Advertisement

މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (8)

19 Feb 2024 | 01:20
މައްކާގެ ޙަރަމްފުޅުގެ ކުރީގެ ފޮޓޯއެއް

އަޙްމަދު ފަޔާޟް ޙަސަން

(12 ފެބުރުވަރީ 2024ގައި ޝާއިޢުކުރި ބައާ ގުޅޭ)

އިބުރާހީމްގެފާނު ދެއްވި ޒުވާބުގައި އެކަލޭގެފާނުގެ ގައުމުގެ މީހުންނެއް ނުހިފިއެވެ. އެކަލޭގެފާނު ދެއްކެވި ހުއްޖަތަކަށް ވެސް އެ މީހުން އަޅައެއްނުލިއެވެ. ހަގީގަތް ފެންނާން އޮތް އިރު ވެސް އެ މީހުން ތެދުމަގަށް ފުރަގަސްދިނެވެ. މިހާރު އެ މީހުން ޙައްޤަށް ވާސިލުވާން ބޭނުންނުވާ ސަބަބަކީ އެ މީހުން އިބުރާހީމްގެފާނު އަތުން ބަލިވުމެވެ. އަދި އެމީހުންގެ ކަލާނގެތައް ވެސް އެކަލޭގެފާނާ ޖެހި ބަލިވުމެވެ. މި ހުރިހާ ކަމެއް ފެށިގެން އަންނަނީ ކިބުރުވެރިކަމާއި ގޮތްދޫނުކުރުމުގެ ތެރެއިންނެވެ. ބަލި ގަބޫލުނުކުރުމަކީ ޝައިޠާނާގެ ސިފައެކެވެ. ޝައިޠާނާގެ ވަސްވާހަށް ހެއްލިގެން އިންސާނުން ކުރާ އެއް ކަމަކީ ބަލި ގަބޫލުނުކުރުމެވެ. އިބުރާހީމްގެފާނަށް ތަބަޢަވެ އެކަލޭގެފާނު ދެކެ ލޯބިވުމަކީ ބުއްދި އިސްކޮށްގެން ޙައްޤަށް ރުޖޫއަވުމެވެ. ތިމާގެ މޮޅުކަމުގައި ނުވަތަ އީގޯގައި ހިފަހައްޓައިގެން ބާޠިލު ގޮތުގައި ހުރުމަކީ ޝައިޠާނާގެ ސިފައެވެ. ކުރީގެ އުންމަތްތަކުގެ މީހުން ޙައްޤުގެ މަގު ދޫކުރި ގޮތް ތާރީޚުން އެނގެއެވެ. އެއީ އެ މީހުންގެ ކާބަފައިންގެ ގޮތް ދޫނުކޮށް އެ ގޮތުގައި ހިފެހެއްޓުމެވެ. ތިމާގެ މޮޅުކަމުގައި ހިފެހެއްޓުމަކީ އެ ގޮތަށް ގޮތް ދޫނުކުރުމެވެ. އެކަމަކު އަޅުގަނޑުމެން މުސްލިމުން އެންމެނާ ދެކޮޅުހަދައި އަޅުގަނޑުމެންގެ ބަފައިކަލުން އިބުރާހީމްގެފާނަށް ތަބަޢަވަނީ އެކަލޭގެފާނު ޙައްޤުގެ މަގުގައި ހުންނެވީތީއެވެ.

އިބުރާހީމްގެފާނުގެ ދަރިފަސްކޮޅުގެ އެންމެ ފަހު ބޮޅަކީ އަޅަމެންގެ ސާހިބާ މުޙައްމަދު ﷺ އެވެ. އެކަލޭގެފާނު މައްކާގެ މުޝްރިކުންނާ ވާހަކަދެއްކެވީ އެކަލޭގެފާނުގެ ބަފައިކަލުން އިބުރާހީމްގެފާނު ވާހަކަދެއްކެވިގޮތަށެވެ. އެމީހުން އަޅުކަންކުރި ބުދާމެދު މާތް ސާހިބާ ވާހަކަފުޅު ދެއްކެވީ އެކަލޭގެފާނުގެ ބަފައިކަލުން ވާހަކަފުޅުދެއްކެވި ބީދައިންނެވެ. ހަޔާތްޕުޅުގެ ކޮންމެ ކަމެއްގައި އެކަލޭގެފާނަކީ ބަފައިކަލުންގެ ނަކަލެކެވެ. އަޚުލާގާއި ސުލޫކާއި އިންސާނިއްޔަތުކަމުގައި އެއީ ނިބޫއިން ފަދަ ދެ ބޭކަލުންނެވެ.

އިބުރާހީމްގެފާނުގެ ވާހަކަ މަރްޔަމް ސޫރަތުގެ 41 ވަނަ އާޔަތުން ފެށިގެން ﷲ ބަޔާންކުރައްވައެވެ. މިވާހަކައިގެ ފުރަތަމަ އާޔަތުގެ ކުރިން ﷲ ބަޔާންކުރައްވަނީ ގިޔާމަތް ދުވަހު ޝަރީކުކުރި މީހުންނަށް ހުރި ބިރުވެރިކަމުގެ ވާހަކައެވެ. މިސޫރަތުން އެނގޭ އެއް ކަމަކީ އިބުރާހީމްގެފާނުގެ ތަރިކައާއި ޢީސާ ޢަލައިހިއްސަލާމް ގުޅިފައިވާކަމެވެ. ހަމައެގޮތަށް ބަޤަރާ ސޫރަތުން އަޅުގަނޑުމެންނަށް އެނގޭ އެއް ކަމަކީ ޔަހޫދީންނާ އިބުރާހީމްގެފާނުގެ ތަރިކަޔާ ގުޅޭކަމެވެ. މަރްޔަމް ސޫރަތުގެ 41 ވަނަ އާޔަތުގައި ﷲ މިއަންގަވަނީ އިބުރާހީމްގެފާނަކީ ތެދުބުނުން ބޮޑު ތެދުވެރި ނަބިއްޔަކު ކަމުގައެވެ. މި އާޔަތުން ލިބޭ އެއް މެސެޖަކީ އެކަލޭގެފާނު ދުވަހަކުވެސް ޝަރީކުނުކުރައްވާކަމެވެ. އެކަލޭގެފާނު ﷲ ފިޔަވައި އެހެން އިލާހަކަށް ތަބަޢަނުވާކަމެވެ. އަދި އަބަދު ވެސް ޙައްޤުގެ މަގުގައި ސާބިތުވެ ހުންނެވިކަމެވެ.

ދެން އިބުރާހީމްގެފާނާ އެކަލޭގެފާނުގެ ބައްޕަޔާ ދެމެދު ދެކެވުނު ވާހަކަ ﷲ ބަޔާންކުރައްވައެވެ. އެކަލޭގެފާނުގެ ބައްޕައަށް އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ ލޯބިވާ ބައްޕާއެވެ! އަޑެއް ނީވޭ އެއްޗެއް ނުފެންނަ އެއްޗެއް އަދި ބައްޕައަށް އެއްވެސް ކަމެއް ފުއްދައިނުދޭ އެއްޗަކަށް ބައްޕަ އަޅުކަން ކުރަނީ ކީއްވެގެން ހެއްޔެވެ؟" އެކަލޭގެފާނު ވަރަށް ލޯތްބާއެކު އެކަލޭގެފާނުގެ ބައްޕަޔާ ވާހަކަފުޅުދައްކަވައި ވިސްނައިދެއްވޭތޯ ބެއްލެވިއެވެ. މި ވާހަކަތަކަށް އެކަލޭގެފާނުގެ ބައްޕަ ދެއްވި ރައްދު ފެންނާކަށްނެތެވެ. މިކަމުން ދޭހަވާ އެއްކަމަކީ ބައްޕަގެ ވާހަކައަށް ނުބައްލަވައި އިބުރާހީމްގެފާނު ވާހަކަދެއްކެވިކަމެވެ. ނުވަތަ އެކަލޭގެފާނުގެ ވާހަކަ އަޑުއެއްސެވުމަށްފަހު އެވާހަކަތަކަށް ބައްޕަ އަޅާނުލެއްވުމެވެ. އަޅާނުލާ އަނގައިން ނުބުނުމަކީވެސް ދެވޭ ރައްދެއް ނުވަތަ ޖަވާބެކެވެ.

ދެން އަނެއްކާވެސް އިބުރާހީމްގެފާނު އެކަލޭގެފާނުގެ ބައްޕަޔާ ވާހަކަދައްކަވައި ވިދާޅުވިއެވެ. ބައްޕައަށް ލިބިފައިނުވާ ޢިލްމު އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާތީ އެކަލޭގެފާނަށް ތަބަޢަވުމަށް ބައްޕައަށް އެންގެވިއެވެ. އޭރުން ސީދާވެގެންވާ ތެދުމަގަށް ބައްޕައަށް މަގުދައްކަވާނެކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. މިނުކުތާއަށް ވިސްނާލަމާ ހިނގާށެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި ދަރިޔަކު އައިސް ބައްޕައަށް މަގެއް ނުދައްކާނެއެވެ. ދަރިއަކު ބައްޕައަށް މަގުދެއްކުންވާނީ ވަރަށް ހެއްވާ ކަމަކަށެވެ. އަދި އެގޮތަށް އެކަން ކުރަން ނިކުންނަ ދަރީގެ ނިމުން އަންނާނީ ވަރަށް ހިތިކޮށެވެ. އެކަމަކު އިބުރާހީމްގެފާނުގެ ކަން ހުރީ މުޅިން ތަފާތުކޮށެވެ. އެކަލޭގެފާނު އެގޮތަށް ކަންކުރެއްވީ ބައްޕަ ޝިރުކުން ސަލާމަތްކުރައްވާށެވެ. އަދި އެންމެފަހުން ޝައިޠާނާއަށް އަޅުކަން ނުކުރަން އެކަލޭގެފާނު ބައްޕައަށް އެންގެވިއެވެ. އަދި ބައްޕަ ކުރިމަތިލާންޖެހިދާނެ ގަދަފަ ޢަޒާބާމެދު އެކަލޭގެފާނު ބިރުފުޅުގަންނަ ކަމުގައި ވިދާޅުވިއެވެ. އެކަލޭގެފާނުގެ ހަގީގީ މަގުސަދަކީ ބައްޕަ ނަރަކައިގެ ޢަޒާބުން މިންޖުކުރެއްވުމެވެ. އަދުގެ މުސްލިމުންގެ އަމާޒަކަށްވާންވީވެސް އިންސާނުން ނަރަކައިގެ އަލިފާނުން މިންޖުކުރުމެވެ. އަޅުގަނޑުމެންގެ ބަފައިކަލުން ފުރަތަމަ މުސްލިމް އިބުރާހީމްގެފާނުގެ ތަރިކައަކީ އިންސާނުން ނަރަކައިން މިންޖުކުރެއްވުމެވެ. އެކަލޭގެފާނަކީ އިންސާނިއްޔަތުކަމުގެ ފުރިހަމަ ނަމޫނާއެކެވެ.

އަދުގެ މުސްލިމުން އިސްލާމް ދީނަށް ދަޢުވަތު ދިނުމުގައި އިބުރާހީމްގެފާނުގެ ތަރިކައިގައި ފުރިހަމައަށް ސާބިތުވެތިބެން ޖެހެއެވެ. ޣައިރު މުސްލިމުންނަށް ކާފަރުންނޭ ގޮވާ އެމީހުންނަށް ފުރައްސާރަކުރުމެއް ނުވެއެވެ. ލޯތްބާއި ހިތްހަމެޖެހުމާއެކު މީހުން އިސްލާމް ދީނަށް އެނބުރޭނީ އިބުރާހީމްގެފާނު ދެއްކެވި އިންސާނިއްޔަތުކަން އަޅުގަނޑުމެން ދައްކައިގެންނެވެ. ތިމާގެ މޮޅުކަމާއި ތިމާގެ ދަންނަކަން ފެތުރުމަކީ އޮތް ކަމެއްނޫނެވެ. ތެދުވެރިކަމާއި ހިތްތިރިކަމާއި ހިތް ހެޔޮ ކަމާއި މަޑުމައިތިރިކަމަކީ އިބުރާހީމްގެފާނުގެ ސިފަފުޅުތަކެވެ. އިންސާނުންނަށް އެކަލޭގެފާނު ދެއްކެވި ލޯތްބަކީ މީހުންނަށް އިސްލާމް ދީނަށް ދަޢުވަތު ދިނުމުގައި އަޅުގަނޑުމެން އެންމެބޮޑަށް ބޭނުންކުރަންޖެހޭ ހަތިޔާރެވެ.

ޝައިޠާނާ ޝައިޠާނަކަށްވީ އޭނާ ނުކިޔަމަންތެރިވެގެންނެވެ. އެހެންވެ އިބުރާހީމްގެފާނު ބައްޕައަށް ހަނދާންކޮށްދެއްވަނީ ﷲ އަށް ނުކިޔަމަންތެރިނުވުމަށެވެ. ﷲ އަށް ނުކިޔަމަންތެރިވުމަކީ ހަގީގަތުގައި ޝައިޠާނާއަށް ތަބަޢަވެ އޭނާއަށް އަޅުކަންކުރުމެވެ. ޝައިޠާނާއަށް އަޅުކަންކުރުމަކީ އޭނާ ބުނާ ފަރާތްތަކަށް އަޅުކަންކުރުމެވެ. ޝައިޠާނާގެ ނުބައިކަން އެންގެވުމަށްޓަކައި އެކަލޭގެފާނު ވިދާޅުވަނީ އައްރަޙުމާންއަށް އޭނާ ނުކިޔަމަންތެރިވި ވާހަކައެވެ. އޯގާވަންތަ ﷲ އަށް އުރެދުނު މީހަކާ ކައިރިވެގެންވެސް ނުވާނެކަން އެކަލޭގެފާނުގެ މިވާހަކަފުޅުން އެނގެއެވެ. އަދި ރަޙުމާންވަންތަ ﷲ އަށް ޝިރުކުކުރުމުގެ ނުބައިކަމާ އެކަމުގެ ގެއްލުން އެކަލޭގެފާނުގެ ވާހަކަފުޅުން ވިސްނެއެވެ. އަނެއްކޮޅުން އެކަލޭގެފާނުގެ ބައްޕައަށް އެކަލޭގެފާނުގެ ކިބައިގައި ހުރި ލޯބިވެސް އެކަލޭގެފާނުގެ މިވާހަކަފުޅުން އަންގައިދެއެވެ.

