Advertisement

އެމެރިކާއާއި މިސްރާއި ޤަޠަރުން ހުށަހެޅި ހުށަހެޅުމަށް އިސްރާއީލުން ދެކޮޅުހެދީއެވެ.

08 Feb 2024 | 00:39
އިސްރާއީލުގައި ބާއްވާ މުޒާހަރާއެއް: ޣައްޒާއަށް ިއސްރާއިލުން ދެމުން ގެންދާ ޙަމަލާތައް ކުރިއަށް ގެންދާކަށް އިސްރާއީލުގެ ވެސް އާންމު ރައްޔިތުން ބޭނުމެއް ނޫނެވެ. އެ މީހުން ބޭޏުންވަނީ ޙަމަލާތައް ހުއްޓައިލައިގެން އަސީރުން މިނިވަންކުރާށެވެ.

ފަރަގު

ޣައްޒާގައި މިހާރު ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފު ލާއިންސާނީ އަނިޔާވެރި ޢުދުވާނަށް ނިމުން ގެންނާނީ "ފުރިހަމަ ކާމިޔާބީ" ލިބުމުންކަމަށް އިސްރާއީލުން ބުނެފިއެވެ. މިހެން ބުނެ އެ ޙަމަލާތައް މެދުކަނޑައިލާން ދެކޮޅުހެދީ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫއެވެ. ރިޕޯޓަރުންނާ މުޚާޠަބުކޮށް އޭނާ ބުނެފައިވަނީ ތިމަންނަ ގަބޫލުކުރާ ގޮތުގައި އޭނާ ހިންގާ ޢަސްކަރީ ހަމަލާތަކަކީ އަސީރުން މިނިވަންކުރުމަށް ޓަކައި ޒަރޫރީ ޙާލަތެއްކަމަށެވެ.

ނަތަންޔާހޫގެ މި ބޮޑާ ދެކޮޅުހެދުން މި އައީ އެމެރިކާއާއި މިޞްރާއި ޤަޠަރު މެދުވެރިވެގެން އަސީރުން މިނިވަންކުރުމަށް ޓަކައި ތިން މަސްދުވަހަށް ޙަމަލާތައް މެދުކަނޑައިލާން ޙަމާސުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. މި ހުށަހެޅުމުގައިވާ ގޮތުން އިސްރާއީލުގެ އަސީރުން މިނިވަންކުރުމާއެކު، އިސްރާއީލުން ނުހައްގުން ޖަލަށް ލައިގެން ގެންގުޅޭ އެތައް ހާސް ފަލަސްޠީނީން ވެސް ދޫކޮށްލާން ޖެހެއެވެ.

މި ޑީލު ކާމިޔާބުކުރުމަށްކަމަށް ބުނެ، އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ބުދަ ދުވަހު ވަނީ އިސްރާއީލުގެ އިސްވާރުންނާ  (އިއްޔެ) ބައްދަލުކޮށްފައެވެ. ނަމަވެސް އޭނާގެ ޑީލު ވީ ނާކާމިނާބެވެ.

އަސީރުން ބަދަލުކުރުމަށް ޓަކައި ވަގުތީ ގޮތުން ޙަމަލާތައް ހުއްޓައިލުމުގެ ޚިޔާލު އިސްރާއީލުން ވަނީ ހުއްޓުވައިފައެވެ. އޭގެ ބަދަލުގައި ޙަމަލާތައް ދެ ގުނައަށް އިތުރުކުރީއެވެ. ޣައްޒާގައި އިސްރާއީލުގެ ސިފައިން ހިންގާ ޢުދުވާނުގައި އެތައް ބަޔަކު ޝަހީދުކޮށްލައިފައިވާތީ އަނިޔާވެރި ނަތަންޔާހޫ ވަނީ އިސްރާއީލުގެ ސިފައިންނަށް ތަޢުރީފުކޮށްފައެވެ. އޭނާ ސިފަކޮށްފައި ވަނީ އެއީ ސިފައިން ކުރި ބުރަ މަސައްކަތެއްގެ ގޮތުގައެވެ. އަދި ފަލަސްތީނުން ޝާހީދުވެފައިވާ އެއްތައް ހާސް ބަޔަކު އޭނާ ސިފަކޮށްފައި ވަނީ ނިރުބަވެރީންކަމުގައެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާ ތަނަށް ފަލަސްޠީނުގެ 27 ހާސް ހަތް ސަތޭކަ މީހުން ޝަހީދުވެއްޖެއެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ޝަހީދުންނަކީ މަޢުޞޫމު ރައްޔިތުންނެވެ. އަންހެނުންނާއި ކުޑަކުދީން ވެސް ޝަހީދުންގެ ތެރޭގައި ވަރަށް ގިނައެވެ. ޙަމާސުން މަރާލި ޔަހޫދީންގެ ޢަދަދެއްކަމަށް އިސްރާއީލުން ބުނަނީ 1200އެވެ. އޭގެ އިތުރަށް 240 މީހަކު ހަމާސުން ރަހީނުކޮށްފައިވާކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް އަބަދު ވެސް ދެކޮޅުހަދަމުން ގެންދާ އިސްރާއީލުގެ އަނިޔާވެރި ހަރުކަށި ބޮޑުވަޒީރު ބުނަނީ ސުލްޙަ ގާއިމުކުރެވޭނެ ހަމައެކަނި މަގަކީ އިސްރާއިލަށް ކާމިޔާބީ ލިބުންކަމަށެވެ. ރިޕޯޓަރުންނަށް ދިން ބަސްތީގަތުން ނިންމައިލަމުން އޭނާ ބުނެފައިވަނީ "އެ މީހުންނަށް ރަނގަޅުވާނީ އަހަރެމެންނަށް ކާމިޔާބު ލިބިގެންނެވެ. އަހަރެމެންނަށް ކާމިޔާބު ނުލިބިއްޖެ ނަމަ އެ މީހުންނަކަށް ރަނގަޅެއް ނުވާނެއެވެ." ފަލަސްތީނަށް ނިސްބަތްކޮށް "އެ މީހުންނޭ" ނަތަންޔާހޫ ބުނި ނަމަ ވެސް ހަގީގަތުގައި ޔަހޫދީންނަށް ލިބޭ ކާމިޔާބީގައި ރަނގަޅެއް އޮންނާނީ އިސްރާއީލަށާއި އެމެރިކާއަށެވެ.

_____________________________

ބައެއް ލަފުޒުގެ މާނަ:

ޒަރޫރީ    ނއ.    ކޮންމެހެން ބޭނުންޖެހިފައިވާ ނުވަތަ ލާޒިމު (2) އެންމެ އަސާސީ

ޑީލު      ނ.    ދޭދޭ ފަރުދުންގެ މެދުގައި ނުވަތަ ދެ ފަރާތެއްގެ ދެމެދުގައި ހިންގޭ ނާޖާއިޒު މުޢާމަލާތު. މި މުޢާމަލާތުގައި ދެ ފަރާތުގެ ވެސް މަޞްލަޙަތުތަކެއް ހިމެނޭނެއެވެ.        

ނިރުބަވެރީން  ނ.    (1) ފައިދާއެއް ހޯދާން ނުވަތަ މަގުސަދެއް ހާސިލުކުރާން ބިރު ދައްކާ މީހުން (2) އާދަޔާ ޚިލާފަށް ބިރުވެރިކަން އުފައްދާ ނުވަތަ ފަތުރާ މީހުން.

އިސްވާރުން   ނ.   (1) ވެރީން (2) އިސްވެ ތިބޭ މީހުން

Advertisement

ކޮމެންޓް