Advertisement

މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (6)

05 Feb 2024 | 17:01
.

އަޙްމަދު ފަޔާޟް ޙަސަން

(29.01.2024ގައި ޝާއިޢުކުރި ބައާ ގުޅޭ)

ޙައްޤަށް ވަކާލާތުކުރައްވައި، ސަލާމްލެއްވި ސަލާމްލެއްވި އިބުރާހީމްގެފާނުގެ ދީނަށް ގޮވައިލައްވާ އިރު، ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލައްވާން ޖެހިވަޑައިގަންނަވާނެކަމަށް ކީރިތި ޤުރްއާން އަޅުގަނޑުމެންނަށް އަންގައެވެ. އަންބިޔާ ސޫރަތުގެ 51ވަނަ އާޔަތުން ފެށިގެން އެކަލޭގެފާނާ ކުރިމަތިވެވަޑައިގަތް ހާދިސާއެއްގެ ވާހަކަ ﷲ ބަޔާންކުރައްވައެވެ. އެހެންކަމުން އަޅުގަނޑުމެން ކުރާން ޖެހޭ މައިގަނޑު ކަމަކީ ދުނިޔޭގެ ކުރިމަތީގައި އަޅުގަނޑުމެންގެ ޢަޤީދާގައި ސާބިތުވެތިބެ އެ ޢަޤީދާ ދިފާއުކުރުމެވެ. ތިމާގެ ދީނާ މެދު، ހިތާމަކޮށް ތިމާގެ ދީނާ މެދު ލަދުވެތިވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫންކަމަށް ދެއްކެވީ ސަލާމްލެއްވި އިބުރާހީމްގެފާނެވެ. މި ކަމުގައި ބިރުގަނެ ފަހަތަށް ޖެހި ހަނުހުރެގެން ނުވާނެކަން އަޅުގަނޑުމެންނަށް ސާބިތުކޮށްދެއްވީ ވެސް ސަލާމްލެއްވި އިބުރާހީމްގެފާނުއެވެ. އެކަލޭގެފާނުގެ ގައުމުގެ އެންމެން އެކަލޭގެފާނު ދޮގުކުރުމުންވެސް ތައުހީދުގެ ކަލިމަ އުފުއްލެވުމުގައި އެކަލޭގެފާނު ފަހަތަކަށް ޖެހިވަޑައިނުގަތެވެ. މިއަދު ފަލަސްޠީނުގެ ޣައްޒާއިން ވެސް އަޅުގަނޑުމެންނަށް ﷲ މި ދައްކަވަނީ އެ ފަދަ އީމާންތެރިކަމެވެ. މި ދުނިޔޭގެ އުފަލާއި އަރާމަށް ނުބަލައި ފަލަސްޠީނު ރައްޔިތުން ޔަހޫދީ އަނިޔާވެރިކަމާއި އަޅުވެތިކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި އީމާންތެރިކަމާއެކުއެވެ. އެ މީހުން އެ މީހުންގެ ވަޒަންދޫކޮށް ދުނިޔޭގެ އެހެން ތަންތަނަށް ހިޖުރައެއްނުކުރެއެވެ. ސަލާމްލެއްވި އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކައަކީ އީމާންކަމުގައި ﷲއަށް ވަކީލުކޮށްގެން ކުރާންޖެހޭ ކަމެއްކޮށްގެން ތިބުމެވެ.

އަދުގެ ދުނިޔޭގައި މުސްލިމުންނާ އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ މައިނޯރިޓީގެ ގޮތުގައި މުސްލިމުން ދިރިއުޅޭ ގައުމުތަކުގައެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި މުސްލިމުން އަޢުލަބިއްޔަތު ނެތް ކުޑަ ޖަމާޢަތެއްގެ ގޮތުގައި އުޅެއެވެ. އެ ގޮތުން އޭޝިއާއާއި ޔޫރަޕާއި އެމެރިކާގައި މުސްލިމުން މައިނޯރިޓީންގެ ގޮތުގައި އުޅެއެވެ. މި ތަންތަނުގައި ދޭތެރެދޭތެރެއިން އަޢުލަބިއްޔަތު އޮންނަ މީހުން ގުރޫޕު ހަދައިގެން ނިކުމެ މުސްލިމުންނަށް ހަމަލާދޭ މަންޒަރުތައް ފެނެއެވެ. އަވަށްޓެރި އުތުރުކަރައިން ވެސް މިއަދު އެ ފަދަ ހާދިސާތައް ވަރަށް ގިނައިން ފެނެއެވެ. އަދި މީސްމީޑިއާ ބޭނުންކޮށްގެން މިފަދަ ކަންތައް އިންތިޒާމްކުރުމަކީ މިއަދު ފަސޭހަ ކަމެކެވެ. މިއީ ސަލާމްލެއްވި އިބުރާހީމްގެފާނާ މެދު އެކަލޭގެފާނުގެ ގައުމުގެ މީހުން ވެސް ކަންކުރި ގޮތެވެ. އެހެންކަމުން މިއީ އާ ކަމެއް ނޫނެވެ. މި ހާލަތުގައި ވެސް މުސްލިމުން ޖެހެނީ ސަލާމްލެއްވި އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކައިން ހިތްވަރުލިބިގެން ކެތްތެރިވާށެވެ. އަދި އެ މީހުންގެ ޢަޤީދާގައި ވަރުގަދައަށް ހިފަހައްޓައިގެން ދެމި ތިބޭށެވެ. އަދި ފުރުސަތު ހޯދައިގެން ދީނުގެ ދަޢުވަތު މީސްތަކުންނަށް ދޭށެވެ. އަޣުލަބިއްޔަތު ދެކެ ބިރުން ފިލުމަކީ ސަލާމްލެއްވި އިބުރާހީމްގެފާނުގެ ތަރިކައިގައި ހިމެނޭ ކަމެއްނޫނެވެ. އަދި އަޣުލަބިއްޔަތު ރުއްސާން މަސައްކަތްކުރުމަކީ ވެސް އެކަލޭގެފާނު ދޫކުރެއްވި ތަރިކައެއްނޫނެވެ. އަދުގެ ދުނިޔެއަށް ބަލާ އިރު، މަޝްހޫރު ދާޢީ، ޑރ. ޒާކިރު ނައިކް އޭނާގެ ގައުމު ދޫކުރައްވައި ހިޖުރަކުރައްވާން މަޖުބޫރުވިއެވެ. އެކަމަކު ވެސް އިސްލާމް ދީނަށް ދަޢުވަތު ދިނުމުގައި އޭނާ ފަހަތަކަށް ޖެހިވަޑައެއް ނުގަންނަވައެވެ.

ކީރިތި ޤުރްއާން ބާވައިލެއްވި އިރު ވެސް ސަލާމްލެއްވި އިބުރާހީމްގެފާނުގެ މިއްލަތުގެ ކަންކަން މައްކާގައި ކުރިއަށް ދިޔައެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޙައްޖުގެ މަނާސިކުތަކާއި ޤުރްބާނީއެވެ. ޙައްޖުގެ އަޅުކަންތައް އޭރު ހިނގަމުން އައީ އޭގެ ތެރެއަށް ޝިރުކު ވަދެގެންނެވެ. ޝަރީކުކުރުން ތެދުކުރުމުގެ ގޮތުން މައްކާގެ މުޝްރިކުން ބުނަމުން ދިޔައީ އެ މީހުންގެ ކާބަފައިން ވެސް ބުދަށް އަޅުކަންކުރިކަމުގައެވެ. މި ވާހަކަތައް ﷲ ދޮގުކުރައްވައެވެ. އަންބިޔާ ސޫރަތުގައި ސަލާމްލެއްވި އިބުރާހީމްގެފާނުގެ ވާހަކަ ފައްޓަވަމުން ﷲ އަންގަވަނީ އެކަލޭގެފާނަށް ހެޔޮވިސްނުމާއި ބުއްދިވެރިކަން ދެއްވި ވާހަކައެވެ. އަދި އެކަލޭގެފާނުގެ އެންމެހައި ކަންކަން ޔަޢުނީ އެކަލޭގެފާނު ކުރެއްވި ކަންކަމާއި ނުކުރެއްވި ކަންކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ކަމަށެވެ. ތަކުރާރުކޮށް ﷲ އެކަލޭގެފާނު ސިފަކުރައްވަނީ ސީދާމަގުން ތެދަށް ހުންނެވި ބޭކަލެއްގެ ގޮތުގައެވެ. އެހެންކަމުން މައްކާގެ މުޝްރިކުން އެމީހުންގެ ކާބަފައިން އެބަހީ އެމީހުންގެ ބަފައިކަލުން ސަލާމްލެއްވި އިބުރާހީމްގެފާނު ބުދަށް އަޅުކަންކުރެއްވިކަމަށް ބުނި ވާހަކައަކީ ދޮގެކެވެ. އެއީ އެމީހުންކުރި ބާޠިލު ދަޢުވާއެކެވެ.

މުސްލިމުން އަދާކުރަންޖެހޭ ފަރުޟު ޙައްޖުގައި ހިމެނޭ ހުރިހާ ކަމެއް ރަމްޒުކޮށްދެނީ ސީދާ ސަލާމްލެއްވި އިބުރާހީމްގެފާނެވެ. ގެފުޅު ބިނާކުރެއްވީ އެކަލޭގެފާނެވެ. ގެފުޅު ވަށައިގެން ޠަވާފުކުރައްވައި ރުކޫއުކުރައްވައި ސަޖިދަކުރެއްވި ފުރަތަމަ ބޭކަލަކީ ސަލާމްލެއްވި އިބުރާހީމްގެފާނުއެވެ. ޞަފާއާއި މަރުވާއާ ދެމެދު ހިނގުން ގުޅިފައިވަނީ އިސްމާޢީލްގެފާނު ގޮވައިގެން އެކަލޭގެފާނުގެ މައިކަމަނާ ހާޖަރު ހިންގެވި ހިންގެވުމާއެވެ. ހަމަ އެގޮތަށް ހަދުޔު ކަތިލުން ގުޅިފައިވަނީ އިސްމާޢީލްގެފާނު ޤުރްބާންކުރައްވަން ސަލާމްލެއްވި އިބުރާހީމްގެފާނު ނިންމެވި ނިންމެވުމާއެވެ. ތިން ޖަމުރާއަށް ހިލައުކުން ގުޅެނީ އިސްމާޢީލްގެފާނު ޤުރްބާންކުރައްވާން އުޅުއްވުމުން އެ ކަން ހުއްޓުވާން އިބިލީސްދިން ވަސްވާހާއެވެ. އިބިލީސް ތިން ފަހަރުމަތިން އެކަލޭގެފާނާ ބައްދަލުކޮށް އެކަން ނުކުރެއްވުމަށް ވަސްވާސްދީ އެ ކަމަށް ހުރަސްއެޅިއެވެ. އެއިން ކޮންމެ ފަހަރަކު އެކަލޭގެފާނު އިބިލީސް ފައްސަވައިލައްވައި އޭނާއާ ދިމާއަށް ގާ އުއްކެވިއެވެ. އެހެންކަމުން ޙައްޖާއި ޢުމުރާގެ ހުރިހާ އަޅުކަމެއް ގުޅި ލައިމެހެނީ ސަލާމްލެއްވި އިބުރާހީމްގެފާނާއެވެ. ޙައްޖުގެ މަތިވެރި އަޅުކަމަކީ އެކަލޭގެފާނު ދޫކުރެއްވި ތަރިކައެވެ.

އެއްވެސް ބަޔަކު އަޅުކަންކުރާ އެއްޗެއް ޔަޢުނީ ބުދު ފަދަ އެއްވެސް އެއްޗެއް ހަލާކުކުރުމަކީ އިސްލާމް ދީނުގައި އޮތްކަމެއް ނޫނެވެ. އެއާ ޚިލާފަށް ތަފާތު ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަން ހިމާޔަތްކުރުމަކީ އަޅުގަނޑުމެން ކުރާންޖެހޭ ކަމެކެވެ. އެކަމަކު ސަލާމްލެއްވި އިބުރާހީމްގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުން އަޅުކަންކުރި ބުދުތައް ހަލާކުކުރެއްވިއެވެ. އެ ކަން އެކަލޭގެފާނުކުރެއްވީ އެމީހުންނަށް ވިސްނައިދެއްވައި އެ މީހުންގެ މޮޔަކަން އެ މީހުންނަށް އަންގަވާށެވެ. އަދި އެ މީހުން އެ ކުރަނީ ތާކުންތާކު ނުޖެހޭ ހެއްވާ ކަމެއްކަން އެ މީހުންނަށް ވިސްނައިދެއްވުމަށެވެ. އެކަލޭގެފާނު ބުދު ތެޅުއްވީ އެ މީހުންނަށް ފުރައްސާރަކުރައްވައި އެމިހުން ނިކަމެތިކުރައްވާކަށްނޫނެވެ. އެކަމަކު އެކަލޭގެފާނު އެކަން ކުރެއްވީ އެ މީހުންނަށް ހުރި ބޮޑު އަޒާބަކުން އެމީހުން ސަލާމަތްކޮށްދެއްވާށެވެ. މިއިން ދައްކައިދެނީ މުޅި އިންސާނީ ނަސްލަށް އެކަލޭގެފާނު ބެހެއްޓެވި ލޯތްބާއި ކުލުނުއެވެ. އިންސާނިއްޔަތުކަމަކީ އެކަލޭގެފާނު ދޫކުރެއްވި މުހިންމު ތަރިކައެކެވެ.

ސަލާމްލެއްވި އިބުރާހީމްގެފާނު ބުދު ތެޅުއްވި ދެވަނަ ސަބަބަކީ ޤިޔާމަތަށް ދާދެން އިންސާނީ ދަރިފަސްކޮޅަށް ވަރުގަދަ މެސެޖެއް ދެއްވުމެވެ. ވަކީން ޚާއްޞަކޮށް އެ މެސެޖު އަމާޒުވަނީ ޔަހޫދީންނާއި ނަޞާރާއިންނަށެވެ. އެކަލޭގެފާނު ބުދު ތަޅުއްވައިގެން ދެއްވާ މެސެޖަކީ އެކަލޭގެފާނު ދުވަހަކު ވެސް ޝަރީކުނުކުރައްވާކަމެވެ. އަދި އެއްވެސް ސިފައެއްގައި ޝަރީކުކުރުމަކީ އެކަލޭގެފާނު އެ ކަމާ ރުހިވަޑައިގަންނަވާނެ ކަމެއް ނޫންކަމެވެ. ޔަހޫދީންނާއި ނަޞާރާއިން ގަބޫލުކުރާ ގޮތުގައި އެ މީހުންގެ ބަފައިކަލުންނަކީ ސަލާމްލެއްވި އިބުރާހީމްގެފާނެވެ. އެ މީހުން ދަޢުވާކުރާ ގޮތުގައި އެ މީހުން އުޅެނީ އެކަލޭގެފާނު ގެންނެވި ދީނުގައެވެ. މި ތަނުގައި ސަލާމްލެއްވި އިބުރާހީމްގެފާނު ދެއްވާ މެސެޖަކީ އެކަލޭގެފާނު ގެންނެވި ދީން، ތައުޙީދުގެ މައްޗަށް ބިނާވެފައި އޮތްކަމެވެ. އެ ދީނުގެ އިލާހަކީ އެއްކައުވަންތަ ﷲކަމެވެ. އެހެންކަމުން ތިމަންމެންނަކީ ސަލާމްލެއްވި އިބުރާހީމްގެފާނުގެ ދަރީންކަމަށް ބުނެ ދަޢުވާކުރާ މީހުންނަށް އިސްލާމް ދީން ފިޔަވައި އެހެން ދީނެއް ނެތްކަން އެކަލޭގެފާނު ސާފުކޮށް ހާމަކުރައްވައެވެ. އެއީ ސަލާމްލެއްވި އިބުރާހީމްގެފާނު ދޫކުރެއްވި އެންމެ މަތިވެރި ތަރިކައެވެ.

ސަލާމްލެއްވި އިބުރާހީމްގެފާނަކީ ފެށުނީއްސުރެ އިންސާނިއްޔަތަށް ލޯބިކުރެއްވި ބޭކަލެކެވެ. ކޮންމެ ކަމެއްގައި ވެސް އެކަލޭގެފާނުގެ ލޯތްބާއި އޯގާތެރިކަން ފާހަގަކުރެވުނެވެ. އެކަމަކު އެކަލޭގެފާނުގެ ރައްބު، ﷲއަށް ޝިރުކުކުރުން އެއްވެސް ގޮތަކަށް އެކަލޭގެފާނު ގަބޫލުފުޅެއް ނުކުރެއްވިއެވެ. އަދި ޝަރީކުކުރުންވީ އެކަލޭގެފާނު އެންމެ ކޯފާވާ ކަމަށެވެ. އެހެންވެ ހުރިހާ މާނައެއްގައި ޝިރުކާ ދެކޮޅަށް އެކަލޭގެފާނު މަސައްކަތްޕުޅުކުރެއްވިއެވެ. އެ ގޮތުން އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް އެކަލޭގެފާނު ވިސްނައިދެއްވޭތޯ ބެއްލެވީ ބުދަށް އަޅުކަން ނުކުރުމަށެވެ. އަދި ނަސޭހަތްތެރިވެވަޑައިގަތީ ތަރިތަކާއި ހަނދާއި އިރު ފަދަ އެއްވެސް އެއްޗަކަށް އަޅުކަން ނުކުރުމަށެވެ. އެއާ ޚިލާފަށް އެކަލޭގެފާނު ގޮވައިލެއްވީ ހުރިހާ އެއްޗެއް ހެއްދެވި ﷲ އަށް އެކަނި އީމާންވެ އެއިލާހަށް އެކަނި އަޅުކަން ކުރުމަށެވެ. އެކަލޭގެފާނު ދޫކުރެއްވި މައިގަނޑު ތަރިކައަކީ ތައުޙީދެވެ. ﷲ އަށް އެކަނި އީމާންވުމެވެ. ﷲއަށް އީމާންވުމުގައި އެހެން ފަރާތެއް ބައިވެރިނުކުރުމެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް