Advertisement

އިމާމުންނާއި ޚަޠީބުންގެ ގުރޫޕުން ޢުމްރާގެ އަޅުކަން ފުރިހަމަކުރައްވައިފި

17 Feb 2024 | 13:23
އިމާމުންނާއި ޚަޠީބުން: އިމާމުންނާއި ޚަޠީބުންނަށް ތަމްރީނު ދިނުމަށް ޓަކައި ހިންގަވާ ދައުރާ ޕްރޮގްރާމެއްގެ ދަށުން މިހާރު އެ ބޭފުޅުން ވަޑައިގެން ތިއްބެވީ މައްކާގައެވެ. (ފޮޓޯ: އިސްލާމީ ވުޒާރާ)

މައްކާއިން "ފަރަގު"ގެ ޚާއްޞަ މުރާސިލު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސަޢޫދީ ޢަރަބިއްޔާއަށް ދައުރާއަކަށް ވަޑައިގަތް ޚަޠީބުންނާއި އިމާމުންގެ ގުރޫޕްގައި ހިމެނިވަޑައިގަތް ހުރިހާ ބޭފުޅުން ޢުމްރާގެ އަޅުކަން އަދާކުރައްވައި މިއަދު ނިންމަވައިފިއެވެ. ހުކުރުދުވަހު މެންދުރު ފަހު 3:20ގައި މާލެއިން ރިޔާޟަށް ވަޑައިގަތުމަށް ފަހު ޖިއްދާއަށް ވަޑައިގެން އިޙުރާމް ހެދުން ތުރުކުރައްވައިގެން މަތީންދާބޯޓުގައި މީޤާތުން ޢުމްރާއަށް ނިޔަތްގަތުމަށް ފަހު، އެ ބޭފުޅުންނަށް މައްކާއަށް ވަޑައިގެން ޠަވާފުކުރައްވައި ސަޢުޔުކުރައްވައި ތަޙައްލުލުވެޑައިގެންނެވުނީ ހޮނިހިރު ދުވަހު 10 ވެސް ޖެހި ފަހުންނެވެ. މި ހުރިހާ ވަގުތެއްގައި އެ ބޭފުޅުން ހޭދަކުރެއްވީ އަވަހާރަފުޅުވެސްނުލައްޕަވައެވެ.

މި ދުވަސްވަރަކީ މައްކާއަށް ފިނި ދުވަސްވަރެއްކަމަށް ވާތީ، މާ ބޮޑު އުނދަގުލަކާ ނުލައި އިމާމުން ޢުމުރާގެ އަޅުކަން އަދާކުރައްވައި ނިންމަވައިލެއްވީ ވަރަށް ޖޯޝާއެކުގައެވެ. ޢުމުރާގެ ކަންތައް ނިމުމަށް ފަހު ދައުރާގެ ޕްރަގޮރާމްތައް މިއަދު ހަވީރު 4:00ގައި ފެށިއްޖެއެވެ. މާދަމާ އޮންނާނީ ސަޢޫދީ ޢަރަބިއްޔާގެ މުހިންމު އެކި ތަންތަނަށް ޒިޔާރަތްކުރެއްވުމެވެ.

މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ އިސްލާމީ ބައެއް މުއައްސަސާތަކަށް ޒިޔަތްކުރެއްވުން އޮންނާނެއެވެ. އަދި ޤަބުރުސްތާނަށް ވަޑައިގެން މައްޔިތުން ހެނެވުމުގެ ކަންކަން ހިނގާ ގޮތް ވެސް މާދަމާ ބައްލައިލައްވާނެއެެވެ. މި ދަތުރުފުޅުގެ ތަފުސީލުތައް ފަރަގަށް ލިބުނު ވަރަކުން ޝާއިޢުކުރަމުން ގެންދާނަމެވެ. ހުރިހާ ބޭފުޅުންގެ ޙާލުކޮޅު ވެސް ރަނގަޅެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި އިމާމުންނާއި ޚަތީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުގެ ދަށުން މައްކާއަށް ކުރަމުންދާ ދަތުރުގައި މިހާރު އެ ބޭފުޅުން ތިއްބެވީ މައްކާގައިކަމަށެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިދަތުރުގައި މައްކާ އަދި މަދީނާގެ ޚާއްސަ ތަންތަނަށް އިމާމުން ޒިޔާރަތްކުރައްވާނެކަމަށާއި، މި އަހަރު އިމާމުންނާއި ޚަތީބުން، ސައުދީގެ އިތުރުން މިސްރާއި މެލޭޝިޔާއާއި، ބުރޫނާއީއާއި، އިންޑޮނޭޝިޔާއަށް ވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކުރައްވާނެކަަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމް ފަށާފައިވާ އިރު، އެ ވުޒާރާއިން އިސް ނަންގަވައިގެން ދާދި ފަހުން ވަނީ އިމާމުން ތާޒާކުރެއްވުމުގެ ގައުމީ މަޝްރޫއެއް ވެސް އިފުތިތާހުކުރައްވައިފައެވެ. އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ތަފާތު 11 ސަރަހައްދަކަށް ބައްސަވައިލައްވައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ.

މި ފަހަރުގެ މި ތަޖުރިބާ ދަތުރުފުޅުގައި އިސްބޭފުޅެއްގެ ގޮތުން ވަޑައިގެން އުޅުއްވަނީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚު މުޙަންމަދު ލަޠީފެވެ.

Advertisement

ކޮމެންޓް