Advertisement

ދިވެހި ސަގާފަތާއި ދިވެހިބަސް ދުނިޔެއަށް އިޝްތިހާރު ކުރެއްވުމުގައި ޑރ. އަޝްރަފާއި އިޝާ، މިޞްރުގައި

08 Feb 2024 | 22:24
ޑރ. އަޝްރަފާއި މިޞްރުގެ ހުށަހެޅުންތެރިޔާ

ފަރަގުގެ ބައިނަލްއަޤުވާމީ މުރާސިލު

މިޞްރުގެ ވެރިރަށް ޤާހިރާގައި ބިޔަ މަހާސިންތާއެއްގައި ދިވެހި ސަގާފަތާއި ދިވެހިބަހާ ބެހޭ ގޮތުން އެތައް މިލިއަން ބަޔަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ފުރުޞަތަކީ އާދައިގެ ފުރުޞަތެއް ނޫނެވެ. މި ފުރުޞަތު ދިވެހިބަހުގެ އެކެޑަމީގެ ރައީސް ދިވެހިރާއްޖެއަށް ހޯއްދަވައިދެއްވައިފިއެވެ.

2024 ޖަނަވަރީ 24ން 2024 ފެބުރުވަރީ 6އަށް މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި "މަޢުރަޟް އަލްޤާހިރަތުއްދައުލީ ލިލްކިތާބި" (ޤާހިރާގެ ބައިނަލްއަޤުވާމީ ފޮތް މައުރަޒު)ގައި ޑރ. އަޝްރަފު ޢަބްދުއްރަޙީމް ދިވެހި އަދަބިއްޔާތާ ބެހޭ ގޮތުން ހުށަހެޅުއްވުމެއް ހުށަހަޅުއްވައިފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ނުވަ ދުވަހުގެ ތެރޭގައި 3.5 މިލިޔަނަށް ވުރެ ގިނަ މީހުން ޒިޔާރްތަކުރި މި ފޮތް މައުރަޒަކީ ބޮޑު މަހާސިންތާއެއްގެ ގޮތަށް ކުރިއަށް ގެންދިޔަ މައުރަޒެކެވެ. މި "މަޢުރަޒު"ގައި ޑރ. އަޝްރަފު ޢަބްދުއަރަޙީމް އޭނާ ދިވެހިބަހަށް ތަރުޖަމާކުރައްވައިފައިވާ "ޝުޢާއެއުމީދު" މި ފޮތުގެ އަދަބިއްޔާތުގެ މައްޗަށް ވާހަކަފުޅު ދައްކަވައިފައިވެއެވެ. އަދި އެ ފޮތް ދިވެހިބަހަށް ތަރުޖަމާކުރައްވާން އޭނާ ގަސްތުކުރެއްވި ސަބަބާއި، ހަގީގަތުގައި "ޝުޢާއެ އުމީދު"ގެ ފަލްސަފާއާއި އެ ފަލްސަފާ ފުރިހަމައަށް ދިވެހިބަހަށް ގެނެސްދިނުމުގައި ދިވެހިބަހާއި އަދަބިއްޔާތުގައި ހުރި ޤާބިލުކަމުގެ މައްޗަށް އޭނާ ބައްލަވައިލެއްވިއެވެ. އަދި ދިވެހިބަހާއި ދިވެހި އަދަބިއްޔާތާ ގުޅޭ ގޮތުން ބައިވެރީންނަށް އޭނާގެ ހުށަހެޅުއްވުމުގައި ދިވެހިބަހާއި ދިވެހި އަދަބިއްޔާތުގެ މުހިންމުކަމުގެ މައްޗަށް ވެސް ވަނީ ބައްލަވައިލައްވައިފައެވެ.

