ޅީދަރިފުޅު
އަސްމާ އަބޫބަކުރު
ރަށުގެ ހިތްގައިމު މާހައުލަކީ ނާމީގެ ހިތްހަމަޖެހުމެވެ. ކިޔަވާން މާލޭގައި ކިތަންމެ ދުވަހަކު އުޅުނަސް ރަށުގެ މާހައުލު މަތީން ހަނދާނެއް ނުނެތެއެވެ. ކުޑައިރު މަސް ބާނާން އުޅުނު ގޮތާއި ހުރިހާ އެކުވެރީންނާ އެކު، މަސް ފިހެގެން ކެއ ހަނދާންވުމުން މިހާރު ވެސް ހިނިތުންވެވެއެވެ. ވިއްސާރަވެ، ވާރޭވެހޭން ފަށާ އިރަށް ކެޔޮފަތް ނަގައިގެން ކުޑައަކަށް ހަދައިގެން އުޅުނު ހަނދާންތަކެވެ. މަގުމަތީ ހެދޭ ފެންކޯރުގެ ތެރޭގައި ކަރުދާސް ބޯޓު ދުއްވި ހަނދާނެވެ. ވައިގަދަ ވެއްޖިއްޔާ ފަނުން ގާޑިޔާ ހަދައިގެން ބިންމަތީ ދުއްވި ހަނދާނެވެ. ކުއްލި ކުޅުނު ހަނދާނެވެ. ކިޔަވައި ނިމިގެން ވެސް ނާމީއަށް އުޅޭން ޖެހިފައިވަނީ މާލޭގައެވެ. ރަށުގައި ވަޒީފާ ނެތުމުންނެވެ.
ކައިވެންޏެއްކުރުމުގެ ބޭނުމަކީ އުފާވެރި ރީތި ދިރިއުޅުމެއް އުޅުމެވެ. ޒީވާ ކަހަލަ މަޑުމައިތިރި ކުއްޖަކު ނާމީގެ ޙަޔާތަށް އައުމުން މި ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނީކަމުގައި ނާމީގެ ހިތް ބުނަމުން ދިޔައެވެ. ނާމީއަށް ޒީވާ ފެނުމާ އެކު، ޒީވާއަށް ހިތްކިޔައިފިއެވެ. ޒީވާ ވެސް ނާމީގެ ލޯބީގައި ހައްޔަރުވީ އެންމެ ދެތިން ދުވަހުގެ ތެރޭގައެވެ. ކުޑަ ރަސްމިއްޔާތަކާ އެކު ކައިވެނިކުރީ ޒީވާގެ ގޭގައެވެ. ކައިވެންޏަށް ފަހު، ނާމީ ބޭނުންވީ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ރަށަށް ޖައްސައިލާށެވެ. މަންމައަށް ޅީދަރިފުޅު ދައްކައިލުމަށް ޓަކައެވެ. ކުޑައިރުގެ އެކުވެރީންނާ ބައްދަލުވެލާށެވެ.
ނާމީގެ ރަށަށް ގޮސް ހަފުތާއެއް ވެއްޖެއެވެ. ޒީވާ ދެކެ ނާމީ ލޯބީން މަރުވަނީއެވެ. ނާމީގެ މަންމަ ސީމާ ވެސް ޅީދަރިފުޅު ފެނުމުން އުފަލުން ދެފައި އެއްތާކު ނުޖެހެއެވެ. ރަށުގައި ތައްޔާރުކުރާ ދިވެހި ކެއުންތަކުގެ ރަހަ ދެއްކުމުގައި އަވަދިނެތި އުޅެއެވެ.
"ދެތިން ދުވަހެއް ތެރޭގައި ނާމީ ގޮވައިގެން މާލެ ދެވޭތޯ ބަލާނަން.. މިހާރު ބާއްވަނީ." ވައި އަޑުން ކަހަލަ ގޮތަކަށް ޒީވާ ފޯނުން ވާހަކަދެއްކިއެވެ.
އާ ދުވަހަކަށް އަލިވިލުނީއެވެ. އުފާވެރިކަމާ އެކު މޯޅިއަކަށް ދެމިލުމަށް ފަހު ނާމީ ހެނދުނު ތެދުވިއެވެ. ކާމޭޒާ ހަމައަށް ދެވުނު އިރު ޒީވާ ހުރީ ހެނދުނު ސައި ތައްޔާރުކޮށްގެންނެވެ.
"ހިނގާ މާލެދާން." ޖޯޑަށް ސައި އަޅައިދެމުން ޒީވާ ބުނެލިއެވެ.
"އެއީ ކީއްކުރާން؟ މިރަށް ކިހާ ހިތްގައިމު. އަދި އަހަރެން ޗުއްޓީ ވެސް ނުނިމޭނުން."
"ބައްޕަ މަތީން މާބޮޑަށް ހަނދާންވަނީ." ޒީވާގެ ވާހަކަ ނުނިމި އުޅެނިކޮށް މަންމަ ވެސް އަތުވެއްޖެއެވެ.
"ތެދެއް ދަރިފުޅާ. ޒީވާ އަށް ދާންޖެހިއްޖިއްޔާ މަޑުނުކޮށް ދިޔަޔަސް އެންމެ ރަނގަޅު. ދެން ވެސް ޗުއްޓީއެއް ލިބޭ އިރަށް ރަށަށް އަންނާންވާނެ" މަންމަގެ މޫނު މަތީން ނުތަނަވަސްކަން ނުދައްކައި ވޭތޯ ބަލަމުން ވާހަކަދެއްކިއެވެ.
ނާމީމެންނަށް މާލެ ދެވުނީ އިރުއޮއްސި ހަތެއް ޖަހަނިކޮށެވެ. ޒީވާގެ ގެއަށް ވަދެވުމާ އެކު، ހޫނު މަރުޙަބާއެއް ކިޔާން ޒީވާގެ ބައްޕަ ޖަޢުފަރު ހުށްޓެވެ. ބަނޑުހައިވެފައި ތިބުމުން މާ ގިނަ އިރުތަކެއް ނުކޮށް ދެމީހުން ކައިގެން ވެފައި ހުރި ވަރުބަލި ކަމާއެކު އެނދުގައި ޖައްސައިލައިފިއެވެ. ނާމީއަށް ނިދުނު ގޮތް ވެސް ނޭނގުނެވެ.
ޒީވާ ސިޓިން ރޫމަށް ނިކުމޭތޯ އިންތިޒާރުގައި އިން ޖަޢުފަރަށް
މާގިނަ ވަގުތު މަޑު ކުރާކަށް ނުޖެހުނެވެ. އެ ކޮޓަރި ދޮރު ހުޅުވާލި ތަން ފެނުނެވެ.
"ނާމީ ކޮބާ؟"
"ދިން ބޭހުގެ އަސަރު ވަރަށް އަވަހަށް ކޮށްފި. އެނދުގައި ޖެހުމާއެކު ބޮޑު ގުގުރިއަށް ހިނގައްޖެ. މިރޭގެ ޕްރޮގްރާމް އޮތީ ކިހިނެއް؟" ޒީވާ ކުރި ސުވާލު ނުނިމި އުޅެނިކޮށް ގޭގެ ރަނގަބީލުޖެހި އަޑު އިވިއްޖެއެވެ.
"ދޮރު ހުޅުވާ! މިރޭގެ ޕްރޮގްރާމުގެ ފެށުން ތީ. ރަނގަޅު އެއްޗެއް އަތުލާތި." ޖަޢުފަރު އެހެން ބުނުމުން ޒީވާ ހިނިތުން ވެލާފައި ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރީ އެންމެން ވެސް ދަންނަ މުއްސަންޖެކެވެ.
ނާމީއަށް ހޭލެވުނީ މޫނަށް ހޫނުކަމެއް އިޙްސާސް ވާން ފެށުމުންނެވެ. ލޯހުޅުވައިލެވުނު އިރު ކުޑަދޮރުގެ ފޮތިގަނޑު ކަހައިލައިފައިވާތީ ހެނދުނުގެ އަވި މޫނަށް އެޅޭންފެށީއެވެ. އޭރު ޒީވާއެއް ނެތެވެ. ހޯދަމުން ދަނިކޮށް ފެނުނީ ބޭރުގައި ހުރި ގަސްތަކަށް ފެންދޭން ހުއްޓައެވެ.
ދުވަހެއް ވޭތުވެ ދިޔަ ގޮތް ވެސް ނޭނގުނެވެ. އަންހެނުންގެ ފޮނި ބަސްތަކާއި ބަފައިބެގެ ހެއްވައިލުންތަކުން ނާމީ ހުރީ އުފަލުން ފުރިފައެވެ. ރޭގަނޑު ކެއުމަށް ފަހު، ކުޑަ އިރުކޮޅަކު އަނގަތަޅާން ސިޓިންގރޫމްގައި ތިން މީހުން ތިއްބެވެ. އިރުކޮޅަކުން ނާމީ ގާތަށް ނިދި އަންނަން ފަށައިފިއެވެ.
"ހިނގާ ކޮޓަރިއަށް." ޒީވާ އޯގާތެރި ކަމާއެކު ބުނެލިއެވެ. ނާމީ ކޮޓަރިއަށް ގޮސް އެނދުގައި ޖައްސައިލާ އިރަށް ނިދި ސަވާރުވާން ފަށައިފިއެވެ.
"ރަށުން އައި ގޮތަށް މަންމައަށް ގުޅަން......." ނާމީ ބުނާން ފެށި ޖުމްލަ ނުނިމެނީސް ނިދިއްޖެއެވެ. އޭގެ ފަހުން ޒީވާ ފެށީ ތައްޔާރުވާށެވެ. މި ރޭގެ ޕްލޭނާ އެއްގޮތަށެވެ.
ނާމީއަށް ހޭލެވުމާއެކު ޒީވާ ނެތްކަން ފާހަގަ ކުރެވުނެވެ. އޭރު ވެސް ހުރީ އޭނާގެ ބޮލަށް ބަރުވެފައެވެ. ގަޑި ބަލައިލި އިރު ފަތިހު ފަހެއް ޖަހަނީއެވެ.
"ޒީވާ މިހާ ފަތިހާ ދިޔައީ ކޮންތާކަށްބާ؟" ޒީވާގެ ޚަބަރެއް ވޭތޯ އިރުކޮޅަކު އިންތިޒާރުގައި ނާމީ އޮތެވެ. ޚަބަރެއް ނުވުމުން ނާމީ ތެދުވެ ސިޓިން ރޫމާއި ބަދިގެއާއި ޖަޢުފަރުގެ ކޮޓަރި ވެސް ބެލިއެވެ. އެއްވެސްތާކުން ޒީވާ ނުފެނުމުން ސިޓިން ރޫމް ކުޑަދޮރުން ބޭރު ބަލައިލިއެވެ. ގޯތިތެރޭގައި ވެސް ޒީވާއެއް ނެތެވެ. ނާމީ އެނބުރި ކޮޓަރިއަށް ގޮސް ޒީވާއަށް ގުޅާން ފަށައިފިއެވެ. ފޯން ރިންގުވާ އަޑު އިވެއެވެ. އެކަމަކު ފޯނެއް ނުނަގައެވެ.
ނާމީ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. މި ގަޑީގައި ޒީވާ ދާނީ ވަކި ކޮންތާކަށްހެއްޔެވެ؟ ޒީވާ ހޯދާން ބޭރަށް ނިކުތުމުގެ ކުރީން ފާޚާނާއަށް ވަދެ ނިކުތްއިރު ޒީވާ ހުރީ ކޮޓަރިތެރޭގައެވެ.
"ޒީވާ ކޮންތާކަށް ގޮސް ތިޔައީ؟" ނާމީ ހުރީ ހިތްހަމަ ނުޖެހިފައެވެ.
"ކަސްރަތަށް" އޭރު ޒީވާ ހުރީ ކަސްރަތު ކޮށްފައި އައި މީހެއްގެ ގޮތަށެވެ. މޫނުމަތީން ވިދަވިދާހުރި ދާތިކިތައް ފެންނަން ހުއްޓެވެ.
"ނާމީ ކޮންއިރަކު ހޭލީ" ޒީވާ ބޭނުންވީ ނާމީ ތެދުވި ގަޑި ޔަގީން ކޮށްލާށެވެ. "ފަހެއް ޖެހިތަނާ ހޭލެވުނީ. އޭރު ޒީވާއެއް ނެތް"
"އެ ގަޑީގަ ދެވުނީ. ނާމީ އަށް ގޮވީމޭ ހާދަ ވަރަކަށް. މަށާއެކީ ދުވާން ދާން. އެކަމަކު ގަދައަށް ނިދައިފައި އޮތީ." ޒީވާ ދެއްކީ ތެދުކަމެއް ދޮގުކަމެއް ނާމީއަކަށް ނޭނގެއެވެ. ނާމީގެ ބޮލަށް ބަރުވެފައި ހުންނަ ވަރުން އަނެއްކާ ވެސް އެނދުގައި ޖައްސައިލައިފިއެވެ.
"މިއަދު ކިރިޔާ ސަލާމަތްވީ. ހޭލެވުނީ ވެސް ނާމީ ގުޅާވަރުން. އަވަހަށް ރާޝިދު ފޮނުވައިލައިފިން. މޫނުގައި ފެން އުނގުޅައިގެން ގޮސް ކޮޓަރިއަށް ވަނުމުން ނާމީ ހީކުރީ އަހަރެން އެހުރީ ދާހިއްލާފައޭ. އެ ވަރުން ސަލާމަތްވެއްޖެ."
"ޒީވާ ހާސްވާނެ ކަމެއް ނެތް. ނާމީ އަށް އެ ހުރީ ރަނގަޅަށް ބޭސް ދީފައި. އެހާ އަވަހަކަށް ހަމައަކަށް ނޭޅޭނެ."
"އަހަރެން ހިތަށް އަރާ މި ގޮތަށް އަބަދަކު ނޫޅެވޭނޭ." ޒީވާގެ ކަންބޮޑުވުން ފިލުވުމަށް ޖައުފަރު ވަރަށް މަސައްކަތް ކުރިފަހުން ޒީވާ ހަމައަކަށް އެޅުނެވެ.
"ނާމީ ކޮންތާކުން މި ކަހަލަ އަރާމު ދިރިއުޅުމަކާ ބައިވަރު ފައިސާ ހޯދާނީ. ޒީވާ ބޭނުންވަނީ މުދަލާ ފައިސާއެއްނު. ތިގޮތަށް އުޅުނީމަ ކިހާ ބައިވަރު ލިބޭ."
"އަބަދަކު މި ފާފައެއް ނުކުރެވޭނެއްނު."
ނާމީ އަށް ފަހެއް ޖެހިތަނާ ހޭލެވުނުއިރު މިއަދު ވެސް ޒީވާއެއް ނެތެވެ. އިއްޔެގައި ޒީވާ ފެނުމުން ނާމީ އެއްޗެއް ނުބުނީ ޝައްކަކަށް އެއްޗެއް ނުބުނާން ވެގެންނެވެ. ޒީވާގެ އުޅުމަށް އައި ބަދަލު ކޮންމެ ވެސް ވަރަކަށް ނާމީއަށް ފާހަގަކުރެވިއްޖެއެވެ. އަލަމާރީގައި ހުރި ޒީވާ ހެދުންތަކުން ދުވާ ފިރިހެން ސެންޓުގެ ވަހަކީ ނާމީ ޖަހާ ސެންޓުގެ ވަހެއް ނޫނެވެ.
އެ ގޭގައި ނާމީމެން އުޅޭ ކޮޓަރިއާ ޖައުފަރުގެ ކޮޓަރީގެ އިތުރުން ވެސް ކޮޓަރިއެއް ހުރެއެވެ. އެހެންނަމަވެސް
އެ ކޮޓަރި ހުންނަނީ ތަޅުލައިފައެވެ. ގޭގެ ތަޅުދަނޑިފަތި ހޯދައިގެން ދެންހުރި ކޮޓަރި ބަލައިލާން ނާމީ ވިސްނީ ޒީވާއަށް ކުރެވުނު ޝައްކަކުންނެވެ. އެކޮޓަރީގެ ދޮރު ހުޅުވައިލުމާއެކު ނާމީގެ ދެލޯ ބޮޑުވިއެވެ. އެނދުމަތީގައި ޒީވާ އެ އޮތީ ހިލޭ ފިރިހެނެއްގެ އަތު ތެރޭގައި އަރާމުކޮށް ނިދައިފައެވެ.
"ޒީވާ" ރުޅިވެރިކަމާއެކު ނާމީ އަށް ގޮވައިލެވުނީ ތަންކޮޅެއް ބާރަށެވެ. އެ އަޑަށް ޒީވާއާއި ސަނޫން ހޭލީ އެކުއެކީގައެވެ. ބަލާކަށް ނުހުރެ ނާމީ ގޮސް ސަނޫނުގެ ކޯތާފަތް މަތީ ޖަހައިފިއެވެ. ޒީވާ އައިސް ނާމީ ކޮއްޕައިލިއެވެ. އެ ވަގުތު އަވަސްއަވަހަށް ސަނޫން ނުކުމެގެން ހިނގައްޖެއެވެ.
"ކަލެއަކަށް ނުޖެހޭނެ ފެންނަހާ މީހުންގެ ގަޔަށް ބޮލަށް އަރާކަށް." ރުޅިއާއި ނަފްރަތު އެކުލެވިގެން ވާ ގޮތަކަށް ނާމީއާ ދިމާއަށް ބަލައިލަމުން ޒީވާ ބުންޏެވެ.
"ކިހިނެއްވީތަ؟" ޖަޢުފަރު އައިސް އެ ކޮޓަރިއަށް ވަންނަމުން އެހިއެވެ. ދެންމެ ހިނގާ ދިޔަ ކަންތައް ނާމީ ބަފައިބެއަށް ކިޔައިދިނެވެ.
"ބައްޕާ.. ކީއްވެ ޒީވާ އެހެން އުޅެންވީ؟" ނާމީ ވަރަށް ދެރަވެފައި ހުރެ ބުންޏެވެ.
އެ ވަގުތު އެ ތާ ހުރި ގޮނޑިއެއްގައި ނާމީ އިށީނުމަށް ބަފައިބެ އެދުނެވެ. ނާމީ އިނީ ބޮލުގައި ހިފަހައްޓައިގެން ވިސްނުމަކަށް ގެއްލިފައެވެ. ހިނގައި ދިޔަ ކަންތަކާމެދު ވިސްނާން ފެށުމުން ބޮލުގައި ވެސް ރިއްސާތީއާ އެކުއެވެ. ޖަޢުފަރާއި ޒީވާ އެކުވެގެން ނާމީގެ ދެއަތް ބަނދެލީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
"މީ އަހަރެންގެ ބައްޕައެއް ނޫން. އަހަރެންގެ ވިޔަފާރި ޕާޓްނަރ" ނާމީ ދިމާއަށް ބަލައިލައިފައި ޖަޢުފަރު ދައްކަމުން ޒީވާ ރުޅިވެރިކަމާއެކު ބުނެލިއެވެ. އެ ވަގުތު އެއިވުނީ ތެދެއްބާއޭ ނާމީގެ ހިތަށް އެރިއެވެ. އަޑުއަހާން އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"އައިޑީ ކާޑުގައި އޮތީ ޒީވާ ޖަޢުފަރު." ނާމީ ފާޑަކަށް އިނދެ ޒީވާއާ ދިމާއަށް ބަލައިލިއެވެ.
"އެ ޖަޢުފަރު ދުނިޔެއަކު ނެތް. މީ އެހެން ޖަޢުފަރެއް. ވިޔަފާރިއަށް ޓަކައި އުފަންކުރުވި ނަމެއް މީ."
"އަހަރެމެން ކުރާ ވިޔަފާރި ފެނިއްޖެއެއްނުން. މިއީ ނުލާހިކު ފައިދާވާ ވިޔަފާރިއެއް. ނާމީ! ކަލެއާ ކުރި ކައިވެންޏަކީ ވެސް މަކަރެއް. ލޯބިންނެއް ނޫން. ބޭނުމަކީ މި ވިޔަފާރިއަށް ބޮޅެއް އިތުރުކުރުން." ޒީވާގެ ވިހަ ބަސްތަކުން ނާމީގެ ހިތް ތޮރުފަމުން ދިޔައެވެ.
ރޭގަނޑުގެ ވަގުތެވެ. ލޯގަނޑުގެ ކުރިމަތީ އެ ހުރީ މަކަރުގެ ކަސްތޮޅުން ގައިދުވެފައިވާ އަންހެން ދަރިއެކެވެ. އެ ހިތުގައި ވަނީ ފާފައިން ފައިސާ ހޯދާނެ ރޭވުންތެރިކަމެވެ. މިރޭގެ ބޮޑު މިޝަން ކާމިޔާބު ކުރާނެ ގޮތާއިމެދު ހިތުގައި މޮޅު ރޭވުންތައް ރާވަމުން ދިޔައިރު ތުންފަތަށް ވެރިވެފައި ވަނީ މަކަރުގެ ހިނިތުންވުމެވެ. އެންމެ ފަހު ފަހަރަށް ލޯގަނޑު ބަލައިލުމަށް ފަހު، ކޮޓަރީގެ ކަނެއްގައި ހުރި ފޮޓޯފުރޭމު ނެގިއެވެ. ފުރޭމު ނެގި ތަނުގައި ހުރި އަލަމާރީގެ ތަޅު ހުޅުވައިފައި ވަތްގަނޑެއް ދަމައިލިއެވެ. އޭގެ ތެރެއިން ދެތިން ކަރުދާސްގަނޑު ނެގުމަށް ފަހު، ތުންފަތުގައި ޖައްސައިލައިފައި އަނެއްކާ ވެސް އޮތް ތަނުގައި ބޭއްވުމަށް ފަހު، އަލަމާރި ދޮރު ލައްޕައި ތަޅުލިއެވެ. ކޮޓަރީން ބޭރަށް ނިކުންނަން ދަނިކޮށް ފޯން ރިންގުވާން އަޑަށް ފަސް އެނބުރި ބަލައިލައިފިއެވެ.
"ވަރެއްގެ ދައިތަގަނޑެއް. ދުވާލަކު ދިހަ ބާރަ ފަހަރު ގުޅާނެ." ފޯނު ކަނޑައިލަމުން ޒީވާ ދަތްކުނޑިވިކައިގަތެވެ. އެއަށް ފަހު، ފޯން އެނދުމައްޗަށް އެއްލައިލައިފައި ބޭރަށް ނިކުތެވެ.
"ކޮބާ ނާމީގެ ޚަބަރެއް ވެއްޖެތަ؟" ސީމާގެ އަވަށްޓެރިއެއްކަމަށްވާ ހާމިދާ، އެ ގެއަށް އައިސް އެހިއެވެ.
"ފޯނެއް ނުނަގާ. ގުޅާ އިރަށް ގިނަ ފަހަރު ކަނޑައިލަނީ.
މިހާރު އޮތީ އެ ފޯން އޮފް ކޮށްލައިފައި. އަހަރެން ހިތް ބުނަނީ މަގޭ ދަރިއަށް
ކޮންމެވެސް ކަމެއް ވެއްޖެއޭ." މާޔޫސްކަމާ އެކު ސީމާ ބުނަމުން ދިޔައެވެ.
"މަ ދީފާނަން ރަނގަޅު ޚިޔާލެއް. ނާމީ ކިޔަވާން ހުރި ގޭގެ މީހުންނަށް ގުޅައިގެން އޭނާގެ ޚަބަރެއް ބަލައިލާން ފެނޭ. އެހެން ނޫނީ މިހާރު އޮންނާނީ ގިނަ ފަހަރަށް ވީނުވީ ނޭނގި ގެއްލިފައި."
ކާނެ އެއްޗެއް، ބޯނެ ފެންފޮދެއްވެސް ނުދީ އެއްދުވަސް ވޭތުވެ ދިޔަ ފަހުން ޖަޢުފަރު އައިސް ނާމީ އިން ކޮޓަރި ދޮރު ހުޅުވާލިއެވެ.
"މިހިރީ ކާއެއްޗެހި." ޖަޢުފަރުގެ އަޑު އިވުމާއެކު ނާމީ އޭނައާ ދިމާއަށް ބަލައިލީ ރުޅިވެރި ކަމާއެކުގައެވެ. އެހެންނަމަވެސް އަނގައިން އެއްޗެއް ނުބުނެ މަޑުން އިނީ ކުރާނެ ކަމެއް ނެތިގެންނެވެ. އެހެން ނަމަވެސް އެވަގުތު ކިތަންމެ ބަނޑުހައިވެފައި ވިއަސް ނާމީ ކާން ބޭނުމެއް ނުވެއެވެ. އެ މުޑުދާރު ބައެއްގެ ސަބަބުން ނާމީގެ ދިރިއުޅުން ނަރަކައަށް ހަދައިފިއެވެ.
"އަހަރެމެންދޭ އެއްޗެހި ކައިގެން ހުރީމަ ފައިދާ ވާނީ ކަލެއަށް. އެހެންނޫނީ ތިޔަހެން އޮވެ ބަނޑަށް މަރުވާނީ." ޖަޢުފަރު ދެއްކި ވާހަކައަށް އަޅައިލުމެއް ނެތި، ނާމީ އެދުނީ ފެންފޮދަކަށެވެ.
ފެންފުޅިއެއް ހިފައިގެން އައި ޖަޢުފަރު ނާމީ ކުރިމަތީ ހުރެ އެ ފެން ފުޅި އޮއްސަމުން ދިޔައެވެ. ނާމީ އަނގަ އެތައް ފަހަރަކު ދިއްކުރިއިރު ވެސް ފެންފޮދެއް ބޮވޭ ގޮތެއް ނުވިއެވެ. އެވަގުތު ލޮލުން ކަރުނަ އައިސް ރޮވެން ފެށިއެވެ. ޖަޢުފަރު ކޮޓަރިން ނިކުމެގެން ދިއުމާއެކު ނާމީ ވެއްޓިގަނެގެން ޓައިލްސްގައި ދޫ ކާއްތާމުން ދިޔައީ ކަރުހިއްކުން ފިލުވުމަށެވެ. އެވަގުތު ނާމީގެ ހިތް ބުނަމުން ދިޔައީ އެ ގެއިން އަވަހަށް ފިލައި ރައްކާވުމަށެވެ. އަދި މިއީ ބަލިކަށިވާންވީ ވަގުތެއް ވެސް ނޫންކަމެވެ.
ނާމީގެ ފޯން ނިވިފައި އޮންނަތާ ސައުވީސް ގަޑިއިރުވެއްޖެއެވެ. އެކަމާ ސީމާ ހުންނަނީ ހާސްވެފައެވެ. ކުށްހީތަކުން ހިތްވަނީ ނުތަނަވަސް ކުރުވާފައެވެ. ސީމާ ހުރި ހަމައެކަނި ދަރިފުޅުގެ ޚަބަރެއް ނުވާތީއެވެ.
"އަހަރެންގެ ދަރި ހުރީ ހެޔޮ ޙާލުގައިތޯ ބެލޭނީ ހިތްވަރެއް ވެސް ހުރެގެން." ޒީނާއަށް ގުޅާލުމާއެކީ ސީމާ ކަންބޮޑު ނުވުމަށް ޒީނާއެދުނެވެ. ޒިހާން ލައްވައި ޒީވާގެ ގެއަށް ފޮނުވައިގެން ވެސް ތިކަން ބަލާނެކަމަށް ޒީނާ ބުނުމުން ސީމާ ފޯން ބާއްވައިފިއެވެ.
ރޭގަނޑު ނުވައެއް ޖެހުމާއެކު ޒިހާން ދިޔައީ ޒީވާގެ ގެޔަށެވެ. ޒިހާން ސިއްރުން އެގޭގެ ގޯތި ތެރެއަށް ވަދެއްޖެއެވެ. މަޑުމަޑުން ގޭގެ ފުރަގަހުން އެއްވެސް ދޮރެއް ހުޅުވާފައިވޭތޯ ޒިހާން ބެލިއެވެ. މިފަހަރު ނަސީބު ވެސް ޒިހާނަށް އެހީވިއެވެ. ސިޓިންރޫމްގެ ކުޑަދޮރު ހުޅުވާފައި ހުރުމުން ޒިހާން އެތެރެ ބަލާލިއިރު ދެ މީހަކު ހީނހީނފައި ވާހަކަދައްކާން ތިބި ތަން ފެނުނެވެ.
"ޖަމީލު ދޭން ބުނި ކާރުގެ ލިޔުން ލިބިއްޖެތަ؟" ޖަޢުފަރުގެ އަޑު އިވުނެވެ.
"އާނ! އެ ހޯދައިފިން. މިހާރު އަހަރެންގެ މިލްކިއްޔާތުގައި އެތައް ބައިވަރު ކާރަކާއި، ގެއަކާއި ފައިސާ އެއްކުރެވިއްޖެ. ޙަޔާތުގެ ދެން އޮތްބައި އުފަލުގައި އުޅެވޭ ވަރުވާނެ." ޒީވާގެ އަޑު އިވުމާއެކު ޒިހާން އެތެރެއަށް ބަލައިލިއެވެ.
"މާދަމާ ރެއަށް ނާމީ ތައްޔާރު ކުރަންވާނެ. ނާމީގެ ލިސްޓްގައި ދެތިން މުއްސަނދި އަންހެނުން އެބަ އޮތް. އެ މީހުން ބޭނުންވަނީ ރީތި ޅަ ފިރިހެނުން. އޭނާ އެހެން ކޮޓަރީގައި ބާއްވާނެ ކަމެއްނެތް." ޖަޢުފަރު ބުނަމުން ދިޔައެވެ.
"އޭނަ އެއްބަސް ކުރުވަން ފަސޭހައެއް ނުވާނެ." ޒީވާ އެހެން ބުނުމާއެކު ޒިހާނަށް ދަތްކުނޑި ވިކާލެވުނެވެ. ސީމާއްތަ ބުނިހެން ޒިހާނަށް އެމީހުން އެ އުޅެނީ ކަމެއް ކޮށްގެންނެވެ.
"މާދަމާ ހެނދުނު އޭނާ ޝަރުޠު ކުރުވާފައި ބަހައްޓާ. އެ ކަން ނުވެއްޖިއްޔާ ގްރޫޕް ގެނެސް ބިރު ދައްކައިލީމާ އެއްބަސްވެދާނެ." ޖަޢުފަރު އެހެން ބުނުމަށްފަހު ތެދުވެގެން ހިނގައްޖެއެވެ. އޭގެ ފަހުން ޒީވާ ވެސް ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
ދަނޑިވަޅު ބަލާފައި ޒިހާން ގޮސް ގޭތެރެއަށް ދެމިގަތެވެ. ކޮޓަރިއެއްގެ ދޮރުގައި އަތްލި އިރު، އެ ކޮޓަރި ހުރީ ތަޅުލައިފައެވެ. އެހެން ކޮޓަރިއެއްގެ ދޮރު ހުޅުވޭތޯ މަޑުމަޑުން ބަލައިލިއެވެ. ނަސީބަކުން ދޮރު ހުޅުވިއްޖެއެވެ. ކޮޓަރި ތެރޭގައި މީހަކު ފެންނާކަށް ނެތެވެ. ނިކުންނާން އުޅެނިކޮށް ވޭނީ އާހެއްގެ އަޑު އިވުމާއެކު އެނދުގެ ފަހަތް ބަލައިލި އިރު، އެ ތަނުގައި ނާމީ އޮއްވައި ފެނިއްޖެއެވެ.
ދުވެފައި ގޮސް ނާމީގެ ދެ އަތް މޮހައިލިއެވެ. ނާމީ ގޮވައިގެން ޒިހާން އަވަހަށް އެ ގެއިން ނިކުމެވޭތޯ އުޅުނެވެ. ނާމީ ގޮވައިގެން ދޮރާ ހަމައަށް ދެވޭއިރަށް އެހެން ކޮޓަރިއެއްގެ ދޮރުހުޅުވޭ އަޑާއި ގޭގެ ރަނގަބީލްގެ އަޑު އިވެން ފަށައިފިއެވެ. ޒިހާން ކޮޓަރީގެ ދޮރު ލައްޕައިލައިގެން ހުރީ އެ ކޮޓަރި ފެންނަ ހިސާބުގައި މީހަކު އުޅެފާނެތީއެވެ. އިރުކޮޅަކުން ބަޔަކު ވާހަކަ ދައްކާ އަޑަށް ޒިހާން ދޮރު ކުޑަކޮށް ހުޅުވައި ބަލައިލައިފިއެވެ. އެ ވަގުތު ހީވީ ފައި ދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.
"ބައްޕަ.." އާގަންނަ މީހެއް ފަދައިން ޒިހާން އަށް ބުނެވުނެވެ. ޒީވާ ކަހަލަ ނާސި އަންހެނެއްގެ ގާތަށް އޭނާގެ ބައްޕަ ވެސް އައީއެވެ.
"ފެން ފޮދެއް" ނާމީ ލޯހުޅުވޭތޯ ބަލަމުން ބުނި ނަމަވެސް ޒިހާން އަށް އެއަޑު އިވޭހެނެއް ހިއެއް ނުވެއެވެ. ނާމީ ގޮވައިގެން ޒިހާން ބެލީ ވީހާވެސް އަވަހަށް އެގޭތެރެއިން ނިކުމެވޭތޯއެވެ. ކާރަކަށް ލައިގެން ނާމީ ގޮވައިގެން ގެއަށް ދެވުނުއިރު އެގާރަ ޖަހާން ކައިރިވެއްޖެއެވެ.
އޭގެ ދެ ގަޑިއެއްހާ އިރު ފަހުން ނާމީއަށް ދިމާވި ކަންތައްތައް ކިޔައިދިނެވެ. ޒިހާން ހުރެފައި މިރޭ އޭނާގެ ބައްޕަ ވެސް އެ ގެއަށް ދިޔަވާހަކަ ބުނެލިއެވެ. އެވަގުތު ޒީނާ ދިޔައީ ސިއްސައިގެންނެވެ.
ފަތިހު ފަހެއް ޖެހިއިރު ޒީނާގެ ފިރިމީހާ ބާރީ ގެއަށް އައިސް މަޑުމަޑުން ދޮރު ހުޅުވާލާފައި ގޭތެރެއަށް ވަނެވެ. އަދި ހަމަ އެހާ މަޑުން ޒީނާއަށް ހޭލެވިދާނެތީ ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ އެނދުގައި ޒީނާ ނެތްކަން ފާހަގަވީ ވެސް އިރުކޮޅަކުންނެވެ. އެނދުމަތީ އޮތް ކަރުދާސްކޮޅު ފެނުނީ އޭގެ ފަހުންނެވެ.
" ސީމާއްތަގެ ދަރިފުޅު ނާމީ ޒީވާގެ ކެހިވެރިކަމުން ސަލާމަތްވެއްޖެ. ނަމަވެސް ކެހިވެރި މަކަރުވެރިޔާގެ ޙަޔާތުން ބާރީއަށް ލިބުނު ފުރުޞަތަށް މަރުޙަބާކިޔަން." ބާރީ ދުވަމުން ގޭގެ އެތަންމިތަން ހޯދިއެވެ. ޒީނާއާއި ޒިހާންގެ ހިލަމެއް ވެސް ނެތެވެ.
އޭގެ އަނެއް ދުވަހު ޒީވާ ހެނދުނުހެނދުނާ ނާމީ އޮތް ކޮޓަރިއަށް ދިޔައެވެ. ނާމީ ނެތުމުން ހިތަށް ބިރުވެރިކަން ވަނެވެ. "ޖަޢުފަރު.. ޖަޢުފަރު" ޒީވާގެ އަޑަށް ޖަޢުފަރު އަތުވެއްޖެއެވެ.
"ނާމީ އެއް ނެތް" އެހެން ބުނުމާއެކު އިވުނީ ގޭގެ ރަނގަބީލު ޖެހި އަޑެވެ. އެ ދެ މީހުން ގޮސް ދޮރުހުޅުވާލި ވަގުތު މީހަކު އައިސް ޒީވާ އަށް ދިން ސިޓީ އުރައިގައި ހިފައިފައި އެ ހުޅުވައިލިއެވެ. ނާމީގެ ސިޓީގައި ވަނީ ޒީވާގެ ކެހިވެރި، މަކަރުވެރި ޙަޔާތުން އަބަދުގެ އަބަދަށް ނާމީ ދުރަށް ދިޔަކަމުގެ ޚަބަރެވެ. އަދި ފުލުހުންނަށް ޒީވާއާއި ޖަޢުފަރުގެ މައްސަލަ ހުށަހަޅައިފައިވާ ކަމުގެ ޚަބަރެވެ.
(ނިމުނީ)