ދޭދޭ މީހުންގެ ރައުޔުގައި ހުންނަ "ފަރަގު"ގެ ސަބަބުން މައްސަލަ އުފެދިގެންނުވާނެއެވެ.
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އެތައް ބިލިޔަން އިންސާނުންނެއް ދުނިޔޭގައި އުޅޭއިރު، އެއިން އެއްވެސް މީހަކީ އެހެން މީހަކާ އެއް ގޮތް މީހެއް ނޫނެވެ. އޭނާގެ ސިފައާއި މިޒާޖާއި ޚަޞީލަތުގައި ވެސް ތަފާތުތަކެއް ހުރެއެވެ. އެހެންކަމުން އެއްވެސް ދެ މީހެއްގެ ޚިޔާލު ވެސް ހުރިހާ ކަމެއްގައި އެއް ގޮތެއް ނުވާނެއެވެ. މި ޙަޤީޤަތް އެބަ ޤަބޫލުކުރާން ޖެހެއެވެ.
ދީނީ މައްސަލަތަކުގައި ވެސް އެކި ޢިލްމުވެރީންގެ މެދުގައި އިޚުތިލާފުތައް އެބަ ހުށްޓެވެ. އެހެންނަމަވެސް ފާހަގަކޮށްލާން ޖެހޭ ކަމަކީ މި ފަރަގުތައް ހުރީ ފަރުޢީ މައްސަލަތަކުގައި ކަމެވެ. ޝަރުޢުގައި ކަނޑައެޅިފައިވާ ޙުކުމްތަކާ މެދު އެއްވެސް ޚިޔާލުތަކާތުވުމެއް ނެތެވެ. މިސާލަކަށް އިސްލާމްދީނުގެ ރުކުންތަކާއި ނަމާދުގެ ޢަދަދާ މެދު ޚިލާފެއް ނެތެވެ. ވައްކަންކުރުމާއި ރާބުއިމާއި ޒިނޭކުރުމާއި ޣީބަބުނުމާއި ދޮގުހެދުމާއި ސިހުރު ހެދުން ފަދަ، ކަންކަމަކީ ޙަރާމްކަންތައްކަމާ މެދަކުވެސް ޚިޔާލު ތަފާތުވުމެއް ނެތެވެ. މި ނޫނަސް ކީރިތި ޤުރުއާނުގެ ނައްޞުންނާއި ސުންނަތުން ޤަޠުޢީ ގޮތުން ކަނޑައެޅިގެން ސާބިތުވާ ކަންކަމުގައި އެއްވެސް އިޚުތިލާފެއް ނެތެވެ.
ޚިޔާލު ތަފާތުވަނީ ވަކި ގޮތަކަށް ކަނޑައެޅިގެން ޝަރުޢުގައި ބަޔާންކުރެވިފައި ނެތް ކަންތަކާ މެދުގައެވެ. އެއީ އެއްވެސް ޙާލެއްގައި އިސްލާމް ދީނުގައި “އަތްދަށުން ދޫވެފައިވާ” ކަންތައްތަކެއް ނޫނެވެ. އެ ކަންކަން އެ ގޮތަށް ގެންނަވައިފައިވަނީ މީސްތަކުންނަށް ރަޙުމަތެއްގެ ގޮތުގައެވެ. އެހެނީ ހުރިހާ ކަމެއް ކުދިކުދި ތަފުޞީލުތަކާއެކު ދީނުގައި ބަޔާންކުރައްވައި އޮތް ނަމަ އެ ކަން ވީހީ އިންސާނުންނަށް ވަރަށް ބޮޑު ތަކުލީފަކަށެވެ. އެ ފަދަ ކަންކަން އިޚުތިޔާރަށް ދޫކޮށްލެވިފައި ވަނީ އިންސާނުންނަށް ރަޙުމަތެއް ކަމުގައެވެ. މާތް ﷲ އިންސާނުންނަށް ތަކުލީފެއް ޖައްސަވާކަށް އިރާދައެއް ނުކުރައްވައެވެ. މާތް ﷲ ކީރިތި ޤުރުއާނުގެ އާޔަތެއްގައި ވަޙީކުރައްވައިފައިވެއެވެ. "يُرِيدُ اللّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ" (" اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަ ގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫ ގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.") (سورة البقرة:185). އަދިވެސް ޥަޙީކުރައްވައިފައި ވެއެވެ. "لاَ يُكَلِّفُ اللّهُ نَفْسًا إِلاَّ وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ." (" اللَّه، އެއްވެސް نفسއަކަށް، އެ نفسއަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليفއެއް ނުޖައްސަވައެވެ. އެ ނަފުސެއް ހޯދި ހެޔޮކަމެއް (ގެ ސަވާބު) އެ ނަފުސަކަށް ވެއެވެ. އަދި، އެ ނަފުސެއް ހޯދި ނުބައިކަމެއް(ގެ ޢިޤާބު) އެ ނަފުސެއްގެ މައްޗަށް ވެއެވެ.”) (سورة البقرة:286)
މި ދެ އާޔަތުގެ މާނައަށް ބަލައިލާ އިރު، އިސްލާމްދީނުގައި ވަކި ގޮތެއް ކަނޑައެޅިގެން ބަޔާންނުކުރައްވައި ބައެއް ކަންކަން ދޫކޮށްލައްވައިފައިވާ މައިގަނޑު ސަބަބު އެބަ ހާމަވެއެވެ. އާދޭހެވެ! އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަޤްޞަދަކީ އިންސާނީ މަޞްލަޙަތު ޙިމާޔަތްކުރެއްވުމެވެ. މި ގޮތުގެ މަތީން ކަނޑައެޅިފައިވާ އެއްވެސް މަޞްލަޙަތެއްގައި އިންޞާނީ ފިޠުރަތާ ޚިލާފު އެއްވެސް ކަމެއް ނޯންނާނެއެވެ. މި ގޮތުގެ މަތީން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅޭ ކޮންމެ މަޞްލަޙަތެއް ވާންޖެހޭނީ އިސްލާމީ ޝަރީޢަތާ ފުށުނާރާ، އދި އިސްލާމް ދީނުގެ އަޞްލުތަކުގެ އަލީގައި ކަނޑައެޅޭ މަޞްލަޙަތަކަށެވެ. މި ގޮތުގެ މަތީން އިސްލާމީ ޝަރީޢަތުގައި މަޞްލަޙަތުތައް ތިން ބައަކަށް ބަހައިލެވެއެވެ. އެއީ:-
1- المصلحة المعتبرة: (ނުވަތަ މުޢުތަބަރު މަޞްލަޙަތު):
މިއީ ޝަރީޢަތުގެ ހަމަތަކުން ބަލާއިރު މަޞަލަޙަތު ހުރި ކަމެއްކަން ޝަރީޢަތުގެ ދަލީލުތަކުން ސާބިތުވާ ކަންކަމެވެ. މި ކަމުގައި އިސްލާމީ ޝަރީޢާގެ މައިގަނޑު ފަސް މަޤުޞަދު ކަމުގައިވާ ދީން ޙިމާޔަތްކުރުމާއި، ނަފުސު(ފުރާނަ) ޙިމާޔަތްކުރުމާއި ބުއްދި ޙިމާޔަތްކުރުމާއި ނަސްލު ޙިމާޔަތްކުރުމާއި މުދާ ޙިމާޔަތްކުރުމުގެ މަޞްލަޙަތު(ގެ ތެރެއިން ކޮންމެވެސް މަޞަލަޙަތެއް) ހިމެނިފައިވާން ޖެހޭނެ އެވެ.
މިސާލަކަށް: ޒަކާތްދިނުން
ޒިނޭކުރާ މީހާ ރަޖަމުކުރުން
ވިޔަފާރިކުރުން
2- المصلحة المَفسدة: (ނުވަތަ ފާސިދު މަޞްލަޙަތު):
މި ބައިގައި ހިމެނެނީ އިންސާނީ މަޞްލަޙަތަށް ފައިދާ ހުރިކަމެއް ނޫންކަމަށް ޝަރުޢީ ދަލީލުތަކުން ސާބިތުވާ ކަންކަމެވެ. މިސާލަކަށް:
ފައިދާ ހޯދުމަށް ޓަކައި ރިބާކެއުން
ޖިންސީ އަރާމު ހޯދުމަށް ޓަކައި ޒިނޭކުރުން
ވައްކަންކުރުން
މި ދެންނެވި ފަދަ ކަންކަމަކީ އެކަނަކަމުގެ ސަބަބުން އިސްލާމީ ޝަރީޢާގެ މަޤުޞަދުތަކާ ޚިލާފުކަންކަމެވެ. ނަފުސު ޙިމާޔަތްކުރުމާއި މުދާ ޙިމާޔަތްކުރުމުގެ މަޤުޞަދާ މި ކަންކަން ޚިލާފުވެއެވެ. މިއިން އެއްވެސް ކަމަކީ އެއްވެސް ޙާލެއްގައި އިސްލާމީ ޝަރީޢާގައި ހުއްދަވާނޭ ކަންކަމެއް ނޫނެވެ. މަޞްލަޙަތު ހުރި ކަންކަމެއް ނޫނެވެ. މިއީ އެއްވެސް ޚިލާފެއް ހުރި ރައުޔެއް ނޫނެވެ.
3- المصلحة المرسلة:
މިއީ ކަނޑައެޅިގެން މުޢުތަބަރު ކަމެއްކަން ނުވަތަ ފާސިދުކަމެއްކަން ޝަރީޢަތުގައި ކަނޑައެޅިފައި ނުވާ އަދި މީސްތަކުންގެ އިޖުތިހާދަށް ދޫކޮށްލެވިފައިވާ ބައެވެ. މީސްތަކުންނަށް ލައްވައިފައިވާ ރަޙުމަތެއް ކަމުގައި މި ކަންކަން ވަނީ މިހެންވެގެންނެވެ. މި ދެންނެވި ގޮތުގެ މަތީން ވެސް މަޞްލަހަތުލްމުރުސަލާގެ ގޮތުގައި ކަނޑައެޅޭނީ ޝަރީޢަތުން ސާބިތުވާ ޤަޠުޢީ ޙުކުމަކާ ޚިލާފު ނުވާ ކަންކަމެވެ. އަދި މި ފަދަ ކަމަކީ ދައުލަތާއި ރައްޔިތުންނަށް ލާބަ ހުރި ކަމަށް ވާންޖެހޭނެއެވެ. ހަމަ އެފަދައިން އެ ކަމަކީ ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭ ކަމަކަށް ވާން ޖެހޭނެއެވެ. މި ދެންނެވީ (އަކުރު ފަލަކޮށްފައި އެ ވަނީ) މަޞްލަޙަތުލްމުރުސަލާގެ ތިން ޝަރުޠެވެ.
މިސާލަކަށް: ޓްރެފިކް ލައިޓް ހަރުކުރުން
ކީރިތި ޤުރުއާން އެއް ފޮތަކަށް ޖަމާކުރުން
އަޑުގަދަކުރާ އިން ބަންގި ގޮވުން ފަދަ ކަންކަމެވެ.
މި ކަން މިހެން އޮތް އިރު ދީނީ ބައެއް މައްސަލަތަކުގައި މީސްތަކުންގެ މެދުގައި ޚިޔާލު ތަފާތުވުމަކީ މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ކަމެއްކަމަށް ވަނީ، މި ދެންނެވި އިޚުތިލާފުތަކާ އެކުގައި އުޅޭން ނޭނގޭތީއެވެ. ތަންކޮޅެއް ތަފުޞީލުކޮށް ދަންނަވައިލައިފާނަމެވެ. ބައެއް ފަރުޢީ މައްސަލަތަކުގައި ތިމާއަށް ޤަބޫލުކުރެވޭ ގޮތް ފިޔަވައި އެހެން ގޮތެއް ޤަބޫލުކުރާ މީހުން ކާފިރުކުރާ ހިސާބަށް އެބަ ދެއެވެ. މައްސަލަ އުފެދެނީ މި ފަދަ ސަބަބުތަކާ ހުރެއެވެ.
ވަކި ގޮތެއް ދީނުގައި ކަނޑަނާޅުއްވައި މީސްތަކުންނަށް ދޫކޮށްލައްވައިފައިވާ ކަންކަމުގައި އެކި ޢިލްމުވެރީން އެކި ގޮތަށް ރައުޔު ނެރުއްވާ ނަމަ، ކޮންމެ ބޭފުޅަކު ވެސް އެ ކަން ކުރައްވަނީ ދީނުގެ އަޞްލުތަކުން ދަލީލު ނަންގަވައިގެންނެވެ. އެއީ ދީނުގެ އަޞްލަކުން ދަލީލު ހޯއްދަވައިގެން ނެރުއްވާ ރައުޔެވެ. އެހެންވީމާ ތިމާ ޤަބޫލުކުރުރާ ގޮތް ނޫން ގޮތެއް އެއީ ގޯސް ގޮތެއް ކަމަށް ވަކާލާތުކުރުމަކީ ފިތުނަ އުފެދެން ދިމާވާ ސަބަބެވެ.
ތިމާ ޤަބޫލުކުރާ ގޮތް ޤަބޫލުނުކުރާ ކޮންމެ މީހަކީ ތިމާގެ ދުޝްމަނެއް ނޫނެވެ. އެއީ ކާފަރެއް ވެސް ނޫނެވެ. ދީނުގައި އިޚުތިލާފު ހުރި އެއްވެސް މައްސަލައެއްގައި އެ ކަމަކީ ބިދުޢައެއް ކަމަކަށް ވެސް އަދި ޙަރާމްކަމެއްކަމަކަށް ވެސް ނިންމައިގެން ނުވާނެއެވެ. އެހެނީ ކުރީން ވެސް ދެންނެވި ފަދައިން ދީނުގެ ޢިލްމުވެރީން ކޮންމެ ރައުޔެއް ވެސް ނެރުއްވައިފައި ވަނީ ދީނުގެ އަޞްލުތަކަށް ރިޢާޔަތްކުރައްވައިގެންނެވެ. ތިމާ ޤަބޫލުކުރާ ގޮތް އެހެން މީހުންނަށް ޤަބޫލުކޮށްދެއްވާން ބޭނުންފުޅުވާ ނަމަ، ކުރައްވާން ޖެހޭނެ ކަމަކީ ޙިކުމަތްތެރިކަމާއެކު ދަލީލުދައްކަވައިގެން ވިސްނަވައިދެއްވުމެވެ.
ސިޔާސީ ގޮތުން ވެސް އެ ބަޔަކު ޤަބޫލުކުރާ ފިކުރެއް ޤަބޫލު ނުކުރާ ކޮންމެ މީހަކީ ދުޝްމިނެއް ކަމަށް އެބަ ބެލެވެއެވެ. އަދި މި ކަމުގެ ސަބަބުން މައިން ބަފައިންނާއި ދަރީންގެ ގުޅުން ކެނޑިފައި އެބަ ހުއްޓެވެ. ހިތާމަ ހުރިކަމަކީ މިއީއެވެ. ކޮންމެ މީހަކުވެސް އެ މީހަކު ޤަބޫލުކުރާ ގޮތެއް ޤަބޫލުކުރާނީ ކޮންމެވެސް އަސާސަކަށް ބަލައިގެންނެވެ. އެ މީހަކަށް ރަނގަޅު ގޮތެއްކަމަށް ރަނގަޅު ޚިޔާލެއްކަމަށް ރަނގަޅު ފިކުރެއްކަމަށް ޤަބޫލުކުރެވޭތީއެވެ. އަނެކާގެ ފިކުރު ބަދަލުކުރުމަށް ޓަކައި ހެތްކާއި ދަލީލު ދައްކަވައިގެން ވާހަކަދެއްކެވުމަކީ އޮތް ކަމެކެވެ. އެހެންނަމަވެސް ތިމާ ޤަބޫލުކުރާ ގޮތް ޤަބޫލުނުކުރާ ކޮންމެ މީހަކީ ދުޝްމިނެއްކަމުގައި ބަލައި އެ މީހަކު ހަލާކޮށް އަގުވައްޓައިލާން މަސައްކަތްކުރުމަކީ އިސްލާމް ދީނާއި ޑިމޮކްރެސީގެ އަސާސްތަކާ ވެސް ޚިލާފުކަމެކެވެ.
ވަރަށް ޢާންމު މިސާލުތަކެއް ދަންނަވާނަމަ، ތުނބުޅި ބެހެއްޓުމާއި ނުބެހެއްޓުން، ތުނބުޅި ކުރުކުރުމާއި ދިގުކުރުން، ފައިކުރި ކުރުކުރުން، މޭމަތީގައި ޙަރަމްބަނުން، އައްތަޙިއްޔާތުގައި އިނގިލި ތެޅުވުމާއި ހަމަ އެކަނި އިޝާރާތްކޮށްލުން، ބާރަށް ބިސްމިކިޔުމާއި ސިއްރުން ކިޔުންފަދަ ފަރުޢީ އެތައް ކަމެއްގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކު ކާފަރުކުރާ ހިސާބަށް ދިޔުމަކީ ހިތާމަ ހުރި ކަމެކެވެ. ކޮންމެ މީހަކުވެސް އެ ޤަބޫލުކުރަނީ އޭނާއަށް ޤަބޫލުކުރެވޭ ދަލީލުތަކާއި ބުއްދިއަށް ފެންނަ އެންމެ ޞައްޙަ ގޮތެވެ. ނުވަތަ އެ މީހަކު އެންމެ އިތުބާރުކުރާ ޢިލްމުވެރިޔެއްގެ ރައުޔެވެ. ހަމަ ހެޔޮ ނިޔަތުގައެވެ. އެހެންވީމާ މި ފަދަ ތަފާތުތަކުގެ ސަބަބުން އުފެދޭންވީ ކޮން މައްސަލައެއްތޯއެވެ؟
އާދޭހެވެ! ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫނެވެ. އެއީ މީސްތަކުންނަށް ލައްވައިފައިވާ ރަޙުމަތެކެވެ. މައްސަލައަކީ މި ޚިޔާލުތަފާތުވުންތަކާ އެކު، ދިރިއުޅެން ނެނގޭކަމެވެ. ވީމާ އިޚުތިލާފުތައް ހުރުމަކީ މީސްތަކުންނަށް ލައްވައިފައިވާ ރަޙުމަތެއް ކަމުގައި ޤަބޫލުކޮށް، މުޖުތަމަޢުގައި ހުރި ތަފާތު ޚިޔާލުތަކާއެކު ދިރިއުޅޭން ދަސްކުރާމާ ހިންގަވާށެވެ. ތިމާއަށާއި ޤައުމަށް އެންމެ ފައިދާ ހުރި ގޮތަކީ މިއީ ނޫންތޯއެވެ!
_____________________________________