ފޮތް މައުރަޒުގެ ތެރެ: ބޮޑު ސަރަހައްދަަކަށް ފެތުރިފައި އޮތް މި ފޮތް މައުރަޒު އަންގާރަދުވަހު ނިންމައިލައިފައިވާއިރު 3.5 މިލިއަން މީހުން މި މައުރަޒަށް ޒިޔާރަތްކޮށްފައިވެއެވެ. (ފޮޓޯ: އަލްއަހުރާމް)<br>

މީގެ އިތުރަށް މަރިޔަމް އިޝާ ޢަޒީޒުވަނީ ފަށުވި މަގު (ސިލްކް ރޫޓް) ވެދުވެރިކޮށް ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވީ ގޮތާއި ދިވެހީންގެ ސަގާފަތުގެ މައްޗަށް ވާހަކަފުޅުދައްކަވައިފައެވެ. އަދި ގަތާފައި ބޭނުންކޮށްގެން ދިވެހީން ކަސަބު ހިރު ގަދައި ކަސަބު ބޯވަޅު ތައްޔާރުކުރައްވާނެ ގޮތުގެ މައްޗަށް ވެސް އޭނާ ހުށަހެޅުމެއް ހުށަހެޅުއްވިއެވެ. އަދި އަސްލު ގަތާފައެއް ބޭނުންފުޅުކުރައްވައިގެން ކަސަބުން ތަކެތި ގަތާނެ ގޮތް ޢަމަލީ ގޮތުން ދެއްކެވިއެވެ. އިޝާ ޢަޒީޒު މިޞްރަށް ވަޑައިގަތީ ގަތާފައަކާއި ގެތުމަށް ބޭނުންވާ ހުރިހައި ތަކެއްޗެއް ހިއްޕަވައިގެންނެވެ. އޭނާގެ ހުށަހެޅުއްވުން ހުށަހެޅުއްވި އިރު ހުންނެވީ ވެސް އެންމެ ސަގާފީ ކަސަބު ބޯވަޅުއެޅި ރަތް ލިބާހެއް ތުރުކުރައްވައިގެންނެވެ. މި ދެ ބޭފުޅުން އިނގިރޭސިބަހުން ހުށަހެޅުއްވި ހުށަހެޅުންތައް ޢަރަބިބަހުން ތަރުޖަމާކުރެއްވީ މިޞްރުގެ މަޝްހޫރު މީޑިއާ ހުށަހެޅުންތެރިއެކެވެ.

މަރިޔަމް އިޝާ ޢަޒީޒު: ދިވެހި ސަގާފަތާ ބެހޭ ގޮތުން މިޞްރުގައި ހުށަހެޅުމެއް ހުށަހަޅުއްވަނީ <br>

ޑރ. އަޝްރަފާއި އިޝާ ޢަޒީޒުގެ ހުށަހެޅުންތަކަކީ އެ މަހާސިންތާގައި ބައިވެރިވި ހުރިހާ އެންމެންނަށް ވަރަށް ޝައުޤުވެރިވި ހުށަހެޅުންތަކަށް ވީކަން ފާހަގަކޮށްލެވުނެވެ. އަދި މި ވާހަކަތައް މިޞްރުގެ މަޝްހޫރު ނޫސްތަކުގައި ވެސް ޝާއިޢުކޮށްފައިވެއެވެ.

ޑރ. އަޝްރަފު ޢަބްދުއްރަޙީމާއި މަރިޔަމް ޢީޝާ ޢަޒީޒު ދިވެހި ޤައުމު ތަމްސީލުކުރެއްވުމަށް ޓަކައި މިޞްރަށް ވަޑައިގަތުމާއި ތިއްބެވުމާއި ފަރީއްކޮޅުގެ ކަންތައް ހަމަޖެއްސެވީ އެ ދެ ބޭފުޅުން އަމިއްލަފުޅަށްކަން ވެސް ފާހަގަކޮށްލާންޖެހެއެވެ. މައުރަޒު އިންތިޒާމުކުރި ފަރާތުން އެ ބޭފުޅުންނަށް ތިން ދުވަހުގެ ތިއްބެވުމާއި ފަރީއްކޮޅުގެ ކަންތައް ހަމަޖައްސަވައިދެއްވިއެވެ. އެހެން ހުރިހާ ކަމެއް ހަމަޖެއްސެވީ އެ ބޭފުޅުން އަމިއްލަފުޅަށެވެ.

ޑރ. އަޝްރަފާއި އިޝާ: މިޞްރުގައި ތިބި ކިޔަވާކުދީންގެ ތެރެއިން ބައެއް ދަރިވަރުންނާއެކު ފޮޓޯއަކަށް ހުއްޓިލައްވައިގެން<br>

ދިވެހި ގައުމިއްޔަތުގެ އެންމެ މުހިންމު ދެ ބަހާކަމަށްވާ ދިވެހިބަހާއި ދިވެހި އަދަބިއްޔާތު ދުނިޔެއަށް ތަޢާރަފުކުރެއްވުމަށް ޓަކައި ދިވެހި ދައުލަތުން އެންމެ ލާރިއެއް ވެސް ޚަރަދު ނުކުރައްވައި ދިވެހިއްޔަތަށް ލޯބިކުރައްވާ ދެ ދިވެއްސަކު މި އަދާކުރެއްވި މަތިވެރި ވާޖިބަކީ "ފަރަގު"ން ފާހަގަކުރާ ކަމެކެވެ. އެހެންކަމުން އެ ދެބޭފުޅުންނަށް ފަރަގު މީޑިއާގެ ނަމުގައި ތަހުނިޔާ ދަންނަވަމެވެ.

ޑރ. އަޝްރަފާއި އިޝާ މިޞްރުގައި ދެއްވި ހުށަހެޅުންތައް އަޑުއެހުމަށް ޓަކައި މިޞްރުގައި ތިބޭ ކިޔަވާކުދީން ވެސް ޙާޒިރުވެ ޝައުޤުވެރިކަމާއެކު ތިބިކަން ފާހަގަކުރެވެއެވެ. އަދި އެ ދެ ބޭފުޅުންގެ ޝަރަފުގައި ދިވެހި ކިޔަވާކުދީން ދިވެހި ފަރީއްކޮޅެއް ވެސް އެރުވިއެވެ.

ޑރ. އަޝަރަފު ޢަބްދުއްރަޙީމާއި މަރިޔަމް އިޝާ ޢަޒީޒު މިޞްރުގެ ޤާހިރާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ޢުމާންގެ މަގުން މާދމާ (ހުކުރުދުވަހު)  ރާއްޖެ ވަޑައިގަންނަވާނެކަމަށް ޚަބަރުލިބިފައިވެއެވެ. މިއަދު ވަނީ ދަތުރުފުޅު ފައްޓަވައިފައެވެ.

(ބައެއް މަޢުލޫމާތު: އަލްއަހުރާމް އޮންލައިން)

________________________________

ދެ ލަފުޒެއްގެ މާނަ:

މައުރަޒު      ނ.    (1) ފަންނީގޮތުން ކުރެވޭ މަސައްކަތްތަކުގެ ނަމޫނާތައް ހުށަހެޅޭތަން. ދައްކައިލަން ބަހައްޓާފައި ހުންނަތަން. (2) ދައްކާން ބޭނުންވާތަކެތި ދެއްކުމަށް ޓަކައި ބަހައްޓައިފައި ހުންނަ ތަން.

އަދަބިއްޔާތު   ނ.    (1) އަދަބީ އުފެއްދުންތަކާ ބެހޭ ޢިލްމު. (2) ގިނަ ޒަމާންތަކަށް އޭގެ އަސަރު ދެމިހުންނަނިވި، ބުގިސް ޅެމާއި ނަސްރު. މީގެ ތެރޭގައި ޅެމާއި މަޒުމޫނާއި ދިރާސާއާއި ތަގުރީރާއި ޚުޠުބާއާއި ވާހަކައާއި ތަމްސީލާއި ލިޔުންތައް ހިމެނެއެވެ.

Advertisement

ކޮމެންޓް
ރިޟުވާނު
އުފާ ލިބިދޭ ޚަބަރެއް. އަލަްއަޒުހަރުގައި ޒަމާނުއްސުރެ ދިވެހިންނަށް ތަޢުރީފު ކުރެވޭ. ޝ. ޖަލާލުއްދީނަށް "ފަހުމީ" ، އެތާގެ އުސްތާޒުން ކިޔުއްވުމަކީ އެކަމުގެ ހެތްކެއް.
09 Feb 2024