Advertisement

ކޮލަމް ހަމަ (1): ހުސްނޫނު ލިޔަނީ ނޯށަށް އަރުވައި ކިޔާން ޖެހޭ ތަންތަން ފާހަގަކުރާށެވެ.

10 Feb 2024 | 16:34
އިހު ދިވެހީން ލިޔުނު ރީތި ލިޔުމެއް: ހުސްނޫނުގެ ގަވާއިދު އާންމުވީ 1980ގެ ތެރޭގައެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކުގެ ހަގީގީ ބޭނުމަކީ ބަހުގެ އަޑުތަކާއި އަޑު ނެރޭންވީ ގޮތް ފާހަގަކޮށްދިނުމެވެ. އަކުރުތަކަކީ އަޑުތަކުގެ ނިޝާނެވެ. ފިލިތަކުގެ ވަޒީފާއަކީ އެ އަޑުތައް "އިއްވަން"ވީ ގޮތް އަންގައިދިނުމެވެ. ވީމާ، އަޑެއް ރަމްޒުކޮށްދޭ އަކުރާއި އަޑު ނެރޭންވީ ގޮތް އަންގައިދޭ ނިޝާންކަމަށްވާ ފިލި، ހަމަޔަށް ނެތް ނަމަ، އެ އަޑު ފުރިހަމަޔަށް "ނެރެވޭނޭ" ގޮތެއް ނޯންނާނެއެވެ.

ދިވެހިބަހުގެ ބަސްކޮށާރުގައި ހިމެނޭ ހުރިހާ ލަފުޒެއް އެއްވެސް މީހަކަށް، (ހަމަކަށަވަރުން ވެސް ގިނަ މީހުންނަކަށް) ނޭނގޭނެއެވެ. އަދި އަލަށް ދިވެހިބަސް އުނގެނި ދަސްކުރާ ބިދޭސީން ވެސް މި ޒަމާނުގައި އަންނަނީ އިތުރުވަމުންނެވެ. މާނަ ނޭނގޭ ލަފުޒެއް ބަސްފޮތުން ނުވަތަ އެހެން ލިޔުމަކުން ނަމަވެސް ބަލައިގެން ދަސްކުރާ މީހަކަށް އެ ލަފުޒެއް ފުރިހަމަޔަށް އެނގޭނީ ފިއްޔާއި އަކުރުތައް ލިޔުމުގައި، ހަމަޔަށް ހުރެގެންކަން ކަށަވަރެވެ. "އިއްވާން" ބޭނުންވާ އަޑެއް ރަމްޒު ކޮށްދޭ އަކުރާއި އެ އަޑެއް ނެރޭންވީ ގޮތް އަންގައިދޭ ނިޝާން، ލިޔުމުގައި އުނިވެފައިވާ ނަމަ ހެޔޮކޮށް އެ ލަފުޒެއް އަދާކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ނޯށަން އަރުވައިގެން ކިޔާން ޖެހޭ ތަންތާނގައި ހުސްނޫނު ނުލިޔާ ނަމަ، އެއީ ނޯށަށް އަރުވައިގެން ކިޔާން ޖެހޭ ތަނެއްކަމެއް އެ ލަފުޒެއް އަޞްލު (ނުވަތަ މާނަ) ނުދަންނަ މީހަކަށް ނޭނގޭނެއެވެ. ރޭޑިއޯއިން ކިޔާ ލަވައެއްގައި ވެސް… "މިތުރުނޭ އުގެނެމާހޭ،…." ކިޔައިފައިވަނީ "އުނގެނުން" މި ލަފުޒު ލިޔުމުގައި ހުސްނޫނު އިހުމާލުކޮށްލައިފައި ވާތީކަމަށް ދެންނެވިދާނެއެވެ. އަދި ލަވަކިޔުންތެރީންނަށް އެ ލަފުޒުގެ އަޞްލު އެނގިވަޑައިނުގަންނާތީ ލިޔުމުގައި އޮތް ގޮތަށް ވިދާޅުވީކަމަށް ވެސް ވެދާނެއެވެ.

އެހެން މިސާލެއް ދަންނަވާނަމަ ހޯނޑެއްދޫ އާއި ހެލެނގެލި ފަދަ (ރަށްރަށުގެ) ނަންނަން ކިޔާއިރު ނޯށަށް އަރުވައި ކިޔާން ޖެހުނަސް، އެ ދެ ނަން ލިޔާ އިރު (ލިޔުމުގައި) ހުސްނޫނު ނޯންނަ ނަމަ، އެ ދެ ރަށުގެ ނަން ކިޔާން ޖެހޭ ގޮތް ނޭނގޭ މީހަކަށް އެ ދެ ނަން ރަނގަޅަށް ކިޔާކަށް ނޭނގޭނއެވެ.

ކުރީގެ އަދީބުންގެ ލިޔުއްވުންތަކަށް ބަލާ އިރު، ހުސްނޫނު ލިޔާން ޖެހެނީ މައިގަނޑު ދެ ސަބަބަށްޓަކައެވެ. އެއީ ހުސްނޫނު ނުލިޔެފި ނަމަ، އަކުރާއި ފިލި، އެއް ގޮތަށް ޖަހާން ޖެހޭ ލަފުޒުގެ ތެރެއިން ނޯށަށް އަރުވައި ކިޔާން ޖެހޭ ލަފުޒާއި ނޯށަށް ނާރުވައި ކިޔާން ޖެހޭ ލަފުޒެއް ނަމަ، މި ފަދަ ދޭދޭ ލަފުޒުގެ މާނަ ދޭހަވުމަށް ދަތިވުމެވެ.

އިސްވެ ދެންނެވުނު އުޞޫލުން ހުސްނޫނު ލިޔުނަސް އަކުރާއި ފިލި އެއް ގޮތަކަށް ހުންނަ ލަފުޒުތަކުގެ މާނަ ދޭހަވުމަކަށް ފަސޭހައެއް ނުވެއެވެ. އެހެނީ އެއް ގޮތަކަށް އަކުރާއި ފިލި ޖެހިފައި ކިޔާ ގޮތް ވެސް އެއް ގޮތްވެފައި ތަފާތު ޙާލަތްތަކުގައި ތަފާތު މާނަ ދޭހަވާ ލަފުޒުތަކަކީ ކޮންމެ ބަހެއްގައި ވެސް ހުންނަ ލަފުޒުތަކެކެވެ. މި ފަދަ ލަފުޒު މާނަ އެނގެނީ އެ ޖުމްލައަށާއި ޖުމުލަ ލިޔުނު ސިޔާގަށް (ކޮންޓެކްސްޓް) ވިސްނައިގެންނެވެ. އަންނަނިވި މިސާލުތަކަށް ވިސްނައިލަމާތޯއެވެ؟

މުސަޅަކީ ބިމުގައި ހަރު ކޮނެގެން ދިރިއުޅޭ ޖަނަވާރެކެވެ. ރާވެރިބޭ ފަސް ރުކަކު މިއަދު ހަރުބަނދެފިއެވެ. އެއީ ބޯހަރުކުއްޖެއް ނޫނެއެވެ. ބިލަތް ކަނޑާން ފަސޭހަ ވާނީ އެގޭ ހަރުގެނެސްގެންނެވެ. ހަރުހަނޑުލުގެ ބޮނޑިބަތެއް ވެސް މަށަން ނުބައެއް ނޫނެއެވެ. މިއަދު މެންދުރު ހުރި ބަތް ހަރުކަމުން ގަރުދިޔައާއެކު ކާކަށް ކަމަކުނުދެއެވެ. ރަށުގެ ހަރު މީހުންނަށް އިޙުތިރާމްކުރާން ޖެހޭނެއެވެ. މިގޭ ގަހަކު އަދި ހަރު މިރުހެއް ނެތެވެ. ދަގަނޑަށް ވުރެ އެކަތަ ހަރުވާނެއެވެ. ހަރުމުދާ ޖެހޭނީ ހަމަ އެއްވަރަށް ބަހާށެވެ.

އިސްވެ ދިޔަ މިސާލުތަކުގައިވާ "ހަރު" މި ލަފުޒު އެކަނި އޮންނަ އިރު އެ ލަފުޒުގެ ވަކި މާނައެއް ދޭހަކުރާން އުނދަގޫވިޔަސް މި ލަފުޒުގެ މާނަ ދޭހަކުރާން ފަސޭހަކުރާންވެގެން ހުސްނޫނު ލިޔާ ވާހަކަ އެކަކު ވެސް ނުދައްކައެވެ. އެއީ އެލަފުޒު ކިޔާއިރު އިވޭ އެއްވެސް އަޑެއް ނުލިޔެ ދޫކޮށްލެވިފައި ނެތީތީއެވެ. އެއް ލަފުޒެއްގައި ގިނަ މާނަ ދޭހަވާ ލަފުޒުތަކުގެ ހަގީގީ މާނަ އެނގޭނީ އެ ޖުމްލައެއްގައި ލަފުޒު ބޭނުންކޮށްފައި އޮތް ސިޔާގަށް (ކޮންޓެކްސްޓަށް) ވިސްނައިގެންނެވެ. އެހެންވީމާ ހުސްނޫނު ލިޔާން ޖެހެނީ ކޮންމެހެން މާނަ ތަފާތުކުރާން ނޫންކަން އެބަ އެނގެއެވެ. ކަނޑި، އަޅުގަނޑު، ރަނގަޅު ފަދަ ލަފުޒުލަފުޒުގައި ހުސްނޫނު ލިޔާން ޖެހެނީ އެ ލަފުޒު ކިޔާ އިރު، ނޯށަށް އަރުވައި ކިޔާން ޖެހޭތީއެވެ. މާނަ ދޭހަކުރާން ފަސޭހަކުރުމަށް ޓަކައެއް ނޫނެވެ. އެހެންވީމާ ހުސްނޫނު ލިޔާން ޖެހެނީ ނޯށަށް އަރުވައި ކިޔާން ޖެހޭ ތަންތާނގައިކަން އެބަ އެނގެއެވެ.

ހުސްނޫނުގެ ވާހަކަ ދިވެހިބަހުގެ ތެރެއަށް ވައްދައިގެން ފުރަތަމަ ފޮތެއް ލިޔުއްވި ބޭފުޅަކީ އައްޝައިޚު އިބްރާހިމް ރުޝްދީ އަލްއަޒުހަރީއެވެ. އޭނާގެ "ސުއްލަމުލްއަރީބު ފީ ލުޣަތިލް މަޙަލްދީބިއްޔާ" ނަމަކަށް ކިޔާ ފޮތުގައި ބަޔާންކުރައްވައިފައިވާ ގޮތުގައި ނޯށަށް އަރުވައި ކިޔަންޖެހޭކަން އަންގައިދޭ ނިޝާނެއް ނެތް ނަމަ ނޯށަށް އަރުވައި ކިޔާން އެނގޭނީ ކުޑަކޮށް ވިސްނައިލައިފި ނަމަ ކަމަށް ވާތީ، މާބޮޑު ވިސްނުމަކާ ނުލައި ކިޔަންވާ އަޑުން ކިޔުމަށްޓަކައި ނޯށަށް އަރުވައި ކިޔާންޖެހޭ ކޮންމެ އަކުރެއްގެ ފަހުގައި ހުސްނޫނު ލިޔުން ވާޖިބުވާނެއެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވައިފައިވާ "ބަހުގެ ހަމަ"އިގައި ވާ ގޮތުން ހުސްނޫނުގެ އަޑު ފާޅުވާ ކޮންމެ ތަނެއް ލިޔާން ވާނީ ހުސް ނޫނާ އެކުގައެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވާ "ފަތްތޫރަ" (މަޖައްލާ) ގައި ޙަސަން އަޙުމަދު މަނިކު (ރަޙިމަހުﷲ) ލިޔުއްވައިފައިވާ ގޮތުން ނޯށަށް އަރުވައި ކިޔާންޖެހޭ ތަންތާނގައި ހުސްނޫނު ނުލައި ލިޔުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

ދިވެހިބަހުން (ހެޔޮކޮށް) ލިޔެފައި ހުންނަ ލިޔުންތަކާއި މަޝްހޫރު އަދީބުންނާއި ބަހުގެ ޢިލްމުވެރީންގެ ބަސްފުޅުތަކަށް ރިޢާޔަތްކުރާއިރު ހުސްނޫނު ލިޔާން ޖެހެނީ ކޮންމެހެން މާނަ ތަފާތުކުރާން ނޫންކަން އެނގެއެވެ. ތަފާތު އެތައް މާނައެއް ދޭހަވާ ލަފުޒުތަކުގެ މާނަ ދެނެގަނެވޭނީ އެ ލަފުޒެއް ޖުމުލައިގައި ބޭނުންކޮށްފައިވާ ގޮތަށް ބަލައިގެންނެވެ. ހުސްނޫނެއް ލިޔެގެނެއް ނޫނެވެ. ހުސްނޫނު ލިޔާންޖެހެނީ، ހުސްނޫނުގެ ކުރީގައި އޮންނަ އަކުރު ކިޔާންވާނީ ނޯށަށް އަރުވައިގެންކަން އަންގައިދިނިމަށްޓަކައެވެ. އެހެންވީމާ މާނަ ނޯޅުނަސް، އޮޅުނަސް ނުވަތަ ދޭހަކުރަން ފަސޭހަވިޔަސް، އުނދަގޫ ވިޔަސް، "ރަނގަޅު" ލިޔާންވާ ތަނެއްގައި "ރަގަޅު" ލިޔެގެން ކަމަކު ނުދާނެއެވެ. އަދި "އަޅުގަނޑު"ގެ ބަދަލުގައި "އަޅުގަޑު" ލިޔެގެންވެސް ނުވާނެއެވެ. އެހެނީ /ރަނ/ އާއި /ރަ/ އަކީ ތަފާތުކޮށް ކިޔަންޖެހޭ ދެއަޑެވެ. އަދި /ގަނ/ އާއި /ގަ/ ވެސް ކިޔެނީ އަދި ކިޔާންޖެހެނީ ވެސް އެއް ގޮތަކަށް ނޫނެވެ.

ނޯށަށް އަރުވައި ކިޔާންޖެހޭ ކޮންމެ ތަނެއްގައި ހުސްނޫނު ލިޔުމުގެ ބޭނުމަކީ ނޯށަށް އަރުވައި ކިޔާންޖެހޭ ތަންތަން ލިޔުމުން ފާހަގަކުރެވުމެވެ. ނޯށަން އަރުވައި ކިޔާންޖެހޭ ތަންތަން ނޯށަން ނާރުވައި ކިޔާނަމަ އޭގެ އަޞްލު މަޚުރަޖު ގެއްލެއެވެ. ބަހުގެ ރީތި ކަމާއި އޮމާންކަން ނެތިދެއެވެ. އަދި އެއީ ބަހަށް ލިބޭ ވަރަށް ފަޤީރުކަމެކެވެ. ބަހަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ދިވެހިބަހަކީ އިވޭ ކޮންމެ އަޑެއް ލިޔުމުގެ ޤާބިލްކަން ލިބިފައިވާ ބަހެއް ކަމަށް އަޅުގަނޑުމެން ދަޢުވާ ކުރާއިރު ބަހަށް ލިބިފައިވާ މި ކުޅަދާނަކަން އަމިއްލަޔަށް ދޫކޮށްލުމަކީ ބަހަށް ވެވޭ ޚިޔާނާތެއް ކަމުގައި ނޫނީ  ނުވާނެއެވެ.

އެހެންވީމާ ދިވެހި ބަހުން ލިޔާއިރު އެ ލަފުޒަކުން "އިއްވާ" ހުރިހައި އަޑުތަކެއް ވެސް ލިޔާންވާނެއެވެ. ނޯށަށް އަރުވައި ކިޔާންޖެހޭ ކޮންމެ އަކުރެއްގެ ފަހަތުގައި ހުސްނޫނު ލިޔާންވާނެއެވެ. ދިވެހިބަސް ލިޔެއުޅުމުގެ އުސޫލަކީ މިއީއެވެ. ދިވެހި ބަހުގެ ޤަވާއިދާއި ހަމައަކީ ވެސް މިއީއެވެ.

ލަފުޒެއްގެ މާނަ:

ސިޔާގު    ނ.    ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު.

______________________________________

ޙަވާލާ:

ބަހުގެ ހަމައިގެ އަތްމަތީ ފޮތް

ފަތްތޫރަ

ސުއްލަމުލްއަރީބު ފީ ލުޣަތިލް މަޙަލްދީބިއްޔާ

Advertisement

ކޮމެންޓް