ކަނީރުގެ ވިސްނުމުގައި... (4): މިނިވަންކަން (1)
ކަނީރު ޢަބްދުއްރަޙީމް ޢުމަރު
ދެނެވޮޑިގެންވަނީ ﷲއެވެ. އަހަރެމެން އިންސާނުންނަށް ދެއްވައިފައި މި ވާ ބުއްދީން ވިސްނައި ފިކުރުކޮށްފިއްޔާ ހެޔޮނުބައި ނުވަތަ މޮޅުދެރަ އޮޅުންފިލާނެއެވެ. އެކަމަކު މި އޮޅުންފިލާ ވަރު ބިނާވެފައި އޮންނަނީ އެ މީހަކު އެ ކަމަކާ އުޅުނު ވަރަކަށެވެ. ހޯދައި ބެލި ވަރަކަށެވެ. ފިކުރުކުރި ވަރަކަށް ވެސް މެއެވެ.
މިނިވަންކަން އޮތުން ބޭނުމެވެ. ލިބޭން ޖެހެއެވެ. އެކަމަކު..... އެކަމަކު..... މި މިނިވަންކަމެއް ނޫނެވެ. އޮމާން މިނިވަންކަމެކެވެ. އެކަކު އަނެކަކަށް އިހުތިރާމުކުރާ މިނިވަންކަމެކެވެ. އެއްދީނެއްގައި އުޅޭ އެއް ގައުމެއްގެ ބަޔެއްގެ ތެރޭގައި އޮވެވޭވަރުގެ މިނިވަންކަމެކެވެ.. މިއަދު އަޅުގަނޑުމެންގެ ތެރޭގައި މި އޮތް މިނިވަންކަމުން ލިބެނީ ހަމަޖެހުމެއްނޫނެވެ. މި މިނިވަންކަމުން ނާޖާއިޒު ފައިދާނަގާން މަގުފަހިވެ ފުރުސަތު ދެވެނީއެވެ.
މީސްމީޑިއާއަކީ މި ޒަމާނުގައި ހަމަ ގަދައަށް ހަނގުރާމަކުރެވޭ މައިދާނެކެވެ. އެ ތާނގައި މީސްމީހުންނަށް ތަފާތު ހަމަލާދެވެއެވެ. އަގުވައްޓައިލެވެއެވެ. ރޯދޮގުހެދުމުގެ ފުރުސަތު އޮންނާތީ އޭގެ ބޭނުންކޮށް ތިމާ ބޭނުން ވާހަކައެއް ބޭނުން ގޮތަކަށް ލިއެލަނީއެވެ. މި ގޮތަށް ލިއެވޭނެ މިނިވަންކަން ލިބިގަންނަނީ އެ ފަދަ މީހުން އަމިއްލައަށެވެ. ގާނޫނުތަކާއި ގަވައިދުތަކުގެ ހަރަކާތެއް ނެތް ތަން ފެނި ޔަގީންވާތީއެވެ. އެ ގޮތުން އޮންނަ ފަހިކަމުގެ ބޭނުންކުރަނީއެވެ. މިނިވަންކަމޭ ކިޔައި އަޑުއުފުލާބަޔަކު އުޅޭތީއެވެ.
މީޑިއާގެ އެ މިނިވަންކަމުގައި އެ ގޮތުން އުފެދޭ ފިތުނައިގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ތެރެއަށް ހަމަ އެ މިނިވަންކަމުގެ ތެރޭން އަހަރެމެންގެ މާދަރީ ބަސް މި އޮއް ހަލާކުވެދަނީއެވެ. ހަމަތަކާއި އުސޫލު، ދަރަޖައާއި އޮމާންކަން ގެއްލި ހިނގައްޖެ ކަހަލައެވެ. ބަހާމެދު ވިސްނައި ފިކުރުކުރާ ބައެއް މީހުންގެ ޚިޔާލުގައި މިހާރު މި އޮތް މި މިނިވަންކަމަށް ވަރަށް އަވަސް ބަދަލެއް ނައިސް ދެން އަލަކުން އަހަރެމެންގެ ދިވެހިބަހެއް އަތަކުނުވާނެއެވެ. ދިވެހީން ވާހަކަދައްކައި ހަދާ މި ދިވެހިބަހުގެ ބަދަލުގައި އެހެން ވެއްޖެ ނަމަ އޮންނާނީ މޯލަޑިވިއަނުން ބޭނުންކުރާ އިނގިވެހި ބަހެވެ. އެއީ ވެސް ރަސްމީ ބަހުގެ މަގާމު ގެއްލިފައިވާ، ދަށްފަންތީގެ "ގޮފަޅުން" ބޭނުންކުރާ ބަހެއްގެ ގޮތުގައެވެ.
މި މިނިވަންކަމުން
މިހާރު މި ލިބެނީ ގެއްލުމޭ ލިޔާނެ ފުރުސަތު ލިބެނީ މިހެން ވެގެންނެވެ. (ނުނިމޭ)