Advertisement

އިމާމުން މިއަދު "ވަޙީގެ މަޢުރަޒު"ގައި

18 Feb 2024 | 18:08
ޖަމުޢިއްޔާ މަރާކިޒު އަލްއަޙުޔާގައި އިމާމުންނަށް ޝައިޚު ޚާލިދު މަޢުލޫމާތު ދެއްވަނީ.

މައްކާއިން "ފަރަގު"ގެ ޚާއްޞަ މުރާސިލު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސަޢޫދީ ޢަރަބިއްޔާއަށް ދައުރާއަކަށް ވަޑައިގެން ސުއޫދީ ޢަރަބިއްޔާގައި މި ވަގުތު އުޅުއްވާ ޚަޠީބުންނާއި އިމާމުން މިއަދު ޒިޔާރަތްކުރެއްވި އެންމެ މުހިންމު ތަނަކީ މައްކަތުލްމުކައްރަމާގެ ޖަމުޢިއްޔާ މަރާކިޒު އަލްއަޙުޔާގެ މައި މަރުކަޒެވެ. މި މަރުކަޒަށް ވަޑައިގެން "ތަޢުޡީމުލް ބަލަދިލްޙާރާމް މަޝްރޫޢު ހިނގަމުންދާ ގޮތް ބައްލަވައިލެއްވިއެވެ. މި މަޝްރޫޢާ ބެހޭ ގޮތުން އިމާމުންނަށް މަޢުލޫމާތު ދެއްވީ އެ މަޝްރޫޢޫގެ "ތަމްރީނާއި މިފާޟު" ޕްރޮގްރާމްގެ މުދީރު ޝައިޚު ޚާލިދު ބިން ޢަބްދުލްމަލިކުއްނަހާރީއެވެ.

މުދީރުގެ ސާދާ އަދި ފަޞާޙަތްތެރި ވާހަކަތަކުން އިމާމުން ޝައުޤުވެރިކުރެއްވިއެވެ. ފަރިތަކަމާއެކު އޭނާ ހުށަހަޅުއްވައިދެއްވި ހުށަހަޅުއްވައިދެއްވުމުން މާތްވެގެންވާ މައްކާގެ ތަރައްޤީއަށް އެ މީހުން ކުރާ ބުރަ މަސައްކަތް ހާމަވިއެވެ. އަދި ޒުވާނުން ހެޔޮ މަގަށް ބައްޓަންކުރެއްވުމާއި އެހީތެރިކަމަށް ބޭނުންވާ މުސްކުޅީންނާއި ނުކުޅުނުންތެރީންނަށް އެހީތެރިވެދެއްވާ ގޮތުގެ މަޢުލޫމާތުދެއްވިއެވެ. އަދި މަސްޖިދުލްޙަރާމްގެ ޙުރުމަތް ދެމެހެއްޓުމުގައި ޒުވާނުންނަށް ދެއްވާ ތަމްރީނު ވެސް ހާމަވިއެވެ. އަދި އެކި ގައުމުތަކުން "ﷲގެ މެހުމާނުދާރީ"އަށް އަންނަ މެހުމާނުންނަށް އެ މީހުން ދޭ ޚިދުމަތްތައް ވެސް އޮޅުން ފިލުވައިދެއްވިއެވެ. ޚާލިދުގެ ދޫ ފަސޭހަ ހުށަހެޅުމަށް ފަހު ކޮންމެ ބައިވެރިއަކަށް ފޮތް ހަދިޔާކުރުން ވެސް އޮތެވެ.

އެއަށް ފަހު، މައްކާގެ މުހިންމު ހުރިހާ ތަނަކަށް އިމާމުން ގެންދިޔައެވެ. މީގެ ތެރޭގައި ޘައުރު ފަރުބަދައާއި ޖަބަލުއްނޫރާއި މިނާއާއި މުޒުދަލިފާއާއި އެކިއެކި މުހިންމު ބޭބޭކަލުންނާއި ކަނބަލުން ފަސްތާނުލެވިފައިވާ ތަންތަނަށް ވެސް ޒިޔާރަތްކުރެއްވިއެވެ. އަދި ޚަލީފާގެ އަނބިކަނބަލުން މަލިކާ ޒުބައިދާގެ އިސްނެންގެވުމުގެ މަތީން ތައްޔާރުކުރެއްވި މަޞްނޫޢީ ކޯރު ވެސް ދައްކައިލެއްވިއެވެ. މި މަޝްރޫޢުގައި ކޯރަޑިއަކުން ޖަހާ ކޮންމެ ފަހަރަކަށް ދީނާރެއް ދެއްވާން ޖެހުނަސް އެ މަސައްކަތް ކުރައްވާން ޖެހޭކަމަށާއި ދައުލަތުގައި ފައިސާ އެބަ ހުރިކަމަށް ޒުބައިދާ ވިދާޅުވިކަމަށް ވެސް މަޢުލޫމާތު ދެއްވިއެވެ.

