ދިވެހިބަހަށް ޚިދުމަތްކުރުމަށް ޓަކައި މި ވަގުތު ވެސް އެންމެ މުހިންމު ވަސީލަތަކީ ޖަލްސާކުރާ މާލަމެއް. 37ވަނަ ޤައުމީ މުބާރާތް ރޭ ފަށައިފި.
ފަރަގުގެ އަދަބީ މުރާސިލު
ގައުމިއްޔަތެއް ބިނާކުރުމަށް ޓަކައި އަދި ދިވެހިބަހަށް ޚިދުމަތްކުރުމަށް ޓަކައި މި ވަގުތު ވެސް އެންމެ މުހިންމު ކަމަކީ ޖަލްސާކުރާ މާލަމަކާއި ދެ ކިލާސްކޮޓަރި ބިނާކުރުންކަން ރޭގައި އަޅުގަނޑަށް އިޙުސާސްކުރެވުނެވެ. އެއީ ދިވެހިރާއްޖޭގެ ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތުގެ އިފުތިތާޙީ ޖަލްސާ މީޑިއާއިން ބަލާން އިން އިރު، ކުރެވުނު އިޙުސާސެކެވެ. އެއީ، ރޭގެ ޖަލްސާގައި ވާހަކަފުޅުދެއްކެވި އެކި ބޭބޭފުޅުން ބަންޑުންކޮށްލެއްވި އަސަރުގަދަ ޝުޢޫރުތަކުން އަޅުގަނޑަށް ދޭހަވި ދޭހަވުމެކެވެ.
1960ގެ އަހަރުތަކުގެ ކުރީން ދިވެހިބަހާއި އަދަބިއްޔާތަށް ދައުލަތުން ދެއްވި އިސްކަމުގެ ތެރެއިން އައްނަބީލު ޙަސަން ފަރީދު ދީދީއާއި ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދީދީގެ އިސްނެންގެވުމުގެ މަތީން ވާހަކަދެއްކުންތެރިކަމާއި ބަހުސްކުރުމާއި ދިވެހިބަހުން ލަވައާއި ޅެން ހެދުމާއި ވާހަކަލިޔުމާއި ހުކުރު ޚުޠުބާ ދިވެހިބަހަށް ބަދަލުކުރުމުގެ އަދަބީ ޙަރަކާތްތަކެއް ބާރަށް ކުރިއަށް ދިޔައެވެ. އަދި ދިވެހި ރަދީފު އެކުލަވައިލުމުގެ މަސައްކަތް ވެސް އެ ދުވަސްވަރު ހިނގަމުން އައެވެ.
ރޭގެ ޖަލްސާގެ ޝަރަފުވެރި މެހުމާނު: ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ހޯއްދަވައިފައިވާ ޙަސަން ޝާކިރު މުޙަންމަދު (ފޮޓޯ: އެކެޑަމީ)<br>
1960އިން ފެށިގެން 1970ގެ އަހަރުތަކުގެ ފަހުކޮޅާ ހަމައަށް އޮތީ ދިވެހިބަހަށް މާ ބޮޑު ސަމާލުކަމެއް ނުދެވިއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ނަމަވެސް 1980ގެ އަހަރުތަކުން ފެށިގެން 2008އާ ހަމައަށް އަނެއްކާ ވެސް ދިވެހި އަދަބިއްޔާތަށް ދިރުން ލިބުނެވެ. ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހަކާއި ދިވެހި ތާރީޚަކާއި ސަގާފަތަށް ޚިދުމަތްކުރާ މަޖިލީހެއް އުފެދި އެ ދެ މަޖިލީހުން އަދަބާއި ތާރީޚަށް ޚިދުމަތްތަކެއް ކުރައްވާން ފެއްޓެވިއެވެ. ފަހުން މި ދެ މަޖިލީސް އެއްކޮށްލެވި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒެއް އުފަންވިއެވެ. މިއީ ދިވެހި އަދަބިއްޔާތު ދިރިގެން އައި ދުވަސްވަރެކެވެ. މި މަރުކަޒު އުވައިލެވި، އޭގެ ދުވަސްގަނޑެއް ފަހުން ދިވެހިބަހުގެ އެކެޑަމީއެއް ވުޖޫދަށް އައެވެ.
