Advertisement

ފަތުރުވެރިކަމުގެ ބާޒާރުގައި އިންޑިއާ ފަސްވަނައަށް ވެއްޓި ޗައިނާ ތިންވަނައަށް އެރީ ޑިޕުލޮމެޓިކު އަރައިރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

30 Jan 2024 | 22:32
ޕެރަޑައިސް އައިލެންޑްގެ ވިލާ ނޯޓިކާގެ ސްވިމިން ޕޫލެއް

ފަރަގު

އިންޑިއާއާއި ދިވެހރާއްޖެއާ ދެމެދު ޑިޕުލޮމެޓިކު ނުތަނަވަސްކަމެއް މީގެ ކުޑަ ދުވަސްކޮޅެއް ކުރީން އުފެދުނެވެ. އަދި ވެސް އެ ކަން މުޅީން ޙައްލުވީކަމަކަށް ނުބެލެއެވެ. މި ހަމަނުޖެހުން ފެށުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޑިދީބު (ލަކްޝަދީޕް)ގެ ބައެއް ރަށްރަށަށް ވަޑައިގެން ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ތެރޭގައި ދިވެހިރާއްޖެއާ އަޅައިކިޔައި ރާއްޖެއަށް ކުޑައިމީސްކޮށް ވާހަކަފުޅުދައްކަވައިފައިވާތީއެވެ. އަދި ސިޔާސީ ބައެއް ވެރީން ވެސް ރާއްޖެއަށް ކުޑައިމީސްކޮށް ވާހަކަފުޅުދައްކަވައިފައިވެއެވެ. މި ފޯރިގަނޑުގައި ދިވެހިރާއްޖޭގެ ސިޔާސީ ދާއިރާގެ ދެތިން ބޭފުޅަކު ވެސް ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކޮށް މީސްމީޑީއާގައި ވާހަކަދައްކަވައިފައިވެއެވެ. މި ކަމާ ގުޅިގެން ދެ ގައުމުގެ ސަފީރުން ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް ސުވާލު ވެސް ކުރެވިފައިވެއެވެ.

މި ކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި އިންޑިއާގެ ފަތުރުވެރިކަމުގެ ޙިއްޞާ ދަށަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

ދިވެހިރާއްޖެ ދުނިޔެއަށް މަޝްހޫރުވެފައިވަނީ ވިސަޑުވެފައިނުވާ އަތިރިމައްޗާއި މޫދާއި މަތީ ފެންވަރުގެ ފަތުރުވެރިކަމެއް އޮންނަ ވިޔަފާރި މަރުކާއެއްގެ ގޮތުގައެވެ. މި ފަތުރުވެރިކަމުގައި 2018ވަނަ އަހަރުގެ ކުރީން ފަތުރުވެރިކަމުގެ އާބާދީގައި އެއްވަނަ އޮތީ ޗައިނާގެ ފަތުރުވެރީންނަށެވެ. ނަމަވެސް ކޮވިޑުގެ ޙާލަތުގައި ޗައިނާގެ ފަތުރުވެރީންގެ އާބާދީ ހަމަ ގާތްގަނޑަކަށް ސުމަކަށް ދިޔައެވެ.

އޭގެ ފަހުން، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ޑިޕުލޮމެޓިކު ނުތަނަވަސްކަން އުފެދުމާ ހަމައަށް އިންޑިއާގެ ފަތުރުވެރިކަމުގެ އާބާދީ އައީ ވަރަށް ބާރަށް ކުރިއަރައިގެންނެވެ. އަދި ދިވެހިރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރީން އަންނަ ގައުމެއްގެ މަގާމު އިންޑިއާ ހޯދިއެވެ.

ނަމަވެސް ކުރީން ދެންނެވި ޑިޕުލޮމެޓިކު ނުތަނަވަސްކަމުގެ ނަތީޖާއެއްގެ ގޮތުން އިންޑިއާއަށް އޮތް ތިންވަން މަގާމު 5 ވަނައަށް ވެއްޓުނެވެ. މި އިއްތިފާގު މި ދިމާވީ ބޮޑުވަޒީރު ނަރެއްދުރަ މޯދީ ލަކުޑިދީބަށް ކުރެއްވި ދަތުރުގައި ދިވެހިރާއްޖެއާއި އަޅައި ކިޔާ ގޮތަކަށް، ޢަރަބި ކަނޑުގައި އޮންނަ އިންޑިއާގެ ރަށްތައް އިޝްތިހާރުކުރައްވާން ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. އޭގެ ކުރީން އިންޑިއާގެ ފަތުރުވެރީންގެ އާބާދީއަކީ ދިވެހި ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު އާބާދީއެއްކަމުގައި ވެއެވެ. 2023ގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރީންގެ 11 އިންސައްތައަކީ އިންޑިއާގެ ފަތުރުވެރިންނެވެ. ނަމަވެސް މިހާރު ވަނީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރީން ޒިޔާރަތްކުރާ 10 ގައުމުގެ ލިސްޓުގެ ތިންވަނައިގައި އޮތް އިންޑިއާގެ ފަތުރުވެރީންގެ ނިސްބަތް ތިންވަނައިން ފަސްވަނައަށް ވެއްޓިފައެވެ. ހަމައެއާއެކު މި ލިސްޓުގެ ފަސްވަނައިގައި އޮތް ޗައިނާ ވަނީ ތިންވަނައަށް ކުރިއަށް ޖެހިލައިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ފަތުރުވެރީންނަށް ޚިދުމަތްދޭން އުޅޭ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންގެ ކިބައިން މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެ ފަތުރުވެރީންނާއި ޗައިނާގެ ފަތުރުވެރީންނަކީ ވެސް މާ ގިނަ އިން ޚަރަދު ކުރާ ބައެއް ނޫނެވެ. ނަމަވެސް އިންޑިއާގެ ފަތުރުވެރީންނަކީ ޝަކުވާ ގިނަ ބަޔެކެވެ. އަނެއްކޮޅުން ޗައިނާގެ ފަތުރުވެރީންނަކީ ޚަރަދު ކުޑަކޮށް އުޅޭ، ޝަކުވާ ނުކުރާ ސުލޫކު ރަނގަޅު ބަޔެކެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ބައެއް ބޭފުޅުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ ދިޕުފޮމެޓިކު ނުތަނަސްކަމުގެ ސަބަބުން ދިގު މުއްދަތަށް ބަލާއިރު ދިވެހި ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއް ނުކުރާނެއެވެ. އެހެނީ ދިވެހި ފަތުރުވެރިކަން ބޮޑަށް އަމާޒުކޮށްފައިވަނީ ފެންވަރު ރަނގަޅު ފަތުރުވެރީންނަށެވެ. އަދި މެދު ފެންވަރުގެ ފަތުރުވެރީންނަށް ބަލާއިރު، ފަތުރުވެރިކަމުގެ ބާޒާރުގައި އިންޑިއާގެ ފަތުރުވެރީން މަދުވާ ވަރަށް ވުރެ ގިނައިން ޗައިނާގެ ފަތުރުވެރީން އިތުރުވާނެއެވެ. ނަމަވެސް "ފަރަގު" އުންމީދުކުރަނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ޑިޕުލޮމެޓިކު ވަގުތީ ނުތަނަސްކަން، ކައިރި މުސްތަގުބަލެއްގައި ޙައްލުވެ، އިންޑިއާގެ ފަތުރުވެރީންގެ ޢަދަދު ވެސް އިތުރުވެގެން އަންނާނެކަމަށެވެ. ދެ ގައުމަށް ވެސް ފައިދާ ހުރީ އެ ގޮތުގައެވެ. (ބައެއް މަޢުލޫމާތު: ހިންދުސްތާން ޓައިމްސް)

___________________________________

ބައެއް ލަފުޒުގެ މާނަ:

ވިސަޑު      ނ.   އިތުރު އެއްޗެއްގެ ސަބަބުން ވައި ނުވަތަ ފެން ފަދަ ޠަބީޢީ އުންސުރެއްގެ ސާފުކަން ގެއްލޭ ގެއްލުން ނުވަތަ އަންނަ ނޭދެވޭ ބަދަލު.

ވިސަޑުވުން    މ.   އިތުރު މާއްދާއެއްގެ ސަބަބުން ވައި ނުވަތަ ފެން ފަދަ ޠަބީޢީ އުންސުރެއްގެ ސާފުކަން ގެއްލުން ނުވަތަ ތަޣައްޔަރުވުން.

ވިސަޑުކުރުން   މ.   އިތުރު މާއްދާއެއްގެ ސަބަބުން ވައި ނުވަތަ ފެން ފަދަ ޠަބީޢީ އުންސުރެއްގެ ސާފުކަން ނަގައިލުން ނުވަތަ ތަޣައްޔަރުކުރުން.

Advertisement

ކޮމެންޓް