހިލި ޖަހައިގެންނެވެ. ޢަޒީޒާ ދަނީ ތަށީގެ ތެރެއަށް އަހަންނަށް ދޭން އޮންނަ ލޯބީގެ ސިޓީ ރައްކާކޮށްގެންނެވެ. ރުއްތަކުގެ ތެރެއަށް ވަދެ ދެމީހުންގެ ސިޓީ ބަދަލުކުރާ ރުކުގެ ތެރެއަށް ސިޓީލާފައި ދަނީއެވެ. ޢަޒީޒާ އަތިރިއަށް ފޭބުމާއެކު އަހަރެން ގޮސް އެސިޓީ ނަގައެވެ. އަދި ޢަޒީޒާ ބޮލި ހިލައިގެން ގެއަށް ދާންވާއިރަށް އަހަރެންގެ ސިޓީ ރުއްތެރޭގައި އޮންނަންވާ ތަނުގައި ބާއްވާމެވެ.

" އަހަރެންގެ ޢިއްޒަތްތެރިޔާ ކޮންމެ ދުވަހަކު ތޮށްޓަށް ދަނީ ފަރުހިލާކަށް ނޫން. ސަލީމަށް ދެއްކެން ވެގެން." ފާތުންގެ އަނގަ ގަދަކަމުން ނުހުރެވިގެން އެއްދުވަހަކު ބުނެވުނެވެ.

" ނިކަން ބަލާބަލަ. މޫދަށް އެރެން މީހަކު އެހާ ނަލަވެގެން އާދޭތަ."

" ތުކި." ޢަޒީޒާ ލަދު ގަތުމުން އޭނާގެ ދޮންމޫނު ރަތްވެގެން ދެއެވެ.

އަހަރެމެންގެ ކައިވެނި އޮތީ ރަށުގެ ތުނޑިއޭ ކިޔާ ހިސާބުގައެވެ. އެނބޫވެޔޮތަކުން ޖަރީވެފައިވާ ގަސްތަކުގެ ކުރިމަތީގައި އަހަރެންގެ އަތުގައި ހިފަހައްޓާލައިގެން ޢަޒީޒާ ހުއްޓެވެ. މިއަދު ޢަޒީޒާގެ ރީތިކަން އެތައްގުނައަކަށް އިތުރުވެފައި ވެއެވެ. ދިވެހި ލިބާހާއި ފޭލި އަނދެގެން ހުރިއިރު ކަނާތްފަރާތަށް ޖަހާފައި ހުރި ހުޅީގައި ރުމާލެއް ވަނީ އައްސާލާފައެވެ. އަހަރެން ހުރީ މުންޑާއިއެކު ހުދު ކުލައިގެ ގަމީހެއްގައެވެ.

"މިއަދު އަހަރެންގެ އަންހެނުން ހާދަ ފަރިވެފައި ނަލައޭ. މިތާ ގިނައިރު ކޮޅަށް ބަހައްޓާކަށް މިހިތެއް ނޭދޭ. މިހާ ގިނަމީހުންގެ ތެރޭގައި ބަހައްޓަން ވެއްޖިއްޔާ މަށަށް ޢަޒީޒާ ގެއްލިދާނެ." ޢަޒީޒާއަށް ދިމާއަށް އަހަރެން ބުނެލި ރާގުން ޢަޒީޒާ ލަދުގަހުގެ ފަތެއްހެން ލަދު ގަނެއްޖެއެވެ.

"ސަލީމަށް ކަޅި އަޅާ އަންހެނުންތައް ނުދެކެންތަ؟ އަހަރެން ޙަސަދަވެރިވޭ އެމީހުން އެގޮތަށް ސަލީމަށް ބަލާތީ." ޢަޒީޒާގެ ބަސްތަކުން އަހަރެން ދެކެ ޢަޒީޒާ ލޯބިވާކަން ހާމަކޮށްދޭނީ މަދު ފަހަރަކުއެވެ.

