Advertisement

އިމާމުން ސަޢޫދީއަށް: ފޮތުން ޙާޞިލުކުރާ މަޢުލޫމާތަށް ވުރެ ތަޖުރިބާއިން އެނގޭ އެނގުންތައް މާ ގިނަވެފައި ވަރުގަދަވާނެއެވެ.

16 Feb 2024 | 08:52
ޝައިޚު: މުޙަންމަދު ލަޠީފު: މިއަދު ސަޢުދީއަށް ފުރައިވަޑައިގަންނަވާ އިމާމުންނާއި ޚަޠީބުންގެ އިސް ބޭފުޅެއްގެ ގޮތުން ވަޑައިގަންނަވަނީ އޭނާއެވެ. (ފައިލް ފޮޓޯ)

"ފަރަގު"ގެ ޚާއްޞަ މުރާސިލު

ތަޖުރިބާއަކީ ވަރަށް މުހިންމު އެއްޗެކެވެ. އިމާމްޝިޕް ކޯސްތަކާއި އިސްލާމިކް ސްޓަޑީޒާއި ޝަރީޢާ އިން ޑިޕްލޮމާއާއި ޑިގްރީއާއި މާސްޓަރސް ހައްދަވައިގެން ރާއްޖޭގައި އިމާމުކަން ކުރައްވާ އިމާމުންނާއި ޚަޠީބުން ވަރަށް ގިނައެވެ. އެ ބޭބޭފުޅުންގެ މަޢުލޫމާތުގެ ޚަޒާނާ ފަގީރެއް ވެސް ނުވާނެއެވެ. ހުނަރު ވެސް ހުންނާނެއެވެ. ނަމަވެސް ދުނިޔޭގެ ފެންވަރުގެ ތަޖުރިބާތަކަކީ މާ މުހިންމު އެއްޗެކެވެ. ތަޖުރިބާގެ މި ފަދަ ފުރުޞަތުތައް އިމާމުންނާއި ޚާޠީބުންނަށް ހޯއްދަވައިދެއްވުމަށް ޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައެވެ. ވަކީން ޚާއްޞަކޮށް ޑރ. މުޙަންމަދު ޝަހީމު ޢަލީ ސަޢީދުގެ ވަޒީރުކަމުގެ ދަށުގައި މި ކަމަށް ވަނީ މާ ޚާއްޞަ ސަމާލުކަމެއް ދެއްވައިފައެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ޢިލްމީ މަރުކަޒުތައް ބަލައިލުމާއި ޢިލްމީ ފޯރަމްތަކާއި ނަދުވާތަކާއި ބައްދަލުވުންތަކުގައި ބައިވެރިވުމަކީ އިމާމުންނާއި ޚަޠީބުންނަށް މާ ޢާންމުކޮށް ލިބޭ ފުރުޞަތުތަކެއް ނޫނެވެ. ނަމަވެސް ވަޒީރުވަނީ އިމާމުންނަށް މި ފަދަ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށާއި ޢީލްމީ ގޮތުން އެންމެ މަތީ ހަރުފަތަށް ވާޞިލުވެވަޑައިގަތުމުގެ ފުރުޞަތު އެ ބޭބޭފުޅުންނަށް ފަހިކޮށްދެއްވުމަށް ޓަކައި އަތުކުރި އޮޅައިލައްވައިފައެވެ.

މި ފަދަ ދަތުރެއްގައި ރާއްޖޭގެ 20 އިމާމަކާއި ޚަޠީބުން މިއަދު ވެސް ސަޢޫދީ ޢަރަބިއްޔާއަށް އެބަ ފުރާވަޑައިގަނެއެވެ. މިއަދުން ފެށިގެން މި މަހު 23އަށް މި ބޭފުޅުންކުރާއްވާ މި ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށާއި ޖިއްދާއަށާއި މައްކާއާއި މަދީނާއަށް ވެސް ޒިޔާރަތްކުރައްވާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގައި ހުރި އިސްލާމީ ގިނަ މުއައްސަސާތަކަށް ވެސް އެ ބޭފުޅުން ޒިޔާރަތްކުރައްވާނެއެވެ. އަދި ޢިލްމީ ފޯރަމްތަކުގައި ވެސް އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެއްވެސް ޝައްކެއް ނެތް ގޮތުގައި ﷲ އިރާދަކުރެއްވިއްޔާ ޢުމްރާގެ މަތިވެރި އަޅުކަން ވެސް އެ ބޭފުޅުން އަދާކުރައްވާނެއެވެ.

މިއަދު ސަޢުދީ ޢަރަބިއްޔާއަށް ޚަޠީބުންނާއި އިމާމުން ކުރައްވާ މި ދަތުރުފުޅުގައި އިސް ވެރިއެއްގެ ގޮތުން ވަޑައިގަންނަވަނީ އިސްލާމީ މަރުކަޒގެ އިސް އިމާމު ފަޟީލަތުއްޝައިޚު މުޙަންމަދު ލަޠީފުކަމަށް ވެސް "ފަރަގު" ނޫހަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ހުރިހައި ބޭފުޅުން މިއަދު ހުކުރު ނަމާދު ކުރައްވާނީ ހުޅުމާލޭގައިކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. މި ބޭފުޅުން އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މި މަހު 23 ވާ ހުކުރު ދުވަހު މެންދުރު ފަހުގެ ވަގުތެއްގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ދަތުރުފުޅާ ބެހޭ އިތުރު ތަފުޞީލުތައް އިރާދަކުރެއްވިއްޔާ "ފަރަގު"ން ގެނެސްދޭނެއެވެ.

_______________________________

Advertisement

ކޮމެންޓް