މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (7)
އަޙްމަދު ފަޔާޟް ޙަސަން
(5 ޖަނަވަރީ 2024ގައި ޝާއިޢުކުރި ބައާ ގުޅޭ)
އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކަ ވިދާޅުވަމުން ގެންދަވާ އިރު، ބައެއް ބޭފުޅުންގެ ހިތްޕުޅަށް ފޫހިފުޅުކަން އައުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ތަރިކައޭ ކިޔައިގެން އަބަދު އެއް ވާހަކައެއް ތަކުރާރުކޮށް ލިޔާތީއެވެ. އެއް ވާހަކަ ތަކުރާރުކޮށް ލިއުމުން ފޫހިފުޅުވާނެ ދޮގެއްތޯއެވެ! އަޅުގަނޑުމެން އަބަދުމެ މި އުޅެނީ ފޫހިކަމުން އަރައިގަނެ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ހިތަށް ހަމަޖެހުން ހޯދާން އަޅުގަނޑުމެން މުހިންމު ކަންކަން ކުރަމުއެވެ. އެ ގޮތުން އަޅުގަނޑުމެން ކުރާ އެއް ކަމަކީ ލަވަ އަޑުއެހުން ނުވަތަ ފޮތެއް ކިއުމެވެ. މިސާލަކަށް އެއް ދުވަސްކޮޅެއްގައި މުޅި މާލޭގެ ހުރިހާ ގޯޅިތަކާއި މަގުތަކުން ވެސް އިވުނީ މުޚުތާރުގެ 'ގޯޅިގޯޅި ކަންމަތީން ފެނިލުމުން' މި ލަވައެވެ. އެ ދުވަސްކޮޅު ބައެއް މީހުން ތަކުރާރުކޮށް އަބަދު މި ލަވަ ޖެހިއެވެ. ހިތަށް ހަމަޖެހުން ގެނެސްދިން ލަވައަށް ދުވަސްކޮޅަކުން އެންމެން ފޫހިވިއެވެ. ދެން އަނެއްކާ ވެސް ކޮންމެވެސް އެހެން ލަވައަކުން އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ގެނެސްދިނެވެ. އެކަމަކު ރެޔާއި ދުވާލު އެތައް ފަހަރަކު އަޑު އެހި ލަވައަށް ވެސް ދެތިން ހަފުތާއިން އަޅުގަނޑުމެން ފޫހިވިއެވެ. ހިތަށް ހަމަޖެހުން ގެންނާން ތަކުރާރުކޮށް ކުރި ކަންތަކުން ފޫހިކަން ލިބޭން ފެށިއެވެ. މިއީ އަޅުގަނޑުމެން އިންސާނުންގެ ޠަބީއަތެވެ.
ކުޑަކޮށް ތަދައްބުރުކޮށްލަމާ ހިންގަވާށެވެ! ކީރިތި ޤުރްއާނުގައި ﷲ، އެއް ވާހަކަ ތަކުރާރުކޮށް ބަޔާންކުރައްވައެވެ. އެކަމަކު މި ގޮތަށް ބަޔާންކުރައްވާ އިރު ﷲ އެ މަންޒަރު ދައްކަވަނީ ތަފާތު ލެންސަކުން ޔަޢުނީ ތަފާތު ދިމާއަކުންނެވެ. ނުވަތަ ތަފާތު ކަންމިނަކުންނެވެ. އެހެންވެ ކޮންމެވެސް ވަރަކަށް ވާހަކައަށް ބަދަލު އާދެއެވެ. މިގޮތަށް ތަކުރާރުކޮށް އެއް ވާހަކަ ވަޙީކުރައްވަނީ އެކަމުގެ މުހިންމުކަމުންނެވެ. މުހިންމު ކަމެއް ނަމަ ތަކުރާރުކޮށް