ދޮގު ހަދާކަން ބުނެދޭ މެޝިނު
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
މިއީ މީގެ ދުވަސްތަކެއް ކުރީގެ ވާހަކައެކެވެ. އެ ދުވަސްވަރު ރާއްޖޭގައި އުޅުނު ވަރަށް މޮޅު އުފެއްދުންތެރިއެއްގެ ވާހަކައެކެވެ. ތަފާތު އެއްޗެހި އޭނާ އުފައްދައި އުޅުނެވެ. އެކި އެކި ވައްތަރުގެ މަސައްކަތު އާލަތްތަކެވެ. ވަޑާންކުރާން ބޭނުންކުރާނޭ ކަރަންޓު ކީހާއި ރޮންދާ ފަދަ ތަކެއްޗެވެ. ކަރަންޓު މަރުތޭލާއި ކަރަންޓު ކަތުރެވެ. އޭނާގެ އެންމެ ފަހުގެ އުފެއްދުމަކީ ދޮގުހަދާކަން ބުނެދޭ މެޝިނެކެވެ.
ދޮގުހަދާކަން ބުނެދޭ މެޝިނުގެ އެންމެ އަޖައިބުކަމަކީ މީހަކު ދޮގެއް ހަދައިފިކަމަށް ވަންޏާ މެޝިނުގެ ތެރެއިން އަތެއް ނިކުމެ އޭނާގެ ގައިގައި ޖަަހަނީއެވެ. ރަށު އެންމެން ވެސް މި މެޝިނު ފެނި، އޭގެ މޮޅުކަމަށް ޓަކައި އުފެއްދުންތެރިޔާއަށް ވަރަށް ތައުރީފުކުރިއެވެ.
މެޝިނުގެ ވާހަކަ ރަށުތެރޭގައި އެނބުރެމުންސެނބުރެމުން ގޮސް ރައީސްގެ ގަނޑުވަރުކޮޅު ތެރަށް ވެސް ވަނެވެ. އަދި، ރައީސަށް ވެސް ދޮގު ހަދާ މެޝިނުގެ ޚަބަރު ލިބިއްޖެއެވެ. ދެން ރައީސް ނިންމެވީ އުފެއްދުންތެރިއާއަށް އިނާމެއް ދިނުމުގެ ގޮތުން ބޮޑު އަގެއް ދީފައި އޭނާ އަތުން މެޝިނު ބައްލަވައިގަތުމަށެވެ. ވަޒީރުންނާއި ބޮޑެތި ވަޒީފާތަކުގައި އުޅޭ މީހުންގެ ތެދުވެރިކަން ހުރި ނެތްވަރެއް ބައްލަވައިލެއްވުމުގެ ގޮތުން ވެސް މެއެެވެ.
ކޮންމެއަކަސް ރައީސް އެ މެޝިނު ބައްލަވައިގަތެވެ. އަދި، ވަޒީރުންގެ އިޚުލާސްތެރިކަން ހުރިނެތް ވަރު ބައްލަވާލެއްވުމުގެ ކުރިން ނިންމެވީ ގޭގައި މެޝިނު ޓެސްޓުކޮށްލެއްވުމަށެވެ.
ދެން ރޭނގަޑު ފަރިއްކުޅުއްވާން ވަޑައިގަތީ މެޝިނު ވެސް ހިއްފަވައިގެންނެވެ. ދެން ފަރިއްކުޅުއްވާ ފެއްޓެވުމުގެ ކުރީން ރައީސް އެ މަނިކުފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ. "ދަރިފުޅާއެވެ. މިއަދު މަދަރުސާ ކަންތައް ދިޔައީ ކިހިނެއްހެއްޔެވެ؟"
ޖަވާބުގައި ދަރިފުޅު ދެންނެވިއެވެ. "ވަރަށް ރަނގަޅަށެވެ. ހުރިހައި ފިލާވަޅެއް ވެސް ވަރަށް ރަނގަޅަށް ހެދީމެވެ."
މިހެން ނުބުނެވި އުޅެނިކޮށް މެޝިނުގެ އަތް ނިކުތެވެ. އަދި، ދަރިކަލުުންގެ މޫނުމަތީ ތަފާވަރެއް ޖެއްސެވެ.
ދެން ދަރިފުޅު ބައްޕައަށް ދެންނެވިއެވެ. "އެންމެ ރަނގަޅެވެ. މިއަދު އިސްކޫލަށް ނުގޮސް ދިޔައީ ރައްޓެހި ކުއްޖެއްގެ ގެއަށެވެ. ގޮސް ފިލްމު ބެލީއެވެ."
ބައްޕަ އިތުރަށް އޮޅުން ފިލުވާން ބޭނުންފުޅުވެގެން ވިދާޅުވިއެވެ. "ދަރިފުޅުމެން ބެލީ ކޮންކަހަލަ ފިލްމެއް ހެއްޔެވެ؟"
"އެއީ ފިލާވަޅާ ބެހޭ އިނގިރޭސި ފިލްމެކެވެ."
އަނެއްކާވެސް މެޝިނުގެ އަތް އެ ދަރިކަލުންގެ ގައިގައި ސައްޕެއް ޖެއްސެވެ.
ދެން ދަރިފުޅު ވަރަށް ޖެހިލުންވެ ހުރެ ބުންޏެވެ. "އަޅުގަނޑުމެންނަށް ބެލުނީ ބަލާންނުވާ ކަހަލަ ހަޑި ފިލްމެކެވެ! ދެން އެއް ގޮތަކަށް ވެސް އެ ކަހަލަ ކަމެއް ނުކުރާނަމެވެ."
ދެން ބައްޕަ ވިދާޅުވިއެވެ. "އެންމެ ރަނގަޅެވެ. އެކަމަކު ވެސް ބައްޕަ ވާހަކައެއް ބުނަންހެއްޔެވެ! ބައްޕަމެން ދަރިފުޅުމެންގެ އުމުރުގައި ތިޔަ ކަހަލަ ހަޑި ފިލްމަކީ ކޮން އެއްޗެއް ކަން ވެސް ބައްޕަމެންނަކަށް ނޭނގެއެވެ."
ބައްޕަ މިހެން ވިދާޅުވި ތަނާ ހެން، މެޝިނުގެ އަތް ބައްޕަގެ މޫނުފުޅުމަތީ ސައްޕެއް ޖެއްސެވެ.
ދެން، މި ތަން ފެނިވަޑައިގެން ރައީސްގެ އަނބިކަނބަލުން ހިނިފުޅުވަޑުވަމުން ވިދާޅުވިއެވެ. "އެ ކަން ވާނީ އެހެން ނޫން ހެއްޔެވެ؟ އެއީ ތިޔަ ބައްޕަގެ ދަރިކަލެއްތާއެވެ!"
މިފަހަރު މެޝިންގެ އަތް ސައްޕެއް ޖެހީ މަންމަގެ މޫނު މަތީގައެވެ! (ނިމުނީ)
_________________________