އދ.އާއި މުސްލިމު އިސްވާރުން ވަނީ ފޭލިވެފައެވެ. ޔަހޫދީން ރަފަޙު އިސްތިޢުމާރުކޮށްފި ނަމަ، ފަނާކުރަނިވި ނަތީޖާއެއް ނުކުންނާނެއެވެ.
ފަރަގުގެ ބައިނަލްއަޤުވާމީ މުރާސިލު
އިސްލާމީ ދައުލަތްތަކާއި ދުނިޔޭގެ ޞުލްޙައަށް ޓަކައި ކަމަށް ބުނެ އުފައްދައިފައިވާ އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާ (އދ.) މިއަދު ވަނީ ފޭލިވެފައެވެ. ސުލްޙައޭ، އިންސާފޭ، އިންސާނީ ޙައްގޭ ކިޔައިގެން ވާހަކަދައްކާން އެ މީހުންނަށް ކެރޭކަމީ ވެސް ލަދުވެތިކަމެކެވެ. އެންމެންގެ ކުރިމަތީގައި ބޮޑެތި ގައުމުތަކުން އެހީތެރިވެދީގެން ފަލަޞްޠީނު ފަނާކޮށްލީއެވެ. ނަސްލެއް ނައްތައިލަނީއެވެ. އެކަމަކު މި ނުބައި ޢަމަލު ހިންގާ މުޖުރިމުންނާ ދެކޮޅަށް އދ.އިން އެޅުނު ފިޔަވަޅެއް ނެތެ. ހުސް އަންގަތެޅުން ނޫން ކަމެއް ނުވެއެވެ.
އިސްލާމީ ބޮޑެތި ގައުމުތަކުގެ ހާލަކީ އަދި މާ ލަދުވެތި ޙާލަތެކެވެ. މި ނުބައި ޖަރީމާ ހިންގާ މީހުންނަކީ އެކުވެރީންކަމުގައި ބަލައިގެން އެ މީހުންނާ އެކު، އިޖުތިމާޢީ އަދި އިޤުތިޞާދީ މުޢާމަލާތުތައް ހިންގަނީއެވެ.
މިހާރު އަޅުގަނޑު މި ލިޔަމުން ގެންދާ ވަގުތުގައި ވެސް ފަލަސްތީނުގެ ރަފަޙުގައި ފުޅާ ދާއިރާއެއްގައި އަނިޔާވެރި ޙަމަލާތައް ދެނީއެވެ. މިއީ ވަރަށް ބައިބޯ ސިޓީއެކެވެ. އެހެންކަމުން މި އަނިޔާވެރިކަން ކުރިއަށް ގެންދާން އެންމެ ބޮޑަށް އެހީތެރިވެދޭ އެމެރިކާއިން ވެސް މިއީ ބޮޑު މުޞީބާތަކަށް ވެދާނެކަމަށް އިސްރާއީލަށް އިންޒާރުދޭކަމަށް ބުނެއެވެ.
އަމާޒަށް ބަޑިޖަހާން ޚާއްޞަ ތަމްރީނު ދީފައިވާ މީހުން ލައްވައި ދާދި ދެންމެއަކު ޚާންޔޫނިސްގެ ނާސިރު ހޮސްޕިޓަލުގެ ބޭރުން 21 ފަލަސްތީނީން ވަނީ ޝަހީދުކޮށްލައިފައެވެ. އެ މީހުން ޝަހީދުކޮށްލާން އަމާޒުކުރި މީހުންގެ ތެރޭގައި ޞިއްޙީ މުވައްޒަފުން ވެސް ހިމެނުނެވެ. ޔަހޫދީން ބޭނުންވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ޒަޚަމުވާ މީހަކަށް ވެސް ކާއެއްޗެއް ޞިއްޙީ އެހީތެރިކަމެއް ލިބުނަނުދީ ޝަހީދުވާން ދޫކޮށްލާށެވެ. މި ހިނގަމުންދާ 24ގަޑިއިރުގެ ތެރޭގައި 107 ފަލަސްޠީނީއަކު ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 142 މީހަކު ވަރަށް ބޮޑަށް ޒަޚާމުވެފައިވެއެވެ.
އެމެރިކާގެ ރައީސް ވެސް ބުނަނީ އިސްރާއީލްގެ ޙަމަލާތައް މިހާރު އޭގެ އެންމެ މައްޗަށް ފޯރައިފިކަމަށާއި އޭނާ ވަރުބަލިކަމެއް ނެތި މަސައްކަތްކުރަނީ މި ޙަމަލާތައް ހުއްޓައިލައިފައި އޮންނަ ވަގުތު އިތުރުކުރެވޭތޯކަމަށެވެ.
އދ.ގެ އިސްވެރިޔާ އެންތޯނިއޯ ގުތަރޭސް ބުނާ ގޮތުން
ޣައްޒާގެ 2.3 މިލިއަން އާބާދީގެ ދެބައިކުޅައެއްބައި މީހުން ގަދަކަމުން ވަނީ
ރަފަޙަށް ޖަމާކޮށްފައެވެ. އެ މީހުން ދާނެ ތަނެއް ނެތެވެ. އެންމެން ވަނީ
ވިއްސިވިހާލިވެފައެވެ. ހިޔާޥަހިކަން ހޯދާނެ ގެދޮރެއް ނުވަތަ ހިޔާވަހިކަމެއް ވެސް
ނެތެވެ. އެއްވެސް އުންމީދެއް ވެސް ނެތެވެ. މި ތަނަށް އެންމެން ޖަމާކުރުމަށް ފަހު، އެންމެ ބާރުގަދަ ޙަމަލާތައް އެ މީހުންނަށް އަމާޒުކުރަނީއެވެ.
މި ދިޔަ އަހަރު އޮކްޓޫބަރު ހަތްވަނަ ދުވަހު މި ހަމަނުޖެހުން ފެށުނު ފަހުން ފަލަސްތީނުގެ 27 ހާސް ނުވަ ސަތޭކަ ސާޅީސް އެތައް މީހުންނެއް ވަނީ ޝަހީދުކޮށްލެވިފައެވެ. އަދި 67 ހާހަށް ވުރެ ގިނަ މީހުންވަނީ ބޮޑެތި އަނިޔާތަކާއެކު ޒަޚަމުކޮށްލެވި ނުކުޅެދޭ މީހުންނަށް ހަދައިލެވިފައެވެ. އިސްރާއީލުން އާންމުކުރާ ތަފާސްހިސާބުތައް ބުނާ ގޮތުން ވެސް އެ މުއްދަތުގައި އިސްރާއީލުން މަރުވެފައިވަނީ އެންމެ 1139 މީހުންނެވެ.
ފަލަސްތީނުގެ ޖަލު މީހުންނާ ބެހޭ އިދާރާއާއި ޕެލަސްޓައިން ޕްރިޒަނާރސް ކްލަބު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނާ ގޮތުން މީހުން ހައްޔަރުކުރާން ޔަހޫދީން ހިންގާ ޙަރަކާތުގައި ކުރި ރޭޑެއްގައި ދާދި ދެންމެއަކު ވެސް 15 މީހަކު ވަނީ ހައްޔަތުކޮށްގެން ގެންގޮސްފައެވެ. އަދި އޮކްޓޫބަރު ހަތްވަނަ ދުވަހުގެ ފަހުން މި ގޮތުން ޔަހޫދީން ހައްޔަރުކުރި ފަލަސްތީނީންގެ އަދަދު 6940އަށް ވުރެ އިތުރުވެއްޖެއެވެ.
މި ބަޔާން ބުނާ ގޮތުގައި މީހުން ހިފައި ހައްރުކުރުމަށް ޓަކައި ހިންގާ ޙަރަކާތް ބޮޑަށް އަމާޒުކޮށްފައިވަނީ ފަލަސްޠީނުގެ ރާމަﷲއާއި ޖެރޫސަލަމާއި ތުލްކަރީމާއި ނާބުލޫސާއި ޖަރީޚާއަށެވެ.
ރަފަޙު، އިސްތިޢުމާރުކުރާން މަސައްކަތްކުރާ ޔަހޫދީ ލަސްކަރުތަކުން މިހާރުވަނީ ޚާންޔޫނިސްގެ އަލްއަމަލް ހޮސްޕިޓަލުގެ ތެރޭގައި ހުންނަ ފަލަސްތީނުގެ ރެޑުކްރެސެންޓްގެ މައި މަރުކަޒު ރޭޑުކޮށްފައެވެ. މި ހޮސްޕިޓަލު އިސްރާއީލުގެ ޙިޞާރުގެ ދަށުގައި ހުންނަތާ މިއަދަށް މި ފާއިތުވަނީ 19 ދުވަހެވެ. ޔަހޫދީންގެ ޢަމަލުތަކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވަނީ އެ މީހުންގެ މުޅި އަމާޒަކީ ފަލަސްތީނު ނަސްލު މި ދުނިޔެއިން ނައްތައިލުމަށް ފަހު ފަލަސްތީނުގެ މުޅި ބިން އެއީ އިސްރާއީލުގެ ތަނެއްކަމަށް ހަދާށެވެ.
މި އަނިޔާވެރިކަން މި ގޮތަށް ދެމިގެންދާތާ ތިން މަސް ފުރި ހަތަރު މަހެއް ގުނަމުންދާ އިރު، މުސްލިމު އިސްވާރުން އެ އަނިޔާވެރީންނަކީ މިތުރުންކަމުގައި ބަލައިގެން ފަލަޞްޠީނާއި ޤުދުސާއި މަސްޖިދުލްއަޤުޞާގެ ޙުރުމަތް އިހުމާލުކޮށްލައިގެން ތިބުމަކީ ކޮން ފަދަ ލަދުވެތިކަމެއް ތޯއެވެ! އަދި އިންސާނީ ޙައްގޭ، ކުޑަކުދީންގެ ޙައްގޭ، އަންހެނުންގެ ހައްގޭ ކިޔައިގެން އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު ހަލާކުކުރާން ހުޅަނގުން ދައްކާ މަކަރުވެރި ވާހަކަތައް އަޅުގަނޑުމެން އަދިވެސް ތިބޭންވީ ގަބޫލުކޮށްގެންތޯއެވެ؟ މިއަދަކީ ކީރިތި ރަސޫލާﷺ މިޢުރާޖު އަރައިވަޑައިގަތް ތާރީޚީ ދުވަސްކަމަށްވާ އިރު މަސްޖިދުލްއަޤުޞާގެ ޙުރުމަތާމެދު މުސްލިމު އިސްވާރުން ނަޒަރެއް ދޭކަށްނުވޭތޯއެވެ؟ ދުނިޔޭގެ ސުލްޙައަށޭ ކިޔައިގެން އެމެރިކާއާއި ވިލާތުގެ މަސްލަޙަތު ކުރިއަރުވާން ހިންގާ އދ. ދޫކޮށް މުސްލިމުންގެ ވަރުގަދަ އިއްތިޙާދެއް ހަދާކަށް ނުވޭތޯއެވެ؟ ކޮންމެއަކަސް ދުނިޔޭގައި އިންސާފާއި ސުލްހަ ގާއިމުކުރުމުގައި މުސްލިމުންނާއި ދުނިޔޭގެ ގައުމުތަކުގެ ހުރިހާ ވެރީންނާއި އދ.ވެސް މިއަދު މި ވަނީ ފޭލިވެފައެވެ.
________________________________________
ލަފުޒެއްގެ މާނަ:
ރޭޑު ނ. (1) ސަމާލުނުވެ ތިއްބައި ބަޔެއްގެ ތެރެއަށް ކުއްލިއަކަށް ދެވޭ ޙަމަލާތަކެއް ނުވަތަ ބަޔެއްގެ ތެރެއަށް ބާރާއެކު އަރައިގަންނަ އަރައިގަތުން. (2) ކުށްކުރާ މާޙައުލެއްގެ ތެރެއަށް، އެ ކުށްކުރާ މީހުން ނުދެނެ ތިއްބައި ކަމާބެހޭ އޮފިސަރުން ވަދެ އެ މީހުން އަތުލައިގަންނަ އަތުލައިގަތުން.