މިހައި ދިގު މާޒީއެއް މި
ކަމުގައި އޮތް އިރު ވެސް ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހަށް
ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބަހުގެ ސެމިނާރުތަކާއި މުބާރާތްތައް ބާއްވާނެ
ޖަލްސާކުރާނެ މާލަމެއް ނެތުމުގެ މައްސަލައެވެ. މި ކަމަށް ހައްލެއް ލިބިފައި ނުވާ
މައްސަލައެވެ. އަދަބިއްޔާތު ދިރުވައި އާލާކުރުމަށް ޓަކައި މީހުންނަށް ތަމްރީރުދޭނެ
ކުލާސްރޫމުތަކާއި؛ ސެމިނާރުތަކާއި މުބާރަތްތައް ބާއްވާނެ މާލަމެއް ބޭނުންވެއެވެ. މިއަދު ވެސް މި އުޅެނީ މި ކަމަށް ޙައްލެއް ނުލިބިގެންނެވެ.
ދިވެހިރާއްޖޭގެ ހުރިހައި އިސްކޫލު މަދަރުސާތަކާއި މަތީ ތައުލީމުދޭ ކޮލެޖު ޔުނިވަރސިޓީތަކާއި އަމިއްލަ ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކަށް ހުޅުވައިލައްވައިގެން ކޮންމެ އަހަރަކު ވެސް ބާއްވަވަމުން ގެންދަވާ ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ހޮނިހިރު ދުވަހުގެ ރޭ ފައްޓަވައިފައި ވާ އިރު، އެ މުބާރާތް ބާއްވަވާނެ ތަނެއް ހޯއްދަވާން އެކެޑަމީއިން އުޅުއްވާ ހާލު ވަރަށް ތަފުޞީލުކޮށް އެ ވިދާރާގެ ރައީސް ޑރ. އަޝްރަފު ޢަބްދުއްރަޙީމް ރޭ ވިދާޅުވެދެއްވިއެވެ. ހޯލެއް އޮތިއްޔާ އޮތް ތަނަކަށް ގުޅުއްވައިގެން ކުރެއްވި މަސައްކަތްޕުޅު އޭނާގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ.
ޑރ. އަޝްރަފް ޢަބްދުއްރަޙީމް: ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ (ފޮޓޯ: އެކެޑަމީ)<br>
ނަސީބަކުން
މިއަދު އިސްލާމީ ޔުނިވަރސިޓީގެ ވެރީންނަކީ ވާހަކަދެއްކުންތެރިކަމުގެ
މުހިންމުކަމާއި އެކަމަށް އިސްލާމްދީން ވެސް ދެއްވައިފައިވާ އަހުމިއްޔަތުކަން ދެނެވަޑައިގަންނަވާ
ބޭފުޅުންކަމަށް ވާތީ، މުބާރާތަށް ޓަކައި އެ ޔުނިވަރުސިޓީގެ މާލަން ހަމަ ހިލޭ
ސާބަހަށް ދެއްވީތާއެވެ! މި ކަމަށް ޙައްލެއް އަންނާން އެބަޖެހެއެވެ. ދިވެހިބަހުގެ
އެކެޑަމީ މިހާރު ހިނގަމުން އަންނަ އިމާރާތުގެ ގޯތީގައި ހުސް ބިން އެބަ އޮތެވެ.
ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ޖަލްސާކުރާ ބޮޑު މާލަމަކާއި ދެ
ކުލާސްކޮޓަރިއެއް ޢިމާރާތްކުރައްވައިފި ނަމަ، އެއީ ދުރު ރާސްތާއަކަށް ބަލާއިރު އިގުތިސާދީ
ގޮތުން ވެސް ދައުލަތަށް މަންފާހުރި ކަމަކަށް ވެދާނެއެވެ. އަދި "ގައުމިއްޔަތުގެ ބިނާ" ނުވަތަ
މި ފަދަ ގުޅޭ ނަމެއް ކިޔާ ބިނާއެއް ޢިމާރާތްކޮށް އެ ޢިމާރާތުގައި ބަހާއި
އަދަބިއްޔާތުގެ އެކި ދާއިރާތަކުން ޙަރަކާތްތެރިކަން ހިންގައިގެން ބަހަށް އާރޯކަން ގެނެވިދާނެއެވެ.
