Advertisement

ގަވާއިދާ ޚިލާފަށް ނޫޅެންޏާ ގަވާއިދާ ޚިލާފުވެގެން ފޮނުވައިލާކަށް ނުޖެހެނެތާއެވެ!

14 Feb 2024 | 12:33
މާލެ ދެކުނު ފަރާތުން ފެންނަ މަންޒަރެއް: ގަވާއިދާ ޚިލާފަށް ރާްޖޭގައި އުޅޭ 186 ބިދޭސީއަކު ވަނީ ފޮނުވައިލެވިފައެވެ. (ފޮޓޯ: ލިންކްޑް އިން)

ފަރަގުގެ ޚާއްސަ މުރާސިލު

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ 186 ބިދޭސީއަކު ރާއްޖެއިން ފޮނުވައިލި ވާހަކަ އަވައްޓެރި ބައެއް ގައުމުތަކުގެ މީޑިއާގައި ޝާއިޢުކޮށްފައި އެބަ ހުއްޓެވެ. މީގެ ތެރެއިން ބައެއް ޚަބަރުތަކުގައި ފާހަގަކޮށްފައި ހުރި ގޮތުގައި ބަންގްލާދޭޝާއި އިންޑިއާއާއި ޝްރީލަންކާއާއި ނޭޕާލުގެ މީހުންޢަދަދުތައް ބަޔާންކުރުމަށް ފަހު، ޗައިނާ އެކަކު ވެސް ފޮނުވައިނުލާ ވާހަކަ ފާހަގަކޮށްފައި ހުއްޓެވެ. ޗައިނާ އެކަންޏެއް ނޫނެވެ. ބަޔާންކުރެވިފައިވާ ހަތަރު ގައުމު ފިޔަވައި އެހެން ގައުމެއްގެ މީހަކު ފޮނުވައެއް ނުލައެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަކަށް ޗައިނާ ބަޔަކު ނޫޅެއެވެ. އަދި ޗައިނާއަކުން ރާއްޖޭގެ ދާޚިލީ ކަންކަމާ ދުވަހަކު ވެސް ބެހިފައެއް ނެތެވެ. އަދި ފާޑެއް ވެސް ކިޔައިފައެއް ނެތެވެ. ނަމަވެސް ބަނގްލާދޭޝާއި އިންޑިއާ މީހުން ގަވާއިދާ ޚިލާފަށް ވިޔަފާރިތައްކުރާތީއާއި އެކި ކުށްކުށަށް އަރައިގަންނަ ވާހަކައަކީ މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކެކެވެ. އަދި ޚާއްޞަކޮށް އިންޑިއާއިން ދިން ދިވެހީންނަށް ދިން ހަދިޔާއެއްގެ ނަމުގައި ދިވެހީންނަށް އަތްނުލެވޭ ގޮތަށް މިތާގައި ވައިގެ ބައެއް އުޅަނދުތައް ހިންގައި ބަލަހައްޓަނީ ވެސް އިންޑިއާއިންނެވެ. އެހެންވީމާ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވައިލި ވާހަކަ ލިޔުނު އިރު ޗައިނާގެ އެކަކު ވެސް ނުފޮނުވައޭ ބުނުމަކީ ހަގީގަތުގައި މައުޟޫޢުން ބޭރު ވާހަކައެކެވެ. ބޫޓާނު މީހަކު ވެސް މިޔަންމާ މީހަކު ވެސް ލާއޯސް މީހަކު ވެސް ވިއެޓްނާމު މީހަކު ވެސް ކެމްބޯޑިއާ މީހަކު ވެސް ތައިލެންޑް މީހަކު ވެސް އަދި މެލޭޝިއާ މީހަކު ވެސް އިންޑޮނޭޝިއާ މީހަކު ވެސް ސިންގަޕޫރު މީހަކު ވެސް ފޮނުވައެއް ނުލައެވެ. އަދި ވިލާތުގެ ނުވަތަ އެމެރިކާގެ ނުވަތަ އެފްރިކާގެ ބައްރުގެ މީހަކު ވެސް ފޮނުވައެއް ނުލައެވެ. ގަވާޚިލާފަށް އުޅޭ މީހަކު ނޫނިއްޔަކާ ފޮނުވައެއް ނުލާނެތާއެވެ. ވީމާ ކޮންމެހެން ހަމައެކަނި ޗައިނާގެ ވާހަކަ ބުނުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ ވީމާ، އެއީ ސިޔާގުން ބޭރު، ޒާތީ ވާހަކައެކެވެ.

ގަވާއިދާ ޚިލާފަށް އުޅެގެން ފޮނުވައިލީ (ޑީޕޯޓުކޮށްލީ) ކޮން އިރަކުކަން ސީދާ ނޭނގުނަސް 83 ބަންގާޅީއަކާއި އިންޑިއާގެ 43 މީހަކާއި 25 ސިންގަޅައަކާއި އަށް ނޭޕާލީއަކު ފޮނުވައިލިކަމަށް ބޭރުގެ މީޑިއަމްތަކުން ޚަބަރު ފަތުރައިފައިވެއެވެ. ދިވެހި ބައެއް ނޫސްތަކުގައި ވެސް މި ވާހަކަ ލިޔެފައި އެބަހުއްޓެވެ.

މި ޚަބަރުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި މި މީހުންނަކީ ގާނޫނާ ޚިލާފު ވުނަދާނަތަކުގައި ބައިވެރިވާ މީހުންނެވެ. ދާޚިލީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހޯމަ ދުވަހު (12.02.2024) އާންމުކުރައްވައިފައިވާ މަޢުލޫމާތަށް ބަލާއިރު، މި ގާނޫނާ ޚިލާފު މި ފަދަ ވިޔަފާރިތައް ބަންދުކުރެއްވުމުގެ މަސައްކަތް މިހާރު ފައްޓަވައިގެން ކުރިއަށް އެބަ ގެންދަވައެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި އެހެން މީހެއްގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓަރީކުރުމަށް ފަހު، ރަޖިސްޓަރީކުރެވުނު ވިޔަފާރީގެ ބޭރުން ވިޔަފާރި ހިންގަނީއެވެ. ޚާއްޞަކޮށް ބިދޭސީއެއްގެ ބައިވެރިވުމާއެކު ވިޔަފާރިކޮށް ލިބޭހާ ރުފިޔާ ޖަމާކުރަނީ ވެސް އެ ބިދޭސީ މީހާގެ އެކައުންޓަށެވެ. މި ފަދަ ވިޔަފާރިތައް ބަންދުކުރުމުގެ ބާރު ގާނޫނީ ގޮތުން ސަރުކާރަށް ލިބިދެއެވެ.

ކޮންޓްރޯލާރ އޮފް އިމިގްރޭޝަން ޝަމްޢާން ވަޙީދު ހޯމަ ދުވަހު ވިދާޅުވެފައިވާ ގޮތުގައި ކުށްތަކަށް އަރައިގަންނަކަމަށް ފާހަގަކުރެވިފައިވާ 186 ބިދޭސީއަކު ރާއްޖެއިން ވަނީ ފޮނުވައިލެވިފައެވެ.

ސަރުކާރުން މި އެޅުއްވި ފިޔަވަޅަކީ ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާޢީ ވެށި ދުޅަހެޔޮކުރުމަށް ޓަކައި ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ކަމަށްޓަކައި ދާޚިލީ ކަންތައްތަކާ ބެހޭ ވުޒާރާއަށާއި މޯލްޑިވްސް އިމިގްރޭޝަނަށާއި ރައީސުލްޖުމްހޫރިއްޔާއަށް "ފަރަގު"ގެ ފުރާޅުގެ ދަށުގައިވާ ހުރިހާ މުއައްސަސާއެއް (ފަރަގު މީޑިއާ، ފަރަގު ނޫސް، ފަރަގު އިންސްޓިޓިޔުޓް)ގެ ފަރާތުން ތަހުނިޔާ ދަންނަވައި ޝުކުރު އަދާކުރަމެވެ.

Advertisement

ކޮމެންޓް