މެންދުރުގެ ޖާފަތުގައި ބައެއް ބޭފުޅުން<br>

މިއަދުގެ މެންދުރު ކެއުން ހަމަޖައްސައިފައި އޮތީ ޢަރަބި ސަގާފަތާ އެއް ގޮތަށް ދެއްވި ޚާއްޞަ ޖާފަރެއްގެ ގޮތުގައެވެ. ދިވެހީންގެ އިތުރަށް ދެކުނުއެފުރިކާއާއި މެލޭޝިއާއާއި ޓެންޒޭނިއާއާއި އުރުދުނާއި މެލޭޝިއާއާއި އިންޑޮނޭޝިއާގެ މަންދޫބުން ވެސް މި ޖާފަތުގައި ބައިވެރިވިއެވެ. ކޮންމެ ފަސް މީހަކަށް ކެއުމެއްގެ ގޮތަށް އިންތިޒާމުކުރެވިފައިވާ މި ޖާފަތަށް އިންސާފުކުރީ ޢަރަބި ސަގާފަތާ އެއް ގޮތަށް ދޫލަމަތީގައި އިށީނދެގެން ތިބެއެވެ.

މެންދުރު ނަމާދާއި ޢަޞްރު ނަމާދަށް ފަހު، އިމާމުން ޒިޔާރަތްކުރި އެންމެ ޚާއްޞަ ތަނަކީ "ވަޙީގެ މަޢުރަޒެވެ." މިއީ އެންމެ ޒަމާނީ ގޮތަށް ފަންނިއްޔާތުގެ އެހީގައި ތައްޔާރުކޮށްފައިވާ މަޢުރަޒެކެވެ. ﷲގެ ނަބިއްޔާ ސަލާމްލެއްވި އާދަމްގެ ފާނުން ފެށިގެން އެކިއެކި ނަބީބޭކަލުންނަށް ﷲގެ ރިސާލަތު ފޮނުއްވި ގޮތާއި އެ ރިސާލަތުގެ ނަތީޖާ ސަލާމާއި ޞަލަވާތްލެއްވި މާތް މުޙަންމަދުގެފާނުގެ ނަބީކަން ފެށިގެން އައި ހިސާބަށް ވެސް ފަތުރުވެރީން ޝައުޤުވެރިވާ ގޮތަށް މި މަޢުރަޒުގައި ވަޙީގެ ކަންކަން ހިނގައި ދިޔަ ގޮތް ވަރަށް ފުރިހަމައަށް ހުށަހަޅުއްވައިދެއްވިއެވެ. އަދި ފުރަތަމަ ވަޙީ ބާވައިލެއްވި ތަންކަމަށްވާ ޙިރާ ފަރުބަދައިގެ ހޮހޮޅައިގެ މަޞްނޫޢީ ނަމާޫނާއެއް ވެސް މި މަޢުރަޒުގައި ހުއްޓެވެ. އެންމެ ކުރީ ޒަމާނުގެ މުޞްޙަފުތަކާއި ބަރަނި ރޮދީން އަތުން ފަހައިގެން ލިޔުން ތައްޔާރުކޮށްފައިވާ މުޞްޙަފެއް ވެސް މަޢުރަޒުގައި ދައްކައިލާން ބަހައްޓައިފައި ހުއްޓެވެ.

ބަރަނި ރޮދީން ފަހައިގެން، ޕާކިސްތާނުގެ އަންހެންކުއްޖަކު ތައްޔާރުކޮށްފައިވާ މުޞްޙަފެއް<br>

ދިވެހިރާއްޖެ އިސްލާމްވި ގޮތާއި އޭގެ ފަހުން މާތްވެގެންވާ އިސްލާމްދީނާއި ދިވެހީންގެ މިނިވަންކަން ޙިމާޔަތްކުރެއްވުމަށް ކާބަފައިން ވެވަޑައިގަތް ޤުރުބާނީ މިއަދުގެ ޖީލަށް ދެއްކުމަށް ޓަކައި، "ދިވެހީންގެ ވާހަކަ"ގެ ގޮތުގައި ދިވެހިރާއްޖޭގައި މި ފަދަ މަޢުރަޒެއް ތައްޔާރުކުރެއްވުމަކީ ޤައުމިއްޔަތަށް ޓަކައި ހާދަހާ މުހިންމު ކަމެކޭ އަޅުގަނޑުގެ ހިތަށް އެރިއެވެ. މި ކަމަށް ޓަކައި ސަޢުދީ ޢަރަބިއްޔާގެ ޒަމާނީ ފަންނިއްޔާތުގެ އެހީ ސަރުކާރަށް ހޯއްދެވިދާނެކަމަށް ވެސް ލަފާކުރެވުނެވެ.

