Advertisement

ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓާނެ ހަތަރު އުޅަނދެއް ގަންނާނެ ފައިސާ އެމެރިކާއިން ރާއްޖެއަށް ދެނީ.

25 Feb 2024 | 06:23
ދިވެހި ޚާރިޖީ ވަޒީރު މޫސާ ޒަމީރު (ކ) އަދި އެމެރިކާގެ ޚާރިޖީ ވަޒީރުގެ ރާވައި ހިންގުމާއި އިންސާނީ ވަސީލަތްތަކާ ބެހޭ ނާއިބު ރިޗާރޑް ވަރްމާ (ފޮޓޯ: އެމްވީ ރިޕަބްލިކް.ކޮމް)

ފަރަގު

އެމެރިކާގެ ޚާރިޖީ ވަޒީރުގެ ރާވައި ހިންގުމާއި އިންސާނީ ވަސީލަތްތަކާ ބެހޭ ނާއިބު ރިޗާރޑް ވަރްމާ މި މަހު 22 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރީ އެމެރިކާއާއި ދިވެހިރާއްޖެއާ އެކު ކަނޑައެޅިފައި އޮތް ލަނޑުދަނޑިތަކެއް ތަރައްގީކުރާށެވެ. އިތުރަށް ކުރިއަރުވާށެވެ. ދިވެހި ޚާރިޖީ ވަޒީރު މޫސާ ޒަމީރާ އެކު އޭނާ ބޭއްވި ބައްދަލުވުމުގައި އިޤުތިޞާދީ ކުރިއެރުމާއި ކަނޑުމަތީގެ ސަލާމަތާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ދެ ގައުމުން ހިއްސާވެގެން އިސްކަންދޭ ކަންތައްތައް އިތުރަށް ތަރައްގީ ކުރެވޭނެ ގޮތްތަކާ މެދު ވާހަކަދެކެވުނުކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. ނާއިބު ވަޒީރު ރިޗާރޑް ވަރްމާއާއި ދިވެހި ޚާރިޖީ ވަޒީރު މޫސާ ޒަމީރު މަޝްވަރާކުރެއްވިކަމަށް ޚަބަރު ލިބެނީ ކަނޑުމަތީގައި ފާރަވެރިވާ ހަތަރު އުޅަނދެއް ގަތުމަށް ޓަކައި ބޭނުންވާ، އަށް މިލިއަށް ޑޮލަރު ދިވެހިރާއްޖެއަށް ހަދިޔާކުރުމާ ބެހޭ ގޮތުންނެވެ. މި ހަތަރު އުޅަނދު ޙަރަކާތްތެރިވާނީ ދިވެހި އިސްތިޤުލާލަށް ނުރައްކާ ކުރާ އެކިއެކި ދައުލަތްތަކާއި އެ ނޫން ފަރާތްތަކުން ހިންގައިފާނެ ނޭއްގާނީ ޢަމަލުތަކަކުން ދިވެހި ޤައުމު ޙިމާޔްތަކުރުމަށް ޓަކައި ދިވެހި ކަނޑުތަކުގައި ފާރަވެރިވާންކަމަށް ޚަބަރު ލިބެއެވެ.

މި ބައްދަލުވުމުގައްޔާއި، އަދި ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި އިޤުތިސާދީ ވަޒީރު މުޙަންމަދު ސަޢީދާއި ދިފާޢީ ވަޒީރު ޣައްސާން މައުމޫނާއި ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އިޙުސާނާއި މޫސުމީ ބަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމާއި މަސަވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމާއެކު އެމެރިކާގެ ނާއިބު ވަޒީރު ދެއްކި ވާހަކައިގައި ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެވުނުކަމަށް ޚަބަރު ލިބެއެވެ. އަދި ދިވެހިރާއްޖޭގައި އެމެރިކާގެ އެންބަސީއެއް ހުޅުވުމާއި ވޮޝިންގްޓަން ޑީސީގައި ކުރީން ހުރި ދިވެހި އެންބަސީ އަލުން ހުޅުވައިގެން ދެ ގައުމަށް ފައިދާ ހުރި ގުޅުންތައް އިތުރަށް ތަރައްގީކޮށް ދެ ގައުމުގެ ރައްޔިތުންގެ ގުޅުންތައް އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރެވުނުކަމަށް ޚަބަރު ލިބެއެވެ.