އަހަރެމެންގެ ކައިވެނި ބޭއްވުނީ ރަށުގެ އާދަކާދައާ އެއްގޮތަށެވެ. ޢަޒީޒާ ކީ ރަނަކީ އަހަރެން ހިތުން ޢަޒީޒާއަށް އެތައްގުނައެއްގެ ލޯބި އިތުރު ވެގެން ދިޔަ ކަމެކެވެ. ޢަޒީޒާ ރަނުގެ ގޮތުގައި އެދުނީ ޚަތިމަކަށެވެ. ކައިވެނި ކުރިރޭ މަންމަ އާއި ބައްޕަގެ ޢާއިލާގެ އެންމެންގެ ގެއަށް ޢަޒީޒާ ގެންގޮސް ކޮންމެ ގެއަކުން ހަދިޔާގެ ގޮތުގައި ހެދުމާއި، ފައިވާނާއި ސެންޓް ފަދަ ތަކެތި ދިނެވެ. ކައިވެނި ކުރީރޭ ރަށުގެ އެކި ހިސާބުތަކަށް ޢަޒީޒާ އަށް ހިނގަންޖެހުމުން ގެއަށް އާދެވުނު އިރު ހުރީ ވަރިބަލިވެގެން ހަލާކުވާވަރުވެފައެވެ.

އަނެއްކާ މިރޭ ވެސް މި ޖެހުނީ އަހަރެންގެ ޢަޒިޒާ އެހާ ގިނައިރު ކޮޅަށް ބަހައްޓާށެވެ. ރަށުގެ ގިނަ ބަޔަކަށް ދަޢުވަތު ދެވިފައިވުމުން ކިތަންމެ ފައި ވާޅުވިއަސް މިތާ ތިބެން ޖެހެއެވެ. މިރެއަށް އަހަރެމެން ޚާއްޞަކުރީ ޢަޒިޒާ އެންމެ ލޯބިން ހޭދަކުރާ އެނބޫވެލަށެވެ. އެ މަސައްކަތުގައި ރަށުގައި ތިބި ފަންނުވެރީންގެ މަސައްކަތް ފުރިހަމައަށް ފެންނާން ހުއްޓެވެ. އެނބޫވެޔޮތަކުގެ ތެރޭގައި ރީތި ސްޓޭޖެއް ހަދާފައިވަނީ ގަސްތަކާއި އެނބޫވެޔޮ ފަހަތުން ފެންނާނެހެންނެވެ. ފެހިކުލައި އެ ސްޓޭޖުގެ އެއްފަރާތުގައި އެކި ސައިޒުގެ ރުނބާތަކުން ފެން އޮހޭގޮތަށް ފެން އަރުވަ ވަޑާމެއް ތައްޔާރުކޮށްފައިވެއެވެ. ސްޓޭޖުގެ ކުރިމަތީގައި އޮންނަ ހުސް ސަރަޙައްދުގައި ފެހި ކުލައިގެ ގޮނޑިތަކާއި މޭޒުތައް އަތުރައި ފެހިކުލައިގެ ފޮތި އަޅާފައިވެއެވެ. ކޮންމެ މޭޒެއްގެ ކަނުގައި މަލުގެ ގުލްދަސްތާއެއް ބަހައްޓާފައި ހުއްޓެވެ. މި ކައިވެނި ޙަފްލާއަށް ރަށުގެ ކުދި ބޮޑު އެންމެނަށް ދަޢުވަތު ދެވިފައި ވެއެވެ.

މި މަސައްކަތުގައި ރަށުގެ ހުރިހާ ޒުވާނުންނާއި އެކި ޢުމުރުފުރައިގެ އެންމެން ވެސް ބައިވެރިވެދިފައި ވަނީ އެމީހެއްގެ އަމިއްލަ މަސައްކަތެއް ފަދައިންނެވެ. އެންމެ މީހެއް މިކަމުގައި ދުރުދުރުން އުޅޭކަން ބަލައިފިނަމަ ފާހަގަވާނެއެވެ.

ތަންކޮޅެއް ދުރުން ދޮންބެ ފާޑަކަށް ބަލަން ހުންނަކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އަހަރެން ޢަޒީޒާއާ ކައިވެނި ކުރަން އުޅޭ ވާހަކަ ބުނުމުން ދޮންބެ އަނގަޔަކުން ނުބުނެ އަނެއްފަރާތަށް މޫނު އަނބުރާލުމާއި، ކައިވެނީގެ އެއްވެސް ކަމެއްގައި ދޮންބެގެ އެއްބާރުލުން ލިބިފައި ނުވާތީ އޭނާގެ ހިތުގައި ޢަޒީޒާ އާއި އަހަންނަށް ނަފްރަތުގެ ގަސްފަޅައިފިކަން އެނގޭހާވެއެވެ. ބުނެލާ ބައެއް ބަސްތަކުން އަހަރެން ހިތްބިރު ގަނެއެވެ. އެކަމަކު އެއްވެސް މީހެއްގެ ގާތުގައި އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. މަންމަ އާއި ބައްޕަ އަށް ވެސް ނަދީމު ފާޑަކަށް ހުންނަކަން ފާހަގަވެފައިވެއެވެ.

އަހަރެމެންގެ ކައިވެންޏަށްފަހު ޢަޒީޒާ ދިރިއުޅެން ފެށީ އަހަރެމެންގެ ގޭގައެވެ. ރަށުގެ އާދަކާދަ އޮންނަގޮތުން ކައިވެނި ކުރެވޭ އަންހެން ކުއްޖާ ދިރިއުޅެނީ ފިރިހެން ކުއްޖާގެ ގޭގައެވެ. ޢަޒީޒާ އަހަރެމެންގެ ގޭގައި ދިރިއުޅެން ފެށުމުން ނަދީމަށް ލިބުނީ ރަނުގެ ފުރުޞަތެކެވެ. ކުރީން ގޭގައި ހޭދަކުރާ ވަގުތަށް ވުރެ ގިނަވަގުތު ގޭގައި ހޭދަކުރަން ފެށިއެވެ. ނަދީމަށް ކެވޭ ކަމަށް ވަނީ ޢަޒީޒާ ކާން ހަދައިދިނުމުންނެވެ.

" ޢަޒީޒާ ކައްކާ އެއްޗެހި ހާދަ މީރޭ." ނަދީމު ތަށިން ބަތްސުވާއެއް އަނަގައަށް ލަމުން ބުނެލިއެވެ. އެންމެން އެކީ ކާންތިބޭއިރު ވެސް ނަދީމު އުޅޭގޮތުން އަހަރެންގެ ލޭ ހޫނުވެގެން ދެއެވެ. އެކަމަކު ޢަޒީޒާގެ އިޝާރާތަށް އަހަރެން މަޑުން އިންނަން މަޖުބޫރު ކުރުވައެވެ.

ފަތިހު ތެދުވެ ގޯތިތެރެއާ މަގުމަތި ކުނިކަހައި ސާފުކުރުމަކީ ރަށުގެ އާދައެކެވެ. ޢަޒީޒާ ގެއަށް އައިފަހުން މަންމަ އަކަށް އެކަހަލަ މަސައްކަތް ކުރާކަށް ނުޖެހެއެވެ. ފަތިސް ނަމާދަށްފަހު ކޮންމެ ދުވަހެއްގެ ވެސް އާދައިގެ މަތީން ޢަޒީޒާ ކުނިކަހަން ފަށައެވެ. މީގެ ކުރީން ފަތިހު ތެދުވަން ކަންނެތްވެފައި އޮންނަ ނަދީމު ތެދުވެ ގޯތިތެރޭގެ ކޮންމެވެސް ދިމާލެއްގައި ޖޯލިފަތި ބަހައްޓައިގެން ޢަޒީޒާ ކުނިކަހާތަން ބަލަން އިނދެއެވެ.

"މިހާރު ދެން ކުނިކެހޭ ވަރެއް ނޫން. ކޮންމެ ދުވަހަކު ސަލީމުގެ ދޮންބެ އެބަ އިނދޭ އަހަރެން ކުނިކަހާއިރު ބުޅާ މަސްގަނޑަށް ބަލާ ހެން މަށާ ދިމާއަށް ބަލަން." ޢަޒީޒާ ފުރަތަމަ ފަހަރަށް ޝަކުވާ ކުރިއެވެ. އެކަން އަހަރެންގެ ސަމާލުކަމަށް ޢަޒީޒާ ގެނައުމުގެ ކުރީން މަންމަ އަށް ފާހަގަ ވެއްޖެއެވެ.