ޖަވާބުގައި އިބުރާހީމްގެފާނުގެ ބައްޕަ ދެންނެވިއެވެ. 'ތިމަންގެ އިލާހުންތަކަށް ތިބާ ނުރުހެނީ ހެއްޔެވެ؟ ތިބާ ތިޔަ ކަންތައް ނުހުއްޓައިފިނަމަ ހަމަކަށަވަރުން އަހުރެން ތިބާ ގަލުން ތަޅައި މަރާހުށީމެވެ. އަދި ދިގު މުއްދަތަކަށް އަހަރެންނާ ވަކިވާށެވެ!' އާޒަރުގެ މިވާހަކަތަކުން އެނގެނީ އޭގައި ބުއްދީގެ އެއްވެސް މިންވަރެއް ނެތްކަމެވެ. އަދި ބުއްދީގެ މަގުން އެއްވެސް ވާހަކައެއް ދައްކަން ބައްޕަ ބޭނުންނުވާކަމެވެ. ދަރިކަލުންނަށް ޒުވާބުދޭން އޭނާ ބޭނުންކުރީ ބައްޕައަށް ލިބިދޭ ބާރާއި އިޚުތިޔާރު އެކަންޏެވެ. މިހާލަތުގައި ބައްޕައަށް ކިޔަމަންތެރިވެ ބައްޕައަށް ވަފާތެރިވާނަމަ ދަރިއަށް ޖެހޭނީ ބައްޕަ ރުހޭގޮތަށް ޝިރުކުގެ މަގު އިޚުތިޔާރުކުރާށެވެ. މިހާރުވެސް ބުއްދިއަށް ފެނިގެން އިސްލާމް ދީން އިޚުތިޔާރުކުރާ މީހުންނާ ކުރިމަތިވަނީ މިހާލަތެވެ. އެމީހުންގެ މައިންބަފައިން އެމީހުންނާ ދެކޮޅުވެރިވެއެވެ. އެގޮތުން ބައެއް ފަހަރު ދަރިއަކީ ދަރިއެއް ނޫންކަމަށް ނިންމައި އޭނާ ގެއިން ނެރެލައެވެ. ދުނިޔޭގެ ހުރިހާ ގައުމަކުން އަޅުގަނޑުމެންނަށް މިމަންޒަރުފެނެއެވެ. ޔޫޓިއުބްގައި ހުންނަ ވާހަކަތަކުން އިސްލާމްވާ މީހުންނާ ކުރިމަތިވާ ހިތްދަތިކަން ފެނެއެވެ.

އާޒަރުގެ ވާހަކައިން ކަށަވަރުވާ އެއް ކަމަކީ އިބުރާހީމްގެފާނު އެކަލޭގެފާނުގެ ދީން ދޫނުކުރައްވާނެކަމެވެ. އެހެންވެ އާޒަރުގެ ވާހަކައިގައި އެކަމަކަށް ނޭދެއެވެ. އެކަމަކު އިބުރާހީމްގެފާނު ދީނަށް ގޮވައިލެއްވުން ހުއްޓަވަންޖެހޭނެކަމަށް އާޒަރު އަމުރުކުރިއެވެ. އެގޮތަށް އެކަން ނުކުރެއްވޭކަމަށްވާނަމަ ބައްޕަ ދޫކުރައްވައި ދިގު މުއްދަތަކަށް ކޮންމެވެސް އެހެން ތާކަށް ހިޖުރަކުރެއްވުމަށް އޭނާ ދެންނެވިއެވެ. މިގޮތަށް އޭނާ އެދުމުގެ ބޭނުމަކީ އޭނާގެ އިލާހުންނާ އެއްކޮޅަށް އެކަލޭގެފާނު ކަމެއް ނުކުރައްވާނެކަން އޭނާއަށް ކަށަވަރުވުމެވެ. މިއިން ދައްކައިދެނީ ތައުހީދުގެ ބިންގަލުގައި އިބުރާހީމްގެފާނު ސާބިތުވެހުރިވަރެވެ. މިއީ އެކަލޭގެފާނު އަޅުގަނޑުމެންނަށް ދޫކުރެއްވި ވަރުގަދަ ތަރިކައެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް