Advertisement

އިތުބާރު

11 Feb 2024 | 10:20
.

އަސްމާ އަބޫބަކުރު

އިތުބާރަކީ ކޮންމެ ގުޅުމެއްގެ ބިންގަލެވެ. އިތުބާރާ އެކީ އަޅާ ބިންގަލުގެ މައްޗަށް ބިނާކުރާ ބިނާ، އެހާ ފަސޭހައިން ވެއްޓިގެންނެއް ނުދާނެޔޭ ބުނާ އަޑު އަހަމެވެ. އިތުބާރު ނެތް ގުޅުންތައް ޝައްކުގެ މައްޗަށް ބިނާކުރެވިއްޖެ ނަމަ، ބަލިކަށިވާނެކަމަށް އަހަރެން ދެކެމެވެ. އިތުބާރާއި ލޯތްބާ ދެމެދު އޮންނަ ގުޅުމަކީ ހިތާއި ހިތުގެ ގުޅުމެވެ. އިތުބާރު ނެތުމަކީ ގުޅުންތައް ފުނޑުފުނޑުވާ ކަމެކެވެ. 

އަހަރެން ޒިދާނާ ރައްޓެވީ އުމުރުން ނަވާރަ އަހަރުގައެވެ. ޒިދާނަކީ އަވަށްޓެރިއަކަށް ވުމުން އޭނާގެ ގޮތް އެންމެ ރަނގަޅަށް އެނގޭ އެކަކީ އަހަންނެވެ. އަހަރެން އޭނާއަށް އިތުބާރުކުރީ ސަތޭކައިން މާކުސް ދީގެންނެވެ. އެ މާކުސް އެ ގޮތުގައި ދެމިއޮތީ ޒިދާންގެ ހިތްވަރު ގަދަކަމުންނެވެ. ހިތްވަރު ގަދައޭ މިބުނީ އޭނާ ބޭނުން ކަމެއް ކޮށްފައި ނޫނީ ހުއްޓައިނުލާތީއެވެ. އެ ގުޅުން ފެށުނީ ވެސް ހަނދާން ނުނެތޭނެ ގޮތަކަށެވެ.އަހަރެން އޮފީހަށް ދާން ގެއިން ނިކުންނަނީ ތެޅިފޮޅިގެންނެއް ނޫނެވެ. ވަގުތު އޮއްވައި ވަރަށް ހަމަޖެހިލައިގެން ހިނގައިފައި ގަޑިނުޖެހި ދެވޭވަރު ބަލައިގެންނެވެ. 

"ޝިމްލާ." އަހަރެންގެ ނަމުން ގޮވައިލިހެން ހީވެގެން ފަހަތް ބަލައިލި އިރު، ޒިދާން ހެވިފައި ހުރެ އަހަންނާ ދިމާއަށް އަންނަ ތަން ފެނުނެވެ. އަހަރެން އޮފީހަށް ދަނީ ޒިދާންމެންގެ ގޭ ދޮރުމަތީން ލައިފައެވެ. އެ ދުވަހު ދިށްކޮށްލި ފިނިފެންމަލުން ފެށުނު ގުޅުމަކީ އަހަރެންމެންގެ ލޯބީގެ ފެށުމެވެ. އޭގެ ފަހުން ދޭތެރެދޭތެރެއިން ފިނިފެންމާ ދެއެވެ. އަހަރެންގެ ރީތި ފަންއިސްތަށިގަނޑުގައި ފިނިފެންމަލެއް ޖަހައިފައި ހުރުމުން އަހަރެންގެ ސިފަ އިތުރަށް ފުރިހަމަ ވެގެންދެއެވެ.

ކޮންމެ ގުޅުމަކީ އެންމެންގެ މެދުގައި ނީލަން ކިޔޭ ގުޅުމަކަށް ނުވެދާނެއެވެ. އަހަރެމެން ރައްޓެހިވެގެން އުޅޭކަން އާއިލާއަށް ވެސް ނޭނގި އޮތީ އަހަރެން ލަދުން ޒިދާނާ ބައްދަލު ނުކުރާތީއެވެ. ވާހަކަދައްކަނީ ފޯނުންނެވެ. ކޮންމެ ދުވަހަކު މަދުވެގެން ދެތިން ގަޑިއިރު ވާހަކަ ދައްކަމެވެ. އެކަކު އަނެކަކަށް އެދުވަހެއްގެ ޑައިރީ ބަރާބަރަށް އެނގޭނެއެވެ. ނިދާ ވަގުތާއި ނިދީން ހޭލާވަގުތު ވެސް އަހަރެމެން ދެ މީހުން ވާހަކަދައްކަމެވެ. ފަހުންފަހުން އައިސް އަހަރެން ގިނަ ވަގުތު ހޭދަކުރަނީ ޒިދާންގެ ފޯނުކޯލުގައެވެ. 

އަހަރެންގެ މަންމައާއި ބައްޕައަށް، އަށް ކުދީން ލިބިފައިވެއެވެ. އަހަރެން މީ ހަގު ދަރިއަށް ވީތީ ކޮންމެ ކަމެއްގައި އެންމެ މޮޅު ގޮތް ލިބެނީ ހަގު ދަރިފުޅުގެ ލަގަބުގައި ހުރި އަހަންނަށެވެ. އޭލެވެލް ނިމުމުން މެލޭޝިޔާ އަށް ގޮސް ކޯހެއް ހަދާން އެދުމުން އެ ފުރުޞަތު ވެސް ލިބުނެވެ. އެއްވެސް ދައްތައަކު ނުވަތަ ބޭބެއަކު ވެސް އެކަމާ ޝަކުވާއެއް ނުކުރެއެވެ. ގޭގެ އެންމެން ވެސް އަހަރެން ދެކެ ނުލާހިކު ލޯބިވެއެވެ. 

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަހަރެމެންގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ވަރުގަދަ ވަމުންނެވެ. އެކަމުގެ ހެތްކަކީ އަހަންނަށް އަހަރެން ގެއްލޭން ފެށުމެވެ. އަހަރެން ތަންތަން ބަލަނީ ޒިދާންގެ ލޮލުންނެވެ. އަހަރެން އިވެނީ ޒިދާން ދައްކާވާހަކަ އެކަންޏެވެ. ގެއިން އޮފީހަށް، އޮފީހުން ގެއަށް، އައުން ފިޔަވައި އަހަރެން ދާނެ އިތުރު ތަނެއް ނުހުރެއެވެ. އަހަރެންގެ ކުލާސްމޭޓުންނާ ރައްޓެހީންނާ ގުޅާލާނެ ވަގުތެއް އަމުދުން ނުލިބެއެވެ. އެކުވެރިޔަކީ ވެސް އަދި ލޯބިވެރިޔަކީ ވެސް ޒިދާނެވެ. 

އެކަމަކު ވެސް އަހަރެން ހުންނަނީ ހާދަހާ އުފަލަކުންނެވެ. އަހަރެންގެ ޙަޔާތުގައި ބަނަކަމުގެ ވިލާކޮޅެއް ނުދެކެމެވެ. ހަޔާތުގެ ކޮންމެ ދުވަހަކީ އުޑުމަތި ސާފު ނަލަ ދުވަހެކެވެ. އޮފީހުގައި އިނަސް ޒިދާންގެ މެސެޖެއް ނުލިބޭ ދުވަހެއް ނުދާނެއެވެ. ޒިދާންގެ ރީތި މެސެޖުތަކުން އަހަރެންގެ ހިތުގައި އަބަދު ވެސް ފޮޅެނީ ފިނިފެންމަލެވެ. އެ މަލުގައި އިންނަ ކަށިގެ މަތީން އަހަރެން ހަނދާނެއް ނެތެވެ. އެ ގޮތުގައި އަހަރެމެންގެ ގުޅުމަށް ދެ އަހަރު ފާއިތުވެއްޖެއެވެ. 

"ހިނގާބަލަ ކައިވެނި ކުރާން. ޝިމްލާއާ ވަކިން މިހެން ނޫޅެވޭނެ." ޒިދާން ކައިވެނީގެ ވާހަކަ ދެއްކުމުން އަހަރެން ކަންބޮޑުވިއެވެ. އާއިލާގެ ތެރޭގައި އެ ވާހަކަ ފަށާނެ ގޮތެއް ވެސް އަހަންނަކަށް ނޭނގެއެވެ. 

ކުޑަ ދުވަސްކޮޅެއް ދީ މަށަށް. ތިޔަ ވާހަކަ މަންމަ ގާތުގައި ބުނަން ވަރަށް ހިތްވަރުކުރަން އެބަޖެހޭ." ހަގީގަތުގައި ވެސް އެވާހަކަ ދައްކާން އަހަންނަށް އުނދަގޫ ކަމަކަށް ވެއްޖެއެވެ. 

އަހަރެންގެ ވާހަކަ ދައްކާއިރު އަބަދު ވެސް ތެދު ބަހުން ވާހަކަދެއްކޭތޯ ބަލަމެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ ޒިދާނަށެވެ. އަހަރެން ތަނަކަށް ދިޔަސް އޭނައަށް އެ ކަން އެނގެނީކަން ނޭގެއެވެ. އަހަރެން ދާކޮންމެ ތަނެއް ޒިދާންގެ ކެމެރާއަށް އަރާނެއެވެ. ސުވާލުކުރުމުން އަހަރެން ތެދުބަހުން ޖަވާބުދެމެވެ. އަހަންނަށް ނޭނގޭ ކަމަކީ ދުނިޔޭގައި ގިނަ ބަޔަކު މަކަރާއި ދޮގާއި ހީލަތަށް މޮޅުކަމެވެ. 

"ހަލޯ. ކީއް ކުރަނީ؟ ދެތިން މިނިޓަށް ދޮރާށި ކައިރިއަށް ނިކުމެލާބަލަ" އިޝާނަމާދު ވަގުތަށްވުމުން އެ ގަޑީގައި ގޭތެރޭގައި އެކަކު ވެސް ނޫޅޭތީ އަހަރެން ދޮރާށި ކައިރިއަށް ނިކުތްއިރު ޒިދާން ހުއްޓެވެ. 

"ޝިމްލާއަށް ގެނައި ހަދިޔާއެއް މީ" ކުޑަކުޑަ ޕާރުސަލެއް އަހަރެން އަތަށް ދީފައި އަވަހަށް ގެއަށް ވަންނަން ބުނެފައި ޒިދާން ހިނގައްޖެއެވެ. ހައިރާންވެ ހުރެ އަހަރެން ކަނޑައިލި އެ ކުޑަފޮށީގައި އޮތީ ރީތި ރިހި ކުލައިގެ އަނގޮޓިއެކެވެ. އަހަންނަށް އެ އަނގޮޓި ރީތިވީ ނޫކުލައިގެ ޖަވާހިރު ފެނުމުންނެވެ. އަހަރެން އެންމެ ގަޔާވާ ކުލައަކީ ނޫކުލަކަން ޒިދާން ހަނދާނެއް ނުނެތެއެވެ. އަހަރެންގެ އަލަމާރީގެ އެއްވަތްގަނޑު ފުރިފައި ވަނީ ޒިދާން ދީފައިވާ ހަދިޔާތަކުންނެވެ. އަހަރެން ވެސް ޒިދާނަށް މަދުމަދުން ނަމަވެސް ހަދިޔާ ދެމެވެ.  

އަހަރެންގެ ބައެއް އާދަ ބަދަލުވެގެން ދިޔައިރު އަހަންނަށް ރޭކައި ވެސް ނުލައެވެ. ޒިދާންގެ ލޯބީގެ އަވައިގައި ޖެހިފައި ހުރުމުގެ ސަބަބުންކަމަށް ވެދާނެއެވެ. އާއިލާގެ ގެއަކަށް ދިޔަސް ޒިދާންގެ ހުއްދަ ހޯދާން އާދަ ވެއްޖެއެވެ. އޮފީހަށް ރަސްމީ ގަޑި ފިޔަވައި އެހެން ގަޑިއަކު ދާން ޖެހުނަސް އެ ހުއްދަ ހޯދާން ޖެހެއެވެ. ފޯނު ގެންގުޅެނީ ހަމައެކަނި ޒިދާނަށް ގުޅާށެވެ. އެނޫން ކަމަކު ފޯނު ބޭނުމެއް ނުކުރަމެވެ. ޒިދާން އަހަންނަށް އިތުބާރު ނުކުރާތީ އެ އިތުބާރު ދިނުމަށްޓަކައެވެ. ފޯނުގެ ކޮންޓެކްޓް ލިސްޓް ޑިލީޓް ކުރީ ވެސް އަހަރެންގެ ދެއަތުންނެވެ. ޒިދާނުގެ ލޯތްބަށް ޓަކައެވެ. މީސްމީޑިޔާ ބޭނުންކުރިއަސް ޒިދާނަށް ކަމަކުނުދެއެވެ. އަހަރެން އެހެން މީހަކާ ގުޅުމެއް އޮވެދާނެކަމަށެވެ. އެ އިތުބާރު ދިނުމަށް އެންމެ ޢާންމުކޮށް ބޭނުންކުރާ ފޭސްބުކާއި އިންސްޓަގްރާމް ވެސް ބޭނުންކުރުން ހުއްޓައިލީމެވެ. ނުވިތާކަށް ވައިބަރު ވެސް ބޭނުންކުރުން ހުއްޓައިލީމެވެ. ކިތަންމެ އުނދަގޫވިއަސް އެ ހުރިހާ ކަމެއް ކުރީ ހަމައެކަނި ޒިދާނަށްޓަކައެވެ. 

ކަލަންޑަރު އޭގެ ވާޖިބު އަދާކުރުމުގައި ދެ ގޮތެއް ނުވެއެވެ. ގަޑި ވެސް އެ ފަދަ ދެވަނައެއް ނެތެވެ. ދުވަސްތައް ފާއިތުވެ ގޮސް އަހަރެންގެ އުމުރުން ފަންސަވީސް އަހަރުވެއްޖެއެވެ. މަގުމަތީން މީހުންނަށް ފެނުނަސް މީހަކާ އިންނާކަށް ނުވޭތޯ އަހައިލާ މީހުން ގިނަވެއްޖެއެވެ. ގޭތެރޭގައި ވެސް މަޑުމަޑުން އަހަރެން ކައިވެނި ކުރާން ނޫޅޭ ވާހަކަ ދެކެވޭން ފަށައިފިއެވެ. 

ކައިވެނީގެ ވާހަކަ ދައްކާންވީ ދުވަސް ޖެހުނީކަމަށް ދެކި ޒިދާނާ އެ ވާހަކަ ދައްކައިފީމެވެ. 

"އަހަރެން ކިތައް ފަހަރު ކިތައް ދުވަހު ބުނެފިން ހިނގާށޭ ކައިވެނި ކުރާން. ޝިމްލާ ބުނަންދެން މިހުރީ" ތާރީޚު ކަނޑައެޅުމުން މަންމަ ގާތު އެ ވާހަކަ ދައްކާން ކިތަންމެ ނުކެރުނަސް އެ ވާހަކަ ދައްކައިފީމެވެ. މަންމަ އާއި ބައްޕަ ވެސް އެއްބަސްވިއެވެ. އާއިލާ ތެރޭގައި އެ ވާހަކަ ވައިގައި ހިފައިފިއެވެ. އެންމެން ހެދުން ފެހުމާއި ޕާޓީއަށް ބޭނުންވާނެ ތަކެތީގެ ލިސްޓު ތައްޔާރުކޮށް އަވަދިނެތި އުޅެއެވެ. 

"ޝިމްލާއަށް ޒިދާނަކީ ކާކުކަން ނޭނގޭތަ އަޅެ. ޒިދާނާ އެކީ ޝިމްލާ އަށް އުޅެވޭނެތަ؟" ދުރުތާ ތިމާގެ މީހެއް ކަމުގައިވާ ޔަސްފާ އައިސް ވާހަކަދެއްކުމުގެ ތެރޭގައި ބުނި ޖުމްލައަކުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. 

"އަހަރެން ޒިދާން ނިކަން ރަނގަޅަށް ދަންނަން. ޔަސްފާއަށް ނޭނގޭ ވަރަށް މަށަށްތާ އެނގޭނީ." ކޮންމެ ރެއަކު އަހަންނަށް ނިދެނީ ވެސް ޒިދާނާ ވާހަކަދައްކާން އޮއްވައެވެ. އަހަރެން ދެކޭގޮތުގައި އެއީ އަހަންނަށް ލިބުނު އެންމެ ތެދުވެރި ރަނގަޅު މީހާއެވެ. 

"ޒިދާންގެ ގޮތް މަށަށް ވެސް ވަރަށް ރަނގަޅަށް އެނގޭ. އަހަރެން ބޭނުމެއް ނުވޭ ޝިމްލާ ކަހަލަ ރަނގަޅު ކުއްޖަކު ޒިދާން ކަހަލަ ވިޔާނުދާ މީހަކާ އިންނާކަށް. އަދި އަމުދުން ތިޔައީ އަހަރެންގެ އާއިލާ ކުއްޖަކަށްވީތީ މިހެން މިބުނީ."  ޔަސްފާގެ ވާހަކައިން އަހަރެން ގާތަށް ވަރަށް ރުޅިއަތުވެއްޖެއެވެ. 

"މީސް މީހުންނާ ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަދައްކައި ދޮގު ތުހުމަތު އަޅުވާކަށް ނުވާނެ." ޔަސްފާ އެއަށްވުރެ ހިތްހަމަ ނުޖެހިފައި ދިން ދައުވަތު އަހަރެން ގަބޫލުކުރީ ވެސް އެއީ ދޮގަށްވާނެކަން ސާބިތުކޮށްދިނުމަށެވެ.

އެރޭ ޔަސްފާ ބުނި ގޮތަށް ނިދާން އަހަރެން ފޯނުބޭއްވީ އެގާރަ ޖަހަނިކޮށެވެ. އަދި އަވަސްއަވަހަށް ޔަސްފާ އެދުނު ގޮތަށް އެ ގެއަށް ދިޔައިމެވެ.

ގަޑިން ބާރަގަޑި ވިހި ހިނގި ތަނާ ޔަސްފާ ގެއާ ޖެހިގެން ހުރި ގެއަށް އެ ވަނީ ޒިދާނެވެ. އަހަރެންގެ ލޮލަށް ޒިދާން ފެނުނަސް ޤަބޫލުކުރާކަށް ވެސް ބޭނުމެއް ނުވިއެވެ. 

"ޝިމްލާ ބޭނުންތަ އެގޭ ކޮޓަރި ދޮރުގައި ތަޅައިފައި ޒދާނު ނެރޭން. ހިނގައިބަލަ އެކަން ކުރާން." އަހަރެން އެހެން ހަދާން ބޭނުންނުވީ އެ ދަންވަރު އެ ގޭގައި އުޅެނީ ކޮން ބަޔެއްކަމާއި އެ ދަންވަރު ދާނީ ކޮންމަގުޞަދެއްގައިކަން އެނގޭތީއެވެ. އޭގެ ދެ ގަޑި އިރު ފަހުން ޒިދާން އެ ގެއިން ނިކުމެ ދެކޮޅު ބަލައިލައިފައި ހިނގައްޖެއެވެ. 

