Advertisement

ދުނިޔޭގައި މަޝްހޫރު ޣައްދާރުންގެ ތެރޭގައި ހިމެނޭ މީރް ޖައުފަރު

03 Feb 2024 | 20:12
އަތުކުރުހުމެއް: ތަސްވީރުން އެ ފެނިވަޑައިގަންނަވަނީ ޣައްދާރު މީރް ޖައުފަރު، ސިރާޖުއްދައުލާ ގަތުލުކުރުމަށް ފަހު، ރޮބަރޓް ކުލައިވްއަށް މަރުހަބާ ކިޔާ މަންޒަރެވެ.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

މީރު ޖައުފަރަކީ ދުނިޔޭގެ އެންމެ މަޝްހޫރު ދިހަ ޣައްދާރުންގެ ތެރޭގައި ހިމެނޭ ޣައްދާރެކެވެ. ޣައްދާރުންނޭ ބުނެ މިތާގައި އިޝާރަތްކުރަނީ ތިމާމެންގެ އަމިއްލަ ގައުމުގެ މިނިވަންކަން ވިއްކައިލައި އަމިއްލަ ގައުމަށް ޚިޔާނަތްތެރިވި މީހުންނަށެވެ. މީރު ޖައުފަރު ޣަދަރުވެރިވީ އޭނާގެ އަމިއްލަ ގައުމުކަމުގައިވި އިންޑިޔާއަށެވެ. އޭނާގެ ޣަދަރުގެ ސަބަބުން، މުޅި އިންޑިޔާ އިނގިރޭސީންގެ އަތްދަށަށް ދިޔައެވެ. މި ކަން ހިނގީ 1757ގައެވެ. ދެން ވިދިގެން އައި ދުއިސައްތައެއްހާ އަހަރު ދުވަހު، އިންޑިޔާ ލޫޓުވުމުގެ ފުރުސަތު އިނގިރޭސިީންނަށް ލިބުނެވެ. (މި ލޫޓުވުމުގެ ތަފްސީލު ޝާޝީ ތާރޫރުގެ 'ދަ އިންގުލޯރިޔަސް އެމްޕަޔަރ'، މި ފޮތުން ލިބިވަޑައިގަންނަވާނެއެވެ.) މީރު ޖައުފަރުގެ ނަންގަނެވޭ ހިނދު، އޭނާއަކީ އޭނާގެ އަމިއްލަ ވެރިކަމެއް ކޮށްލުމުގެ އެދުމުގައި އިނގިރޭސީންނަށް އިންޑިޔާ ވިއްކައިލި މީހާކަމުގައި ބުނެ އޭނާއަށް ލައުނަތް ދެވެއެވެ. މީރު ޖައުފަރުގެ ޣަދަރުގެ އަމަލު ހިނގަައި ދިޔައީ ކިހިނެއްހެއްޔެވެ؟ (ހަތްދިހައިގެ އަހަރުތަކުގައި މަޖީދިއްޔާ ސްކޫލްގައި މރ. މަންޑަލްސްވަރަމްގެ ތާރީޚުގެ ދަރުސުތައް އަޑުއެހި ދަރިވަރުންނަށް މި ވާހަކައާއި މި ވާހަކައިގައި ހިމެނޭ ބައެއް ނަންތައް އަޑުއިވިފައި ވާނެއެވެ.)