ކުރާންޖެހެއެވެ. އެއީ އަޅުގަނޑުމެން ރީތި ލަވައެއް ތަކުރާރުކޮށް ޖަހާފަދައިންނެވެ. އެއް ވާހަކައެއް ތަކުރާރުކުރެއްވުމުގެ އެއް ހިކުމަތަކީ އަޅުގަނޑުމެންގެ ހިތަށް އީމާންކަން ވެއްދެވުމެވެ. އިންސާނާގެ ހިތަށް ދާއިމީ ހަމަޖެހުން ނުވަތަ ހަގީގީ ހަމަޖެހުން ލިބެނީ އީމާންކަމުންނެވެ. އެހެންކަމުން ދުވަސްކޮޅަކުން އެންމެ ރީތި ލަވައިގެ އޮފުކެނޑޭ ގޮތަށް ﷲގެ ބަސްފުޅުގެ އޮފެއް ނުކެނޑޭނެއެވެ. ސަބަބަކީ އެ ބަސްފުޅުން އީމާންތެރިކަން ދިރުވާތީއެވެ. އީމާންތެރިކަން އާލާވާ ވަރަކަށް ތިމާގެ ހިތަށް ލިބޭ ހަމަޖެހުން ބޮޑުވާނެއެވެ. ސަލާމްލެއްވި އިބުރާހީމްގެފާނުގެ ތަރިކައިން ކޮށްދޭ ކަމަކީ އަޅުގަނޑުމެންގެ އީމާންކަން ދިރުވުމެވެ. ހިތްހަމަޖައްސާން ޖަހާ ލަވައިން ފޫހިވިޔަސް އީމާންކަން ދިރުމުން ލިބޭ ހިތްހަމަޖެހުމުން ތިމާއަށް ފޫހިކަމެއް ނުލިބޭނެއެވެ. ކީރިތި ޤުރްއާން ތަކުރާރުކޮށް ކިޔަވައި އެ ޤުރްއާނާ މެދު ތަދައްބުރުކޮށް އެ ޤުރްއާނަށް އަމަލުކުރުމުން ހިތަށް ލިބޭނީ ފިނިކަމެވެ.
ﷲ އިންސާނާ ޚަލްޤުކުރެއްވި އިރު، އޭނާގެ ނަފުސުގައި ތަފާތު ހަތަރު ޑައިމެންޝަން ލެއްވިއެވެ. އޭނާގެ ނަފުސުގައި ބުއްދިއާއި ޖިސްމާއި ރޫޙާއި ހިތް ލެއްވިއެވެ. މި ހަތަރު ޑައިމެންޝަން ވަނީ ގުޅި ލައިމެހިފައެވެ. އެހެންކަމުން އޭނާއާ ކުރެވޭ މުވާސަލާތު މައިގަނޑު ދެ ދިމާއަށް އިލްތިމާސްކުރެއެވެ. އެއީ އޭނާގެ ބުއްދިއަށް ނުފޫޒުފޯރުވާ މުވާސަލާތާއި އޭނާގެ ހިތަށް ނުފޫޒުފޯރުވާ މުވާސަލާތެވެ. އިންސާނާއާ މުވާސަލާތުކުރާއިރު ޚާއްސަކޮށް އޭނާއަށް ތެދުމަގުދައްކަން މަސައްކަތްކުރާއިރު އޭނާގެ ބުއްދިއާއި ހިތަށް އަމާޒުކުރާންޖެހެއެވެ. އޭނާގެ ހިތަށް ލުޔާއި ފަސޭހަ ލިބިދޭންޖެހެއެވެ. އޭނާގެ ހިތަށް ލިބޭ ހަމަޖެހުން ފަރުވާއަށްވެއެވެ. އެކަމަކު ދާއިމީ ފަރުވާ ހިތަށް ލިބޭނީ ލަވަޔާއި ޅެމާއި މަދަހައަކުންނޫނެވެ. އެކަމަކު ދާއިމީ ފައިދާލިބޭނީ ﷲ ހަނދުމަކޮށްގެންނެވެ. ނަމާދުކޮށް ޤުރްއާން ކިޔަވައި އެ ޤުރްއާނުގެ އަޑުއަހައިގެންނެވެ. އެނޫންގޮތްގޮތަށް ހިތަށް ލިބޭ ތެރަޕީއަކީ ވަގުތީ އެއްޗެކެވެ. އިބުރާހީމްގެފާނު އަޅުގަނޑުމެންނަށް ދެއްވި ތަރިކައިން މިކަން ކަށަވަރުވެއެވެ.
ކޮންމެއަކަސް އިބުރާހީމްގެފާނު، އެއް ބުދު ފިޔަވާ ހުރިހާ ބުދުތަކެއް ހަލާކުކުރެއްވިއެވެ. އެކަލޭގެފާނު ހަލާކުނުކޮށް ބެހެއްޓެވީ އެތަނުގައި ހުރި އެންމެ ބޮޑު ބުދެވެ. ދެން އެމީހުންގެ ކަލާނގެތައް ހަލާކުކޮށް އެފަދަ ނޭއްގާނީ އަމަލެއް ހިންގީ ކާކުތޯ އެމީހުން ސުވާލުކުރިއެވެ. ދެން އެމީހުންގެތެރެއިން ބަޔަކު ބުނިގޮތުގައި އެކަންކުރާނީ އިބުރާހީމް ނަމަކަށް ކިޔާ ޒުވާނެކެވެ. ދެން އެމީހުން އެކަލޭގެފާނު ހާޒިރުކޮށް ސުވާލުކުރިއެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވީ ތިޔަ ކުދި ބުދުތައް ހަލާކުކުރާނީ ބޮޑު ބުދުކަމުގައެވެ. އެހެންވެ ބޮޑު ބުދާ ސުވާލުކޮށްގެން ކަން ހިނގިގޮތް އޮޅުންފިލުވުމަށެވެ. މިހާހިސާބުން ކިޔުންތެރިންގެ ސުވާލަކަށްވާނީ އިބުރާހީމްގެފާނު އިތުރުފުޅު ހެއްދެވީ ކީއްވެތޯއެވެ؟ އެކަލޭގެފާނު އެހެން ވިދާޅުވިއިރު އެއީ ދޮގެއްކަން އެންމެނަށް އެނގެއެވެ. އަދި އެއީ ދޮގެއްކަން ޚުދު އެކަލޭގެފާނަށްވެސް އެނގިވަޑައިގަންނަވައެވެ. އެންމެނަށް ކަން އޮތްގޮތް ނުވަތަ ހަގީގަތް އެނގޭ ހާލަތުގައި އެއީ ދޮގެއްކަމަކަށް ނުބެލޭނެއެވެ.
މި ހާދިސާއިން އަޅުގަނޑުމެންނަށް ލިބޭ އެއް މެސެޖަކީ އިންސާނުން އުފައްދައިގެން އުޅޭ ދީންތައް ބުއްދީގެ ހަމައަށް ނުފެތޭކަމެވެ. އެއަށް ވުރެ ބޮޑަށް އެދީނަށް އުޅޭ މީހުންގެ ވިސްނުމަކީ ގުރޫޕު ހަދައިގެން ހަލާކުކުރުމުގެ ފިކުރު ނުވަތަ މޮބް މެންޓާލިޓީ ބޭނުންކުރުންކަމެވެ. ދީން ހިމާޔަތްކޮށް ދިފާއުކުރުމުގެ ނަމުގައި އެމީހުން ކުރާ ކަމަކީ މީހުން ގައިގައި ތަޅައި އަނިޔާކޮށް މީހުން މެރުމެވެ. ޣައިރު ދީންތަކުގެ މީހުންނާ ޚިލާފަށް މުސްލިމުންނަކީ ބުއްދީގެ އަހުލުވެރީންނެވެ. އެމީހުން ކަން ކުރާން ޖެހެނީ ބުއްދީގެ މަގުންނެވެ. އެ މީހުން އެ މީހުންގެ އިހުސާސާއި ޖަޒުބާތު ކޮންޓުރޯލުކުރާން ޖެހެއެވެ. ﷲ އަންގަވަނީ އެމަގުން ކަން ކުރުމަށެވެ. އިބުރާހީމްގެފާނު މުސްލިމުންނަށް ދެއްކެވީ އެ މަގެވެ. ޖަޒުބާތުގައި ހަލާކުކުރުމުގެ ފިކުރު އިސްކޮށް މީހުންނަށް ހަމަލާދީ މީހުން މެރުމަކީ މުޝްރިކުންގެ މަގެވެ. އަވަށްޓެރި ގައުމުތަކުން މިހާރު ވެސް މި މަންޒަރު ތަކުރާރުކޮށް އަޅުގަނޑުމެންނަށް ފެނެއެވެ. ޤުރްއާން އަޅުގަނޑުމެންނަށް މި ދައްކަނީ ބުއްދިފިލައިދިއުމުން އިންސާނާއަށް ކަންކުރެވޭ މަގެވެ.
އިބުރާހީމްގެފާނު ދޫކުރެއްވި އެއް ތަރިކައަކީ ތޫނުފިލި ވިސްނުން ނުވަތަ ކްރިޓިކަލް ތިންކިންގއެވެ. އެކަލޭގެފާނު ކޮންމެ ކަމެއް ވެސް ކުރެއްވީ ﷲ އަށް ޓަކައެވެ. އެކަލޭގެފާނުގެ މަސައްކަތްޕުޅު އަމާޒުކުރެއްވީ ޝައިޠާނާ އެދޭ ގޮތަށް އެއްވެސް ކަމެއް ނުކުރެއްވުމަށެވެ. ކޮންމެ އިންސާނަކު ނަރަކައަށް ދިއުމަކީ ޝައިޠާނާ އެދޭގޮތެވެ. އެކަމަކު އިބުރާހީމްގެފާނު ބޭނުންފުޅުވީ ކޮންމެ އިންސާނަކަށް ސުވަރުގެ ލިބުމަށެވެ. ޝައިޠާނާ މަސައްކަތްކުރަނީ ކޮންމެ އިންސާނަކު މަގުފުރައްދާށެވެ. އެކަމަކު އިބުރާހީމްގެފާނު އެދިވަޑައިގަތީ ކޮންމެ މީހަކުވެސް ތެދުމަގުގައި ވުމަށެވެ. އެގޮތުން ކޮންމެ ކަމެއްގައި ވެސް އަޅުގަނޑުމެން އިސްކުރާން ޖެހެނީ ސުލްހަވެރިކަމެވެ. އެއީ ބުއްދީގެ އަހުލުވެރީންގެ މަގެވެ. އަރައިރުމާއި ހަސަދަވެރިކަމާއި ތަޅައިފޮޅުމާއި ހަނގުރާމައަކީ ޝައިޠާނާގެ ފިކުރުގެ މަގެވެ. ޝައިޠާނާގެ މި މަގަށް ފުރަގަސްދިނުމަކީ އިބުރާހީމްގެފާނުގެ ތަރިކައެވެ.
ކޮންމެއަކަސް ބޮޑު ބުދު ޖަވާބެއް ނުދިނިއްޔާ ހަލާކުވެފައި ހުރި، ކުދި ބުދުތަކާ ސުވާލުކުރާން އެކަލޭގެފާނު އެދިވަޑައިގަތެވެ. އަދި އެ ގޮތަށް ސުވާލުކޮށްގެން އެކަން ކުރި މީހަކު ހޯދަން ވިދާޅުވިއެވެ. އިބުރާހީމްގެފާނުގެ މި ވާހަކަފުޅުން އެ މީހުންގެ އަނގަބެދުނެވެ. އެ މީހުންނަށް ބުއްދީގެ މަގުން ދޭނެ އެއްވެސް ޖަވާބެއް ނެތެވެ. އެންމެ ފަހުން އެ މީހުންނަށް އެއްބަސްވެވުނީ ހުރިހާ ނުބަޔަކީ އެ މީހުން ކަމަށެވެ. އެކަމަކު ބޭރު ފުށުން އެ މީހުން ދެއްކީ ހުރިހާ ނުބަޔަކީ އިބުރާހީމްކަމުގައެވެ. ދެން ބުދުތައް ވާހަކަނުދައްކާކަން އެކަލޭގެފާނަށް ވެސް އެނގިވަޑައިގަންނަވާނެކަމަށް އެމީހުން ދެންނެވިއެވެ. މި ހިސާބުން އެކަލޭގެފާނު ވިދާޅުވީ އެ މީހުންނަށް ފައިދާއެއް ނުދޭ އަދި އެ މީހުންނަށް ގެއްލުމެއް ނުދޭ އެއްޗަކަށް އެ މީހުން އަޅުކަންކުރަނީ ކީއްވެތޯއެވެ؟ ދެން އެކަލޭގެފާނު އެމީހުންގެ ޝިރުކުގެ މިއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. އަދި އެމީހުންނަށް ހަމަ ނުވިސްނެނީތޯ ސުވާލުކުރެއްވިއެވެ.
އިންސާނާއަށް ޙައްޤަށް ރުޖޫއަވެވެނީ ބުއްދީގެ ބޭނުންކޮށްގެންނެވެ. ބުއްދީގެ މަގުން އެއްކިބާވުމުން ވާ ގޮތަކީ ކިބުރުވެރިކަމާއި ރުޅިވެރިކަމާއި ޣާފިލުކަމާއި ޖާހިލުކަމުގެ މަގަށް މީހާ ދިއުމެވެ. އިބުރާހީމްގެފާނުގެ ގައުމުގެ މީހުން ވެސް ދަތުރުކުރީ އެ މަގުންނެވެ. އެމީހުން ފިކުރުކުރާން ބޭނުންނުވުމުން އެމީހުންނަށް ޖެހުނީ ބާޠިލްގޮތުގައި ތިބޭށެވެ. އެހިސާބުން ދެން އެ މީހުން ގޮވަންފެށީ އެކަލޭގެފާނު ދިރިހުއްޓާ އަންދާލުމަށެވެ. ބުއްދީގެ މަގު ދޫކުރުމުން އިންސާނާގެ މައްޗަށް ވެރިވާ ރުޅިވެރިކަން މި ހާދިސާއިން ސާފުވެއެވެ. އެކަލޭގެފާނު އަންދައިލުމުގެ މަގުސަދަކަށްވީ އެ ކަމުން އެ މީހުންގެ ކަލާނގެއަށް އެހީތެރިވުމެވެ. ހަގީގީ ކަލާނގެއަށް އެއްވެސް އިންސާނެއްގެ އެހީތެރިކަން ބޭނުންނުވާނެކަން އެމީހުންނަކަށް ނުވިސްނުނެވެ. އިބުރާހީމްގެފާނުގެ ގައުމުގެ މީހުން އިޚުތިޔާރުކުރީ ސުންނާފަތިކުރުމުގެ ފިކުރެވެ. މިއީ މިއަދު ވެސް މުޝްރިކުން މުސްލިމުންނާ މެދު އަމަލުކުރާ ގޮތެވެ. ބުއްދީގެ މަގުން ދޭނެ ޒުވާބެއް ނެތުމުން ދެން އިސްކުރަނީ އަތާއި އަނިޔާއެވެ.
ރުޅިވެރިކަމުގައި ހައްދުފަހަނަޅައި ދިޔަ މީހުން އިބުރާހީމްގެފާނު ބޮޑު އަލިފާންގަނޑަކަށް އެއްލައިލިއެވެ. އެވަގުތު ﷲ، އަލިފާނަށް އަމުރުކުރެއްވީ އެކަލޭގެފާނަށް ފިނިކަމެއްކަމުގައްޔާއި އަމާންކަމެއްކަމުގައި ވުމަށެވެ. އެ ހިނދު އެމީހުންނަކަށް އެމީހުންގެ ކަލާނގެތަކަށް ނަސްރު ހޯދައެއް ނުދެވުނެވެ. އަނެއްކޮޅުން އެ މީހުންނަށް ފެނުނީ އިބުރާހީމްގެފާނުގެ ކަލާނގެ އެކަލޭގެފާނު ރައްކާތެރިކުރެއްވި ތަނެވެ. މި ކަމުން އެ މީހުންނަށް ކަށަވަރުވާނެ ކަމަކީ އިލާހީ މަދަދެއްނެތި އިބުރާހީމްގެފާނަށް ސަލާމަތްނުވެވޭނެކަމެވެ. އަދި އެ މަދަދު އަންނާނީ ޚުދު އެއްކައުވަންތަ އިލާހު ﷲގެ ޙަޟުރަތުންކަމެވެ. ބުއްދީގައި ތެތްކަމެއް ހުރި ކޮންމެ މީހަކަށް އެވަރު ކަށަވަރުވާނެއެވެ. އެކަމަކު އެމީހުން ކަންކުރީ އެ ގޮތަކަށްނޫނެވެ. (ނުނިމޭ)
_____________________________________________