Advertisement

ވެރިކަމުގެ ކޮންމެ ނިޒާމަކީ ވެސް އޭގެ ޒާތުގައި ރަނގަޅު ނިޒާމެކެވެ.

.

އެއްވެސް ދައުލަތެއްގެ ދަށުގައި ދިރިއުޅޭ ރައްޔިތުން އުފާ ފާގަތިކަމުގައި ދިރިއުޅެނީ އެ ދައުލަތެއް ހިންގާ ނިޒާމެއްގެ ސަބަބަކުންނެއް ނޫނެވެ. ކޮންމެ ނަމެއް ކިޔާ ނިޒާމެއްގެ ދަށުން ވެރިކަން ހިންގިޔަސް އެ ވެރިކަން ހިންގާން ޙަވާލުވެ ތިބޭ ވެރީން ޢަދުލުވެރިކަމާއި ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު ވެރިކަން ހިންގާނަމަ އަދި އެ ބަޔަކު ޤަބޫލުކުރާ ޢަޤީދާއާއި ގައުމިއްޔަތަށް ލޯބިކުރާ ނަމަ، ކޮންމެ ޤައުމެއް ނަމަ ވެސް ކުރިއަރައިގެން ދާނެއެވެ. ޢަދި ޢަމުދުން ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ނަމަ، އެ ތާނގެ ވެރިކަމާ ޙަވާލުވާ ބަޔަކު އެ ވެރިކަމަކީ ﷲގެ އަމާނާތެއްކަމަށް ގަބޫލުކޮށް، ހަވާނަފުސަށް ނެހެއްލި، ވެރިކަން ކޮށްފި ނަމަ، ރައްޔިތުން އުޅޭނީ އުފަލާއި އަރާމުގައެވެ. މިއާ ޚިލާފަށް އަމިއްލަ ފައިދާއަށް މަސައްކަތް ފަށައިފި ނަމަ، އެ ދައުލަތެއް ދާނީ ނާކާމިޔާބުގެ މަގަށެވެ. އަދި ޣައިރުމުސްލިމު ގައުމެއް ނަމަވެސް ޢަދު އިންސާފުން ބޭރުވެ އެ ތަނެއްގައި ފަސާދަ އާންމުވެއްޖެ ނަމަ، އެ ތަނެއް ތަރައްގީވެ ކުރިއަރައިގެންނެއް ނުދާނެއެވެ. އެހެންވީމާ، މައްސަލައަކީ ވެރިކަމަށް ނުވަތަ ވެރިކަމުގެ ނިޒާމަށް ކިޔާ ނަމެއް ނޫނެވެ.

މާ ބޮޑު ތަފުސީލެއް ނުދެންނެވިޔަސް ބައެއް ނިޒާމުތަކުން ހިންގާ ގައުމުތަކާއި އެ ގައުތަކުގެ ރައްޔިތުންގެ ތަރައްގީ ހުރި މިންވަރު ތިޔަ ބޭފުޅުން އަމިއްލަފުޅަށް ވަޒަންކޮށްލެއްވުމަށް ޓަކައި ބައެއް ގައުތަކުގެ ނަން ދަންނަވައިލާނަމެވެ.

އެންމެ ފުރަތަމަ އިންޑިއާއާއި ސިންގަޕޫރަށް ނަޒަރެއް ދެއްވާށެވެ. ދެ ގައުމުގައި ވެސް އޮތީ ބަރުލަމާނީ ނިޒާމެވެ.

ދެން މުސްލިމު ދެ ގައުމު ކަމަށްވާ އިރާޤާއި ސޫރިޔާއަށް ބައްލަވާށެވެ! އިރާޤަކީ ޕާރލަމެންޓަރީ ޑިމޮކްރެސީއެކެވެ. ސޫރިޔާގައި އޮތީ  ރިޔާސީ ޑިމޮކްރެސީއެކެވެ.

އަނެއްކޮޅުން އެކުވެރި ޢަރަބު އިމާރާތުގައި އޮންނަނީ ޤަބީލީ ވެރިކަމެކެވެ. ނުވަތަ ވިރާސީ ރަސްކަމެކެވެ. ޒަމާނީ ޑިމޮކްރެސީއެއް ނޫނެވެ. ބުރޫނާއީ ދަރުއްސަލާމުގައި އޮންނަނީ ސިދާ ވިރާސީ ރަސްކަމެކެވެ. ޤާނޫނުއަސާސީއަކީ ވެސް ރަސްގެފާނު ނެރުއްވާ ބަޔާނެކެވެ.