"ޝިމްލާ ދެއްކި ވާހަކަ މިހާރު އަހަރެން ގަބޫލުކޮށްފިން." އަހަރެންގެ ހިތް އޭރު ރޮމުން ދިޔައެވެ. ލޮލުން ކަރުނަ ނުފައިބައިތޯ މަސައްކަތްކުރަމުން ދިޔަ ނަމަވެސް އެ ކަމެއް ވެސް ނުވިއެވެ. ޝިމްލާ ކިޔައި ދިން ގޮތުގައި ޒިދާނަކީ އެއް ފަހަރާ ދެތިން ކުދީންނާ ރައްޓެހިވެގެން އުޅޭ މީހެކެވެ. ނުވިތާކަށް ރޭގަނޑު ދަންވަރު މީހުންގެ އަނބީންގެ ގާތަށް ވެސް ވަންނަ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ. 

އެރޭ ޝިމްލާ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އަހަރެންގެ އުމުރުން އަށާރަ ނުވަނީސް ރައްޓެހިވާން އެހި ނަފީސް އަދިވެސް އަހަންނަށް ޓަކައި ހުރިކަމުގައި ވެސް ބުންޏެވެ. ނަފީސަކީ ރަނގަޅު މީހެކެވެ. އަހަރެން ހިތްހަމަ ނުޖެހުނީ ނަފީސް ބޮލުގައި އިސްތަށި ނެތުމުންނެވެ. އަހަރެންގެ އާއިލާ އެކަކު ވެސް ޒިދާނާ ކައިވެނިކުރާން އެހައި ގަބޫލު ނޫންކަމެވެ. ނަފީސާމިހާރު ވެސް އެންމެން ގަބޫލު ވާނެކަމެވެ. އެކަމަކު އެއްޗެއް ނުބުނީ އަހަރެންގެ ހިތުގައި ޖެހިދާނެތީއެވެ. އަހަރެން ދެކޭ ގޮތުގައި އެވަރުގެ ކަމެއް ހިނގާ އިރު އަހަރެންގެ ގާތުގައި ބުނާން ޖެހޭނެއެވެ. 

އަހަރެން ސަތޭކައިން މާކުސް ދީ ސަތޭކައިން ޒިދާނަށް ކުރި އިތުބާރު ގެއްލިއްޖެއެވެ. އަހަރެން ނަފީސަށް ރުހުން ދިންކަމެއް ގޭގެ މީހުން ފިޔަވައި އެއްވެސް މީހަކަށް ނޭންގުމަށް ޔަސްފާ ގާތުގައި ބުނީމެވެ. އަދި ކަންކުރާންވީ ގޮތް ޔަސްފާ ކިޔައިދިނުމުން އެ ގޮތަށް އެއްބަސްވީމެވެ. 

ޒިދާނަށް ކުރި އިތުބާރު ގެއްލުނުކަމަށް މެސެޖެއް ފޮނުވުމަށްފަހު އެ ނަންބަރު ބުލޮކް ކޮށްލީއެވެ. ކަނޑައެޅިފައިވާ ތާރީޚުގައި އަހަރެން ކައިވެނި ކުރީ ނަފީސާއެވެ. ކައިވެނީގެ ކާޑު ފޮނުވުމުން ނުދަންނަ އެތައް ނަންބަރަކުން ޒިދާން އަހަންނަށް ގުޅިއެވެ. އެތައް މެސެޖެއް ވެސް ޒިދާން ފޮނުވިއެވެ. ޒިދާން ހީކުރީ އަހަރެން ހުންނާނީ އޭނާ ބެހެއްޓި ހިސާބުގައި ކަނު ލޯބީގައި ކަމަށެވެ. އެހެންނަމަވެސް މިއަދު އަހަރެންގެ ލޯ ހުޅުވިއްޖެއެވެ. އިތުބާރު ކުރާންވީ ގޮތް ވެސް ދަސްވެއްޖެއެވެ. (ނިމުނީ)

_____________________________________________

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް