ހައްގު (1)
އަސްމާ އަބޫބަކުރު
ކޮންމެ އާއިލާއެއް ވެސް ދިރިއުޅުމަށް ގެއެއް ބޭނުންވާ ފަދައިން، ވަރުގަދަ ގުޅުމެއް އޮތް އާއިލާ އަކީ ގެއެއް ބިނާކުރުމުގެ ބިންގަލެވެ. އާއިލާއެއްގައި އެކަކު އަނެކަކު ހިއްސާކުރާ ހަނދާންތަކާއި ވަގުތާއި އަޅާލުމާއި ދެވޭ ލޯތްބަކީ ކުރިމަގުގެ އުންމީދެވެ. އެ އުއްމީދުގެ އަލިކަމުގައި ޔޫލީއާއި އޭނާގެ އާއިލާ ދުވަސްތައް ގުނަމުން ގެންދަނީ އުފާވެރި ކަމާއެކުގައެވެ.
އާދައިގެ މަތީން ޔޫލީގެ އާއިލާ ކާރު ބުރު ޖެހުމަށް ނިކުތްދުވަހެކެވެ. ޔޫލީމެންގެ ކާރު ދުއްވަމުން ދިޔައީ މާ ބާރަކަށް ވެސް ނޫނެވެ. ޔޫލީ އިނީ ފަހަތު ސީޓުގައި ދައްތަ ޔޫހާ އެކުގައެވެ. މަންމަ އާއި ބައްޕަ ތިބީ ކުރީ ސީޓުގައެވެ. ކުއްލިއަކަށް ބާރު އަޑުފަށްގަނޑެއް އިވިގެން ދިއުމާއެކު ޔޫލީ ދިޔައީ ސިއްސައިގެންނެވެ. މަންމަ އާއި ބައްޕަގެ ހަޅޭކުގެ އަޑު ވެސް އިވުނީ އެކުއެކީގައެވެ. ކުރިމަތިން ކާރެއް އައިސް ޔޫލީމެންގެ ކާރުގައި ޖެއްސީ ކަމެއް ނޫނީ ކާރު އޯވަރޓޭކް ކުރަން އުޅުނީ ކަމެއް ނޭނގެއެވެ. އެވަގުތު އަރިއަޅާލައިގެން ކާރުތެރެއަށް ޔޫލީ ވެއްޓުނުކަން އެނގުނެވެ. ކާރުގެ ފުރޮޅުތައް މައްޗަށް ޖެހިފައި ހުރިކަން ވެސް އެނގުނެވެ. އެންމެންގެ ހަޅޭކުގެ އަޑު ވަރަށް ދުރުން އަންނަހެން ޔޫލީއަށް ހީވިއެވެ. ބޮލަށް ވަރަށް ބޮޑަށް ތަދުވާކަމުގެ އިޙްޞާސް ކުރެވުނެވެ. އަތްހޫރަން މަސައްކަތް ކުރި ނަމަވެސް އަތްވެސް ނެގޭގޮތެއް ނުވިއެވެ. ކާރުގެ ދޮރު ހުޅުވޭތޯ ޔޫލީ ހިތްވަރުކުރިއެވެ. އެކަމަކު އެވަގުތު ލޯމައްޗަށް އަނދިރިވީ ކުއްލިއަކަށެވެ.
ލޯ ހުޅުވުނު އިރު އޮތީ ހުދުކުލައިގެ ފޮތިގަނޑަކުން މުޅި ހަށިގަނޑު ނިވާކޮށްފައެވެ. މަންމަ އާއި ބައްޕަ ވީތަނެއް ނޭނގެއެވެ. ދައްތަ ޔޫހާ ކޮބައިތޯ ވެސް ކަޅިއެއް އެއްލިއެވެ. ބޮލަށްބަރުވެފައި ހުރިކަމުގެ އިހްސާސްކުރެވުނީ އެވަގުތެވެ. ބޮލުގައި އަތްޖައްސާލިއިރު މުޅި ބޯ ހުރީ ބެންޑޭޖުކޮށްފައެވެ. ބަރުކަމުން ފަރާތަކަށް ވެސް ބޯ އަނބުރައި ނުލެވެއެވެ. ގައިގެ އެތަން މިތަނުގައި ރިއްސަމުން ދިޔައެވެ. ވާހަކަ ދައްކަން އަނގަ ހުޅުވާލުމާއެކު ނަރުހެއް އައިސް މަޑުން އޮތުމަށް ނަޞޭޙަތްތެރިވިއެވެ. ޔޫލީ ލޯމަރާލީ ހަށިގަނޑަށް އަރާމެއްވޭތޯއެވެ. ހިތުތެރޭގައި ކުރަންހުރި ސުވާލުތައް ފުނިޖަހާފައި ބެހެއްޓީއެވެ. މަންމަ އާއި ބައްޕަ އަށް ގޮވަން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެހެންނަމަވެސް މާގިނައިރުތަކެއް ނުވެ ލޯމެރިއްޖެއެވެ.