އިސްވެ މި ދަންވައިލެވުނު ދެތިން ހަތަރު ގައުމެއްގެ ހާލަތަށް ނަޒަރެއް ދެއްވައިފި ނަމަ، ގައުމަށް ކުރިއެރުމާއި ތަރައްގީ އަންނަނީ އެ ތަނެއްގައި އޮންނަ ވެރިކަމުގެ ނިޒާމުގެ ސަބަކުން ނޫންކަން ވަރަށް ރީތިކޮށް ހާމަވާނެއެވެ.

ދައުލަތެއްގެ ކުރިއެރުމާއި ރައްޔިތުންގެ ފާގަތިކަމަށް އަސަރުކުރާނީ އެ ނިޒާމެއްގައި ވެރިކަން ކުރައްވާ ވެރީންގެ ގާބިލުކަމާއި ޢަދުލުވެރިކަމާއި އިޚުލާޞްތެރިކަމުގެ ސަބަބުންނެވެ. މުސްލިމު ޤައުމުތަކުގައި ވެރިކަން ހިންގާންޖެހޭނީ މި ދެންނެވި އަސާސްގެ މަތީގައެވެ.

މުސްލިމު އުންމަތެއްގައި ބަޔަކާ ވެރިކަން ޙަވާލުވެއްޖެ ނަމަ، އެ ވެރިކަމުގެ ފަރާތުން ޢަމަލުކުރާންޖެހޭ ގޮތް ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވައިފައިވެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވަނީ ﴿ٱلَّذِينَ إِن مَّكَّنَّٰهُمۡ فِي ٱلۡأَرۡضِ أَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ وَأَمَرُواْ بِٱلۡمَعۡرُوفِ وَنَهَوۡاْ عَنِ ٱلۡمُنكَرِۗ وَلِلَّهِ عَٰقِبَةُ ٱلۡأُمُورِ٤١﴾ ("އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައި ކަންތައް ނަހީކޮށް އުޅޭ މީހުންނެވެ. ކަންކަމުގެ ނިމުން ވަނީ ﷲއަށެވެ.") (އަލްޙައްޖު:41) މި ފަދައިންނެވެ. ކީރިތިﷲ ބަޔާންކުރައްވައިފައި މި ވާ ގޮތަށް ބިމުގައި ވެރިކަން ކޮށްފި ނަމަ، އެ މުޖުތަމަޢަކުން ފެންނާނީ ޢަދުލުވެރިކަމެވެ. އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. ތަނަވަސްކަމެވެ. ކުރިއެރުމެވެ. ތަރައްޤީއެވެ. މި ފަދަ މުޖުތަމަޢަކަށް ބޭނުންވަނީ ވަކި ނަމެއް ކިޔާ ނިޒާމެއް ނޫނެވެ. ބޭނުންވަނީ ﷲ އަންގަވައިފައިވާ ގޮތަށް އިޚުލާޞްތެރިކަމާއި ޢަދުލުވެރިކަމާއި ތެދުވެރިކަމާއެކު، ﷲއަށް ޓަކައި ވެރިކަން ކުރާ ވެރިކަމެކެވެ.

މި ޒަމާނުގެ ޑިމޮކްރެސީތަކުގައި ޑައިރެކްޓް ޑިމޮކްރެސީ، ރެޕްރެޒެންޓޭޓިވް ޑިމޮކްރެސީ، ސޯޝިއަލިޒަމް، ކޮމިޔުނިޒަމް، މޮނާކީ (ވިރާސީ ރަސްކަން)، އޮލެގާރކީ، އޮޓޮކްރެސީ ފަދަ ތަފާތު ނިޒާމުތައް ހިމެނެއެވެ. މި ނިޒާމުތަކުގައި ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމު ވެސް ހިމެނެއެވެ. ޖުމްހޫރިއްޔަތާއި ރަސްކަންތައް ވެސް ހިމެނެއެވެ. ކޮންމެ ނަމެއް ކިޔަސް، ކޮންމެ ނިޒާމެއް އޮތަސް އެ ނިޒާމަކުން ރައްޔިތުންނަށް ފައިދާވާނީ އިސްވެ ދެންނެވުނު ގޮތަށް ޢަމަލުކުރެވިގެންނެވެ.

މި ދުވަސްވަރު ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ކޮންމެވެސް ވަރަކަށް އެބަ އަޑުއިވެއެވެ. ރިޔާސީ ނިޒާމަށް ވުރެ ބަރުލަމާނީ ނިޒާމު މާ ރަނގަޅުވާނެކަމަށް ބަޔަކު ވަކާލާތުކުރަމުން އެބަ ގެންދޭ ވެސް މެއެވެ.

ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ޢާންމު ވޯޓަކުން ދައުލަތުގެ އެންމެ އިސްވެރިޔާ ހޮވާ ނިޒާމެކެވެ. ޤާނޫނު ހަދާ މަޖުލިސްގެ މެންބަރުން އެ މެންބަރެއް ނިސްބަތްވެވަޑައިގަންނަވާ ދާއިރާއެއްގެ ޢާންމު ރައްޔިތުންގެ ވޯޓަކުން ހޮވާ ނިޒާމެކެވެ. މި ނިޒާމުގައި ދައުލަތުގެ ތިން ބާރު އޮންނަނީ ނަމުގައި ވަކިވެފައެވެ. ޢަދުލު އިންސާފުގެ ނިޒާމަށް ފަނޑިޔާރުން ޢައްޔަންކުރަނީ ރައްޔިތުންގެ މަޖިލީހުގެ ނިޒާމުގެ ތެރެއިންނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، މިއީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެކެވެ. ބަރުލަމާނީ ނިޒާމަކީ ސަރުކާރާއި ޤާނޫނު ހަދާ މަޖުލިސް އެކުވެފައިވާ އަދި ޢަދުލު އިންސާފުގެ ބާރު ވަކިވެފައިވާ ނިޒާމެކެވެ. ހަމައެކަނި ދެ ބާރު ވަކިވެފައި އޮންނަ ނިޒާމެކެވެ. ސަރުކާރު އޮންނާނީ ބަރުލަމާނުގެ ތެރޭގައެވެ.

އިސްވެ ދެންނެވުނު ނިޒާމުތައް ހުރި ގައުމުތަކުގައި ވެސް ދެ ގައުމެއްގައި އެއް ގޮތަކަށް ކަންތަކެއް ނުހުރެއެވެ. މި ދެ ނިޒާމު މަސްހުނިވެފައި ހުންނަ ނިޒާމު ވެސް ހުރެއެވެ. ކުރީން ދެންނެވި ފަދައިން މި އިން ކޮންމެ ނިޒާމަކީ ވެސް އެ ނިޒާމެއްގައި ރަނގަޅު ކަންތައްތަކަކާއި އުނި ކަންތައްތަކެއް ވެސް ހުރި ނިޒާމެކެވެ. ރައްޔިތުންނަށް މަންފާކުރަނީ ނިޒާމުގެ ސަބަބަކުނެއް ނޫނެވެ. މިސާލެއްގެ ގޮތުން އަޅުގަނޑު ބަޔާންކޮށްލި ދެ ތިން ހަތަރު ގައުމެއްގެ (ރައްޔިތުންގެ) ޙާލަތަށް ބަލައިލުމުން މި ކަން ވަރަށް ސާފުކޮށް ފެންނާން އެބަ ހުއްޓެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ޕާލަމެންޓަރީ ނިޒާމުގައި ވަޒީރުންނަށް ތިއްބަވާނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، ސަރުކާރު އޮންނާނީ ބަރުލަމާނުގެ (ގާނޫނު ހަދާ މަޖިލީހުގެ) ތެރޭގައެވެ. އެހެންވީމާ، ބަރުލަމާނީ ނިޒާމު ރަނގަޅަސް އަދި ރަނގަޅު ނޫނަސް، ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާއިރު، ދިވެހިރާއްޖެ އަދި އެ ކަމަށް ތައްޔާރެއް ނުވެއެވެ. އެހެނީ، މިއަދު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ ދައުލަތް ހިންގުމުގެ ޒިންމާ އުފުއްލަވާން ގާބިލު ބޭފުޅުންކަމަކަށް ރައްޔިތުން ގަބޫލެއް ނުކުރެއެވެ.

ދިވެހިރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނާން ކޮންމެހެން ރައްޔިތުން ބޭނުންވެއްޖެ ނަމަ، އޭގެ ކުރީން ހަމަޖައްސާން ޖެހޭ ވަރަށް ގިނަ އިންތިޒާމުތަކެއް އަދި އެބަ ހުއްޓެވެ. ރައްޔިތުންގެ މަޖިލީހަށް އެކަށީގެންވާ ޢިލްމީ، ޤާބިލު، ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ހޮވޭނެ ނިޒާމެއް ފުރަތަމަ ޤާއިމުކުރާން އެބަ ޖެހެއެވެ. މެންބަރުންގެ ތަޢުލީމީ ފެންވަރާއި ހިންގުމުގެ ޤާބިލުކަމާއި ތަޖުރިބާއަކީ ޝަރުޠުކަމަށް ކަނޑައަޅައިގެން ވިޔަސްވެހެވެ. މިހެން ދެންނެވީމާ މި ވާހަކައިގެ ރައްދެއްގެ ގޮތުގައި ބައެއް ބޭފުޅުން ވިދާޅުވެދާނެ ވާހަކައެއް އަޅުގަނޑަށް ވިސްނެއެވެ. އެ ވާހަކައަކީ އެމެރިކާއާއި އިނގިރޭސިވިލާތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ތަޢުލީމީ ޝަރުޠެއް ކަނޑައަޅައިފައި ނުހުންނަ ވާހަކައެވެ. އެހެންވީމާ ނަމޫނާ ބަލާންޖެހޭނީ އެ ފަދަ ޑިމޮކްރެސީތަކުން ނޫންހެއްޔޭ ވިދާޅުވެދާނެ ވާހަކައެވެ. ނަމަވެސް ހަނދުމަފުޅުކޮށްލައްވާން ޖެހޭ އެއް ކަމަކީ، އެ ގައުމުތަކަކީ ތަޞައްރަފު ފުދިފައިވާ ގައުމުތަކެއްކަމެވެ. ޙަޟާރަތީ މުޖުތަމަޢުތަކެއްކަމެވެ. ކޮންމެކޮންމެ މީހަކު އެ ފަދަ ގައުމުތަކުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމައްޗެއް ނުލާނެއެވެ. އަދި ކުރިމަތި ލިޔަސް އެ ތަންތާގެ ރައްޔިތުން، އެ ފަދަ ބަޔަކު ނުވެސް ހޮވާނެއެވެ.

އަޅުގަނޑުމެން ހަނދާންކުރާން ޖެހޭ އަނެއް ކަމަކީ ތިންވަނަ ދުނިޔޭގެ ބައެއް ގައުމުތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ބޮޑެތި ޝަރުޠުތަކެއް ކަނަޑައަޅައިފައި ހުންނަކަމެވެ. މިސާލެއްގެ ގޮތުން އަޅުގަނޑުގެ ހަނދާނަށް އަންނަނީ ދެކުނު އިރުމަތީ އޭޝިއާގައި އިޤުތިޞާދީ ގޮތުން ކުރިއަރައިފައިވާ ތައިލެންޑްގައި ވެސް އަދި ދެކުނު އޭޝިއާގެ ފަގީރު ގައުމެއް ކަމުގައިވާ ބޫޓާންގައި ވެސް މި ފަދަ ޝަރުޠުތައް ކަނޑައަޅައިފައިވާކަމެވެ.

އެހެންކަމުން، ވެރިކަން ހިންގުމުގައި ކޮންމެ ނިޒާމަކީ ވެސް އޭގެ ޒާތުގައި ރަނގަޅު ނިޒާމެއްކަމުގައި ވިޔަސް މި ރާއްޖޭގެ އަދުގެ ޙާލަތަށް ބަލާއިރު، ބަރުލަމާނީ ނިޒާމަކީ މި ރާއްޖެއަށް އަދި ކަމުދާ ނިޒާމެއްކަމަކަށް ހަމަ ގައިމު ވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. މި ޙާލަތުގައި ރާއްޖެ އޮއްވައި ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ތަޢާރަފުކޮށްފި ނަމަ، މިހާރަށްވުރެ ވެސް ނާގާބިލު މީހުން ދައުލަތުގެ ކަންކަމަށް އިސްވެ، ކޮރަޕްޝަނާއި ފަސާދަ މިހާރަށް ވުރެ ވެސް ބޮޑަށް ޢާންމުވުމުގެ ފުރުޞަތު މާ ބޮޑުވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އެހެންކަމުން، މި ރާއްޖޭގައި ވެރިކަންކުރާ ނިޒާމު، މި ވަގުތަށް މިހާރަށް އެންމެ ރަނގަޅީ ހަމަ ރިޔާސީ ނިޒާމެވެ. ބަރުލަމާނީ ނިޒާމެއް ކޮންމެހެން ގެނައުމުގެ ނިޔަތް އޮތް ނަމަ، ދައުލަތުގެ ހުރިހާ ނިޒާމަކާއި ގާނޫނީ އޮނިގަނޑު ވަރުގަދަކުރާން އެބަ ޖެހެއެވެ. ހަގީގަތުގައި މައްސަލައަކީ ކުރީން ވެސް ދެންނެވި ފަދައިން ނިޒާމުގެ މައްސަލައެއްނޫނެވެ. ބަރުލަމާނީ ނިޒާމަކީ ވެސް  ގޯސް ނިޒާމެއް ނޫނެވެ. ނަމަވެސް މި ނިޒާމަށް ފައިހަމަކުރުމަށް ޓަކައި ދައުލަތުގެ ހިންގުމުގެ ކަންކަން މިހާރަށް ވުރެ ބޮޑަށް ފުރިހަމައަށް ތަންޒީމުކުރާންޖެހޭނެއެވެ. ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ދައްކާން ޖެހޭނީ ވެސް އޭގެ ފަހުންނެވެ. އަދި އެ ވާހަކަ ދައްކާނޭ ޙާލަތެއް ރާއްޖޭގައެއް ނެތެވެ.

______________________________

Advertisement

ކޮމެންޓް