ކޮންމެއަކަސް، އަށާރަވަަނަ ގަރުނަށް އެޅުނު އިރު، އިންޑިޔާ އޮތީ ދާޚިލީ ގޮތުން ބައިބައިވެފައިކަމުން، އިންޑިޔާގައި އިނގިރޭސީންގެ ބާރު އައީ ގަދަވަމުންނެވެ. އެހާ ތަނަށް އެޅުނު އިރު އިނގިރޭސީންގެ ބާރު ތަމްސީލުކުރީ 'އީސްޓް އިންޑިޔާ ކޮންމެޕެނީއެވެ. އެ ދުވަސްވަރު އިންޑިޔާގެ އިރުމަތީ ސަރަހައްދުކަމުގައިވާ ބެންގޯލް ހިމެނުނީ އިންޑިޔާގެ އެންމެ ބާރުގަދަ އެއް ދައުލަތް ކަމަށެވެ. އެ ދުވަސްވަރުގެ ބެންގޯލުގެ ސަރަހައްދުގެ ތެރޭގައި އަދުގެ ހުޅަނގު ބެންގޯލާއި ބަންގްލާދޭޝާއި ބިހާރު ސްޓޭޓާއި އޮރިއްސާ ހިމެނެއެވެ. އެ ދުވަސްވަރުގެ ބެންގޯލުގެ ވެރިޔަކަށް ހުންނެވީ މިރްޒާ މުހައްމަދު ސިރާޖުއްދައުލާއެވެ. އިންޑިޔާގައި އިނގިރޭސީންގެ ހަން ފަތުރަމުންދާ ތަން ފެނި، މި ކަމާ ސިރާޖުއްދައުލާ ނުރުހި ވަޑައިގަތެވެ. އަދި، އެންމެ ފަހުން، 1757ގައި ނަން މަޝްހޫރު ޕްލާސޭ މައުރަކާގައި އިނގިރޭސިންނާ ހަނގުރާމައިގައި ކުރިމަތިލާން ޖެހުނެވެ.

ސިރާޖުއްދައުލާގެ ލަޝްކަރުގައި 50000 (ބައިލައްކަ) ހަނގުރާމަވެރީން ހިމެނުނެވެ. އިނގިރޭސީންގެ ލަޝްކަރުގައި ހިމެނުނީ 3000 (ތިންހާސް) މީހުންނެވެ. މި ލަޝްކަރު އޮތީ ލެފްޓިނެންޓު ރޮބާޓް ކުލައިވްގެ އަމުރުވެރިކަމުގެ ދަށުގައެވެ. ސިރާޖުއްދައުލާގެ ލަޝްކަރު ބޮޑުވެފައި އަދި ބާރު ވެސް ގަދަވުމުން، އެންމެނަށް ވެސް ހީވެފައި އޮތީ ކާމިޔާބު ލިބޭނީ ސިރާޖުއްދައުލާގެ ލަޝްކަރަށްކަމަށެވެ. ނަމަވެސް، ރޮބާޓު ކުލައިވް އޮތީ ކުރީން ސިރާޖުއްދައުލާގެ ލަޝްކަރުގެ ވެރިޔާ މީރު ޖައުފަރު ގަނެލައިފައެވެ. އެހެންވެ، މިރު ޖައުފަރު އޭނާގެ ލަޝްކަރު ހަނގުރާމައިގެ މައިދާނުން ފަހަތަށް ޖެހޭން އަމުރުކުރިއެވެ. މިއީ ކުރީން، ސިއްރު ގޮތެއްގައި މީރު ޖައުފަރާއި އިނގިރޭސީންނާ ދެމެދު އެއްބަސްވެފައިވާ ގޮތެވެ. ދެން، އިނގިރޭސީންގެ ލަޝްކަރު އައިސް އެ މީހުންނާ ހަމަލާދީ އެމީހުން ބަލިކުރިއެވެ. އަދި، މީރު ޖައުފަރުގެ އަމުރުގެ ދަށުން ސިރާޖުއްދައުލާ ގަތުލުކުރެވުނެވެ. އަދި އެއަށް ފަހު، އިނގިރޭސީންގެ ގޮނޑިކޮއްކޮ ވެރިއެއްގެ ގޮތުގައި މީރު ޖައުފަރު ދެ ފަހަރެއްގެ މަތީން ބެންގޯލުގައި ވެރިކަންކުރިއެވެ.