ދެވަނަ ފަހަރަށް ލޯ ހުޅުވައިލެވުމާއެކު ދެ ފުލުހުން އައިސް ޔޫލީގެ ބަޔާން ނެގިއެވެ. ޔޫލީއަށް ޝައްކު ކުރެވޭ މީހަކު ނެތެވެ. އެވަގުތު ދިޔަ ކާރެއްގެ މަތިން ވެސް ޔޫލީ ހަނދާނެއް ނުވިއެވެ. ޔޫލީގެ ފަރާތުން ފުލުހުންނަށް އެއްވެސް އެއްޗެއް އޮޅުން ފިލާގޮތެއް ނުވިއެވެ.
" މަންމާ" ޔޫލީ އަށް ލޯ ހުޅުވާލުމާއެކު ރޮވެން ފެށިއެވެ. މަންމަ އާއި ބައްޕަ އަދި ދައްތަ ވެސް ފެންނަން ނެތުމުން ޔޫލީ ހިތަށް އެތައް ސުވާލުތަކެއް އަރަމުން ދިޔައެވެ.
" ކޮބާ އަހަރެންގެ މަންމަ އާއި ބައްޕަ" ޔޫލީ ގާތަށް ނަރުހަކު އައުމުން އުނދަގުލުން ނަމަވެސް އެ ސުވާލު ކުރިއެވެ.
އެވަގުތު ބައްޕަގެ ކޮއްކޮ ކަމުގައިވާ ސުނާނާ އަންނަތަން ފެނުނެވެ. އޭނާގެ މޫނުމަތި ފެނުމުން ޔޫލީއަށް ކޮންމެ ވެސް ކަމެއް ގޯސް ވެއްޖެކަން އަންދާޒާ ކުރެވުނެވެ.
"ތިއްތާ. ކޮބާ މަންމަ އާއި ބައްޕަ؟" ޔޫލީ ކެތްމަދުވެފައިވާ ސުވާލު ކުރިއެވެ. ސުނާނާ ނުބުނާން ހުރެފައި ވެސް އެންމެ ފަހުން އެ ވާހަކަ ބުނަން ނިންމިއެވެ. ސިއްރު ކޮށްގެން ވާނެ ފައިދާއެއް ނެތުމާއެކުގައެވެ.
"ކާރު އެކްސިޑެންޓްގައި މަންމަ އާއި ބައްޕަ އާއި ދޮންތަ ވެސް ނިޔާވެއްޖެ. މިހާރު އޭގެ ފަހުން ތިންދުވަސް މިވީ. ޔޫލީ ރަނގަޅުވީމާ ގެއަށް ދެވޭނީ."
" ކީއްވެ އަހަރެން މަރުނުވީ" ޔޫލީއަށް ރޮމުން ބުނެވުނެވެ. ކާރު އެކްސިޑެންޓްގެ ހަނދާންތައް އެވަގުތު އާވަން ފެށިއެވެ.