އެމެރިކާއިން ވާގި ދީގެން ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޓަކައި އިސްރާއީލުން ހިންގާ ޢުދުވާނަށް ހުއްޓުމެއް އައިސްފައި ނުވާއިރު، މި ބައްދަލުވުމުގައި އެ ޢުދުވާނު ހުއްޓުމާ ބެހޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރެވުނުކަމަކަށް މަޢުލޫމާތެއް ނުލިބެއެވެ. މަޝްވަރާ ނުކުރެވޭކަމެއް ވެސް ނޭނގެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ނަޞްރާއި ކާމިޔާބީއަށް އެދިގެން ކޮންމެ ނަމާދެއްގެ ފަހުގައި ކުރެވެމުން އައި ޤުނޫތު ނާޒިލާ ކިޔުން މިހާރު މަޑުޖެހިފައިވަނީ ކީއްވެގެންކަމެއް ވެސް އެ ބައްދަލުވުގައި ހާމަވެފައެއް ނުވެއެވެ. މި ފަދަ އެއްވެސް މަޢުލޫމާތެއް މީޑިއާއަށް ތިލަވެފައެއް ނެތެވެ.

އެމެރިކާއިން މި ކުޑަކުޑަ ދިވެހިރާއްޖެއާ ގުޅުން ބަދަހިކޮށް ހެޔޮ އެދިގެން ދިވެހީންނަށް އެހީތެރިވާން އުޅޭ އިރު، އެ މީހުންގެ ހަގީގީ ނިޔަތާ މެދު ވިސްނައި ފިކުރުކުރުމަކީ މުހިންމު ކަމެއްކަމަށް ނުވާނެބާވައެވެ. އަދި މި ފަދަ ކޮންމެ ބައްދަލުވުމެއްގައި ވެސް ފަލަސްތީނުގެ ރައްޔިތުންގެ ދިފާޢުގައި ދިވެހި ސަރުކާރުން ވެސް އެއްޗެކޭ ބުނާން ނުޖެހޭބާވައެވެ. މާތްވެގެންވާ މަސްޖިދުލްއަޤުޞާ ޙިމާޔަތްކުރުމާ ބެހޭ ގޮތުންނާއި އަޅުގަނޑުމެންގެ އަޚުންކަމުގައިވާ ފަލަސްޠީނު ރައްޔިތުންގެ ދިފާޢުގައި އެއްވެސް މަޝްވަރާއެއް ކުރެވުނުކަމެއް ވެސް އެނގިފައެއް ނުވެއެވެ. މި ފަދަ އެއްވެސް މަޢުލޫމާތެއް ވެސް މީޑިއާއަށް ތިލަވެފައެއް ނެތެވެ.

ކޮންމެއަކަސް ކޮންމެ ގައުމަކުން ނަމަވެސް ދިވެހިރާއްޖެއަށް ދޭ އެހީއަކީ ދިވެހީން ޝުކުރުވެރިކަމާއެކު ބަލައިގަންނާނޭ އެއްޗެކެވެ. ހަމަ އެއާއެކު ދިވެހި އިސްތިޤުލާލާއި މިނިވަންކަމަށް ފާރަވެރިވުމަކީ އަދި އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމަކީ ވެސް ދިވެހީން ސަމާލުކަން ދޭން ޖެހޭނެ ކަންކަކަންކަމާ މެދަކު ޝައްކެއް ނެތެވެ.

(ގިނަ މަޢުލޫމާތު: އެމެރިކާގެ ތަރުޖަމާނު މެތިއު މުލާރގެ އޮފީހުން 23.02.2024ގައި އާންމުކޮށްފައިވާ ބަޔާނަކުން)

Advertisement

ކޮމެންޓް