ދެން ކަންތައްވީ ކިހިނެއްހެއްޔެވެ؟ އިނގިރޭސީންނަށް ބަދަލު ދިނުމުގެ މައްސަލަތަކެވެ. އީސްޓް އިންޑިޔާ ކޮމްޕެނީއަށާއި އަދި އެ ކުންފުނީގެ އިނގިރޭސި ބައެއް އަފުރާދުންނަށް ވެސްމެއެވެ. މި ރާއްޖޭގައި ވެސް މި ޒާތުގެ ބަދަލުދިނުމުގެ ކުޅިވަރެއް ހިނގައި ދިޔަ ފަދައިން އިންޑިޔާގެ ކުންފުނިތަކަށް ރާއްޖެއިން ދިން ފަދަ ބަދަލު ދިނުންތަކެކެވެ. މީރު ޖައުފަރަށް ވެސް ވެރިކަމުގެ ގޮނޑީގައި އިނދެވޭން އޮތީ އެ ބަދަލު ދީގެންނެވެ. ރާއްޖޭގައި އޮތް ސަރުކާރުން ދުށް ގޮތުގައި އެ މީހުންނަށް ވެސް ރާއްޖޭގެ ވެރިކަމުގައި ތިބެވޭން އޮތީ ދިވެހީންގެ ތާއީދު އޮވެގެންނެއް ނޫނެވެ. އިންޑިޔާގެ އަސްކަރިއްޔާގެ ތާއީދު ލިބިގެންނެވެ! އެހެންވެ، އިންޑިޔާގެ ކުންފުނިތަކަށް ބޮޑެތި ބަދަލުތައްދީ އިންޑިޔާ އެދޭ ގޮތަކަށް ކަންތައް ކުރާން ޖެހޭކަމަށް ދިވެހި ސަރުކާރުން ދުށީއެވެ.

މީރު ޖައުފަރުގެ ޣަދަރުވެރިކަމުގެ އަމަލު ވެގެން ދިޔައީ ބެންގޯލްއާއި އަދި މުޅި އިންޑިޔާ އިނގިރޭސިންގެ އަތް ދަށަށް ދާން ދިމާވި ހާދިސާއަށެވެ. އެހެންވެ، މީރު ޖައުފަރު ހިމެނިފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ޣައްދާރުންގެ ތެރޭގައެވެ. އަދި އޭނާއީ އޭނާގެ އަމިއްލަ މަސްލަހަތަށް ޓަކައި އިނގިރޭސިންގެ އަޅުވެތިކަމުގެ ތެރެއަށް އިންޑިޔާ އެއްލައިލައި އޭނާގެ އަމިއްލަ ގައުމު ލޫޓުވުމަށް ޓަކައި ބޭރު ބަޔަކާ ހަވާލުކުރި 'ކުލައިވްގެ ހިމާރު'ގެ ނަމުން ވެސް ނަންދެވިފައިވާ ޣައްދާރެކެވެ.

ޣައްދާރު މީރު ޖައުފަރު ނޫން ނަމަ ކުލައިވްގެ ހިމާރު ފަދަ ޣައްދާރުން އަބަދުވެސް ފެނެއެވެ. ރާއްޖެއިން ވެސް ޣައްދާރު މީރު ޖައުފަރު ކުޅުނު ފަދަ މަންޒަރު ވަރަށް ސާފުކޮށް ފެންނަމުން ދެެއެވެ. ރާއްޖޭގައި ތިބި ޣައްދާރު މީރު ޖައުފަރު ނުވަތަ 'އިންޑިޔާގެ ހިމާރުން'ގެ އެހީގައި އިންޑިޔާގައި އިނގިރޭސީން ހަން ފެތުރި ގޮތަށް ރާއްޖޭގައި އިންޑިޔާއިން ހަންފަތުރަމުންދާ މަންޒަރެވެ. މި ކަން ކުރުމަށް ޣައްދާރު މީރު ޖައުފަރު އިނގިރޭސިންނަށް އެހީވެ، މަގު ފަހިކޮށްދިން ގޮތަށް، ރާއްޖޭގައި އޮތް ސަރުކާރަކާއި އަސްކަރިއްޔާއާއި ރައްޔިތުންގެ މަޖުލީހުގެ ބޮޑު ބައެއް އިންޑިޔާގެ ބާރު ރާއްޖޭގައި ފެތުރުމަށް މަަގު ފަހިކުރަމުން ދިޔައެވެ. އޭރު އިންޑިޔާގެ އަސްކަރިއްޔާއިން ރާއްޖެއަށް އެތެރެކުރާން ބޭނުން އެއްޗެއް އެތެރެކުރެވޭ ގޮތަށް ކަންތައް އޮތްކަން ދޭހަވާ ޚަބަރުތައް ނޫސްތަކުން ފެނުނެވެ. އިންޑިޔާގެ އަސްކަރިއްޔާގެ މީހުން ރާއްޖޭގެ އެކިއެކި ތަންތަނުގައި އެކިއެކި ނަންނަމުގައި ހަރަކާތްތެރިވަމުން ދިޔަ ތަން ފެންނާން ފެށިއެވެ.

މި ކަން މިހެން ވާން ދިމާވީ ކީއްވެތޯ ސުއާލުކޮށްލައިފި ނަމަ، ޖަވާބުގައި ބުނާން ޖެހެނީ އަހަރުމެންގެ ތެރެއަށް ތައާރުފުވި ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ސަބަބުން ކަމެވެ. މި ކަން ތައާރުފު ކުރީ ފަހަރެއްގައި ވެސް ހެޔޮ ގޮތުގައި ގައުމު ބިނާކުރުމުގެ މަގުސަދެއް އޮވެ، އެ ކަން ކުރާކަށެއް ނޫނެވެ. ނަމަވެސް، ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް، ވެރިކަމުގައި ވަކި ބައެއް ދެމި ތިބެވޭ ގޮތް ހެދުމަށެވެ. ޒިހުނީ ގޮތުން އާންމު ރައްޔިތުން މި ކަމަށް ތައްޔާރުވެފައި ނެތުމުން، މީހުން ޕާޓީ ޚިޔާރުކުރަނީ ފަހަރެއްގައި ވެސް ޕާޓީން ހުށަހަޅައިލާ ސިޔާސަތުތަކެއްގެ މައްޗަށް ބަލައިފައި އެ ސިޔާސަތުގެ ހަރުދަނާކަން ނުވަތަ ނޫންކަން ބަލައިފައެއް ނޫނެވެ. އެ ކަން ނިމިގެން ދަނީ އާއިލީ ނުވަތަ އެ ނޫން ވެސް ޒާތީ ގުޅުންތަކެއްގެ މައްޗަށް ބެލިގެންނެވެ. ނޫން ނަމަ، އިދިކޮޅު މީހާގެ މައްޗަށް އޮންނަ ހަސަދައަކާއި ނަފުރަތުގެ މައްޗަށް ބިނާވެގެންނެވެ. އެހެންވެ، ތިމަންނާގެ ޕާޓީގެ މީހާ ކޮންމެ ފަދަ ކަނޑުކޮސް ވާހަކައެއް ދެއްކިޔަސް، އަދި ކަންކަމުގަައި އަމަލީ ގޮތުން ފޭލިވެފައި ވިޔަސް، އެ މީހާ ވަނީ ތިމާ މީހާގެ ބަތަލަށެވެ. އެއަށް ފަހު، އެ ބަތަލަކަށް ނަބީބޭކަލަކަށް ވެސް ނުދޭ ދަރަޖަ ދެވޭ ކަހަލައެވެ.

އާދޭހެވެ! ކަނު ސިފައެއްގައި ތިމާގެ ބަތަލުންނަށް ތާއީދުކުރާން ތިބި ރައްޔިތަކަށް އެ މީހުންގެ ކުރިމަތީގައި ޣައްދާރު މީރް ޖައުފަރު ނުވަތަ 'އިންޑިޔާގެ ހިމާރުންގެ' ފަދަ ކިތަންމެ ބަޔަކު ފެނުނަސް އެއީ މާ ބޮޑު ކަމަކަށް ނުވެއެވެ. ތިމާ މީހާގެ ޕާޓީ ނުވަތަ ތިމާ މީހާގެ ބަތަލާ އިދިކޮޅަށް މީހަކު އެއްޗެއް ބުނެފި ނަމަ، ޖަވާބަކަށް އޮންނާނީ ކުރީ ސަރުކާރެވެ. ކުރީ ސަރުކާރުގެ ލީޑަރެވެ. ކުރީ ސަރުކާރުގެ ގޯސްކަމާއި ކުރީ ސަރުކާރުގެ ލީޑަރުގެ ގޯސްކަން ދެއްކުމެވެ. މި ފަދަ ޣައިރުމަންތިގީ ޖަވާބެއްދީ، ތިމާމެން ކުރާ ހުރިހާ ގޯސްކަމެއް ރަނގަޅު ކޮށްލެވެއެވެ. ޝައްކެއްނެތް ގޮތުގައި މި ފަދަ ޣައިރުމަންތިގީ ޒުވާބުތައްދީ ދެމި ތިބެވިދާނެއެވެ. އާޚިރު ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ޣައްދާރު މީރު ޖައުފަރު ނުވަތަ ކުލައިވްގެ ހިމާރުގެ ޣަދަރުވެރި އަމަލުގެ ސަބަބުން އިންޑިޔާގެ މިނިވަންކަން ގެއްލިދިޔަ ފަދައިން މިހާރު ރާއްޖޭގައި އުފެދިގެން އުޅޭ ޣަދަރުވެރި މީރު ޖައުފަރުންތައް ނުވަތަ އިންޑިޔާގެ ހިމާރުންގެ ބައިގަނޑުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ވެސް ގެއްލިގެން ދިޔުމެވެ! އާދޭހެވެ! ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ ގެނެސްދިން ފޮނި މޭވާއެވެ! ހަސަދައާއި ނަފުރަތާއި ޒާތީ ޖާހިލީ ތައައްސުބުގެ ސަބަބުން ހެޔޮ ނުބައި ވަކިނުކުރެވޭ ވަރަށް ރައްޔިތުން އަނދިރިވެ ކަނުވީއެވެ!

ނަމަވެސް، މި ކަން ބަދަލުކުރެވާން ވާނެއެވެ. އެންމެ ފުރަތަމަ، ނަފުރަތާއި ހަސަދައިން، އަދި ޒާތީ ޖާހިލީ ތައައްސުބުން އެންމެން ވެސް ދުރުވާންވީއެވެ. އެއަށްފަހު، ކޮންމެ މީހަކު ވެސް، ކެރިގެން އެ މީހެއްގެ އަމިއްލަ ސިކުނޑީގެ ބޭނުންކުރާންވީއެވެ. އަދި، އަހަރުމެންގެ ތެރޭގައި، ފާޅުވެގެން މި އުޅޭ ޣައްދާރު މީރު ޖައުފަރުންތައް ނުވަތަ އިންޑިޔާގެ ހިމާރުންތަކުގެ ވާހަކަތައް އަޑުއަހައި އެ ވާހަކަތަކުގެ ހަގީގަތް ދެނެގަންނަންވީއެވެ. ވެރިކަންކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް، އިހުގައި ވެސް ރާއްޖޭގައި ވެރިީން ވެރިކަންކުރި ފަދައިން، ބޭރު ބަޔެއްގެ އަޅުވެތިކަމުގެ ދަށަށް ނުގޮސް ވެރިކަން ކުރެވޭނެއެވެ. އެހެންވެ، ރާއްޖޭގައި މިއުޅޭ ޣައްދާރު މީރު ޖައުފަރުންނަށް، ނޫނީ އިންޑިޔާގެ ހިމާރުންނަށް ތާއީދުކުރުން މުޅިން ހުއްޓައިލާން ޖެހެއެވެ.

_________________________________


އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް
ރިޟުވާނު
ވަރަށް އޮއްޓަރުހުރި ޢިބުރަތްތެރި ލިޔުއްވުމެއް.
05 Feb 2024