ސަރުކާރާއި ޢާންމުންގެ ބޭނުންތަކަށް މި މާލަން ކުއްޔަށް ދީގެން ނަފާ ވެސް
ހޯދިދާނެއެވެ. އަދި ކުރިއެކޭ ވެސް އެއް ގޮތަށް ދިވެހިބަހުގެ ނާދީއަކާއި
އިސްރަށްވެހީންގެ ނާދީއަކާއި ސަރުކާރު މުވައްޒަފުންގެ ނާދީއެއް އަދަބީ އެކި
ދާއިރާތަކުގައި ޙަރަކާތްތެރިކުރެވިދާނެއެވެ.
މި ދެންނެވި ފަދަ މަސީލަތެއް ދިވެހިބަހުގެ އެކަޑަމީއަށް ލިބިއްޖެ ނަމަ، ދިވެހި
އަދަބިއްޔާތުގެ އެންމެ މުހިންމު އެކަމަކު އެންމެ ބޮޑަށް އިހުމާލުކޮށްލެވިފައިވާ އެއް
ދާއިރާކަމަށްވާ އިސްޓޭޖު ޑުރާމާގެ ރަން ޒަމާނެއް ވެސް އަލުން ގެނެވިދާނެއެވެ. ކުޑަކުދީން
ދިވެހިބަހާއި އަދަބިއްޔާތަށް ޝައުޤުވެރިކުރުމަށް ޓަކައި އެނިމޭޝަނާއި ކާޓޫނު ފިލްމު
އުފައްދާނެ ހަބަކަށް އެ ތަން ހެދިދާނެއެވެ. ބަހާއި އަދަބިއްޔާތާއި ތާރީޚާއި
ސަގާފަތުގެ ދާއިރާއިން ޢިލްމީ ދިރާސާތައްކޮށް އާ
ހޯދުންތައް ހޯދައި ޢިލްމީ ފޮތްތައް، މީހުން ޝައުޤުވެރިވާނޭ ފަދަ ގޮތަކަށް
އުފައްދާ މަރުކަޒަކަށް އެ ތަން ހެދިދާނެއެވެ.
އަލްޙާފިޡާ އާލާއު ޢަޡުމަތު ޖަމީލު: 2018ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ވާހަކަދައްކަނީ (ފައިލްފޮޓޯ)<br>
ކޮންމެއަކަސް ކިތަންމެ ދަތި ގޮތަކަށް ނަމަވެސް މަދު މުވައްޒަފުންކޮޅެއްގެ ހިތްވަރުން ރޭ މިވަނީ ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަވާ، ދިވެހިރާއްޖޭގެ ވާހަކަދެއްކުންތެރިކަމުގެ 37ވަނަ ޤައުމީ މުބާރާތް ފައްޓަވައިފައެވެ. މި ޖަލްސާގައި އެކެޑަމީގެ ރައީސްގެ މި ހިތްދަތި ޝުޢޫރާއި ޝުކުރުވެރި ބަސްތަކަށް އަޅުގަނޑަށް ވިސްނައިލެވުނީ އޭގެ ކުރީން ވާހަކަފުޅުދެއްކެވި ތިން ބޭފުޅުން ވާހަކަދެއްކުންތެރިކަމުގެ މުހިންމުކަމުގެ މައްޗަށް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ. މި ގޮތަށް ބޭއްވޭ މުބާރާތްތަކުގައި ދަރިވަރުން ބައިވެރިވެ ވާދަކުރުމުގެ ސަބަބުން ޙަޔާތުގެ ޢަމަލީ މައިދާނުގައި ލިބޭ ފައިދާތައް އަމިއްލަފުޅު ތަޖުރިބާއާ އެކު، ޢަރަބިއްޔާގެ ކުރީގެ ދަރިވަރެއްކަމުގައިވާ މިހާރުގެ ނަފުސާނީ ވަސޭހަތްތެރި އަލްޙާފިޡާ އާލާއު ޢަޡުމަތު ޖަމީލު ވަރަށް ތަފުޞީލުކޮށް ބަޔާންކޮށްދެއްވިއެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ އަލްއަޚު ޙަސަން ޝާކިރު މުޙަންމަދު، ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން އޭނާގެ އަގުހުރި ތަޖުރިބާތައް ޙިއްސާކުރެއްވިއެވެ. އެ ޖީލުގެ ދަރިވަރުންނަށް ހުރި ދަތިތަކާއި މިއަދު މަޢުލޫމާތުގެ ދޮރުތައް ތަންމިނަށް ހުޅުވިފައި ވާއިރު، މިހާރުގެ ދަރިވަރުން އެ ފުރުޞަތުގެ ބޭނުން ހިފާންވީ ގޮތް އޮޅުންފިލުވައިދެއްވިއެވެ. ހަމައެކަނި މޮޅު ވާހަކަދެއްކުންތެރިއަކަށް ވުމުގެ ބަދަލުގައި މޮޅު "ރަނގަޅު" ވާހަކަދެއްކުންތެރިއަކަށްވުމުގެ މުހިންމުކަން ވެސް ބަޔާންކުރެއްވިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. ޢަލީ ޒާހިރު ބިން ސަޢިދު ޤާސިމުގެ ވާހަކަފުޅު ބޮޑަށް ބިނާކުރެއްވީ، މިއަދަކީ ޝަހީދުންގެ ދުވަސްކަމަށްވާތީ ޝަހީދުންގެ މާތްކަމުގެ މައްޗަށެވެ. ނަމަވެސް ވާހަކަދެއްކުންތެރިކަމަށް ވެސް އޭނާ ބައްލަވައިލެއްވިއެވެ.
މިއަހަރު މި ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތުގައި މާލޭގެ 19 އިސްކޫލަކާއި، އަތޮޅުތަކުގެ 10 އިސްކޫލެއް ބައިވެރިވިއެވެ. ދަށު ސާނަވީ ގިންތީގައި 23 އިސްކޫލަކުން 114 ދަރިވަރުންނާއި ސާނަވީ ގިންތީގައި 20 އިސްކޫލަކުން 102 ދަރިވަރުންނާއި މަތީސާނަވީ ގިންތީގައި ހަތް އިސްކޫލަކުން 36 ދަރިވަރުން ބައިވެރިވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މި ފަހަރުގެ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ދިވެހިބަހުގެ އެކެޑަމީއިން މި ބާއްވަނީ އެންޓީވީއާއި ވީޓީވީއާއި އެސްއެސްޓީވީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އެހީތެރިކަމާއެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި މުބާރާތުގެ ވާހަކަދެއްކުން ކުރިއަށް ގެންދާނީ މި ހިނގާ ފެބުރުވަރީ މަހުގެ 11އިން 28ގެ ނިޔަލަށްކަމަށް ޚަބަރުލިބިފައިވެއެވެ.
___________________________
ދެ ލަފުޒެއްގެ މާނަ:
ވިދާރާ ނ. (1) ވަކި ޚާއްޞަ ދާއިރާއަކުން ނުވަތަ ރޮނގަކުން އިލްމީ ދިރާސާތައް ކުރުމާއި އިލްމު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި ގާއިމުކޮށްފައި ހުންނަ މުއައްސަސާ. (2) ޚާއްޞަ ރޮނގަކުން ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ތަނެއް. (3) އެކެޑަމީ.
މާލަން ނ. ގިނަ ބަޔަކު ޖަލްސާއެއް ކުރުމަށް ޓަކައި ބައްދަލުވާން ނުވަތަ ޝޯއެއް ބަލާން ނުވަތަ ޕާޓީއެއް ބާއްވާން ބޭނުންކުރާ ބޮޑު ކޮޓަރިއެއް ނުވަތަ އިމާރާތެއް.