Advertisement

"ވަޤުފު ޚިދުމަތުއްސީރަތުއްނަބަވިއްޔާ"ގައި ދިވެހި އިމާމުން

19 Feb 2024 | 18:30
ޑރ. ޢަބްދުﷲ އަޙުމަދު މުޙަންމަދު ނާޖީ ދިވެހި އިމާމުންނަށް މަޢުލޫމާތު ދެއްވަނީ

މައްކާއިން ފަރަގުގެ ޚާއްޞަ މުރާސިލު

ތަމްރީނު ހޯއްދެވުމުގެ ދަތުރެއްގައި މިހާރު ސަޢުދީ ޢަރަބިއްޔާގައި އުޅުއްވާ، ދިވެހިރާއްޖޭގެ އިމާމުންނާއި ޚަޠީބުން މިއަދު ވެސް ވަރަށް ގިނަ ތަންތަނަށް ޒިޔާރަތްކުރައްވައި ގިނަ މަޢުލޫމާތުތަކެއް ހޯއްދަވައިފިއެވެ. މިއަދު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ "ވަޤުފު ޚިދުމަތުއްސީރަތުއްނަބަވިއްޔާ"އަށެވެ. މި ތާނގައި ފަންނިއްޔާތުގެ އެހީގައި ތަމްސީލުކޮށްދިނީ ސަލާމާއި ޞަލަވާތްލެއްވި ކައު ރަސޫލާގެ ސިޔަތުގެ ހާދިސާތަކެވެ.

ހުރިހައި ނަބީބޭކަލުންނަށް ވެސް ނަމާދު ފަރުޟުކުރެއްވިކަން ކީރިތި ޤުރުއާނުގެ އަލީގައި ތަމްސީލުކޮށްދެއްވިއެވެ. ކީރިތި ޤުރުއާނުގެ ޠާހާ ސޫރަތުގެ 14 ވަނަ އާޔަތާއި ޞާދު ސޫރަތުގެ 24ވަނަ އާޔަތާއި މަރްޔަމް ސޫރަތުގެ 58ވަނަ އާޔަތާއި އިސްރާއު ސޫރަތުގެ 78ވަނަ އާޔަތާއި މަރްޔަމް ސޫރަތުގެ 31ވަނަ އާޔަތާއި އާލުޢިމްރާނު ސޫރަތުގެ39ވަނަ އާޔަތާއި ޞާދު ސޫރަތުގެ 32ވަނަ އާޔަތާއި އިބްރާހީމް ސޫރަތުގެ 40ވަނަ އާޔަތާއިމަރްޔަމް ސޫރަތުގެ 55ވަނައާޔަތާއި ހޫދު ސޫރަތުގެ 87ވަނަ އާޔަތާއި އަދި ވެސް އެތައް އާޔަތަކުން ދަލީލުދައްކަވައި ނަމާދަކީ ހުރިހާ ނަބީބޭކަލުންނަށް ވެސް ފަރުޟުކުރެއްވި އަޅުކަމެއްކަން ތަމްސީލުކޮށްދެއްވިއެވެ. މީގެ އިތުރަށް ސަލާމާއި ޞަލަވާތްލެއްވި ކައު ރަސޫލާގެ ސިޔަތުގެ އެކި ދައުރުތައް ވަރަށް ފުރިހަމައަށް ތަމްސީލުކޮށްދެއްވިއެވެ. އަދި ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގެ ކޮންމެ ދައުރަކުން ވެސް ލިބިދެ ފިލާވަޅުތައް ވަރަށް ތަފުޞީލުކޮށް ތަމްސީލުކޮށްދެއްވިއެވެ.

ކީރިތި ރަސޫލާގެ އޯގާވެރިކަމާއި ކެތްތެރިކަމާއި ރޭއްވެވުންތެރިކަމާއި ސަބަބުތަކުގައި ހިއްޕެވުމާއެކު ﷲއަށް ވަކީލުކުރެއްވި ގޮތާއި މި ނޫނަސް ސީރަތުން ލިބިދޭ ފިލާވަޅުތައް ވަރަށް ރަނގަޅަށް އޮޅުން ފިލުއްވައިދެއްވިއެވެ. އަދި އެ ފިލާވަޅުތައް ލިބިގަތުމާ އެކު، މުސްލިމުންގެ މައްޗަށް އޮތް ޒިންމާއަކީ ކޮބައިކަން ވެސް އިމާމުންގެ ހިތްތަކަށް ވައްދައިދެއްވިއެވެ.

މި ބައިތަކުގެ މައްޗަށް ތަފާތު ޝައިޚުން މަޢުލޫމާތުދެއްވިޔަސް ސީރަތާ ބެހޭ ގޮތުން މުހިންމު ބައިތައް ތަމްސީލުކޮށްދެއްވި ބައި ހުށަހަޅުއްވައިދެއްވީ އެ މުއައްސަސާގެ މުދީރު ތަންފީޒީ އައްދުކްތޫރު ޢަބްދުﷲ އަޙުމަދު މުޙަންމަދު ނާޖީއެވެ. މީގެ އިތުރަށް ވެސް ސީރަތުގެ އެކި ބައިތަކާ ބެހޭ ގޮތުން ތަމްސީލުކުރެއްވި ބައިތައް ތަފާތު ޝައިޚުން ހުށަހަޅުއްވައިދެއްވިއެވެ. މި ހުރިހާ ޝައިޚުންނަކީ ވެސް މީހުން އަޑުއަހާ ހިތްވާ ގޮތަށް ވަރަށް ޝައުޤުވެރިވަނިވި ހުށަހެޅުންތަކެއް ހުށަހެޅުއްވި ބޭފުޅުންނެވެ.

މީގެ އިތުރަށް އިސްލާމް ދިނުގެ ދަޢޫވަތު ފެތުރުމުގައި ބޭނުންކުރާން ޖެހޭ މަބްދައުތަކުގެ މައްޗަށް ވެސް ވަރަށް ތަފްސީލީ ގޮތެއްގައި ބައްލަވައިލެއްވިއެވެ.

މިއަދުގެ ކަމާކެމީގައި ބައެއް އެހެން މުއައްސަށާތަކަށް އިމާމުން ޒިޔާރަތްކުރައްވައި އެ ތަންތަނުން ވަރަށް ުރިހަމަ މަރުޚަބާއެއް ލިބިވަޑައިގަތެވެ. އަދި އިތުރު ދަރުސްތަކެއް ވެސް މިއަދު އިމާމުންނަށް އިންތިޒާމުކުރެވިފައި އޮތެވެ. ހަވީރުގެ ވަގުތު މި ވަފުދުގެ ގިނަ މެންބަރުން ހޭދަކުރެއްވީ ބާޒާރުކުރެއްވުމަށް ޓަކައި ޢަޒީޒިއްޔާއަށް ކުރެއްވި ޒިޔާރަތުގައެވެ. މަޣުރިބު ނަމާދާއި ޢިޝާ ނަމާދު އަލްމަސްޖިދުލްޙަރާމްގައި ކުރެއްވުމަށް ފަހު، މި ރޭ އެ ބޭފުޅުން އަރާމުކުރައްވާނީއެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން، މާދަމާ ފަތިސްނަމާދު މަސްޖިދުލްޙަރާމްގައި ކުރައްވައި ވަދާޢީ ޠަވާފުކުރެއްވުމަށް ފަހު މެންދުރެއްހާ އިރު، ހުރިހާ ބޭފުޅުން މަދީނާއަށް ވަޑައިގަންނަވާ ގޮތަށް  ވަނީ ހަމަޖެހިފައެވެ.

ދިވެހި ވަފުދުގެ ހުރިހާ ބޭފުޅުންގެ ޙާލުކޮޅު ވެސް ހަމަ ވަރަށް ރަނގަޅެވެ. މައްކާގެ ފިނިހޫނުމިން އާންމު ގޮތެއްގައި ހުރީ 28 ޑިގްރީ ސެލްސިއަސްގައި ކަމަށް ވާތީ ހޫނުގެ އުނދަގޫފުޅެއް އެ ބޭފުޅުންނަކަށް ކުރިމަތިވެވަޑައެއް ނުގަންނަވައެވެ.

Advertisement

ކޮމެންޓް