އެއްދުވަހަކު މަންމަ އަހަރެމެންނަށް ގޮވާފައި ގެނެސް މަންމަގެ ގާތުގައި އިށީނުމަށް އެދުނެވެ.

" މަންމަ މިވާހަކަތައް ދައްކަން ލަދުވެސް ގަނޭ. ދެރަވެސް ވޭ. އެކަމަކު ނުދައްކާ ދެންނެތް ހުރެވޭކަށްވެސް. ދަރިފުޅުމެން މިރަށް ދޫކޮށް އެހެން ރަށަކަށް ދޭ"

"ކީކޭ؟" ކުއްލި ޙައިރާންކަމެއް އަހަންނަށް ލިބުނެވެ.

"ދެން މަންމަ އާއި ބައްޕަ އަށް ވާނީ ކިހިނެއް؟"

"މަންމަމެންނާ މެދު ނުވިސްނާ. މިހެން މިބުނީ ދަރިފުޅުމެންނަށް ރަނގަޅަކަށް. ނަދީމުގެ އުޅުން ހުންނަ ގޮތުން މަންމަ ވަރަށް ކަންބޮޑުވޭ. ޢަޒީޒާ އަށް ގިފިއްޔަށް ވަދެ ފެންވެރީނީކީ ނޫން. މަސައްކަތެއް ކުރެވެނީއެއް ނޫން. ގޭތެރޭގައި އަބަދު މިޖެހެނީ މަންމަ ފާރައަށް ހުންނަން. އެ ނަދީމަށް ވެފައި ހުރިގޮތެއް ނޭނގެ. ޢަޒީޒާ މިގެއަށް އައިފަހުން ނަދީމު ގިނަވަގުތު އެޅެނީ ޢަޒީޒާ

ފަހަތުގައި. ގޭގައި ހުންނަ މީހަކަށްތާ ގިނަ ކަންކަން ފެންނާނީ" މަންމަގެ ވާހަކަތަކުން ނަދީމުގެ ކަންތައް މާ މައްޗަށް ގޮސްފައިވާކަން އެނގުނެވެ.

އެޑިޓަރުގެ ނޯޓް
މަންމަމެން އުޅުނު ކޮޓަރި ކުއްޔަށް ދޭން ނިންމަން ޖެހުނީ އެހެންގޮތެއް ނެތުމުންނެވެ. މަންމަ އާއި ބައްޕަގެ އެތައް ހަނދާނެއް ފޮރުވިފައިވާ އެ ކޮޓަރީއާއި އެކޮޓަރީގައި ހުރި ކޮންމެ އެއްޗަކީ ޔޫލީއަށް މުހިއްމު އެއްޗިއްސެވެ. އަލަމާރި ސާފުކުރުމާއި ތަރުތީބު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ޔޫލީ އުޅުނެވެ. އަލަމާރީގެ ދަމާ ވަތްގަނޑު ހުޅުވާލުމުން ރަތްކުލައިގެ މަހުމާ ފޮތިގަނޑެއް އަޅާފައި އޮތް އެއްޗެއް ފެނުނެވެ. އެފޮތިގަނޑު ނެގިއިރު ޚަތިމެއް ކަމަށް ހީވިއަސް އެއީ ޚަތިމެ ނޫނެވެ. ބޭރުގައި "ޑައިރީ" ލިޔެފައި އޮއްވާ ފެނުމުން ޔޫލީގެ ޝައުޤުވެރިކަން ޑައިރީއަށް ހުއްޓި އެ ކިޔާ ހިތްވެއްޖެއެވެ. ކުރަން ހުރި އެހެން ކަންކަން މަތިން ހަނދާން ނެތި ޑައިރީ ހިފައިގެން ގޮސް އެނދުގައި ޖައްސާލިއެވެ. ފުރަތަމަ ޞަފްޙާ ހުޅުވާލުމުން ފެނުނީ މަންމަ އާއި ބައްޕަގެ އެންމެ ޒުވާން ދުވަސްވަރުގެ ފޮޓޯއެކެވެ. ތިރީގައި ލިޔެފައި ވެއެވެ.

Advertisement

ކޮމެންޓް