Advertisement

ބައިނަލްއަގުވާމީ ކޯޓުގެ ނިންމުން އިނގިރޭސީންނަށް ހަޖަމު ނުވީ ކީއްވެ؟

30 Jan 2024 | 08:04
ރިޔާސަތު ބެލެހެއްޓި ފަނޑިޔާރު ޖޯން ޑޮނެގިޔު (ކ) ނެދަރލޭންޑްސްގެ ދަ ހޭގުގައި ހުންނަ ބައިނަލްއަގުވާމީ ޢަދާލަތުގެ ކޯޓުގެ ދަންފަޅި 2024 ޖަނަވަރީ 26ގައި ހުޅުވަނީ (ފޮޓޯ: އޭޕީ ފޮޓޯ/ޕެޓްރިކް ޕޯސްޓް)

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ނަސްލުހޭދު ޙަމަލާތައް ހުއްޓައިލާން ބައިނަލްއަގުވާމީ ކޯޓުން މި ދިޔަ ހުކުރު ދުވަހު ކުރި "ނުކުޅެދުންތެރި" ހުކުން ވެސް އިނގިރޭސީންނަކަށް ހަޖަމެއް ނުވިއެވެ. އެ އަމުރުގައި އެ ޙަމަލާތައް ހުއްޓައިލާކަށް ގޮވައިލައިފައެއް ވެސް ނުވެއެވެ. އެހެންނަމަވެސް ހިންދޫ ނަސްލުގެ ބޮޑުވަޒީރުގެ ސަރުކާރުން ބުނަނީ ބައިނަލްއަގުވާމީ އެންމެ މަތީ ކޯޓުން ކުރި އެ ހުކުމުގައި ވެސް އަލުން ވިސްނާންޖެހޭ ކަންބޮޑުވުންތަކެއް އެބަ ހުރިކަމަށާއި އިސްރާއީލުން ހިންގާ ހަނގުރާމައަކީ (ޣައިރުގާނޫނީ، ލާއިންސާނީ ޢުދުވާނަކީ) ނަސްލުހޭދެއްކަމަށް ގަބޫލުނުކުރާކަމަށެވެ.

ޣައްޒާއަށް އިންސާނީ އެހީ ވެއްދުމުގެ ހުއްދަ ދޭން އެ ކޯޓުން ހުކުރުދުވަހު ވަނީ އިސްރާއީލުގެ މައްޗަށް ބަލިކަށި އަމުރެއް ނެރެފައެވެ. އެހެންނަމަވެސް އެ ޢުދުވާނީ ޙަމަލާތައް ހުއްޓައިލާކަށް އެ އމުރުގައި ގޮވައިލައިފައެއް ނުވެއެވެ.

"ބައިނަލްއަގުވާމީ ކޯޓުގެ ދައުރާއި އެ މީހުންގެ މިނިވަންކަމަށް އަހަރެމެން އިޙުތިރާމްކުރަމެވެ. އެހެންނަމަވެސް....... މި ވޭދަނައިގައި އަލުން ވިސްނާންޖެހޭ ކަންބޮޑުވުންތަކެއް އަހަރެމެންގެ އެބަ ހުށްޓެވެ. އެއީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓައިލުމުގެ މަގުސަދު ހާސިލުކުރާން އެހީތެރިވެދޭނެ ނިންމުމެއް ނޫނެވެ." ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އިނގިރޭސި ސަރުކާރުން ބުނެފައިވަނީ ޣައްޒާގައި ހިންގަމުން ގެންދާ ނަސްލުހޭދު ހުއްޓައިލުމަށް ކުރެވޭން ހުރި ހުރިހާ ކަމެއް ކުރާން ބައިނަލްއަގުވާމީ ކޯޓުން އިސްރާއީލުގެ މައްޗަށް ކުރި އަމުރާ މެދު ވިސްނާންޖެހޭ ކަންބޮޑުވުންތަކެއް އެބަ ހުރިކަމަށެވެ.

"އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގަނޫނުތަކަށް އިހުތިރާމްކުރުމާއެކު ވެސް ހަމާސާ ދެކޮޅަށް ނަފުސު ދިފާޢުކުރުމުގެ ޙައްގު އިސްރާއީލަށް ލިބިގެންވާ"ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"އަހަރެމެންގެ ޚިޔާލުގައި ޣައްޒާގައި އިސްރާއީލުން ހިންގާ ޢަމަލުތަކަކީ ނަސްލުހޭދެއްކަމަކަށް ނުބުނެވޭނެއެވެ. ދެކުނުއެފުރިކާއިން އިސްރާއީލާ ދެކޮޅަށް ހުށަހެޅި ގޯސް އަދި ކަންބޮޑުވުން ހުރި މައްސަލައާ އަހަރެމެން ދެކޮޅު ހެދީ އެހެންވެގެންނެވެ."

ދެކުނުއެފުރިކާއިން ބުނެފައިވަނީ ޣައްޒާގައި އިސްރާއީލުން ހިންގާ ޢުދުވާނަކީ ދެވަނަ ބޮޑުހަނގުރާމައާއި ހޮލޮކާސްޓާ ގުޅިގެން އދ.އިން ފާސްކޮށްފައިވާ "1948 އދ.ގެ ނަސްލުހޭދު ގަރާރާ" ކަނޑައެޅިގެން ޚިލާފު ބޮޑު ޖަރީމާއެއްކަމަށާއި އެއީ ފަލަސްތީނުގެ ނަސްލު ނައްތައިލާން ހިންގާ ބޮޑު ނަސްލުހޭދެއްކަމަށެވެ.

އެހެންނަމަވެސް ޣައްޒާއަށް އެހީގެ ތަކެތި ވެއްދޭނެ ގޮތް ހެދުމަށާއި އަސީރުން މިނިވަންކުރުމަށް ގޮވައިލި ގޮވައިލުމަށް އިނގިރޭސި ޚާރިޖީ ވުޒާރާ ތާއީދުކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިނގިރޭސީން މި ޚޔާލު ފާޅުކުރާން އެ މީހުންނަށް މަޖުބޫރުވާ ސަބަބަކީ މި ޢުދުވާނުގައި ނަފުސާއި ރޫޙުން އެންމެ ބޮޑަށް އެހީތެރިވާ ގައުމަކީ އެ މީހުންކަމަށް ވާތީއެވެ.

"އެހީ ފޯރުކޮށްދީ އަސީރުން މިނިވަންކުރުމަށް ޓަކައި މިހާރުންމިހާރަށް 'ހަނގުރާމަ' މެދުކަނޑައިލައި، އަލުން ހަމަނުޖެހުމަކަށް ނުދާ ގޮތަށް ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓައިލުމަކީ އަހަރެމެން ވެސް ތާއީދުކުރާ ކަމެކެވެ."އިނގިރޭސީންގެ ބަޔާނުގައިވެއެވެ.

އިނގިރޭސީން މި ބުނާ އަލުން ހަމަޖެހުމަކަށް ނުދާނެ ގޮތަކީ ޙަމާސް ނައްތައިލުންކަމަށް ބެލެވެއެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ކޮންމެ ފަދަ ޢުދުވާނެއް ހިންގިޔަސް އެ މީހުންނާ ދެކޮޅަށް އިނގިލިކުރި ހިއްލައިލާނެ ބަޔަކު ވެސް މި ދުނިޔޭގައި ނެތުމަކީ އެ މީހުންގެ އަމާޒެވެ. ނަމަވެސް ފަލަސްޠީނުގެ އެންމެ ރައްޔިތަކު ދުނިޔޭގައި ހުއްޓައި ވެސް ޙަމާސް ނައްތައިލުމަކީ އިސްރާއީލަށް ކުރެވޭނެ ކަމެއްކަމަކަށް ނުބެލެވެއެވެ. (ގިނަ މައުލޫމާތު: ދަ ޓައިމްސް އޮފް އިސްރާއީލް)

ބައެއް ލަފުޒުގެ މާނަ:

ނަސްލުހޭދު   ނ.    އިންސާނީ ނަސްލެއް ނައްތައިލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

Advertisement

ކޮމެންޓް
މަރީ
އެ މީހުން ގަބޫލުކޮށްފިއްޔާ އެ ކަމުގައި އެ މީހުން ވެސް ޒިންމާވާނެކަން އެނގޭތީ އެއްބަސްވާން ބޭނުން ނުވަނީއެވެ. ނަމަވެސް އިނގިރޭސީންނަކީ ވެސް އިސްރާއީލު ހިންގާ ޖަރީމާގައި އެމެރިކާ ފަދަ ނުބައި ބައިވެރިއެކެވެ.
30 Jan 2024