އިސްވެ މި ދަންނަވައިލެވުނު ތަންތާގެ އިތުރަށް ވެސް މައްކާ ސަރަޙައްދުގެ އިން ވަކިކުރައްވާން ފަހުދު ރަސްގެފާނުގެ ޒަމާނުގައި ޖެއްސެވި ފާހަގަތާކައި، މި ނޫނަސް މައްކާ ސަރަހައްދުގައި ހުރި މުހިންމު ހުރިހާ ތަނެއް ދިވެހި އިމާމުންނާއި ޚަޠީބުންގެ އިތުރަށް އެކި ގައުމުތަކުން އައިސް ތިބި މަންދޫބުންނަށް ދައްކަވައިލައްވައި ފުރިހަމަ މަޢުލޫމާތު ދެއްވިއެވެ.

ޙިރާ ފަރުބަދައިގެ ހޮހޮޅަ: މިއީ އަސްލާ އެއް ގޮތަށް މަޞްނޫޢީ ގޮތަށް މަޢުރަޒުގައި ތައްޔާރުކޮށްފައިވާ ތަނެކެވެ.<br>

އެންމެ ހުސް ވަގުތުކޮޅެއް ވެސް ނެތް މި ކަމާކެތްމަށް ފަހު، އިމާމުން އެނބުރި ޙަރަމްފުޅަށް ވަޑައިގަތީ ހަވީރު 6:30 ވީ ފަހުންނެވެ.

މި ދުވަސްވަރަކީ މައްކާއަށް ފިނި ދުވަސްވަރެއްކަމަށް ވާތީ، މާ ބޮޑު އުނދަގުލަކާ ނުލައި ޢުމުރާގެ އަޅުކަން އަދާކުރައްވައި ނިންމަވައިލެއްވީ ވަރަށް ޖޯޝާއެކުގައެވެ. މާދަމާ އޮންނާނީ ޤަބުރުސްތާނަށާއި ހިނަވާ ގެއަށް ޒިޔާރަތްކުރެއްވުމެވެ.

ހުރިހާ ބޭފުޅުންގެ ޙާލުކޮޅު ވެސް ރަނގަޅެވެ. ދިވެހި އެއްވެސް އިމާމަކު އަދި ޚަޠީބަކު ވެސް އާލާސްކަންފުޅަކާއެއް ނޫޅުއްވައެވެ. ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަންމަތީގައެވެ. މާދަމާ ވެސް ވަރަށް އަވަދި ނެތް ކަމާކެތްމެއް އެބަ އޮތްކަމަށް މަޢުލޫމާތު ލިބެއެވެ. މި ދަތުރުފުޅުގެ އިތުރު ތަފުޞީލުތައް ވެސް ފަރަގަށް ލިބުނު ވަރަކުން ޝާއިޢުކުރަމުން ގެންދާނަމެވެ.

މި ތަޖުރިބާ ދަތުރުފުޅުގައި އިސްބޭފުޅެއްގެ ގޮތުން ވަޑައިގެން އުޅުއްވަނީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚު މުޙަންމަދު ލަޠީފެވެ.

_______________________________________

ދެ ލަފުޒެއްގެ މާނަ:

ކަމާކެމި     ނ.       ކަމެއްގައި އެކުލެވިގެންވާ ހުރިހާ ކަމެއް.   (ޕްރޮގްރާމް)

މައުރަޒު     ނ.       (1) ފަންނީގޮތުން ކުރެވޭ މަސައްކަތްތަކުގެ ނަމޫނާތައް ހުށަހެޅޭތަން. ދައްކައިލަން ބަހައްޓާފައި ހުންނަތަން. (2) ދައްކާން ބޭނުންވާތަކެތި ދެއްކުމަށް ޓަކައި، ބަހައްޓައިފައި ހުންނަ ތަން.

Advertisement

ކޮމެންޓް
ޚާލިދު އަހްމަދު
ماشاء بارك الله فيكم
19 Feb 2024
ޚާލިދު އަހްމަދު
ماشاء بارك الله فيكم
19 Feb 2024