Advertisement

ކަނީރުގެ ވިސްނުމުގައި... (5): މިނިވަންކަން (2)

08 Feb 2024 | 12:56
މިނިވަންކަމަކީ ވަކި އިމެއް އޮންނާނެ އެއްޗެކެވެ.

ކަނީރު ޢަބްދުއްރަޙީމް ޢުމަރު

(2024 ފެބުރުވަރީ 6ގައި ޝާއިޢުކުރި ބައިގެ ބާކީ)

މީސްމީޑިއާއަކީ ކުޑަބާރެވެ. ހަތަރުވަނަކަމުގައި ބުނެވޭ ބާރެވެ. ދެން ހުރިބާރުތަކުގައި ވެސް  މި މިނިވަންކަން ދާދި އެއްގޮތަކަށް އެބައޮތެވެ.

މަޖިލީހުގެ ނަން އާއްމު ގިނަ ބައެއްގެ ތެރޭގައި "ސަރުކާރުގެ ބަކަރިކޮށްޓަށް" ވެފައި މި އޮންނަނީ މިހާރު މި ސަބަބާހުރެއެވެ. މި އޮތް މިނިވަންކަމަކާ ހެދިއެވެ. ހަމައެއް އުސޫލެއް އަދަބެއް އަޚުލާގެއް ހަމަ ނެތްކަން ދިމާއަށް ފެނި ސާބިތުވާތީއެވެ. ކިޔާނެ އެއްޗެއް ކިޔާން ހުއްދަ އޮވެއެވެ. ގާނޫނާއި ޝަރީއަތަކަށް އެ ކަމަކާ ނުބެހެވޭނެ އިމެކޯލައެވެ. ހަޑި ހުތުރު ހަރަކާތްތައް އަތުގެ ހަރަކާތުން ކުރުމާއި ޖެއްސުމުގެ ރާގުރާގަށް އަޑުލައްވައި އަނެކުންނަށް ފުރައްސާރަ ކުރެވެޔޯލައެވެ. މިހުރިހައި ކަމަކަށް ބާރުލިބެނީ އެ އެންމެން އެކުވެގެން އަމިއްލައަށް ސަރުކާރުން ނަގާން ހަމަޖެއްސި ބޮޑު މުސާރައިންނޭ ބުނާނެޖާގަ އޮވެއެވެ. މައުލުމާތު ކިޔައިދޭ ގޮތުގައި މުސާރައާއި އެކި އެލަވަންސުތަކާއި ލިބިގަނެފައިވާ ޚިދުމަތްތަކުގެ އަގު މަހަކު ލައްކައަކަށް ވުރެ ގިނަވެއެވެ. އޭގެ އިތުރަށް ނަގާ ކޮންމެ ވޯޓަކަށް އެ ވޯޓެއްގެ ބަރުދަނާ އެކަށޭނަ ހިތްރުއްސިއެއް ލިބުމަކީ އެންމެ ފާހަގަކުރެވޭ އެއް ކަންތަކެވެ. މި ގޮތުން އެއް ފަހަރަކު ވޯޓުނަގާން އޮތް ދުވަހުގެ ކުރީ ރޭ ބައިލައްކައިގެ ހިތްރުއްސިއެއް ލިބުނުކަމަށް ވެސް ވެއެވެ.

މަޖިލީހަކީ މި މިނިވަންކަން އެންމެ ބޮޑަށް ހޯދައި ގަނެފައިވާ ތަން ކަމުގައި ނިންމިދާނެއެވެ.

* ކިޔާނެ އެއްޗެއް ކިއުމުގެ މިނިވަންކަމެވެ.

* އުޅޭނެ ގޮތަކަށް އުޅުމުގެ މިނިވަންކަމެވެ.

* ވަގުތަށް ބޯލަނބާން ނުޖެހޭ މިނިވަންކަމެވެ.

(ގަޑިޖެހިގެންދިއުމާއި، ސަލާމްބުނުމާއި، ހާޒިރުނުވުމާއި، މަޖިލީސް ހިނގަހިނގައި އޮއްވައި ދާނެ ތާކަށް ދެވޭކަމާއި ތިން މަހުން ކަހަލަ ގޮތަކަށް އެ އޮންނަ ޗުއްޓީއަކީ، މި މިނިވަންކަމުގެ ހަވާސާގައި ހުރި އުސޫލެއް ނެތި އޮންނަ ބައެއް ކަންކަމެވެ.) މި މިނިވަންކަމުން ލިބެނީ ގެއްލުމޭ ބުނާނެ ފުރުސަތު އޮންނަނީ މިހެން ވީމައެވެ.

ނުފޫޒާއި ބާރު އޮންނަ އަނެއް ބާރަކީ އިންސާފު ގޮޅިއެވެ. އިންސާފުކުރާނެކަމަށް ބެލެވޭ އެ ކަމަށް އޮންނަ އިމެވެ. މި އިމުގައި ކުރާކަންކަން ރާވައި ހިންގާން ހަވާލުވެގެން ނުވަތަ އެ ކަން ހަވާލުކޮށްފައި ތިބޭ މީހުންނާއި އިންސާފުކުރާ މީހުންނަށް އޮންނަ "އަރާމު" މިނިވަންކަމެވެ.  ރުހެވޭ ގާތް ތާއީދު އޮންނާނެ ފަރާތްތައް ގެނެސް އެތެރެކުރުމާއި ތަނުގައި ތިބޭ، ކުލަ ތަފާތު، ރަހަ ނުބައި، ބޯހަރު މީހުން ބޭރުކޮށްލާނެ ފުރުސަތު އޮންނަ މިނިވަންކަމެވެ. އިންސާފު ގޮނޑީގައި އިންނަ މީހާއަށް އޮންނަ އަޖައިބެއް ފަދަ ލުއި ވެއްޓެވެ. ބަލަމުންދާ މައްސަލައެއްގައި ގޯޅިއެއް އަޅާން ބޭނުންޖެހިއްޖެ ކޮންމެ ހާލަތެއްގައި އެ ގޯޅި އެޅުމަކަށް (ދުނިޔެވީ) ހުރަހެއް  ނޯންނަކަމެވެ. އެއީ އަޅައިގެންނުވާނެ ގޭދޮށު ގޯޅިކަމުގައި ވިޔަސް އެއީ މައްސަލައެއް ނޫންކަމެވެ. އެ ކަމާ ގޮސް މަތީބުރީގެ ގޮޅިއަކަށް ވަންނަ މީހާއަށް ފަހަރެއްގައި އެ މީހާއަށް ލިބެންވާ ބައެއް ލިބުނަސް ކުރީން އެ މައްސަލަ ހަމަޖައްސާން އުޅުނުމީހާ ނުބައި ގޯޅިއެއް އަޅައިގެން ނުކޮޅަށް މައްސަލަ ނިންމީތީ އެ މީހާއަށް ވާ ކަމެއް ވާނެކަމެއް ނޯވެއެވެ. އެ ކަން ކުރީ ނުބައިކޮންނޭ ވާންވީ މިހެންނޭ ބުނެ އިއުލާނު ވެސް ކޮށްފާނެއެވެ. އެކަމަކު ވެސް އެ ނުބައެއް ހެދި މީހާއަށް ވާ ހަމަ، އެއް ކަމެއް ނޯވެއެވެ. ބައެއް ފަހަރު މި ފަދަ މީހުންނަށް މަގާމުގެ އިތުރުކުރިއެރުން ލިބިފައި އެބަ ހުއްޓެވެ. މިއީ ވެސް މި މިނިވަންކަމާ ނުރުހެވޭ ބޮޑު މާސިންގާ ކަމެކެވެ.

މިނިވަންކަމަކީ ވެސް ހައްދެއް އިމެއްގެ ތެރޭގައި އޮންނާނެ އެއްޗެއްކަން ދަނެ ގަބޫލުކުރާން ޖެހެއެވެ. ތިމާގެ އިމުން ބޭރަށް ތިމާއަކަށް މިނިވަންކަމެއް ނޯންނާނެއެވެ. އެ އުސޫލުން ބަލާ އިރު، ހަމަ ކޮންމެ މީހަކަށްމެ އިމެއް މި އޮންނަނީ ކަނޑައެޅިފައެވެ. ޖެހިގެން ދެން އޮންނާނީ އަނެކާގެ އިމެވެ. އޭނާގެ މިނިވަންކަމެވެ.

މިނިވަންކަމަކީ ވަކި އިމެއްގައި އޮންނަ އެއްޗެއްކަން އެންމެ ދެރަ މީހާއިން ފެށިގެން އެންމެ މަތީ މީހާއަށް ވެސް އެނގޭން ޖެހެއެވެ. ތިމާއަށް ބާރެއް ނުވަތަ މަގާމެއް ލިބުމަކީ ބޭނުންހާ ގޮތަކަށް ކަންކަން ކުރާން ދެވޭ ހުއްދައެއް ނޫނެވެ. މި ރާއްޖޭގައި ފަހަކަށް އައިސް ކަންކަން މި ހިސާބަށް"ގޯސް" ވެގެން މި ދަނީ ބަޔަކަށް ނުވަތަ ބައެއް މީހުންނަށް މިނިވަންކަމަކީ ކޮބައިކަން ނޭނގި އޮޅިގެންނެވެ. މި މިނިވަންކަން ކަމަކުނުދެއޭ ލިޔަންޖެހެނީ މިހެންވެގެންނެވެ.

(ނިމުނީ)

Advertisement

ކޮމެންޓް