އެދުވަހަކީ ހަފްތާގެ ބަންދު ދުވަހެއް ކަމުން އާދައިގެމަތީން އެކުޑަ ޢާއިލާ އެކުގައި ހޭދަކުރާ ދުވަހެވެ. ހެނދުނުން ފެށިގެން އެންމެން އެކި ޕްރޮގްރާމްތައް ރޭވުމުގައި އުޅެފައި އެންމެފަހުން ހަވީރުވުމުން ހުޅުމާލެއަށް ކާރު ދުއްވާލަން ދިއުމަށް ނިންމީ ޔޫލީގެ ބަހަށެވެ. ހަފްތާގެ ބަންދަކީ އެންމެން އެކީ ވަގުތު ހޭދަކޮށްލަން ލިބޭ ދެ ދުވަހެވެ. ޔޫލީގެ އޭލެވެލް އިމްތިހާން ނުނިމިގެން ޔޫހާ ވެސް ހުރީ ކެތްމަދުވެފައެވެ. ކުރަން ކިތަންމެ ކަމެއް ރޭވި ކަމުގައިވިއަސް އެދުވަހު ކާރު ދުއްވާލަން ނިކުތީ އެންމެން އެކީގައި ތަނަކަށް ނުދެވޭތާ ދުވަސްކޮޅެއް ވުމުން މަޖާކޮށްލުމުގެ ބޭނުމުގައެވެ.
ޔޫލީގެ ހަނދާންތައް ދަތުރުކުރަމުން ދިޔައީ އެ ދުވަހު ކާރު ބުރުޖެހުމަށް އެންމެން އުޅުނު ގޮތަށެވެ. ޔޫހާ އަވަސްކުރަން ހަދައިގެން އިސްތިރިކުރި ހެދުން ބާއްވާފައި އެހެން ހެދުމެއް ލައިގެން ނިކުތުމުން އެބަދަލު ކުރަން ވެސް ވަގުތު ނެތްކަމަށް ބުނެވުނު ހަނދާނެވެ. މަންމަގެ ބޫޓު ގެނެސްދެވުނު ހަނދާނެވެ. ބައްޕައަށް ކާރުގެ ތަޅުދަނޑިވެސް ގެނެސްދިނީ ޔޫލީއެވެ. އެންމެން ގޮވައިގެން ކާރަށް އަރަން އަވަސްކުރުމުގައި ޔޫލީ އުޅުނު ހަނދާންވުމުން ލޮލުން ކަރުނަ އަންނަން ފެށިއެވެ. ޔޫލީއަށް މަގުމަތިން ފެނުނު ކުޑަކުއްޖާ ދުވަމުން ދިޔަ ގޮތް ބަލަން އިނދެވުނުގޮތެވެ. ކުއްލިއަކަށް ކާރުން ގޮވި އަޑުފަށްގަނޑާއެކު އެންމެންގެ ހަޅޭކުގެ އަޑެވެ.
"އަހަރެންގެ ސަބަބުން މިހެން މިވީ. އަވަސް އަރުވާލައިގެން ކާރު ދުއްވަން ދިޔައީ އަހަރެން ބުނެގެން." ރޮމުން ޔޫލީއަށް ބުނެވުނެވެ. އެވަގުތު ސުނާނާ އިނީ ޔޫލީއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ސުނާނާ އެއްޗެއް ނުބުނެއެވެ.
އޭގެ ހަފްތާއެއްގެ ފަހެވެ. ޔޫލީ ކޮރު ޖަހަމުން ގޮސް ގެއަށް ވަނެވެ. އެކިވަރުގެ ޒަޚަމް ތަކުގެ ސަބަބުން ޔޫލީއަކަށް ރަނގަޅަށް ހިނގާ ބިނގާވެ ނޫޅެވެއެވެ. އަތުގައި ރިއްސާވަރުން ކަނާތް ހިއްލާލެވެނީވެސް ވަރަށް އުނދަގުލުންނެވެ. ގެއަށް ވަނުމުން ޢާއިލާގެ ކޮންމެ މީހެއްގެ މަތިން ހަނދާންވާން ފެށިއެވެ. ކިތަންމެ ހިތްވަރު ކުރަން އުޅުނަސް ޔޫލީ އަކީ މައިންބަފައިންގެ ލޯބިވާ އެންމެ ހަގުދަރިފުޅެވެ. މީގެ ކުރީން އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. އަބަދުވެސް ކައިރީގައި މަންމަ ހުންނާނެއެވެ. ގޮވާލާ ކޮންމެ ފަހަރަކު ދުވެފައި އަންނާނެއެވެ. ބައްޕަ ގޭގައި ހުންނަ ގަޑިއެއްނަމަ ބައްޕަ ވެސް ހުންނާނީ ދަރިންގެ ޚިދުމަތުގައެވެ. މިއަދު އެއްވެސް ކަމެއް ކޮށްދޭނެ މީހަކު ނެތެވެ.
ޒާރާ އާއި ސަމީނާ ތިބީ ޒާރާ ގޭގެ ދޮރުމަތީގައި ވާހަކަ ދައްކާށެވެ. ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އަރާފައި އޮތް އެކްސިޑެންޓްގެ ވާހަކައެވެ. ސަލާމަތްވީ ޔޫލީކަން އެ ކުދީންނަށް އެނގުނީ މިއަދުއެވެ.
"ހިނގާބަލަ ޔޫލީ ކައިރިއަށް ޖައްސާލަން. މިއަދު ޔޫލީއަށް އެންމެންގެ އެހީތެރިކަން ބޭނުންވާނެ." ޒާރާގެ ވާހަކައަށް ސަމީނާ އެއްބަސްވިއެވެ. ދެކުދީން ވަކިވީ ޔޫލީއަށް ގޮވާލަން ދިއުމަށް އެއްބަސްވެގެންނެވެ.
ހެނދުނު ހޭލައިގެން ޔޫލީ މަސައްކަތް ކުރީ މަންމަ ކުރާ މަސައްކަތްތައް ތަރުތީބަކުން ކުރަމުން ގެންދެވޭތޯއެވެ. ބަންދު ދުވަސްތަކުގައި މަސައްކަތް ނުކުރިކަމުގައި ވިއަސް މަންމަ ފަހަތުގައި ގިނަ ވަގުތު އުޅެވިފައިވާތީ އެތަރުތީބު ޔޫލީގެ ހިތުގައި ވެއެވެ. ހެނދުނު ފަތިހާ ތެދުވެ މަންމަގެ މަސައްކަތް ފަށާނީ ފަތިސް ނަމާދަށްފަހުއެވެ. ޔޫލީ މަސައްކަތް ކުރީ މަޑުމަޑުން ނަމަވެސް ކުރީގެ ދިރިއުޅުމަށް އާދެވޭތޯއެވެ.
ޔޫލީއާ އެކީ ކިޔެވި ކުދީން އެކި ދުވަސް ދުވަހު ޔޫލީގެ ޙާލު ބަލާލަން ގެއަށް އައުމާއި ފޯނުން ގުޅައިގެން ވާހަކަ ދައްކާ ހަދައެވެ. ހުރިހާ ކުދިންގެ ތެރެއިން އަލީމް ދިޔައީ ޔޫލީއަށް ސަމާލުކަންދީ އެހީތެރިކަން ދެމުންނެވެ.
" އެނގޭތަ އަހަރެންގެ މަންމަ މިއަދު ބުނިއެއްޗެއް؟" އަލީމް ޔޫލީ ގާތުގައި އިނދެފައި ބުންޏެވެ.
"މަންމަ ބުނި ވާހަކައެއް ވެސް އެނގޭނީ ބުނީމަތާ." ދުވަސްތަކަކަށް ފަހު ޔޫލީ ހަމަޖެހިލައިގެން ވާހަކަ ދައްކަން ފެށިއެވެ. އަލީމަށް ވެސް އެވަގުތު ހުއްޓުން އެރިއެވެ. އެހެން ނޫނީ ޔޫލީ ހަމައެކަނި އާން. ހޫނ. ލެއްވުން ފިޔަވައި އިތުރު ވާހަކައެއް ނުދައްކާތީއެވެ.
" މަންމަ ބުނި ކާކުކަން ނޭނގުނަސް ތި ވާހަކަ ދައްކާ ކުއްޖާ މިގެއަށް ގެނެސްބަލާށޭ. އެކަމަކު އަހަރެން ޔޫލީ ގެންދިޔައިމަ އަހަރެންގެ އަލަމާރީގައި ހުންނަ ޚާއްޞަ ކުއްޖާ ރުޅިއަންނާނެތާ. އެހެންވެ އަސުލު ގެންދަން ނުކެރިގެން މިއުޅެނީ."
" ތި ޚާއްޞަކުއްޖާ ބަލާލާ ހިތް ވެއްޖެ ތިހެން ކިޔާތީ."
" މަރުޙަބާ. ތިޔަ ދުވަހެއްގެ އިންތިޒާރުގައި ހުންނާނަން" އަލީމުގެ މަޖާ ވާހަކަ ތަކުންނާ، އެކުވެރިންގެ އަޅާލުމުގެ ސަބަބުން ޔޫލީ ހަމައަކަށް އެޅެން ފަށައިފިއެވެ.
ރޭގަނޑުގެ ހަމައަށް ނުނިދުނަސް ޔޫލީ ބޭނުން ވަނީ މަންމަ ކުރިގޮތަށް މަސައްކަތް ކުރުމަށެވެ. އެހެން ނޫނީ ގޭތެރެ ވެސް ހަޑިވާނެކަން ޔޫލީއަށް އެނގެއެވެ. އެކަމަކު އެގޮތަށް މަސައްކަތް ކުރެވޭނީ ފަތިހު ތެދުވެގެން މަސައްކަތް ކުރަން ފެށުމުންކަން ޔޫލީއަށް ވިސްނުނެވެ.
" ގޭތެރެ ފޮޅާ ސާފުކުރުން މީ ހާދަ ބޮޑުކަމެކޭ. ކުރިން އިޙްސާސު ވެސް ނުކުރެވޭ. މަންމަ ހިނިތުންވެ ހުރެ މިކަންކަން ކުރަނީ އެއްވެސް ބޮޑު ކަމަކަށް ނުހަދާ. އެކަމަކު އަހަރެން ކިހިނެއް މި ކަންކަން ކުރާނީ. އަދި މީހާ ވެސް ފިޓެއް ނޫން." ޔޫލީގެ ހިތަށް އަރަމުން ދިޔައެވެ. އެންމެ ފަހުން މަސައްކަތް ބުރަވެގެން ޔޫލީއަށް ރޮވެން ފެށިއެވެ. ރޮމުން ގޮސް އެނދަން ވެއްޓިގަތެވެ. ނިދުނު އިރެއް ވެސް ނޭނގެއެވެ. ހޭލެވުނީ ބަނޑުހައިވެގެންނެވެ.
"ދަރިފުޅާ. މަންމަ ނެތް ދުނިޔެއެއްގައި ވެސް އެކަނި އުޅެން ދަސްކުރަންވާނެ. ހިތްވަރު ގަދަ ކުރަންވާނެ." ޔޫލީއަށް ހަނދާންވީ މަންމަ އަބަދުވެސް މަސައްކަތެއް ކުރަން ބުނުމުން ޔޫލީ ކުސްތަޅަން ފެށުމާއެކު މަންމަ ލޯބިން ބުނާ ޖުމްލަ މަތިންނެވެ. މަސައްކަތް ނުކުރި ކަމުގައި ވިއަސް މަންމަ ހިތްހަމަ ނުޖެހިފައި އެއްޗެއް ނުބުނެއެވެ. ހަމައެކަނި ނަޞޭހަތުގެ ބަސްތަކުން ފުއްދާލާނީ އެވެ.
" އަޅެ މަންމަ އަހަރެން ލައްވާ ކަންކަން ގަދަކަމުން ކުރުވި ނަމަ. ނޫނީ ދޮންތަ ވެސް ކައިރީގައި ހުރި ނަމަ" މިއަދު ނަމައަކުން ކުރެވޭނެ ކަމެއް ނެތެވެ. ޔޫލީ މަންމަގެ ބަސް ހިތަށް އެރުމާއެކު ތެދުވެ އެކަނި ކައްކަން އެނގޭތޯ ބަދިގެއަށް ހިނގައްޖެއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޔޫލީ ދިޔައީ އަމިއްލައަށް ކަންކަން ދަސްކުރަމުންނެވެ. ޒާރާ އާއި ސަމީނާގެ އެހީތެރިކަމާއި އެކުދީންގެ ޢާއިލާތަކުން ލިބުނު ލޯބިން ޔޫލީ އަށް އެކަނި އުޅެލެވޭ ވަރުވެއްޖެއެވެ. އަލީމުގެ ކޯލްތަކަކީ ޔޫލީގެ ހިތްވަރަށް ވިއެވެ. ކިތަންމެ ހިތި ހަނދާންތަކެއް ހިތުގައި ވިއަސް އެކަން ބޭރުފުށުން ނުދައްކައި އާދައިގެ ދިރިއުޅުމެއް އުޅޭން ޔޫލީ މަސައްކަތް ކުރެއެވެ. އެންމެ އުނދަގޫ ކަމަކީ ނިދުމެވެ. އެކަމުގެ ޙައްލެއް ނުލިބިގެން ޔޫލީ ޑޮކްޓަރަށް ދެއްކިއެވެ. ނިދަން އުނދަގޫވެއްޖެނަމަ ނިދި ބޭސް ގުޅައެއް ކެއުމަށް ޑޮކްޓަރ މަޝްވަރާ ދެއްވާފައި ވެއެވެ. އެހެންނަމަވެސް ޔޫލީ ނިދާބޭސް ބޭނުން ކުރަނީ މަދު ފަހަރެއްގައެވެ.
ދުނިޔޭގެ ކަންކަން ހިނގަމުންދަނީ އެކި މީހުންނަށް އެކިގޮތަށެވެ. އެއްބަޔަކު ހެމުންދާއިރު އަނެއްބަޔަކު އުޅެން ޖެހެނީ ރުއިމުގައެވެ. އެއްބަޔަކަށް ދުވާލު ވެއްޖެނަމަ އަނެއްބަޔަކަށް ރޭގަނޑު ކަމުގައިވެއެވެ. މި ދުނިޔޭގައި އިތުބާރުކޮށްފައި ނުކުރާންވީ ކާކަށް ކަމެއް ނޭގެނގެއެވެ. ހޮސްޕިޓަލުން އެހީވި ތިއްތަ ޔޫލީ ދޫކޮށްލާފައި ދިޔައީ ކޮންތާކަށް ކަމެއް ޔޫލީއަކަށް ނޭނގެއެވެ.
ޔޫލީގެ އެކުވެރީންނަށް ޢާއިލާއާ އެކު ދުވަސްތައް ހޭދަކުރަމުންދާއިރު، ޔޫލީއަށް އެކަނި ވެރި ދުވަސްތަކެއްގެ ގޮތުގައި ވަނީ ދުވަސް ގުނަން ޖެހިފައެވެ. ރުއިމުން ލިބޭ ހިތްހަމަ ޖެހުން ފިޔަވައި އެހެން ހިތްހަމަ ޖެހުމެއް ނެތެވެ. ވަގުތާއެކު ކޮންމެ ހިތާމައެއް ފިލައިގެން ދާފަދައިން ޔޫލީގެ ހިތަށް ހަމަޖެހުމާއި ކެތްތެރިކަން ލިބޭނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ކަމެއްގައި ކެތްތެރިވުމަށް ބައްޕަ އަބަދުވެސް ބުނެދީފައި ވެއެވެ. ކޮންމެ ހިތާމަ އަކަށް ފަހު އުފަލެއް ލިބިގެންދާނެ ކަމަށް މަންމަ އަބަދުވެސް ބުނެއެވެ.
"އެކަމަކު މަށަށް އެކްސިޑެންޓްގެ ފަހުން އޮތީ ކޮން އުފަލެއް ހެއްޔެވެ؟ އެބުނާ ހިތާމައަކަށްފަހު އުފަލެއް ލިބުނީ ކިތަށް މީހުންނަށްބާވައެވެ." ޔޫލީ އަމިއްލަ ނަފްސާ ޝަކުވާ ކުރަމުން ދިޔައެވެ. ކިތަންމެ ފަހަރަކު މަރުވުމަށް އެދި ދުޢާ ވެސް ކުރެއެވެ.
ހެނދުނުގެ ހިތްގައިމު ވަގުތެވެ. ޔޫލީ މިއަދު އެންމެ އިސްކަމެއް ދީގެން ސާފުކުރަމުން ދަނީ ގޭގައި ހުރި އަލަމާރިއެވެ. ކުއްޔަށް ހިފާފައި ހުރި ދެ ކޮޓަރީން އެއްކޮޓަރި ރަށުގެ ބަޔަކަށް ކުއްޔަށް ދިނުމަށް ޔޫލީ ނިންމީ ފައިސާ ބޭނުން ޖެހިފައިވުމުންނެވެ. މިއަދު ޔޫލީ އަތުގައި އެއްވެސް ވަރަކަށް ފައިސާއެއް ނެތެވެ. ޒަރޫރީ ބޭނުންތަކަށް އެއްޗެއް ގަނެވޭނެ ފަދައެއް ވެސް ނެތެވެ. (ނުނިމޭ)