ހުޅަނގުގެ ބާރުތަކުން ހަލަބޮލިކަން އުފައްދައިފައިވާ މި ދަނޑިވަޅުގައި އީރާނުން ތިން ސެޓެލައިޓެއް ޖައްވަށް ފޮނުވައިލައިފި.
"ފަރަގު" ޚައްސަ މުރާސިލު
އީރާނުގެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް އާމްޑް ފޯސަސް ލޮޖިސްޓިކްސްއިން ތައްޔާރުކޮށްފައިވާ މުދާ އުފުލާ ރޮކެޓެއްގައި ތިން ސެޓެލައިޓެއް ކާމިޔާބުކަމާއެކު އިއްޔެ (އާދީއްތަ ދުވަހު) ޖައްވަށް ފޮނުވައިލުމަކީ ހުޅަނގުގައި އީރާނާ މެދު އޮންނަ ބިރުވެރިކަން އިތުރުވާނެ ކަމެއްކަމަށް މުޙައްލިލުން ލަފާކުރެއެވެ. މި ސެޓެލައިޓްތައް ދައުރުކުރާނެ އެންމެ ކުޑަ ދާއިރާއަކީ 280 މޭލު ނުވަތަ 450 ކިލޯމީޓަރުގެ ދައުރާނާއެކެވެ.
މިސެޓެލައިޓްގެ ތެރެއިން އެއް ސެޓެލައިޓުގެ ބަރުދަނީ 32 ކިލޯ ނުވަތަ 71 ރާތަލެވެ. އަނެއް ދެ ސެޓެލައިޓަކީ 10 ކިލޯއަށް ވުރެ ލުއި ސެޓެލައިޓެވެ. "ކައިހާން-2"އާއި "ހާތިފު-1"ގެ ނަމުގައި ފޮނުވައިލި ލުއި ދެ ސެޓެލައިޓަކީ ޖުޣުރާފީ ނުކުތާތައް ދެނެގަތުމާއި މުއާޞަލާތީ ކަންކަން ޓެސްޓުކުރުމަށް ބޭނުންކުރާނެ ދެ ސެޓެލައީޓުކަމަށް އީރާނުން ބުނެއެވެ.
ތިންވަނަ (ބޮޑު) ސެޓެލައިޓަކީ އީރާނުގެ ފަޒާއާ ބެހޭ އެޖެންސީއިން ތައްޔާރުކުރި އުޅަނދެކެވެ. މި ސެޓެލައިޓުގެ މަގުސަދަކީ ފަޒާއަށް މުދާ ފޮނުވުމުގައި ބޭނުންކުރާ "ސިމުރުޣު" ރޮކެޓުގެ ބަރާބަރުކަން ކަށަވަރުކުރުމެވެ. އެހެނީ ޖައްވަށް މުދާ ފޮނުވުމުގައި މި ރޮކެޓުގެ ބައެއް ނާކާމިޔާބީތައް ވެސް މާޒީގައި ވަނީ ފާހަގަކުރެވިފައެވެ.
މި ސެޓެލައިޓުތައް ޖައްވަށް ފޮނުވި މަންޒަރު ފެންނަ ވީޑިއޯތައް ތަޙުލީލުކުރުމަށް ފަހު އެސޯސިއޭޓެޑް ޕްރެސް ނޫސް އެޖެންސީއިން ބުނާ ގޮތުގައި މި ސެޓެލައިޓުތައް ފަޒާއަށް ފޮނުވައިފައިވަނީ އީރާނުގެ ސިމްނާން ޕްރޮވިންސްގެ ރަށްފުށުގެ ސަރަހައްދެއްގައި ހުންނަ އިމާމް ޚުމައިނީ ޖައްވީ މަރުކަޒުންނެވެ.
"ސިމުރުޣު (ރޮކެޓު)ގެ އަޑު އަހަރެމެންގެ ގައުމުގެ އުޑުމައްޗަށް އިވި، ފެންނާނީ ވަރަށް ހަނި ދާއިރާއެއްގައި ވަރަށް ކުޑަކޮށެވެ." އީރާނުގެ ފަންނިއްޔާތުގެ އިސް އޮފިސަރު އަދި ޓީވީ ހުށަހެޅުންތެރިޔާ ޢައްބާސް ރަސޫލީ ބުނެފައިވެއެވެ.
އީރާނުގެ މި
ސެޓއެލައިޓުތައް ފަޒާއަށް މި ފޮނުވައިލީ އިސްރާއީލުން މެދުކެނޑުމެއް ނެތި
ޣައްޒާއަށް ދެމުން ގެންދާ ޢުދުވާނީ ޙަމަލާއާ ގުޅިގެން މެދުއިރުމަތީގައި ފުޅާ
ދާއިރާއެއްގައި ހަލަބޮލިކަން އެތައް ގުނައަކަށް އުފެދި މުޅި ސަރަހައްދުގައި
ބިރުވެރިކަމުގެ ހުޅު ރޯވެފައިވާ ދަނޑިވަޅެއްގައެވެ. ޔަމަނާއި ސޫރިއާއާއި އިރާޤާއި
ލުބުނާނުގައި މަރުކަޒުކޮށްގެން ތިބޭ، އީރާނާ ގުޅުން ހުރިކަމަށް ބުނާ، ހަތިޔާރުއެޅި
ޖަމާޢަތްތަކުން، ފަލަސްތީނާ އެއްބައިވަންތަކަން ދެއްކުމަށް ޓަކައި އެމެރިކާއާއި
އިސްރާއީލުގެ މަސްލަޙަތުތަކަށް ޙަމަލާދެމުން ގެންދާ ދަނޑިވަޅެއްގައެވެ. އަދި މި
ޙަމަލާތަކާ ގުޅިގެން އެމެރިކާއާއި އެމެރިކާގެ ބައިވެރީން މި ގައުމުތަކަށް ހަމަލާދީފައި ވެސް
ވަނިކޮށެވެ. އިސްރާއިލުން ފަލަސްތީނުގެ ސަރަހައްދުތަކަށް މެދުކެނޑުމެއް ނެތި
އަޅަމުން ގެންދާ ބޮންތަކުގެ ސަބަބުން ގާތްގަނޑަކަށް މި ވޭތުވެ ދިޔަ ހަތަރު މަހެއްހާ
ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 26 ހާސް މީހުންނަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. (މަޢުލޫމާތު: އަލްޖަޒީރާ/ޢަރަބް ނިއުސް)