Advertisement

ދަހި ސައުދާގަރު

25 Feb 2024 | 00:20
ދަހި ސައުދާގަރު (ޚިޔާލީ ކުރެހުމެއް)

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ރަށުގެ ގަބުރުސްތާނު ވަށައިގެން ފާރެއް ރާނަން ރަށު ރައްޔިތުން ނިންމިއެވެ. މި މަޝްރޫއު ހިންގާލަން ފައިސާ ހޯދުމުގެ ގޮތުން ރަށު ރައްޔިތުން ގަސްދުކުރީ އެންމެން އަތުން ޗަންދާއެއް ނަގާށެވެ.

ކޮންމެ މީހަކު ވެސް އެ މީހަކަށް ދެވުނު ވަރަކަށް ފައިސާކޮޅެއް ދޭށެވެ. މިސްކިތުގައި ފާރުލުމުގެ ކަންތައް ހިންގައިލުމަށް ޓަކައި އުފެދުނު ކޮމިޓީގެ ފަރާތުން ރަށުގެ އެކި ގޭގެ މީހުން ގާތަށް ގޮސް ފައިސާ އެއްކުރަމުން ދިޔައެވެ. ރަށުގެ އެންމެންގެ ފަރާތުން ވެސް އެ މަޝްރޫއުަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.

ރަށުގެ އެންމެ މީހެއް ފިޔަވައެވެ. އެއީ، ރަށު މީހުން ކިޔާ ގޮތުން ނަމަ ރަށުގެ ދަހު ސައުދާގަރެވެ. ރަށުގެ ދަހި ސައުދާގަރަކީ ވަރަށް ވެސް މުއްސަނދި ފައިސާވެރި މުދާވެރިއެކެވެ. ދެ ފިހާރައަކާއި ތިން އޮޑި ވެސް ދަހި ސާދައުގަރު އަތު އޮވެއެވެ. މިސްކިތުގެ ފާރު ކޮމިޓީގެ ފަރާތުން ފައިސާއަށް އެދިގެން ދަހި ސައުދާގަރު ގެއަށް ވެސް ދިޔައެވެ. ދެން، ދަހި ސައުދާގަރަށް މަޝްރޫއުގެ ވާހަކަ ކިޔައި ދިނެވެ.

މިސްކިތު ގަބުރުސްތާނުގެ ވަށައިގެން ފާރެއްލުމަށް ޓަކައި ފައިސާ އެއްކުރާ ވާހަކައާއި އަދި ރައްޔިތުންގެ އެންމެން ވެސް މި ކަމަށް ވަރަށް ބޮޑު ތަރުހީބެއްދޭ ވާހަކައާއި ސައުދާގަރު އަތުން ވެސް ޚައިރާތަކަށް އެދި އައިސް ތިބި ވާހަކަ ކޮމިޓީގެ މެންބަރު، ސައުދާގަރަށް ނަންގަތެވެ.

ދެން، ދަހި ސައުދާގަރު ބުންޏެވެ. "ގަބުރުސްތާނު ވަށައިގެން ފާރެއް ލުމުގެ އެއްވެސް ބޭނުމެއް އޮތްކަމަކަށް އަހަރެން ނުދެކެވެ. އެހެނީ، ގަބުރުސްތާނުގައި ވަޅުލާފައި ތިބި މީހުންގެ ތެރެއިން އެކަކުވެސް ފުންމައިގެން ތެދުވެ، ފިލަން ދުވި ވާހަކައެއް އަހަރެން ދުވަހެއްގައި ވެސް އަޑެއް ނާހަމެވެ. އެހެންވީމާ، ބޭކާރު ކަންކަމަށް ފައިސާ ޚަރަދުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ."

___________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް